ދިވެހިބޮލީގެ ވިޔަފާރި
ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާއާ ދެމެދުގައި އޮތް ދިވެހިބޮލީގެ ވިޔަފާރީގެ ގުޅުންތަކަކީ މީގެކުރިން ފާހަގަ ކުރެވިފައިނުވާ ކަމެއް ކަމަށް ވިޔަސް މި ގުޅުމަކީ ހައިރާން ކުރުވަނިވި ގޮތަކަށް ދިގު މުއްދަތަކަށް އޮތް ގުޅުމެކެވެ. މީލާދީން ހަތަރުވަނަ ޤަރުނާއި ފަސްވަނަ ޤަރުނުގެ ތެރޭގައި އިންޑޮނޭޝިއާ (އަސޭކަރަ) އިން އިރުމަތީ އެފްރިކާއާއި މަޑަގަސްކަރައަށް ހިޖުރަކުރި ކަމަށް ބެލެވޭ މީހުން ދަތުރުމަތީގައި ދިވެހިރާއްޖެއާއި ސީޝެލްސްގައި ބަޑަހަޖަހާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިކަމުގައި އިތުބާރުކުރެވޭ ހަރުދަނާ ހެކިތަކެއް ނުފެންނަހާ ހިނދަކު މި ފަދަ ވާހަކަތައް ހުންނާނީ ހަމައެކަނި ޝައްކު ކުރެވޭ ހެކިތަކެއްގެ ގޮތުގައެވެ. ހަމަ މިފަދައިން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގެ މެދުތެރޭގެ ޖަޒީރާތަކުން ހުޅަނގަށް ދަނޑުގޮވާމުގެ ތަކެތި ފެތުރިފައި އޮތުމަކީ ވެސް ވެދާނެ ގޮތެކެވެ. ދޮންކޭލާއި ކާށި ފަދަ ބާވަތްތަކެވެ. މި ތަކެތީގެ ވިޔަފާރިއަށް ވުރެ ޔަގީން ކަމަކީ ދިވެހިބޮލީގެ ވިޔަފާރި މުޅި އެފްރިކާއަށް ވެސް މުހިންމުވެފައި އޮތްކަމެވެ.
މީލާދީން ނުވަވަނަ ގަރުނުގެ މެދުތެރޭގައި އަރަބި ވިޔަފާރިވެރިޔާ ސުލައިމާނު ލިޔެފައިވާ ގޮތުގައި އެ ޒަމާނެއްގައި ބަންގާޅާއި، ޗައިނާ (ސީނުކަރަ) އާއި، އިރުދެކުނު އޭޝިއާ އަދި އެފްރިކާގެ ބޮޑެތި ސަރަހައްދުތަކުގައި ވިޔަފާރީގައި ބަދަލުކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރީ ދިވެހިރާއްޖޭގައި އުފައްދާ ކުދި ބޮއްޔެވެ.
ދިވެހިރާއްޖެއާ އިރުމަތީ އެފްރިކާއާ ދެމެދު ސީދާ ދިވެހި ކުދިބޮލީގެ ވިޔަފާރިކުރިކަން ސާފެއް ނުވެއެވެ. ނަމަވެސް އިރުދެކުނު އޭޝިއާއިން މާލޭ މަގުން އިންޑިއާ ކަނޑު ހުރަސްކުރާ އަރަބި ބޯޓުތަކުގައި ދިވެހި ކުދިބޮލީގެ ބޮޑު އަދަދެއް ދެކުނު އަރަބިއްޔާގެ ބަނދަރުތަކަށް ގެންދިޔަކަން އެނގެއެވެ. މި ދިވެހި ކުދިބޮލިތައް އަލުން އެފްރިކާއަށް އެކްސްޕޯޓްކޮށްފައިވަނީ ސައިނާއާއި ރަތް ކަނޑާއި ސޯމާލިއާ އަދި ސްވާހިލީގެ އައްސޭރިފަށުގެ ބަނދަރުތަކުންނެވެ. އަދި ސީދާ ދެކުނު އޭޝިޔާއިން އިރުމަތީ އެފްރިކާއަށް ދަތުރުކުރި މީހުން ވިޔަފާރިކުރުމަށް ދިވެހިބޮލި ގެންގުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޝައްކެއްނެތް ގޮތުގައި މޮގަދިޝޫ، ލާމޫ، މަލިންދީ، މޮމްބާސާ އަދި ކިލްވާ ފަދަ ބަނދަރުތަކުގައި އަމިއްލަ އުފެއްދުންތައް ދިވެހިބޮއްޔަށް ބަދަލުކުރިއެވެ.
ދިވެހިބޮލީގެ ވިޔަފާރިއަކީ ފައިދާ ބޮޑު ވިޔަފާރިއެއް ކަމުގައި އެ ވިޔަފާރި ޢަމަލީ ގޮތުން ކުރައްވާފައިވާ މޮރޮކޯގެ ދަތުރުވެރިޔާ އިބުނު ބަޠޫޠާ ވިދާޅުވެފައި ވެއެވެ. މީލާދީން 1343+4 ވަނަ އަހަރުގައާއި 1346 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އިބްނު ބަޠޫތާ ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ދިވެހިބޮލި ވިއްކީ ރަން ދީނާރަށް 400،000 އާއި 1،200،000 އާ ދެމެދުގެ އަގަކަށެވެ.
އިސްލާމީ ދަތުރުވެރިޔާ، އިބްނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ހަތް އަހަރު ފަހުން ރަން ދީނާރަށް 1،150 އަށް ދިވެހިބޮލި ފަދަ ބޮލި ވިއްކާތަން ހުޅަނގު އެފްރިކާގެ މާލީން ދެކެވަޑައިގަތެވެ. 15 ވަނަ ގަރުނުގެ ފަހުކޮޅު އަދި 17 ވަނަ ގަރުނުގެ ކުރީކޮޅު އިރުމަތީ ކަނޑުގެ ސަރަހައްދުތަކަށް ޔޫރަޕްގެ އުނދަޅުފަހަރު އައެވެ. ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާއާ ދެމެދު ދިވެހިބޮލީގެ ވިޔަފާރީގައި އަރަބީންގެ އޮތް ބާރު ފުރަތަމަ ފަހަތަށް ޖައްސާނީ ޕޯޗުގީޒުންނެވެ. އޭގެ ފަހުން ޑަޗުންނެވެ. 17 ވަނަ ގަރުނުގެ ތެރޭގައި އަދި އޭގެ ކުރިން ދިވެހިބޮލި ގަނޑުކޮށް ވިއްކަމުން ދިޔައީ ބަންގާޅަށެވެ. އެފްރިކާގެ އިރުމައްޗަށާއި ހުޅަނގު އައްސޭރިފަށަށް ރީއެކްސްޕޯޓް ކުރަމުން ދިޔައީ އެ ތަނުންނެވެ. 17 ވަނަ ގަރުނުގެ ފަހުކޮޅު ދިވެހިބޮލީގެ ވިޔަފާރި ބޮޑުތަނުން ހިނގަމުން އައީ ސިލޯނު (ސްރީލަންކާ) މަގުންނެވެ. އެއީ 1640 އާއި 1658 އާ ދެމެދު ޑަޗުން އެ ޤައުމު ހިފައިގެން ތިބި ދުވަސްވަރެވެ. ޑަޗުންނަށް މި ވިޔަފާރިން ވަރަށް ބޮޑު ފައިދާއެއް ލިބުނެވެ. އަދި އޭރު ސިލޯނުގެ ކޮންމެ ގަވަރުނަރަކަށް ވެސް ބަޓާވިޔާގެ ޑަޗް އޮތޯރިޓީތަކުން އެދެމުން ދިޔައީ ހުޅަނގު އެފްރިކާގެ އަޅުން ވިއްކުމުގެ ވިޔަފާރިއަށް އިތުރު އަދަދަކަށް ދިވެހި ބޮލި ފޯރުކޮށްދިނުމަށެވެ. (ބަޓާވިޔާއަކީ ރޯމަން އަންބަރާތޫރުގެ ޒަމާނުގައި ބަޓާވިއާގެ ރައްޔިތުން ދިރިއުޅުނު ނެދަލެންޑްސްގެ ގަދީމީ ރަށެކެވެ. އެއީ މިހާރު ނެދަލެންޑްސްގެ ބައެކެވެ. އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ވެސް ކުރިން ކިޔަނީ ބަޓާވިޔާއެވެ.) 18 ވަނަ ގަރުނުގެ މެދުތެރޭގައި، ހުޅަނގު އެފްރިކާގެ އަޅުން ވިއްކުމުގެ ވިޔަފާރި އެންމެ މަތީ ދަރަޖައިގައި އޮތްއިރު، އެ ވިޔަފާރީގައި ވެސް އެންމެ ބޮޑު ފައިދާއެއް ނަގަމުން ދިޔައީ ދިވެހި ބޮލީގެ ވިޔަފާރީގެ މައްޗަށް ބާރު ހިންގަމުން އައީ ޑަޗުންނެވެ. މި ބާރު ވަރަށް ދިގު މުއްދަތަކަށް ދެމިގެން ގޮސްފައި އޮތުމަށްފަހު ހުޅަނގު އެފްރިކާގައި ދިވެހިބޮލީގެ އަގު ވަރަށް މަތީގައި ހުރުމަށްފަހު ދަށަށްދާން ފެށިއެވެ. 1747 ވަނަ އަހަރު ޝާއިޢުކުރެވުނު، ޝާއިޢުކުރި ވަކި މީހެއްގެ ނަން ނޭނގޭ ޑަޗް ލިޔުމެއްގައި މިކަމަށް އަލިއަޅުވާލާފައިވަނީ މިފަދައިންނެވެ.
”ކުރީގައި ބާރަހާސް އަށް ދިވެހިބޮއްޔަށް ފަސްސަތޭކަ ނުވަތަ ހަސަތޭކަ އަޅުން ގަނެވޭ އިރު، މިހާރު އެ ބޮޑު ފައިދާ ލިބުނު ދުވަސްވަރު ވަނީ ފާއިތުވެފައެވެ. އަދި މިހާރު އެފްރިކާގެ މީހުން އެމީހުންގެ އަގު އަންދާޒާކުރަނީ ވަރަށް މަތިންކަމަށް ވުމާއެކު، ބާރަ ނުވަތަ ސާދަ ޓަނުގެ ބޮލި ނުދީ އަޅުން ގަންނާކަށް ނުލިބެއެވެ.“
ދިވެހިބޮލިން އެފްރިކާގެ އިރުމަތީ ސަރަހައްދަށް ކުރި އަސަރު ކުޑައެވެ. އެއީ އެ ސަރަހައްދުގައި ދެ ކަމެއްގެ ސަބަބުން ވީގޮތެއް ކަމަށް ވެދާނެއެވެ. އެއްކަމަކީ އެތަނުގެ ބޮލި (ސައިޕްރިއާ އެނިއުލަސް) އެ ސަރަހައްދުން ލިބެން ހުރުމާއި، ގިނަ އަދަދަކަށް ގެރިބަކަރި ގެންގުޅުމެވެ. ގެރިބަކަރި ގެންގުޅޭ ސަރަހައްދުތަކުގައި، ޚާއްޞަކޮށް ދަގަނޑު ފަދަ ތަކެތި ގިނައިން ލިބެން ހުންނަ ތަންތަނުގައި، ބޮލި ފަދަ އެތެރެކުރެވޭ ފައިސާގެ ބޭނުން ކުޑައެވެ. ނަމަވެސް އިރުމަތީ އެފްރިކާގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ދިވެހިބޮލި ފުރަތަމަ ފެނިގެން ދިޔައިރު ޒަންޒީބާރާއި ބަގަމޯޔޯގެ އަރަބި އަޅުންގެ ވިޔަފާރިވެރީންނަށް ކުރު މުއްދަތަކަށް ބޮޑު ފައިދާއެއް ލިބުނެވެ. މިގޮތުން ރޮސްކޯ 1911 ވަނަ އަހަރު ލިޔުއްވާފައިވާ ގޮތުގައި، 19 ވަނަ ގަރުނުގެ ކުރީކޮޅު ބުގަންޑާ ސަރަހައްދުގައި ދެ ދިވެހިބޮއްޔަށް އަންހެނަކު ގަނެވުނެވެ. މިސަރަޙައްދުގައި ދިވެހިބޮއްޔަކީ މިހާ އަގުހުރި އެއްޗެއްގެ ގޮތުގައި އޮތީ ކުރު މުއްދަތެއްގައެވެ. އެހެންނަމަވެސް، 1860 ގެ އަހަރުތަކުގެ ތެރޭގައި އިމްޕޯޓްކުރާ ދިވެހި ބޮއްޔަށް ބުގަންޑާގެ ވެރިރަށުގައި ނުވަތަ މައި ވިޔަފާރި މަގުތަކުގައި 2500 ދިވެހިބޮއްޔަށް ގެރިއެއް ގަނެވުނެވެ. އޭރު އަޅު އަންހެނެއްގެ އަގަކީ ހަތަރެއް ނުވަތަ ފަސް ގެރިއެވެ. 19 ގަރުނުގައި ޒަންޒިބާރު އަދި އިރުމަތީ އެފްރިކާގެ އެހެން ސަރަޙައްދުތަކުގައި އެފްރިކާއިން ލިބޭ ބޮލި (ސައިޕްރިއާ އެނިއުލަސް) އަށް ބިނާކޮށް އަމިއްލަ ބޮލީގެ ސިނާއަތެއް ތަރައްޤީ ކުރި ނަމަވެސް، ދިވެހި ބޮއްޔަށް އިރުމަތީ އެފްރިކާގައި ރަނގަޅު މާކެޓެއް ލިބެމުން ދިޔައެވެ. މިހެންވީ ފަހަރެއްގައި ޒަންޒިބާރުގެ ނޫކުލައިގެ ބޮލި ދިވެހި ހުދު ބޮއްޔަށްވުރެ ބޮޑުވެފައި، އިރުމަތީ އެފްރިކާގެ އައްސޭރިއަށް ގެންދިއުމުގެ ދަތުރު ޚަރަދު ބޮޑުވެފައި ދިވެހިބޮލި ލުއިވެފައި އުފުލާހަދަން ފަސޭހަވުމުން ކަމަށް ވެދާނެވެ.
އިރުމަތީ އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި ފައިސާގެ ގޮތުގައި ދިވެހިބޮލި ގާތްގަނޑަކަށް 1921 ވަނަ އަހަރާ ހަމައަށް ބޭނުންކުރަމުން ދިޔައެވެ. އޭގެފަހުން އެތަންތަނުގައި ފައިސާ ބޭނުންކުރަން ފެށިއެވެ. (ނުނިމޭ)
މި ލިޔުމުގެ ފުރަތަމަ ބައި:
ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށާ އޮތް ތާރީޚީ ގުޅުންތައް -1
