ކޯސްޓްގާޑްގެ ނަމުގައި ސިފައިންގެ ޔުނިޓެއް 1980 ގެ ކުރިން އުފެއްދިފައި ނެތްނަމަވެސް ކަނޑުމަތީގެ ޚާއްޞަ މަސައްކަތްތަކެއް ވަރަށް ކުރީއްސުރެ ދިވެހި ސިފައިން އައީ ކުރަމުންނެވެ. މިގޮތުން ފަރަށް އަރާ ބޯޓްފަހަރު ފުންކުރުމަށް ޓަކައި ކުރެވިފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ ފަދަ މަސައްކަތްތަކެކެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ފުރަތަމަ ފަހަރަށް ޙަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ލ.ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ބޭރުމީހުން ވަދެ މަސްހިފަމުންދާތީ، އެކަން ހުއްޓުވުމަށް ޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ކޯސްޓްގާޑް އުފެދުން

1980 ޖަނަވަރީ 1 ވަނަ ދުވަހަކީ ސިފައިންގެ ތާރީޚުގައި ފާހަގަކުރެވިގެންދާނެ ދުވަހެކެވެ. މިއީ ސިފައިންގެ ޙިދުމަތަށް އަލަށް ގެނެވުނު 6.95 މީޓަރުގެ އައުޓްބޯޑް އިންޖީނުއެޅި ތިން ލޯންޗަކުން ”ލޯންޗް ސެކްޝަން“ ގެ ނަމުގައި ސިފައިންގެ ޔުނިޓެއް އުފެއްދުނު ދުވަހެވެ. މި ތިން ލޯންޗަކީ އެންއެސްއެސް 02، އެންއެސްއެސް 03 އަދި ޕޮލިސް 01 ނަންބަރު ލޯންޗެވެ. މި ލޯންޗްފަހަރު ސިފައިންގެ ތެރެއަށް ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ ކަނޑުގެ ސަރަޙައްދާއި އިޤުތިޞާދީ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަޤުޞަދުގައެވެ.

ކޯސްޓްގާޑްގެ ޚިދުމަތް ފުޅާކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ނުހަނު ބޮޑު ސަރަޙައްދަކަށް ވާއިރު، ލޯންޗް ސެކްޝަންގެ ނަމުގައި އުފެއްދުނު މި ކުޑަ ޔުނިޓް، މަޑުމަޑުން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަން ވަނީ ފަށްޓާފައެވެ. ކޯސްޓްގާޑް އުފެދިގެން އައި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުގައި ރާޑަރ ސްޓޭޝަންތައް ޢިމާރާތްކުރެވިފައިވެއެވެ. މިގޮތުން ރާޑަރ ސްޓޭޝަން ޤާއިމުކުރެވިފައިވާ ރަށްތަކަކީ 1983 ވަނަ އަހަރު ލ.ހިތަދޫ، 1985 ވަނަ އަހަރު ގއ.ވިލިނގިލި، 1987 ވަނަ އަހަރު ހއ.ކެލާ އަދި 1997 ވަނަ އަހަރު އައްޑުއަތޮޅު ގަމެވެ. މި ރާޑަރ ސްޓޭޝަންތަކުގެ ތެރެއިން މިހާރު އޮޕަރޭޓް ކުރެވެމުން އަންނަނީ އައްޑުއަތޮޅު ގަމުގައި ޤާއިމްކުރެވިފައިވާ ރާޑަރ ސްޓޭޝަނެވެ.

ކޯސްޓްގާޑުގެ ޚިދުމަތް ރަމްޒުކޮށްދޭ އެއް ތަނަކީ މާލޭގައި ޢިމާރާތް ކުރެވި، ”ކޯސްޓްގާޑް ބިލްޑިންގ“ ގެ ނަމުން ނަންދެވިފައިވާ ޢިމާރާތެވެ. މިއީ 1989 ވަނަ އަހަރު ބިންގާ އެޅި، 1994 އެޕްރީލު 21 ވަނަ ދުވަހު ރަސްމީގޮތުން ހުޅުވިފައިވާ ޢިމާރާތެކެވެ. މި ޢިމާރާތް ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާގެ ނައިބް، މޭޖަރ ޖެނެރަލް ޢަބްދުއްސައްތާރު ޢަންބަރީއެވެ.

