އައްސައްޔިދާ ޒައިނަބު ބިންތު ޢަލީ ރަޟިޔަﷲ ޢަންހާއަކީ ކީރިތި ރަސޫލާ މުޙައްމަދު صلّى اللّه عليه وسلّم ގެ ކާފަ ދަރިކަނބަލެކެވެ. އެ ކަމަނާގެ ބައްޕާފުޅަކީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު (ޢަލީގެފާނު) އެވެ. މަންމާފުޅަކީ ކީރިތި ރަސޫލާގެ ދަރިކަނބަލުން އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ ޢަންހާ (ފާތިމަތުގެފާނު) އެވެ. ޒައިނަބުގެފާނަކީ ޢަލީގެފާނާއި ފާތުމަތުގެފާނުގެ ތިންވަނަ ދަރިކަލުންނެވެ. އެއީ ޙަސަންގެފާނާއި ޙުސައިންގެފާނުގެ ކޮއްކޯފުޅެވެ. އިސްލާމީ ތާރީޚުގައި އައްސައްޔިދާ ޒައިނަބު ބިންތު ޢަލީ މަޝްހޫރުވެފައި ވަނީ ”ކަރުބަލާގެ ބަތަލާ“ ގެ ގޮތުގައެވެ. މި ލަޤަބުފުޅު އެ ކަމަނާއަށް ދެވުނީ ޙުސައިންގެފާނު ޝަހީދުކުރެވުނު ކަރުބަލާ ހަނގުރާމައިގައި އަދި އެ ހަނގުރާމައަށް ފަހުގައި ވެސް އެ ކަމަނާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުފުޅު ގަދަ ޢަމަލުފުޅުތަކުގެ ސަބަބުންނެވެ.

ޒައިނަބުގެފާނު އުފަންވެވަޑައިގަތީ 3 އޮގަސްޓު 626 ގައި މަދީނާގައެވެ. އެއީ ހިޖުރައިން 5ވަނަ އަހަރުގެ ޖުމާދިލްއައްވަލްމަހުގެ 5ވަނަ ދުވަހެވެ. އެކަމަނާއަށް ނަންދެއްވީ ކީރިތި ރަސޫލާއެވެ. ޒައިނަބުގެފާނުގެ މަންމާފުޅު އަވަހާރަވީ އެ އެކަމަނާގެ އުމުރުން ހަތް އަހަރުފުޅުގައެވެ. ޒައިނަބުގެފާނުގެ ފިރިކަލުންނަކީ ޢަބްދުﷲ ބިން ޖަޢުފަރު ރަޟިޔަﷲ އަންހުއެވެ. މި ދެ ބޭފުޅުންނަށް ހަތަރު ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

ޒައިނަބުގެފާނަކީ އަންހެން ބޭކަނބަލުންނަށް ކީރިތި ޤުރުއާން ކިޔަވައިދެއްވި ބޭކަނބަލެކެވެ. ޒައިނަބުގެފާނަކީ ކެތްތެރިކަމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ޝަޚުޞިއްޔަތެކެވެ.

ކަރުބަލާ ހަނގުރާމައަކީ ޒައިނަބުގެފާނުގެ ބޭބޭފުޅު ޙުސައިންގެފާނާ އެކު ކީރިތި ރަސޫލާގެ ޢާއިލާގެ ވަރަށް ގިނަ ބޭފުޅުންތަކެއް ޝަހީދުކުރެވުނު ހަނގުރާމައެކެވެ. އުމަވީ ދައުލަތުގެ ވެރިޔާ ޔަޒީދުގެ ލަޝްކަރުން މި ބޮޑު ޤަތުލުއާންމު ހިންގި އިރު ޙުސައިންގެފާނުގެ އަރިހުގައި ޒައިނަބުގެފާނު ސާބިތުވެ ހުންނެވިއެވެ. ޙުސައިންގެފާނު ޝަހީދުވެވަޑައިގަތުމުން ލިބިވަޑައިގެންނެވި ހިތާމަފުޅު ކިތަންމެ ބޮޑު ނަމަވެސް، ކެތްތެރިވެވަޑައިގެން ޝަހީދުނުވެ ސަލާމަތްވެވަޑައިގެންނެވި ބޭފުޅުންނަށް ހިތްވަރުދެއްވިއެވެ. އަދި އެ ބޭފުޅުންގެ ލީޑަރެއްގެ ގޮތުގައި ޒައިނަބުގެފާނު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

