އެމެރިކާގައި ކޮންމެ 8 އަންހެނަކުން އެކަކު އެމީހެއްގެ ހަޔާތުގެ ކޮންމެވެސް އެއްހިސާބެއްގައި އުރަމަތީގެ ކެންސަރު ޖެހެއެވެ. ކޮންމެ 3 މިނިޓަކުން އެކަކު އުރަމަތީ ކެންސަރު ޖެހިފައިވާކަން ޑޮކްޓަރެއްގެ އެހީތެރިކަމާއިއެކު ކަށަވަރުކުރެވިގެންދެއެވެ. ކޮންމެ 13 މިނިޓަކުން އެކަކު އުރަމަތީގެ ކެންސަރު ގެ ސަބަބުން ދުނިޔެ ދޫކުރެއެވެ. އަދި މަދުން އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ފިރިހެނުން ވީނަމަވެސް އަންދާޒާ ކުރެވޭގޮތުގައި 2470 ފިރިހެނުންނަށް ކޮންމެ އަހަރަކު އުރަމަތީގެ ކެންސަރު ޖެހި ފަރުވާ ކުރެވެއެވެ. ތިމާ އަކީ އުރަމަތީ ކެންސަރު އަމިއްލައަށް ތަޖުރިބާ ކުރެވިފައިވާ މީހެއްކަމުގައި ނުވާނަމަ ތިމާ ދަންނަ ކޮންމެވެސް މީހަކު މިބަލީގެ ޝިކާރަކަށް ވެފައިވާނެއެވެ.

އަންހެނަކަށް ވުމަކީ އުރަމަތީ ކެންސަރަށް މަގުފަހި ކުރުވާ އެއް ރިސްކް ފެކްޓަރއެވެ. މީގެ އިތުރުން އާއިލާގެ މެންބަރަކަށް އުރަމަތީ ކެންސަރުޖެހިފައި ވާނަމަ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރުވުމާއި އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތު ނުކުރާ ނަމަވެސް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެން ދެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހޯމޯން ރިޕްލޭސްމަންޓް ތެރަޕީއާއި ގިނަ ދުވަސް ވަންދެން ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުމަކީ ވެސް އުރަމަތީ ކެންސަރަށް މަގުފަހިވާކަންތައްތަކެވެ.

ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްވެސް އިންސާނަކަށް އުރަމަތީގެ ކެންސަރުން އަމިއްލައަށް ދިފާޢުވުމުގެ ޤާބިލުކަން ލިބިފައެއް ނުވެއެވެ. އުރަމަތީގެ ކެންސަރުން ސަލާމަތްވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ކެންސަރު ޖެހިފައިވާކަން އަވަހަށް ދެނެގަނެ ފަރުވާ ކުރުމެވެ. އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ދެނެގަނެވޭނެ އެންމެ ފަސޭހަ  އަދި އެންމެ ޚަރަދުކުޑަ ގޮތަކީ ކޮންމެ މީހަކަށް ވެސް އަމިއްލައަށް އަތްލައި އިޙްސާސްކޮއްގެން އުރަމަތީގައި ގަނޑެއްލާފައި ވޭތޯބަލުމެވެ. މިގޮތަށް އިޙުސާސްކޮއްގެން ދެނެގަނެވޭ ގަނޑުތަކުގެ ތެރެއިން 10 ގަނޑުގެ ތެރެއިން 2 ގަނޑު ކެންސަރަށް ވުމުގެ ފުރުސަތު އޮންނަކަމަށް ދިރާސާ ތަކުން ދައްކައެވެ. ވީމާ އަމިއްލައަށް ބަލާ ބެލުމުން އެއްވެސް ކަހަލަ އާދަޔާ ޚިލާފް ކަމެއް އުރަމަތިން ފާހަގަ ކުރެވޭނަމަ އަވަހަށް ޑޮކްޓަރެއް ނުވަތަ ޞިއްޙީ އެހީތެރިއެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން 45 އަހަރުން މަތީގެ ކޮންމެ އަންހެނަކު ވެސް ޑޮކްޓަރެއްގެ އެހީތެރިކަމާއެކު އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ގޮތުން މެމޯގްރާމެއް ހެދުމަކީ ވަރަށް މުހިންމުކަމެކެވެ.

މެމޯގްރާމްއަކީ ވަކި ގޮތަކަށް ނެގޭ އުރަމަތީގެ އެކްސްރޭ އެކެވެ. ކުރިން ބުނެވި ދިޔަ ކަހަލަ އުރަމަތީގައި ލާފައި ހުންނަ ގަނޑު އަމިއްލައަށް އިޙްސާސް ވުމުގެ ތިން އަހަރު ކުރިން މެމޯގްރާމްއެއްގެ އެހީގައި ދެނެގަނެވޭނެއެވެ. އެއަށްފަހު މިގޮތައް ފާހަގަ ކުރެވޭ ގަނޑުން އެތިކޮޅެއް ނެގުމަށް ފަހު ބައޮޕްސީ ހަދާ ކެންސަރުތޯ ބެލޭނެއެވެ. އުރަމަތީ ކެންސަރު އަވަހަށް ދެނެގަނެ ފަރުވާ ނުކޮށް ގިނަދުވަސް ވެއްޖެނަމަ ކެންސަރ ސެލްތައް އުރަމަތިން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން އާންމުގޮތެއްގައި ޗިސްމޭ، ސިކުނޑި، ފުއްޕާމޭ އަދި ކަށްޓަށް ކެންސަރު ފެތުރެއެވެ.

އޮކުޓޫބަރު މަަހަކީ ދުނިޔޭގެ ފެންވަރުގައި އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭ މަހެކެވެ. އޮކުޓޫބަރު މަސް ފާއިތުވީ ކަމުގައިވީނަމަވެސް ކުރިއަށް އޮތް ކޮންމެ ދުވަހަކީވެސް އުރަމަތީގެ ކެންސަރު ސްކްރީން ކުރެވޭ ދުވަހަކަށް ހަދަންޖެހެއެވެ. މި ބަލީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރާ މީހުންގެ އަދަދު މަދު ކުރެވޭނީ ކޮންމެ މީހަކަށް ވެސް މި މަޢުލޫމާތު ލިބި ހޭލުންތެރި ކުރެވިގެންނެވެ.

ޝެއަރކުރެއްވުމަށް