ކަނޑުގެ ވެށްޓަށް އެޅޭ ތެޔޮ ނަގާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ޑިފެންސް މިނިސްޓްރީން ވަނީ 2003 ވަނަ އަހަރުގެ ތެރޭގައި ”ކެޕްނަރ ޕްލާސްޓިކް ފެބްރިކޭޓަރސް އިންކް“ އިން 02 ސީވެކް ހެލި ސްކިމަރ ކޯސްޓްގާޑަށް ހޯއްދަވާދެއްވާފައެވެ. މިއީ ކަނޑަށް އެޅޭ ތެޔޮ ނެގުމުގެ ޤާބިލުކަން ލިބިފައިވާ ދެ އުޅަނދެވެ. ސީވެކް ހެލި ސްކިމަރގެ އިތުރަށް ކޯސްޓްގާޑަށް ވަނީ އޮއިލް ޕޮލިޔުޝަންގައި ބޭނުންކުރުމަށް ޓަކައި ރިވަރ ބޫމްސްއާއި ސްކިމިންގ ޕަމްޕު ވެސް ހޯއްދަވާދެއްވާފައެވެ. 

ދިވެހިރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމާއި އަދި ކޯސްޓްގާޑާ ހަވާލުކުރެވިފައިވާ ކަނޑުމަތީގެ ޓާސްކުތައް ފުރިހަމައަށް އަދާކުރުމުގެ މަޤުޞަދުގައި އިންޑިޔާ ނޭވީން ފާސްޓް އެޓޭކް ކްރާފްޓެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ވަނީ ހަދިޔާކުރައްވާފައެވެ. އައިއެންއެސް ތިލަންގްޗަންގް ޑީކަމިޝަން ކުރުމާއި، އެމްއެންޑީއެފް ކޯސްޓްގާޑު ހުރަވީގެ ނަމަށް އެ އުޅަނދު ކަމިޝަން ކުރެވުނީ 2006 އެޕްރީލު 16 ވަނަ ދުވަހުއެވެ.

ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިންޑިޔާ ނޭވީގެ ހައިޑްރޮގްރެފިކް ޑިޕާޓްމަންޓުން ވަނީ ރާއްޖޭގައި ބޭނުންކުރާ ނިޔަމިކަމުގެ ޗާޓް އިސްލާޙްކުރުމަށް ޓަކައި ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް، 2006 އެޕްރީލު 15 އިން 2006 މޭ 15 އަށް އިންޑިޔާ ނޭވީ ހައިޑްރޮގްރަފިކް ޝިޕް ”އައިއެންއެސް ދަރްޝަކް“ ގެ އެހީގައި ކުރައްވާފައެވެ.

ޖީއެމްޑީއެސްއެސްގެ ނިޒާމް ރާއްޖޭގައި ޤާއިމުކުރެއްވުމާއި، އެ ނިޒާމް ހިންގަވައި ބަލަހައްޓާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ ކަމުގައި 1998 ޑިސެންބަރު 31 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން 1999 އެޕްރީލު 12 ގައި މި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ވަނީ ކޯސްޓްގާޑާ ހަވާލުކުރައްވާފައެވެ. ޖީއެމްޑީއެސްއެސް ނިޒާމް ރާއްޖޭގައި ޤާއިމްކުރުމަށް ޓަކައި ކުރަމުން އައި މަސައްކަތް ނިންމާލެވި، ކ. ވިލިނގިލީގައި އެ ނިޒާމް ރާއްޖޭގައި ރަސްމީގޮތުން ފަށްޓަވައިދެއްވާފައިވަނީ 2006 ޖަނަވަރީ 1 ވަނަ ދުވަހު މިކަމަށް ޓަކައި ޖީއެމްޑީއެސްއެސް އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން، އޮނަރަބަލް އަލްފާޟިލް މުޙައްމަދު ސަޢީދުއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ ކަނޑުމަތީގެ ޙާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޯސްޓްގާޑުގެ ޚިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކެއް ޤާއިމްކުރުމުގެގޮތުން 2006 ޖަނަވަރީ 31 މ. (1 މުޙައްރަމް 1426 ހ.) ވަނަ ދުވަހު ގދ. ކާޑެއްދޫގައި ކޯސްޓްގާޑުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރެއް ވަނީ ޤާއިމްކުރެވިފައެވެ.

ކޯސްޓްގާޑުގެ ތަމްރީނު    

ކޯސްޓްގާޑުން ހިންގާ ތަމްރީނުތަކަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ ތަމްރީނަކީ އިންޑިޔާ ކޯސްޓްގާޑާ ގުޅިގެން 1991 ވަނަ އަހަރުން ފެށިގެން ހިންގެމުން އަންނަ ”އިންޑޯ މޯލްޑިވްސް ޖޮއިންޓް އެކްސަސައިޒް – ދޯސްތީ“ އެވެ. މިހާތަނަށް އިންޑިޔާ ކޯސްޓްގާޑާ ގުޅިގެން ”ދޯސްތީ“ ހަތް އެކްސަސައިޒް ވަނީ ދިވެހިރާއްޖޭގައި ބޭއްވިފައެވެ. މީގެ އިތުރުން އެމެރިކަން ނޭވީއާ ގުޅިގެން ”ޖޮއިންޓް މިލިޓަރީ ސާޗް އެންޑް ރެސްކިޔު އެކްސަސައިޒް“ ތަކެއް 1993 ވަނަ އަހަރުން ފެށިގެން ބޭއްވެމުން އައިސްފައިވެއެވެ. ކޯސްޓްގާޑުގެ މީހުންނަކީ ހުނަރުވެރި ބަޔެއްކަމުގައި ހެދުމަށް ޓަކައި އެކި ދުވަސްވަރު އެކި ފެންވަރުގެ ތަމްރީނުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް ކޯސްޓްގާޑުގެ ތަމްރީނާ ބެހޭ ސަބްޔުނިޓެއް އުފެދި، ތަމްރީނުގެބައި ފުޅާވެގެންދާން ފަށާފައިވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން ކޯސްޓްގާޑް ބޭސިކް ކޯހުގެ ނަމުގައި މުޤައްރަރެއް އެކުލަވާލެވި، 2 މަސް ދުވަހުގެ މުއްދަތަށް ހިންގި ފުރަތަމަ ކޯސް މާލެއާއި، ޅ.މަޑިވަރުގައި 2001 ޖަނަވަރީ 1 ވަނަ ދުވަހު ފެށްޓިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ކޯހުގެ އިތުރުން ކޯސްޓްގާޑުން ވަނީ އޯޕަން ވޯޓަރ ޑައިވިންގ ކޯސް، އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް، ޑައިވް މާސްޓަރ ކޯސް ހިންގައި، ގިނަ ޑައިވަރުންތަކެއް ސިފައިންގެ ޚިދުމަތަށް ނެރެފައެވެ.

ޤައުމީ ފެންވަރުގައި ޙާސިލުކުރެވިފައިވާ ކާމިޔާބީ

  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެގޮތުން ”މިނިވަން ދިވެހިރާއްޖެ – ސާފު ދިވެހިރާއްޖެ“ ޝިޢާރުގެ ދަށުން ކޯސްޓްގާޑުން ހިންގަމުންދާ ފަޅު ސާފުކުރުމުގެ މަސައްކަތާއި އަދި ސިފައިންގެއިން އިސްނަންގަވައިގެން ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތްތަކަށް ޓަކައި، 1997 ޖޫން 5 ވަނަ ދުވަހު ވަނީ ރަމްޒީ ހަނދާނީ ފެހިފަތް ރައީސުލްޖުމްހޫރިއްޔާ އެންއެސްއެސްއަށް ދެއްވާފައެވެ.
  • 1999 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޓަކައި ފާދިއްޕޮޅުގައި ބޭއްވި ޚާއްސަ ޖަލްސާގައި، ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރައްވައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސްއިން ހަނދާނީ ލިޔުމެއް ވަނީ ކޯސްޓްގާޑަށް ދެއްވާފައެވެ.
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ”މިނިވަން ދިވެހިރާއްޖެ – ސާފު ދިވެހިރާއްޖެ“ ޝިޢާރުގެ ދަށުން ކޯސްޓްގާޑުން ހިންގަމުންދާ ފަޅު ސާފުކުރުމުގެ މަސައްކަތަށް ޓަކައި، 2000 ޖޫން 5 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަމްޒީ ހަނދާނީ ފެހިފަތް އެންއެސްއެސްއަށް ލިބިފައެވެ.
  • 2002 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޓަކައި، ކޮޅުމަޑުލު އަތޮޅުގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރައްވާ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗްރ އެންޑް މެރިން ރިސޯސްއިން ހަނދާނީ ލިޔުމެއް ކޯސްޓްގާޑަށް ވަނީ ދެއްވާފައެވެ.
ޝެއަރކުރެއްވުމަށް