2004 މާރިޗު 17 ދުވަހުގެ ރޭ ގާތްގަނޑަކަށް 08:45 އެހާކަންހާ އިރު ހިނގި މި ހިތާމަވެރި ހާދިސާގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އެނަމާބޯޓް ބަންޑުން ޖަހާލައި އެ ބޯޓުން ދަތުރުކުރި އެންމެން ކަނޑުވެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނާ އެކު ޖުމްލަ 22 މީހުން މަރުވެ، 2 ކުދިން ގެއްލުނެވެ. ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކުޅުނު ފުޓްބޯޅަ މެޗެއް ބަލަންދިޔަ ތިނަދޫ ސަޕޯޓަރުން ދަތުރުކުރި އެނަމާބޯޓް ބަންޑުންޖަހާލީ އެ ބޯޓާ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓް ދުރުން ދަތުރުކުރި ތިނަދޫ އަރުތަ ދޯނިން އުފެދުނު ރާޅުގައިޖެހި ހުންގާނު ނެއްޓިގެން ބޯޓް ކޮންޓްރޯލް ނުކުރެވިގެންނެވެ. މި ހިތާމަވެރި ޙާދިސާ ހިނގި އިރު އެ ބޯޓުން ދަތުރުކުރި މީހުންގެ ސީދާ ޢަދަދެެއް އެއްވެސް މީހަކަށް ނޭނގެއެވެ. ފަހުން އެނގުނު ގޮތުގައި 70 މީހުންގެ ޖާގަ އޮންނަ މި ބޯޓުން 126 މީހުން ދަތުރުކޮށްފައިވެއެވެ.

އެންމެ ހިތާމަވެރި ހާދިސާ
މި ހިތާމަވެރި ހާދިސާ ހިނގި އިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ވަގުތުން ތިނަދޫއަށް ފޮނުއްވިއެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ރާއްޖެ ވަޑައިގެން 2004 މާރިޗު 20 ގައި ތިނަދޫއަށް ޒިޔާރަތްކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވިއެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންނާ ބައްދަލުކުރައްވައި ހާލު ބައްލަވައި ތަޢުޒިޔާ ވިދާޅުވިއެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން 2004 މާރިޗު 19 ވީ ހުކުރު ދުވަސް ރާއްޖޭގައި ފާހަގަކުރެވުނީ ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައެވެ. އެ ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް މަޖައްލާ ޓީމްގެ ފަރާތުން އަދި ހުރިހާ ސިފައިންގެ ފަރާތުން ވަރަށް އިޚުލާޞްތެރި ތަޢުޒިޔާއެއް ރައްދުކުރަމެވެ.
ތިނަދޫ އެނަމާބޯޓް ބަންޑުން ޖަހާލި ޙާދިސާއާ ބެހޭ މަޢުލޫމާތު ހޯދުމަށް އަޅުގަނޑުމެން ކޯސްޓްގާޑަށް ދިޔަ އިރު އެ ވަގުތަކީ ވެސް ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ކޯސްޓްގާޑް އޮޕަރޭޝަނުން މަސައްކަތް ކުރަމުން ދިޔަ ވަގުތެވެ. އެ ތަނުގައި މަންޒަރު ބަލަންހުރި އިރު އަޅުގަނޑުމެންނަށް ސިފަވަމުން ދިޔައީ އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ ޙަރަކާތްތައް ހުންނާނެ ގޮތެވެ.އެނަމާބޯޓް ބަންޑުން ޖަހާލި ޚަބަރު ކޯސްޓްގާޑަށް ލިބުނީ 2004 މާރިޗު 17 ދުވަހުގެ ރޭ 21:17 ގައެވެ. އެ ވަގުތުން ފެށިގެން ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފެށިއެވެ. އެރޭ އެ ހިތާމަވެރި ހާދިސާ ހިނގި އިރު ސިފައިންގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު ހުންނެވީ ދެކުނު ސިފައިންގެ މަރުކަޒުތަކަށް ފެށްޓެވި ދަތުރުފުޅެއްގައި ލ.ކައްދޫގައެވެ. އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމާ އެކު އެމަނިކުފާނުގެ ދަތުރުފުޅު ކުރުކޮށްލެވުމަށްފަހު އެނަމާބޯޓް ބަންޑުންޖަހާލި ތަނަށް ވަޑައިގެން، މަރުވެ ބޯޓްގައި ތާށިވެފައިވާ މީހުން ނެގުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތުގައި އެމަނިކުފާނުގެ އިތުރުން އަރިހުގައި ވަޑައިގެންނެވި ލެފްޓިނެންޓް ކާނަލް އަޙުމަދު މުޙައްމަދާއި ލެފްޓިނެންޓް ކާނަލް އަޙުމަދު ޝިޔާމް ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަތެވެ. އަދި ގދ. ތިނަދޫ ރައްޔިތުންނާއި ގއ.، ގދ.ގައި ދުއްވާ އޮޑިދޯނިފަހަރުގެ އެހީތެރިކަމުގެ އިތުރުން ޚާއްޞަކޮށް މިފްކޯގެ ފަރާތުން ލިބުނު އެހީތެރިކަން އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ލިބިފައިވާ ފުރިހަމަ އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަމެވެ. ސިފައިން، ރެޔާއި ދުވާލު އަރާމެއްނެތި ކުރަމުންދިޔަ އެ ބުރަ މަސައްކަތް ކުރަމުންގެންދިޔައީ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު އެސަރަޙައްދުގައި ހުންނަވައިގެން އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
ސިފައިންދެއްކީ ޚިދުމަތުގެ ރީތި ނަމޫނާއެއް
އެނަމާބޯޓް ދެއްވަދޫއާއި 4 ނޯޓިކަލް މޭލު އުތުރަށް ބަންޑުންޖަހާލި ޚަބަރު ލިބުމާ އެކު ކޯސްޓްގާޑުން އެ މެސެޖް ހުރިހާ ކޯސްޓްގާޑު އުޅަނދުފަހަރަކަށް ވަގުތުން ދިނެވެ. އެ ވަގުތުން ފެށިގެން ކޯސްޓްގާޑުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އޭރުގެ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް، ކާނަަލް އަޙުމަދު ޒާހިރު، ކޯސްޓްގާޑު އޮޕަރޭޝަންސްއަށް ވަޑައިގެން އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި ޙާދިސާ ހިނގި ތަނަށް ފުރަތަމަ ފޮނުވީ 16 ވަނަ އެސްޓީއެފް ޓްރޭނިންގ ކޯހުގެ ފައިނަލް އެކްސަސައިޒްގައި ޙަރަކާތްތެރިވުމަށް ގއ. ވިލިނގިލީގައި އޮތް ކޯސްޓްގާޑު ލޭންޑިންގ ކްރާފްޓެވެ. ބަންޑުންޖަހާލާފައިވާ އެނަމާބޯޓް ކައިރިއަށް އެލްސީވީއަށް ދެވުނީ އެރޭގެ 22:34 ގައެވެ. އެ ވަގުތުން ފެށިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފެށިއެވެ.

2004 މާރިޗު 18 ދުވަހުގެ މެންދަމު 01:16 ގައި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓަކުން ކޯސްޓްގާޑުން ޑައިވަރުންގެ ޓީމަކާއި ތަކެތި ވަނީ ފޮނުވާފައެވެ. މި ހާދިސާއާ ގުޅިގެން ގދ.ތިނަދޫގައި އެމްއެންޑީއެފްގެ އޮޕަރޭޝަން ސެންޓަރެއް ވަގުތުން ޤާއިމު ކުރެއްވިއެވެ. މި ސެންޓަރުގައި އިސްކޮށް ޙަރަކާތްތެރިވެލެއްވީ ޕޮލިސް ހެޑްކްއޯޓާރޒްއިން މޭޖަރ މުޙައްމަދު ޞާދިޤާއި ކޯސްޓްގާޑުން ކެޕްޓަން މުޙައްމަދު އިބްރާހީމް (އެމްއައި) އެވެ. މި އޮޕަރޭޝަންގައި ކޯސްޓްގާޑުގެ ފަރާތުން އެންމެ އިސްކޮށް ސައިޓުގައި ޙަރަކާތްތެރިވެލެއްވީ ލެފްޓިނެންޓް އަޙުމަދު ނަޢީމެވެ.
އެނަމާބޯޓް ބަންޑުންޖަހާލައި، އެތައް ބަޔަކު މަރުވި ހިތާމަވެރި ޚަބަރު އަޅުގަނޑުމެން އަހަމުން ގެންދިޔައީ ވަރަށް ފުން ހިތާމަޔާ އެކުގައެވެ. ރޭގަނޑުގެ އަނދިރިކަމާއި އެ ކަނޑުގެ ފުންކަމާއި އެ ދަތުރުގައި ހިމެނުނު ކުޑަކުދިންނާއި އަންހެނުންގެ ރުއިމާއި އާދޭހުގެ އަޑުތައް އެފަޒާގެ ތެރޭގައި ގުގުމާނެވަރު ހިތަށް އެރުމުން ކުރެވުނީ ވަރަށް ތަފާތު އިޙުސާސެކެވެ.
