ބަހަކީ އިންސާނީ ޝުޢޫރު ފާޅުކޮށް ޖަޒުބާތީ އަސަރުތައް ހާމަކުރުމުގެ އެންމެ ފަސޭހަ އެންމެ އުފެއްދުންތެރި ވަސީލަތެވެ. ހިކުމަތާއި ކާމިޔާބީގެ އުސްކުރިބޯށިތަކަށް ވާސިލްވުމުގައި ބަސް އަދާކުރާ ދައުރު ވަރަށް ބޮޑެވެ. މިހެންވުމުން ފުރިހަމަ ޖީލެއް ބިނާކުޅައުމަށް ޓަކައި ކުޑަކުދީންނަށް ބަސް ކިޔަވައިދޭން ޖެހެއެވެ. ގިނަ ބަސްބަސް އެނގުނުއެނގުނުހެން ވިސްނުން ފުޅާވާނެއެވެ. ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމަކީ އެ ކުދިންގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެކެވެ. ބަސް ދަސްކުރުމަކީ ހަމައެކަނި ލިޔަން ކިޔަން ދަސްކުރުމެއް ނޫނެވެ. އެއީ ވިސްނުން ތަރައްޤީކޮށް، މުޢާމަލާތްކުރަން ދަސްކޮށް، ދުނިޔެ ދެނެގަތުމުގެ ދޮރެކެވެ. މިހާރު ޒަމާނީ ފަންނިއްޔާތާ އެކު ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމުގެ އާ ގޮތްތައްވަނީ ތަޢާރަފުވެފައެވެ. މި ލިޔުމުގައި ބަލައިލައިފައިވާނީ ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމުގެ އީޖާދީ އައު ބައެއް ގޮތްތަކަށެވެ. މި ގޮތްތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ބޭނުންހިފުމާއި، ކުޅިވަރާއި ކުޅިވަރުގެ ތެރެއިން ދަސްކުރުވުމާއި، ކުރެހުމާއި ކުލަޖެއްސުމުގެ ޙަރަކާތްތަކާއި، ލަވަކިޔުމާއި ޅެންކިޔުމުގެ ޙަރަކާތްތަކާއި، ސުމޭކުކޮށް ވާހަކަކިޔުމާއި އަމަލީ ތަޖުރިބާތައް ކުރުމާއި ނަކަލުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ފަހުގެ ދިރާސާތަކާ ހަވާލާދެއްވައި، ސްމިތް އެޓް އަލް (2021) ވިދާޅުވެފައިވެއެވެ. ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމުގައި އިންޓަރެކްޓިވް އަދި މަލްޓިމީޑިއާ ވަސީލަތްތައް ބޭނުންކުރުމުން ވަރަށް ރަނގަޅު ނަތީޖާ ނެރެވެއެވެ. މިސާލަކަށް، ޓެބްލެޓްތަކާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެޕްލިކޭޝަންތަކުން ކުދިންނަށް މަޖާކޮށް އަދި ޝައުޤުވެރިކަމާ އެކު ބަސް ދަސްކުރަން ފަސޭހަވެއެވެ. މީގެ އިތުރުން، ވާރޗުއަލް ރިއަލިޓީ (ވީއާރު) ފަންނިއްޔާތު ބޭނުންކޮށްގެން ކުދިންނަށް އާ މާހައުލުތަކާއި ސަގާފަތްތަކަށް ވަދެ، އެ ތަންތަނުގެ ބަސްތައް ވެސް ދަސްކުރެވިދާނެ ކަމަށް ޖޯންސަން (2022) ހާމަކުރައްވައިފައިވެއެވެ. ކުޑަކުދިންނަށް ބަސް ދަސްކޮށްދިނުމުގައި ކުޅިވަރާއި ކުޅިވަރުގެ ތެރެއިން ދަސްކުރުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ބަހުގެ ކާޑު ކުޅިވަރުތަކާއި، ބަހުގެ ޕަޒަލްތަކާއި، ރޯލް-ޕްލޭ ކުޅިވަރުތައް ބޭނުންކުރެވިދާނެއެވެ. މި ފަދަ ކުޅިވަރުތަކުން ކުދިންގެ ހަނދާން ވަރުގަދަވެ ފަސޭހައިން ބަސްތައް ދަސްވާ ކަމަށް ބްރައުން (2020) އޭނާގެ ދިރާސާގައި ހާމަކުރައްވައިފައިވެއެވެ.
ކުޑަކުދިން ބަހަށް ފަރިތަކުރުވައި ޝައުޤުވެރި ކުރުވުމަށް ޓަކައި އެ ކުދިންނަށް ކުރެހުމާއި ކުލަޖެއްސުމުގެ ޙަރަކާތްތައް ވެސް ކުރިޔަށް ގެންދެވިދާނެއެވެ. މިސާލަކަށް، އަކުރުތަކާއި ލަފުޒުތައް ތަސްވީރު ކުރުވައި އޭގެ މާނަ ދޭހަވާ ގޮތަށް ކުލަޖެއްސުމުން ކުދިންނަށް ފަސޭހައިން ލަފުޒުތައް ދަސްވެއެވެ. ލަވަކިޔުމާއި ޅެންކިޔުމުގެ ޙަރަކާތްތަކުން ކުދިންގެ އަޑުއެހުމުގެ ހުނަރު ތަރައްޤީވެ ބަހުގެ މުއްސަނދިކަން އިތުރުކުރުވިދާނެ ކަމަށް ވިލްސަން (2023) ހެއްދެވި ދިރާސާތަކުން ކަށަވަރުވެއެވެ. މިއީ ވެސް ކުޑަކުދީންނަށް ބަސް ދަސްކޮށްދިނުމުގައި ބޭނުން ހިފިދާނެ މުހިންމު ގޮތެކެވެ. ޅެން ކިޔުމުން ކުދިންނަށް ލަފުޒުތައް އަދާކުރަން އެނގެއެވެ. އަދި ވަޒަނަށް ލަފުޒުތައް ބޭނުންކުރަން އެނގެއެވެ. ލަވަ ވެސް މި ފަދައެވެ. އަޑު އެހުމުގެ ތަފާތު ހަރަކާތްތައް މި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކިލާހުގައި މުދައްރިސުންނަށް ގެންދެވިދާނެއެވެ.
ބަސް ދަސްކުރުމުގައި އެންމެ އަސާސީ އެއް ހުނަރަކީ ލިޔުންތެރިކަމެވެ. މިކަން ކުރެވޭނީ ފޮތްކިޔައިގެންނެވެ. މިގޮތުން ކުދިންގެ ލިޔުންތެރިކަން ކުރިއެރުވުމަށް ޓަކައި ސުމޭކުކޮށް ވާހަކަކިޔައިދިނުމުގެ އުކުޅުތައް (ޑިޖިޓަލް ސްޓޯރީޓެލިންގ ޓޫލްތައް) ބޭނުންކުރެވިދާނެއެވެ. ތޯމަސް އެޓް އަލް (2022) ހާމަކުރައްވައިފައިވާ ގޮތުގައި މި ފަދަ އުކުޅުތަކުން ކުދިންނަށް އަމިއްލަ ވާހަކަތައް އުފައްދައި އެ ވާހަކަތަކަށް އަޑާއި މަންޒަރު އަޅަން ހިތްވަރު ލިބެއެވެ. އަދި ކުދިން ކަންކަމާ މެދު ޚިޔާލުކޮށް އުފެއްދުންތެރިކޮށް ވިސްނާވިސްނުމުގެ ބާރު އިތުރުވެ، ލިޔުމުގެ ހުނަރު ކުރިއަރާކަމުގައި ވެސް އޭނާ ވިދާޅުވެއެވެ. މިހާރު ކުދިންގެ އަތްމަތީގައި އެންމެ އާންމުކޮށް ގެންގުޅޭ ފަންނިއްޔާތުގެ އެންމެ އާންމު ވަސީލަތްތަކަކީ ފޯނާއި ޓެބެވެ. މި ވަސީލަތްތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމުގައި ސުމޭކު ވާހަކަތަކާއި އޯޑިޔޯ ފޮތްތައް އެ ތަކެއްޗަށް އަޅައިދީ ކުދިންނަށް ކިޔަން ފުރުސަތު ފަހިކޮށްދެވިދާނެއެވެ. އެ ފަދަ ވާހަކަތައް ކިލާހުގައްޔާއި ކިލާހުން ބޭރުގައި ކުދިންނަށް އިއްވައިދީ ވިސްނުން ހިނގާނެ ކަހަލަ ތަމްރީނުތައް ދެވިދާނެއެވެ. މި ފަދަ ތަމްރީނުތަކުގެ ތެރޭގައި އެ ވާހަކަތަކުގެ މައްޗަށް ވިސްނުން ހިންގައި ލިޔުމުގެ ހުނަރަށް ބާރު އެޅޭ ފަދަ ސުވާލުތަކަށް ޖަވަބު ދިނުން ހިމެނިދާނެއެވެ.
ކުދިންގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު އަނެއް ކަމަކީ ގުރޫޕުކޮށް ލިޔެ ބަޔާންކުރުމުގެ މަޝްރޫޢުތައް (ގްރޫޕް ރައިޓިންގ ޕްރޮޖެކްޓްތައް) ކުރިޔަށް ގެންދިޔުމެވެ. މި ފަދަ މަޝްރޫޢީ މަސައްކަތްތަކުން ކުދިންނަށް އެހެން ކުދިންނާ އެކު މަސައްކަތްކުރަން ދަސްވެ، އެ ކުދިންގެ ލިޔުންތެރިކަމުގެ ފެންވަރު މަތި ކުރުމުގެ ފުރުސަތު ފަހިވެއެވެ. ލިޔުންތެރިކަން ކުރިއެރުވުމުގައި އަދަބުން ފެންނަ ރީތި އިބާރާތްތައް ކުދިންނަށް ދީގެން ހިތުދަސްކުރެވިދާނެއެވެ. އަދި ކުދިން ލައްވައި އެ ފަދައިން ތަފާތު އިބާރާތްތައް ލިޔަން ޖެއްސިދާނެއެވެ. މިއީ 19ވަނަ ގަރުނުގެ ތެރޭގައި އެމެރިކާގެ ސްކޫލު މަދަރުސާތަކުގައި ވަރަށް ބޮޑަށް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. ވަކި މާއްދާއެއްގެ ގޮތުގައި ނަކަލުކުރުން ކިޔަވައި ވެސް ދިނެވެ. މިކަން ކުރިޔަށް ގެންދިޔުމުގައި ފުރަތަމަ ދޭނީ ކުރުކުރު އިބާރަތްތަކެވެ. ފަަހުން ދިގު އިބާރާތްތައް ދޭނީއެވެ. މި ފަދައިން ނަކަލު ކުރަން އަދަބުގެ ކޮންމެ އުފެއްދުމަކުން ވެސް އެތިއެތިކޮޅު ދެވިދާނެއެވެ. ޅެމާއި ލަވަޔާއި ވާހަކަ ފަދަ ތަކެތިން ފާހަގަކުރެވޭ ”މުތްތައް“ ހޮވައިލައިގެން އެ ތަކެތި ކުދިންނަށް ހިތުދަސްކުރަން ދެވިދާނެއެވެ. މިއީ އާދަޔާ ޚިލާފަށް ބަހުގެ ހުނަރުތަކަށް ކުދީން ހޭލައްވައިލާ މޮޅުކޮށްލާނެ ހުނަރަކެވެ. ގޮތް ބަލައިލަން އަޖުމަ ބަލައިލުން މުހިންމެވެ.
ބަސް ދަސްކޮށްދިނުމެގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެއީ ލުއި ކަމެއް ނޫނެވެ. ބަރު ކަމެކެވެ. ބުރަ ކަމެއް ވެސް މެއެވެ. މިހެންވުމުން ކުދީންނަށް ބަސް ދަސްކޮށް ދިނުމުގައި ފަންނިއްޔާތުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ނަމަވެސް، އިންސާނީ އަމަލީ ތަޖުރިބާގެ މުހިންމުކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މިގޮތުން، ކުދިންނަށް ތަފާތު މާހައުލުތަކަށް ދަތުރުކޮށް، އެކި މީހުންނާ ބައްދަލުކޮށް، އައު ތަޖުރިބާތައްކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެއެވެ. ޕީޓަރސަން (2021) ވިދާޅުވެފައިވަނީ މި ދެންނެވި ފަދަ ތަޖުރިބާތަކުން ކުދިންނަށް އައު ލަފުޒުތަކާއި ޢިބާރާތްތައް ދަސްވެ، އެ ލަފުޒުތަކާއި އިބާރާތްތައް އަމަލީ ހަޔާތުގެ އެކި ކަންކަމުގައި ބޭނުންކުރަން ދަސްވާނެކަމުގައެވެ.
އާދޭހެވެ! މުދައްރިސުންނާއި ބެލެނިވެރިން މި އައު ގޮތްތައް ތަޠްބީޤުކުރުމުގައި ( އެޕްލައި ކުރުމުގައި) ސަމާލުވާންޖެހޭ މުހިންމު ނުކުތާއެއް އެބަ އޮތެވެ. އެއީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ގޮތަކަށް ދަސްކުރާ ކުއްޖެއްކަން ހަނދާންކުރުމެވެ. މިހެންވުމުން ބަސް ދަސްކޮށް ދިނުމުގައި އެކި ކުދިންނަށް ކަމުދާނީ އެކި ގޮތްގޮތެވެ. ވީމާ، ކުދިންގެ ޝައުޤުވެރިކަމާއި ދަސްކުރާ ގޮތްތަކަށް ބަލައިގެން، އެންމެ އެކަށޭނަ ގޮތްތައް ބޭނުން ކުރަން ސަމާލުކަން ދޭށެވެ. ކާމިޔާބު ނަތީޖާ ނެރެވޭނީ އޭރުންނެވެ.
ޝައްކެއް ނެތެވެ! ކުޑަކުދިންނަށް ބަސް ކިޔަވައިދިނުމުގައި އީޖާދީ މި އައު ގޮތްތައް ބޭނުންކުރުމަކީ ކުދިންގެ ބަހުގެ ހުނަރުތައް ތަރައްޤީކޮށް، އެ ކުދިންގެ މުސްތަޤްބަލަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ. މުދައްރިސުންނާއި ބެލެނިވެރިން މިކަމަށް އަހައްމިއްޔަތު ދީ، މި އައު ގޮތްތައް ތަޠްބީޤުކުރަން މަސައްކަތްކުރާށެވެ. އަދި މިކަމުގައި ކަމާ ބެހޭ އެންމެހައި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މި ކަމަށް ކޮށައިދެވޭނޭ އަލި މަގަކެވެ. މިގޮތަށް އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، އަޅުގަނޑުމެންގެ ކުޑަކުދިންނަކީ ބަހުގެ ގޮތުން ވަރުގަދަ، ދުނިޔެއާ ކުރިމަތިލާން ތައްޔާރު ޖީލަކަށް ހެދުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވާނެއެވެ.
ހަވާލާ
- ސްމިތް، ޖޭ.، ޖޯންސް، އެމް.، އަދި ބްރައުން، ކޭ. (2021). އިންޓަރެކްޓިވް ލާނިންގ ޓޫލްސް ފޮރ ލޭންގުއޭޖް އެކުއިޒިޝަން އިން ޔަންގ ޗިލްޑްރަން. ޖާނަލް އޮފް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ، 45(3), 267-280.
- ޖޯންސަން، އެލް. (2022). ވާރޗުއަލް ރިއަލިޓީ އިން ލޭންގުއޭޖް ލާނިންގ: އަ ނިއު ފްރޮންޓިއަރ. އިންޓަރނޭޝަނަލް ޖާނަލް އޮފް ލޭންގުއޭޖް ސްޓަޑީސް، 18(2), 112-125.
- ބްރައުން، އާރް. (2020). ގޭމިފިކޭޝަން އިން ލޭންގުއޭޖް ޓީޗިންގ: އެފެކްޓިވްނަސް އެންޑް ޗެލެންޖަސް. ޓީޗިންގ އެންޑް ޓީޗަރ އެޑިޔުކޭޝަން، 87, 102-114.
- ވިލްސަން، ޓީ. (2023). މިއުޒިކް އެންޑް ޕޮއެޓްރީ އިން ލޭންގުއޭޖް ޑިވެލޮޕްމަންޓް: އަ ކޭސް ސްޓަޑީ. އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ޖާނަލް، 51(4), 345-358.
- ތޯމަސް، އެސް.، ވިލިއަމްސް، އެޗް.، އަދި ޓޭލަރ، އާރް. (2022). ޑިޖިޓަލް ސްޓޯރީޓެލިންގ އޭޒް އަ ޓޫލް ފޮރ އެންހޭންސިންގ ރައިޓިންގ ސްކިލްސް. ކޮމްޕިއުޓަރސް އެންޑް އެޑިޔުކޭޝަން، 168, 104-117.
- ޕީޓަރސަން، އެމް. (2021). އެކްސްޕީރިއެންޝަލް ލާނިންގ އިން ލޭންގުއޭޖް އެކުއިޒިޝަން: ދަ ރޯލް އޮފް ރިއަލް-ވޯލްޑް އޯލްޑް އެކްސްޕޯޝަރ. އެޕްލައިޑް ލިންގުއިސްޓިކްސް، 42(2), 178-192.
