ހިޖުރައިން 3 ވަނަ އަހަރުގެ ޝައްވާލު މަހުގެ 7 ވަނަ ދުވަހު މުސްލިމުންނާއި މައްކާގެ ޤުރައިޝުންގެ މެދުގައި ހިނގި އުޙުދު ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ހިނގި އެންމެ މުހިންމު އެއް ހަނގުރާމައެވެ. މިއީ އިސްލާމީ ތާރީޚުގައި ހިނގި ދެވަނަ ހަނގުރާމައެވެ. އެ ހަނގުރާމައިން މުސްލިމް އުންމަތަށް ފުން ޢިބްރަތްތަކެއް ގެނެސްދިނެވެ. ޖަމާޢަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ވެރިންގެ އަމުރަށް ކިޔަމަންތެރިވުމާއި، ނުގުޑާފަދަ އަޚްލާޤާއި އީމާންތެރިކަން ހިތްތަކުގައި އަށަގެންނެވުމާއި، ﷲ ޞުބްހާނަހޫ ވަޠަޢާލާއަށް ބަރޯސާވުމުގެ މުހިންމުކަން އެ ހަނގުރާމައިން ދަސްކޮށްދެއެވެ. އަދި، ނުކިޔަމަންތެރިވުމާއި، ކިބުރުވެރިކަމާއި، ދުނިޔޭގެ އެދުމަށް ހިތްތައް ލެނބުމުން ނިކުންނާނެ ގޯސްނަތީޖާތައް އެ ހަނގުރާމައިން ހަނދާންކޮށްދެއެވެ.

އުޙުދު ހަނގުރާމައިން ދަސްކޮށްދިން މުހިންމު އެއް ފިލާވަޅަކީ، ކީރިތި ރަސޫލާގެ އަމުރުފުޅަށް ކިޔަމަންވުމާއި، އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބާވުމުގެ މުހިންމު ކަމެވެ. އެ ހަނގުރާމަ ފެށުމުގެ ކުރިން، ޢަބްދުﷲ ބުން ޖުބައިރު (ރ.ޢ) ގެ ޤިޔާދަތުގެ ދަށުގައި ދުނިދަނޑި އުއްކަވާ 50 ބޭކަލުން ރުމާތު ފަރުބަދައިގެ މަތީގައި ތިބުމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

”ދޫނިތަކެއް އައިސް ތިމަންބޭކަލުން ޖަހައިގަނެގެން ދާތަން ފެނުނަސް، ތިމަންކަލޭގެފާނު ތިޔަބޭކަލުން އައުމަށް ޓަކައި އަމުރު ނުކުރައްވާހާ ހިނދަކު، ތިޔަ ތިއްބެވި ތަން ދޫކޮށްލާފައި ވަޑައިނުގަންނަވާށެވެ.“

އެއަށްފަހު ހަނގުރާމަ ފަށައި، މުޝްރިކުންނާ ދެކޮޅަށް ވަރުގަދައަށް މުސްލިމުން ހަނގުރާމަކޮށް މައިދާނުގައި ކުރިއަރައި ކާމިޔާބު ހޯދަން ފެށިއެވެ. ފަހެ، މުޝްރިކުންގެ ތެރެއިން އެތައް ބަޔަކު ޤަތުލުކޮށް، އެތައް ބަޔަކު ޒަޚަމްވާން ފެށުމުން، އެބައިމީހުން އުންމީދު ކަނޑާލައި އެ ސަރަހައްދު ދޫކޮށް ފިލަން ދާން ފެށިއެވެ.

އެ ހިނދު، ރުމާތު ފަރުބަދަ މަތީގައި ތިއްބެވި ދުނިދަނޑިއުކާ ބައެއް ބޭކަލުންނަށް މުޝްރިކުން މައިދާން ދޫކޮށް ދާތަން ފެނުމުން، މުސްލިމުންނަށް ނަޞްރު ލިބުމުކަމަށް ހީކުރައްވައި، ހަނގުރާމައިގެ ޣަނީމާ އެއްކުރުމުގެ ވަސްވާހާއި ލޯބި ހިތުގައި އުފެދި، އެބޭކަލުންގެ މަޤާމުތައް ދޫކޮށްލައްވައި، ޣަނީމާ މުދާ އެއްކުރުމަށް ފަރުބަދަމަތިން ފޭބިއެވެ. މި މަންޒަރު، މުޝްރިކުންގެ ލަޝްކަރުގައި ހުންނެވި ޚާލިދު ބުން ވަލީދަށް ފެނިވަޑައިގެންނެވިއެވެ. އުޙުދު ހަނގުރާމަ ހިނގިއިރު، އެކަލޭގެފާނު އިސްލާމްވެވަޑައި ނުގަންނަވައެވެ.