ކަރުބަލާ ހަނގުރާމައަށް ފަހު ޔަޒީދުގެ ލަޝްކަރުން ޒައިނަބުގެފާނާއި ބާކީ ތިއްބެވި ބޭފުޅުން އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ. އަދި ޔަޒީދުގެ ދަރުބާރަށް ޒައިނަބުގެފާނު ހާޒިރު ކުރެވުނެވެ. އުމަވީ ދައުލަތުގެ ވެރިޔާ ޔަޒީދުގެ ކުރިފުޅުމަތީގައި އެ ދުވަހު އެ ކަމަނާ ވަނީ ވަރަށް ވަރުގަދަ ބަޔާނެއް ދެއްވާފައެވެ. އެ ވާހަކަފުޅުގައި ޒައިނަބުގެފާނު ވިދާޅުވީ ކަރުބަލާ ހަނގުރާމައިން ޔަޒީދުއަށް ލިބުނީ ކާމިޔާބީއެއް ކަމަށްދެކި އުފާ ނުކުރުމަށެވެ. ޙަޤީޤަތުގައި ނަޞްރާއި ކާމިޔާބު ލިބުނީ އެ ދުވަހު ޝަހީދުވީ ބޭފުޅުންނަށް ކަމަށެވެ. އެ ކަމަނާ ޔަޒީދަށް ހަނދާންކޮށްދެއްވީ، ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 169ވަނަ އާޔަތެވެ. އެ ކަމަނާ ވިދާޅުވީ ”މާތްﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެ އުރެންނީ އެ އުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤު ލިބޭ ޙާލު، ދިރިތިބި ބަޔެކެވެ.“

ޒައިނަބުގެފާނުގެ ވާހަކަފުޅުގައި ވަނީ ޔަޒީދުގެ އިންސާފުވެރިކަމާ އަދި ކީރިތި ރަސޫލާގެ އާއިލާއާ މެދު ކަންތައް ކުރައްވާ ގޮތާމެދު ސުވާލު އުފައްދާފައެވެ.  ”އޭ ޔަޒީދެވެ. މިއަދު ތިމަން ކަމަނާގެ ބޭބޭފުޅު ޝަހީދުކޮށް، ޢާއިލާގެ ބަޔަކު ހައްޔަރުކުރެއްވުމަކީ ލިބިވަޑައިގެންނެވި ކާމިޔާބެއްކަމުގައި ހީކުރައްވަނީތޯއެވެ؟ މާތްﷲގެ ރަސޫލާ صلّى اللّه عليه وسلّم ގެ ޢާއިލާގެ ބޭފުޅުން ރަޙުމެއްނެތް ގޮތަށް ޝަހީދު ކުރެއްވުމުން  މާތްﷲ ތިބާއަށް ރަޙުމަތުގެ ނަޒަރަކުން ބައްލަވާ ވޮޑިގަންނަވާނެކަމަށް ހީކުރައްވަނީތޯއެވެ؟ ތިބާ އެ ކަލާނގެ ވަޙީ ބަސްފުޅު ހަނދުމަ ނައްތާލައްވައިފީމުއެވެ.“ އެއަށްފަހު ކިޔަވާ ވިދާޅުވީ ސޫރަތުލް އާލްޢިމްރާނުގެ 178ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ ”ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ ނަފުސުތަކަށް ހެޔޮގޮތެއްކަމަށް ކާފިރުވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި ޢަޛާބު ހުށްޓެވެ.“

ޒައިނަބުގެފާނު އަވަހާރަވީ އުމުރުފުޅުން 57 އަހަރުފުޅުގައި، މީލާދީން 682ވަނަ އަހަރުގެ މާރިޗު މަހުގެ 30ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 62ވަނަ އަހަރުގެ ރަޖަބު މަހުގެ 15ވަނަ ދުވަހެވެ.

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް