ދުނިޔެ ހޫނުވަމުންދާކަމުގެ ނިޝާންތައް ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް ފެންނަން އެބަހުއްޓެވެ. އަދި މިކަމަކީ ހަމައެކަނި ފިނިހޫނުމިން މައްޗަށް ދިއުމަށް ވުރެ މާބޮޑަށް އުނދަގޫ އަދި އާންމު ދިރިއުޅުމާ ވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

ދުނިޔެ އަވަސް ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފަދައިން, ދުނިޔެ އަވަސް ދުވެއްޔެއްގައި ހޫނުވަމުންދާކަން ފާހަގަ ނުކުރެވޭ ހަމަ އެކަކު ވެސް ނެތެވެ. ސިނާއީ މަސައްކަތުގެ ދާއިރާއަށްއައި އިންޤިލާބުގެ ފަހުން, ޚާއްޞަކޮށް ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ދާއިރާގައި ފޮސިލް ފިއުލް ބޭނުންކުރަން ފެށުމާ ގުޅިގެން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ވަނީ 1 ޑިގްރީ ސެލްސިއަސް (ގާތްގަނޑަކަށް 1.8 ޑިގްރީ ފެރެންހައިޓް) އަށް އިތުރުވެފައެވެ.

މި ކަމަކީ މި އަދަދު ކުޑަކަމަށް ފެނުނު ނަމަވެސް، މިކަމުގެ ނުރައްކާތެރިކަން ހީނުކުރެވޭހާ ބޮޑު ކަމެކެވެ. 2023 ވަނަ އަހަރަކީ ތާރީޚުގައި ރެކޯޑުކުރެވިފައިވާ އެންމެ ހޫނު އަހަރު ކަމުގައި ރެކޯޑުކުރެވިފައި ވެއެވެ. އަދި އެންމެ ހޫނު 10 އަހަރުގެ ތެރެއިން ހުރިހާ އަހަރެއް ވެސް ފާއިތުވި 10 އަހަރުގެ ތެރޭގައި ހިމެނޭކަމީ ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑު ބަދަލެއް އައިސްފައިވާކަން އަންގައިދޭ ދަލީލެކެވެ. ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 485 މިލިއަން އަހަރުގެ ތެރޭގައި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިހާ ހަލުވި މިނެއްގައި އިތުރުވެފައެއް ނުވެއެވެ. މި ބަދަލާ ގުޅިގެން ނުރައްކާތެރި މޫސުމީ ޙާދިސާތަކާއި ދިރޭތަކެތީގެ ބާވަތްތަކުގެ ނަސްލު ނެތިދިއުން ފަދަ ކަންބޮޑުވާން ޖެހޭފަދަ، ނޭދެވޭ އަދި ނުރައްކާތެރި އަސަރުތައް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

”ގްލޯބަލް ވޯމިންގ“ އާއި ”ކްލައިމެޓް ޗޭންޖް“ އަކީ ގިނަ ފަހަރަށް އެއް މާނައެއްގައި ބޭނުންކުރެވޭ ދެ ބަހެވެ. ނަމަވެސް، ސައިންސްވެރިން ”ކްލައިމެޓް ޗޭންޖް“ މި ބަސް އިސްކޮށް ބޭނުންކުރެއެވެ. ސަބަބަކީ ދުނިޔޭގެ މޫސުމާއި މޫސުމީ ނިޒާމުތަކަށް އަންނަމުންދާ ސީދާ އަދި ނުސީދާ އަސަރުތައް ތަފުޞީލުކޮށް ބަޔާންކުރުމަށް އެކަށޭނަ ޞައްޙަ އިބާރާތެއް ކަމުގައި ބެލެވޭތީއެވެ.

ކްލައިމެޓް ޗޭންޖްގެ ސަބަބުން ކުރާ އަސަރުތަކުގެ ތެރޭގައި އެވްރެޖް ފިނިހޫނުމިން މައްޗަށް ދިއުމުގެ އިތުރުން، ޤުދުރަތީ ކާރިޘާތައް ތަކުރާރުވެ އިތުރުވުމާއި، ދިރޭތަކެތީގެ މާޙައުލުތަކަށް އަންނަ ތަފާތު އެކި ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަދި އެހެނިހެން ގިނަގުނަ ނޭދެވޭ އަސަރުތައް ހިމެނެއެވެ. މި ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އިންސާނުންގެ ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ވައިގެ ތެރެއަށް ހޫނު ހިފަހައްޓާ ގްރީންހައުސް ގޭސްތައް އިތުރުވަމުން ދިއުމެވެ. މިސާލަކަށް ކާބަންޑައިއޮކްސައިޑާއި މީތޭން ފަދަ ގޭސްތައް އިތުރުވަމުންދިއުމެވެ. މި ކަންކަމަކީ ދުނިޔޭގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަން ކަމުގައި ވާތީ، މިކަމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކްލައިމެޓް ޗޭންޖްގެ އަސަރުތައް ކުޑަކުރުމަށް ޓަކައި، ދުނިޔޭގެ ޤައުމުތަކުން އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި ޕެރިސް އެއްބަސްވުމުގެ ދަށުން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތް ހިމެނެއެވެ. އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، ހަކަތަ ޚަރަދުކުޑަ އުޅަނދުފަހަރު ބޭނުންކުރުން އިތުރުކުރުމާއި، ވަށައިޖެހޭ އިޤްތިޞާދީ ނިޒާމުތަކަށް ބަދަލުވުން ފަދަ ކަންކަމަކީ މި މަސައްކަތުގައި ހިމެނޭ މުހިންމު ބައިތަކެވެ.

އަމިއްލަ ފަރުދުންނަށް ވެސް މި މައްސަލައަށް ޙައްލު ހޯދުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. މިސާލަކަށް، ހަކަތަ ޚަރަދުކުޑަ އާލާތްތައް ބޭނުންކުރުމާއި، ކުނި މަދުކުރުމާއި، ރީސައިކަލްކުރުން އިތުރުކުރުން ފަދަ ކަންކަމުން ވެސް ކްލައިމެޓް ޗޭންޖްގެ އަސަރުތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ނަމަވެސް، މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ޓަކައި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އަދި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ސަބަބަކީ ކްލައިމެޓް ޗޭންޖަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް އަސަރުކުރާ، އަދި އެންމެންގެ ބައިވެރިވުން ބޭނުންވާ ގްލޯބަލް މައްސަލައެއް ކަމުގައިވާތީއެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ކްލައިމެޓް ޗޭންޖަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމެވެ. މި މައްސަލައަށް ޙައްލު ހޯދުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، އޭގެ ނޭދެވޭ އަސަރުތައް އިތުރަށް ގޯސްވެ، އަންނަން އޮތް ޖީލުތަކަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން، މިއަދުންމިއަދަށް މި މައްސަލައަށް ސަމާލުކަން ދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.                   

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ސަބަބުތައް:

ފޮސިލް ފިއުލްތަކުން އުފެދޭ ވިހަ ގޭސްތައް ޖައްވަށް ބޭރުވުމުގެ ސަބަބުން، ޖައްވުގެ ކެމިކަލް ގުޅުންތަކަށް ބަދަލު އަންނަމުންދެއެވެ. މި ބަދަލުތަކުގެ ސަބަބުން އިރުގެ އަލި ބިމަށް ވާސިލުވުމަށް މަގުފަހިވެ، އެހެންނަމަވެސް އެ ހޫނު އަނބުރާ ޖައްވަށް ދޫވުން ހުއްޓުވައެވެ. މި ޕްރޮސެސްގެ ސަބަބުން ބިމުގެ ހޫނުމިން މަތިވެ، ގްރީންހައުސްއެއްގެ އުސޫލުން ޢަމަލުކުރެއެވެ. މި ޤުދުރަތީ ޕްރޮސެސްއަކީ ”ގްރީންހައުސް އިފެކްޓް“ އެވެ.

ކާބަންޑައިއޮކްސައިޑަކީ އެންމެ ގިނައިން ފެންނަ ގްރީންހައުސް ގޭހެވެ. މޫސުމަށް އަސަރުކުރާ ތަޣައްޔަރުކަމުގެ ގާތްގަނޑަކަށް 75 އިންސައްތަ ހިއްސާކުރަނީ މި ގޭހެވެ. ކާބަން ޑައިއޮކްސައިޑް އުފެދެނީ މައިގަނޑު ގޮތެއްގައި ތެޔޮ، ގޭސް އަދި އަލިފާން ހިލަ އުފެއްދުމާއި އެތަކެތި އެންދުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ކާބަން ޑައިއޮކްސައިޑްގެ ގާތްގަނޑަކަށް 25 އިންސައްތަ އުފެދެނީ ލަކުޑި ކެނޑުމާއި ދަނޑުވެރިކަމަށް ބިންގަނޑު ސާފުކުރުމުގެ ސަބަބުންނެވެ.

މީތޭންއަކީ ވެސް ޖައްވަށް ނޭދެވޭ އަސަރުކުރާ އާންމު ގްރީންހައުސް ގޭހެކެވެ. މި ގޭހުގެ އެމިޝަންތައް ޖުމްލަ ގްރީންހައުސް ގޭސްތަކުގެ 16 އިންސައްތަ އެކަނި ހިއްސާކުރި ނަމަވެސް، މިއީ ކާބަން ޑައިއޮކްސައިޑަށް ވުރެ 25 ގުނަ ވަރުގަދަ އަދި އަވަހަށް ނެތިދާ ގޭހެކެވެ. މީތޭން އުފެއްދުން އިތުރުވެއްޖެ ނަމަ ޖައްވު ހޫނުވުން އިތުރުވެއެވެ. އަދި މީތޭން އުފެއްދުން މަދުކުރުމުން ޖައްވުގެ ހޫނުމިން އަވަސް ދުވެއްޔެއްގައި ދަށްކުރެވިދާނެއެވެ. މީތޭން އުފެދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، ތެޔޮ އަދި ގޭސް އުފެއްދުމުގެ ތެރޭގައި ލީކުވުން، އަދި ކުނިގޮނޑުތަކުން އުފެދޭ ގޭސްތައް ހިމެނެއެވެ.

ގްލޯބަލް ވޯމިންގގެ އަސަރުތައް:

ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ އަސަރުތަކުގެ ތެރޭގައި، ބިމުގެ ސަރަޙައްދުތަކަށާއި ފަރުބަދަތަކުގެ ގްލެސިއަރތަކަށް ކުރާނެ ނޭދެވޭ އަސަރު ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އާކްޓިކް ސަރަޙައްދު ހޫނުވަމުންދަނީ ދުނިޔޭގެ އެހެނިހެން ސަރަޙައްދުތަކާ އަޅާބަލާ އިރު ހަތަރު ގުނަ އަވަސް މިނެއްގައެވެ. މި ހޫނުވުމުގެ ސަބަބުން، އިންތިހާއަށް މުހިންމު އައިސްގަނޑުތައް ނެތިދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޫސުމަށް އަންނަ ބަދަލުތައް ލަފާކުރުމަކީ ދުވަހެއްދުވަހަކަށް އިތުރަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަކަށް ވެގެންދާކަން ފާހަގަކުރެވެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދަނީ ހަމައެކަނި ފިނިހޫނުމިނުގެ ގޮތުން އެކަންޏެއް ނޫނެވެ. ދުނިޔެ ހޫނުވަމުންދާ މިންވަރާ އެއްހަމައެއްގައި ވާރޭވެހޭ މިންވަރު ވެސް އިތުރުވަމުންދެއެވެ. އަދި ކުއްލި ފެންބޮޑުވުންތަކާއި، ހަރިކޭންތަކާއި، އަދި އާދަޔާ ޚިލާފު ބޮޑެތި ސްނޯ ސްޓޯމްތައް ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ އެންމެ ފަހުގެ ދިރާސާތައް މުރާޖާ ކުރުމަށް ޓަކައި، ދުނިޔޭގެ އެންމެ ފަންނުވެރި ސައިންސްވެރިން ގަވާއިދުން މަޝްވަރާކުރެއެވެ. މި ދިރާސާތަކުގެ ނަތީޖާތައް އެއްކުރެވި، ”އިންޓަރގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް“ (އައިޕީސީސީ) ގެ ނަމުގައި ޝާއިޢުކުރެވޭ ރިޕޯޓުތަކެއްގެ ސިފައިގައި މުޅި ދުނިޔެއަށް ހާމަކުރެވެއެވެ. މި ރިޕޯޓުތަކަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިތުބާރުހުރި މަޢުލޫމާތު ހިމެނޭ ލިޔުންތަކެވެ.

ފަހުގެ ތާރީޚެއްގައި ދިރާސާ ރިޕޯޓެއްގައި ޝާއިޢުކުރެވިފައިވާ ގޮތުން، ދުނިޔޭގެ ފިނި ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތަފުޞީލީ މަޢުލޫމާތު ހާމަކޮށްފައިވެއެވެ. އޭގެތެރޭގައި، މިހާރު ގިނަގުނަ ނުރައްކާތަކާ ކުރިމަތިވެފައިވާ ތިމާވެށީގެ ނިޒާމުތަކުގެ ތެރޭގައި ކަނޑުއަޑީގެ ފަރުތައް ހިމެނެއެވެ. މުރަކަތަކަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މުރަކަތަކުގައި އުޅޭ ކުލަގަދަ އަލްގޭ ބޭރުކޮށްލައި، މުރަކަތައް ހުދުވެއެވެ. މި ޙާލަތުގައި މުރަކަތައް ވަރަށް ބޮޑަށް ނިކަމެތިވެ، ފަސޭހައިން މަރުވުމުގެ ނުރައްކަލާން ޖެހެއެވެ.

ހަމައެހެންމެ، ގަސްގަހާގެހި ވެސް މިހާރު ވަނީ ފިނި ހޫނުމިނަށް އަންމަންދާ ބަދަލުތަކުގެ ސަބަބުން ގިނަ އަދަދަކަށް މަރުވަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެކޯސިސްޓަމަށްމިވަނީ ފާހަގަކުރެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ފިނި ހޫނުމިން މަތިވުމާއި ވާރޭވެހޭ މިންވަރަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، އަލިފާނުގެ ހާދިސާތައް އިތުރުވެ، އެ ހާދިސާތައް ފެތުރެމުންދާ ސަރަޙައްދުތައް ވެސް ވަނީ އިތުރުވެފައެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި، މިހާރު އަލިފާނުގެ ހާދިސާތައް އެމެރިކާގެ އިރުމަތީ ސަރަޙައްދުތަކަށް އިތުރުވާކަން ފާހަގަކުރެވެއެވެ. މިއީ ކުރީގައި އަލިފާނުގެ ހާދިސާތައް މަދުން ހިނގާ ކަމަށް ބެލެވުނު ސަރަޙައްދުތަކެކެވެ.

މީގެ އިތުރުން، ވައިގަދަ ވުމުގެ ސަބަބުން ކުރިމަވާ ތޫފާން ނުވަތަ ހަރިކޭން ވަނީ އިތުރަށް ނުރައްކާތެރިވެ، ގިނަ އަދަދަކަށް ވާރޭވެހޭ ގޮތަށް ބަދަލުވެފައެވެ. މީގެ ސަބަބުން އިތުރު ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ތަޖުރިބާކާރު ސައިންޓިސްޓުން ފާހަގަކުރާ ގޮތުގައި، ކެޓަގަރީ 6 ގެ ވަޔާއި ކަނޑުތައް ގަދަވެ އުފެދޭ ބޮޑެތި ތޫފާނު ތަކަށް ތައްޔާރަށް ތިބުމަށް އިރުޝާދުދެއެވެ.