ކޮންމެއަކަސް، ދުނިދަނޑިއުކާ ބައެއް ބޭކަލުން، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި އަމުރުފުޅާ ޚިލާފުވެ، ނުކިޔަމަންތެރިވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ވަގުތުގެ ފައިދާ ނަގައި މުޝްރިކުން އަނބުރާލާފައި އައިސް އެ ފަރުބަދައަށް އަރައި މުސްލިމުންގެ ފަހަތުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމެވެ. އެ ހިނދު މުސްލިމުންގެ ލަޝްކަރު، ހާސްކަމުގެ ތެރެއަށް ވެއްޓި، ބައިބައިވެ ވާނުވާ ނޭނގޭ ވަރަށް ކަންތައްތައް އޮޅިގެން ދިޔައެވެ. އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މުސްލިމުންނަށް ލިބިގެންދިޔައެވެ. އެ ދުވަހުގައި، މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި މުޅި ޖުމުލަ 70 ބޭކަލުން ޝަހީދުވެގެން ދިޔައެވެ.

އެ ދުވަހު އެ ވަގުތުގައި ޝަހީދުވި އަނަސް ބުން ނަޟްރު (ރ.ޢ) ގެ ހަށިގަނޑު ފެނުނު އިރު، އެ ހަށިގަނޑުގައި 80 އެތައް ޒަޚަމެއް ވެއެވެ. އެކަލޭގެފާނުގެ އުޚްތު އައްރުބައްޔިޢު (ރ.ޢ) އަށް މެނުވީ އެއީ އެކަލޭގެފާނުކަން ވެސް އެނގިވަޑައި ނުގެންނެވިއެވެ. އެ ކަމަނާއަށް އެކަލޭގެފާނުކަން ވެސް އެނގިވަޑައިގަތީ އެކަލޭގެފާނުގެ އިނގިލިފުޅުތަކުންނެވެ.

މި ހާދިސާއިން ހާމަވެގެންދަނީ، ޚާއްޞަކޮށް މުސީބާތްތަކުގެ ވަގުތުތަކުގައި، އަމުރުތަކަށް ކިޔަމަންތެރިވުމުގެ މުހިންމުކަމެވެ. ކާމިޔާބީއަށް ވާސިލުވުމުގައި، ޖަމާޢަތުގެ އެއްބައިވަންތަކަމާއި، އަދަބުވެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ހަނދާންކޮށްދެއެވެ. ހެޔޮ ނިޔަތެއްގައި ވިޔަސް ވެސް، ނުކިޔަމަންތެރިކަމާ ދިމާއަށް މީހާގެ ޢަމަލުތައް ގެންދިޔުމަކީ އޭގެން ބޮޑެތި މުސީބާތްތަކާ ކުރިމަތިވެދާނެ ކަމެކެވެ. އެ ހަނގުރާމައިން މުސްލިމް އުންމަތަށް ދަސްކޮށްދޭ ފިލާވަޅަކީ، މާއްދިއްޔަތާއި މުދާވެރިކަމަށް ހެއްލުމުގެ ނުބައި ކަމެވެ. އެއާޚިލާފަށް، އަމިއްލަ ފައިދާއަށް ވުރެ އީމާންތެރިކަމާއި ޖަމާޢަތުގެ ފައިދާއަށް އިސްކަންދިނުމުގެ މުހިންމު ކަމެކެވެ.

އުޙުދު ހަނގުރާމައަކީ މުސްލިމުންނަށް، ﷲ ސުބްހާނަހޫ ވަޠަޢާލާ ކުރިމަތިކުރެއްވި އިމްތިޙާނެކެވެ. ހަނގުރާމައިގެ ކުރީކޮޅު މުސްލިމުންނަށް ކާމިޔާބީ ލިބުނު ނަމަވެސް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމުރުފުޅާ ޚިލާފުވެ، ބައެއް ބޭކަލުންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ނާކާމިޔާބީއަށް ހުށަހެޅުނީއެވެ. ނަމަވެސް ނާކާމިޔާބީއާ ކުރިމަތިވި ނާޒުކު ހާލަތުގައި ވެސް، ގިނަ ޞަޙާބީ ބޭކަލުންގެ ފަރާތްޕުޅުން ފެނުނީ އީމާންތެރިކަމާއި ކެތްތެރިކަމެވެ. ގިނަ ބޭކަލުންނަށް، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނިވަޑައިނުގެން އުޅުއްވަނިކޮށް، އެކަލޭގެފާނު ޝަހީދުވިކަމުގެ ޚަބަރު ފެތުރެން ފެށިއެވެ. އެހިނދު ބައެއް ބޭކަލުންގެ ހިތްތައް މާޔޫސްވެ، އިށީނދެވަޑައިގެންނެވުނެވެ. އަނެއްބައި ބޭކަލުން ގަދަހިތްވަރާ އެކު ޝަހީދުވުމުގެ އަޒުމުގައި ހަނގުރާމަކުރެއްވިއެވެ.

ކީރިތި ޤުރުއާނުގައި މިކަމަށް އިޝާރާތްކުރައްވައި، ވަޙީކުރައްވާފައިވެއެވެ.

”ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަ ވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.“ – (އާލްޢިމްރާން 139).

މި އާޔަތުގައި އެވަނީ މުއުމިނުންނަށް އުޙުދު ހަނގުރާމައިގައި ދިމާވި ޤަތުލުވުމާއި ޒަޚަމްވުމުގެ ހިތްދަތިކަމަށް ފަހު އެބައިމީހުން ހިތްހަމަޖައްސައި ތަސައްލީ ދެއްވުމުގެ ބަސްކޮޅެކެވެ.

”(އުޙުދު ހަނގުރާމައިގެ ދުވަހު) ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭ ނަމަ، ހަމަކަށަވަރުން، (ކާފިރުންގެ) މީސްތަކުންނަށް ވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، (ބަދުރު ހަނގުރާމައިގެ ދުވަހުގައި) ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. އަދި، (އެއީ) އީމާންވެއްޖެ މީސްތަކުން، اللَّه ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށް ޓަކަޔާއި، ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ޝަހީދުން ކަމުގައި ލެއްވުމަށް ޓަކައެވެ. އަނިޔާވެރިން ދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.“ – (އާލްޢިމްރާން 140).

މި ފިލާވަޅަކީ މިއަދު މުސްލިމް އުންމަތަށް ވަރަށް މަތިވެރި ޢިބްރަތްތަކެއް ލިއްބައިދޭ ފިލާވަޅެކެވެ. ދިރިއުޅުމުގައި ތަފާތު މުސީބާތްތައް ކުރިމަތިކުރައްވައި އެކަލާނގެ މުއުމިނުން އިމްތިޙާނުކުރައްވައެވެ. ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކާ ކުރިމަތިލައި، އަމިއްލަ ނަފުސާ މެދު ގިނަފަހަރަށް ވިސްނާލެވެނީ އެފަދަ ހާލަތްތައް މެދުވެރިވުމުންނެވެ.

އުޙުދު ހަނގުރާމައިން މުސްލިމުންނަށް ދަސްކޮށްދިނީ، މުޞީބާތްތަކާ ކުރިމަތިވުމުން ސާބިތުވެ ތިބުމަށެވެ. ގޯސްތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ. الله ގެ ރޭވުންތެރިކަމާއި އިރާދަފުޅަށް އިތުބާރުކުރުމަށެވެ. ފަހެ، ކާމިޔާބީއަށް ކުރާ ދަތުރުގައި، ތިމާގެ އީމާންތެރިކަމާއި ޞާލިޙު ޢަމަލުތައް ދޫކޮށް ނުލުމަށެވެ.

ހަވާލާ:

  • ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާ. ސޫރަތުލް އާލްޢިމްރާން. ނެގީ: ޤުރުއާން ތަފުސީރު: https://quranthafseeru.com/read/3
  • އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ. (2023). އުޙުދު ހަނގުރާމަ. މާލެ: ދިސަލަފިއްޔާ.
ޝެއަރކުރެއްވުމަށް