ދުނިޔޭގެ ހޫނުމިން އިތުރުވަމުންދާ މައްސަލަ ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް:

ދުނިޔޭގެ ހޫނުމިން އިތުރުވަމުންދާ މިންވަރު މަދުކުރުމަކީ ސައިންސްގެ ނަޒަރިއްޔާތުން ހާސިލުކުރެވިދާނެ ކަމެއް ނަމަވެސް މިކަން ކުރުމަށް އެންމެންގެވެސް ޒިންމާ އެބައޮތެވެ. އަދި މި މައްސަލައަކީ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ގިނަގުނަ ގޮންޖެހުންތަކެއް ހުރި މައްސަލައެކެވެ.

ދުނިޔޭގެ ހޫނުމިން މަދުކުރުމަށަދުކުރުމަށްޓަކައި، ގްރީންހައުސް ގޭސް އުފެދޭ މައިގަނޑު ވަސީލަތްތައް މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން، ކަރަންޓު އުފެއްދުމަށާއި ސިނާޢީ އުފެއްދުންތެރިކަމަށް މިހާރު ބޭނުންކުރާ ތެލާއި ގޭހުގެ ބަދަލުގައި، ވައިގެ ހަކަތައާއި އިރުގެ އަލީގެ ހަކަތަ ފަދަ އިޔާދަކުރަނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރަންޖެހެއެވެ. މީގެ އިތުރުން، ގްރީންހައުސް ގޭސް އުފެދޭ އަނެއް މުހިންމު ދާއިރާ ކަމުގައިވާ ދަތުރުފަތުރުގެ ނިޒާމުގައިވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މިގޮތުން، ކަރަންޓުން ދުއްވާ އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރަންޖެހެއެވެ. އަދި މީގެ އިތުރުން، ރައްކާތެރިކަމާއެކު ސައިކަލު ދުއްވޭނެ މަގުތަކާއި، ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޒަމާނީ ސިޓީތައް ތަރައްޤީކުރުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.

ގުދުރަތީ ވެށި އަލުން އާރާސްތުކުރުމަކީ ވެސް ދުނިޔޭގެ ހޫނުމިން މަދުކުރުމަށް އެހީތެރިވެދާނެ ކަމެކެވެ. ގަސްގަހާގެއްސާއި، ކަނޑުތަކާއި، ފެންގަނޑުތަކާއި އަދި އެހެނިހެން އިކޯސިސްޓަމްތަކުން ޖައްވުގައި އިތުރުވަމުންދާ ކާބަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ނަމަވެސް، މި ޤުދުރަތީ ވަސީލަތްތައް ނެތިދިއުމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ހަރުދަނާކަން ވެސް ގެއްލިގެންދާނެއެވެ.

އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެން އެންމެން އިތުރުވަމުންދާ ހޫނުމިނަށް ހޭނުމަށް މަސައްކަތްކުރަން ޖެހެއެވެ. މިސާލަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރި ކޮށްދޭ ގޮތަށް ޢިމާރާތްތައް ފަރުމާކުރުން ހިމެނެއެވެ މިފަދަ ފިޔަވަޅުތަކަކީ ކުރިމަގުގައި ދިމާވެދާނެ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

ހަވާލާ:

  • އެމޭންޑާ މެކްމިލާން އާއި ޖެފް ޓުރޭންޓައިން. (2024, ޑިސެންބަރު 20). ގްލޯބަލް ވާމިން 101.  ނެގީ؛  އެންޑީއާރްސީ: https://www.nrdc.org/stories/global-warming-101
  • ސާރާ ގިބަންސް. (2024, އޮކްޓޫބަރު 14). ހައު ގްލޯބަލް ވާމިން އީސް ޑިސްރަޕްޓިންގ ލައިފް އޮން އާތު.  ނެގީ؛  ނޭޝަނަލް ޖިއޮގްރެފިކް: https://www.nationalgeographic.com/environment/article/global-warming-effects
ޝެއަރކުރެއްވުމަށް