70 މީޓަރުގެ ފުން ކަނޑުގެ ތެރެއަށް ބަންޑުން ޖަހާލައި، ބަނޑުފިލައިން ކުޑަތަންކޮޅެއް ފެންމައްޗަށް ހިކިފައި އޮތް ބޯޓްތެރޭގައި މަރުވެފައިތިބި މީހުން ނެގީ އެނަމާބޯޓް ކައިރިއަށް ދިޔަ ސިފައިންނެވެ. ފުރަތަމަ އެތަނަށް ދިޔަ ސިފައިން ވަނީ ދިރިހުއްޓާ މީހަކު ސަލާމަތް ކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައެވެ. އެ މަސައްކަތްތަކުގެ ނުރައްކާތެރިކަމާއި އެ މަސައްކަތް ކުރި ގޮތް އެނގޭ ހެއްޔެވެ؟ ހަށިގަނޑުގައި ވާ އައްސައިގެން ބޯޓްގެ އެތެރެއަށް ފީނައިގެން އެމީހުން ނެގިއެވެ. އެމީހުންގެ ފުރާނަ ސަލާމަތްކުރެވޭތޯ އަވަސް ފަރުވާ ވެސް ދެވުނެވެ. ރޭގަނޑުގެ މެންދަމު ކަނުއަނދިރީގައި ސިފައިން ފީނަމުންދިޔަ އެނަމާބޯޓް އެތެރޭގެ ޙާލަތު އެނގޭ ހެއްޔެވެ؟ އެބޯޓުގެ އެތެރެ އޮތީ ތެލުން ތަޣަައްޔަރުވެފައެވެ. ކުނިބުންޏާއި ސަތަރިފަދަ ތަކެތީގެ ސަބަބުން އެތެރެއަށް ފީނަން އުނދަގުލެވެ. އަދި އެހާމެ އަނދިރިއެވެ. އޭގެ ފަހުން އެނަމާބޯޓް ކައިރިއަށްދިޔަ ސިފައިންގެ ޑައިވަރުންކުރި ބުރަ މަސައްކަތް ވަޒަންކޮށްލެވޭ ހެއްޔެވެ؟ ކުރިން ގޮސްތިބި ސިފައިންނާއި ފަހުންދިޔަ ކޯސްޓްގާޑު ޑައިވަރުން ގުޅިގެން މަރުވެފައިވާ މީހުން ބޯޓް ތެރޭގައި ތާށިވެފައި ތިއްބާ ނެގީ ކިހިނެއް ހެއްޔެެވެ؟ ތާނގީ ބަނދެގެން ސިފައިންކުރި ބުރަމަސަައްކަތަށް ތަޢުރީފު ޙައްޤެވެ. މީގެ އިތުރުން މި ހިތާމަވެރި ޙާދިސާގައި ގެއްލުނު މީހުން ހޯދުމުގައި ސިފައިން މަސައްކަތްކުރި ގޮތް އެނގޭ ހެއްޔެވެ؟ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގެއްލުނު މީހުން ހޯދުމަށް މެދުނުކެނޑި 8 ދުވަސްމަތިން މަސައްކަތްކޮށްފައިވެއެވެ. މިގޮތުން ގއ އަދި ގދ މި ދެ އަތޮޅުގެ ދޯނިފަހަރުގެ އެހީއާ އެކު ބޮޑުސަރަޙައްދެއް މެދުނުކެނޑި ބަލާފައިވަނީ ގއ. ކޫއްޑޫގައި ސިފައިން ތިބެގެން ދޯނިފަހަރަށް ބޭނުންވާ ތެޔޮ ދޫކޮށްގެންނެވެ. މީގެ އިތުރުން ކޯސްޓްގާޑު 151 މިދިލި ލޯންޗާއި، 133 ކާނި ލޯންޗް މެދުނުކެނޑި މި ސަރަޙައްދު ސާޗްކޮށްފައިވެއެވެ. އެނަމާބޯޓް ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން ސިފަައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ. މި އޮޕަރޭޝަން ސިފައިން ނިންމާލީ 2004 މާރިޗު 24 ގައެވެ.

މި އޮޕަރޭޝަނުގައި އެކިގޮތްގޮތުން ޙަރަކާތްތެރިވި ހުރިހާ ސިފައިންނަކީ، އަދި ވަކިން ޚާއްޞަކޮށް އެނަމާބޯޓް ބަންޑުންޖަހާލި ތަނަށް ގޮސް ޙަރަކާތްތެރިވި ސިފައިންނަކީ އަޅުގަނޑުމެން ހުރިހާ ސިފައިން އެބަޔަކަށް ޓަކައި ފަޚުރުވެރިވާ ހިތްވަރުގަދަ ބައެކެވެ. މި ހާދިސާގައި ޙަރަކާތްތެރިވި އެންމެހާ ސިފައިންނަށް ޓަކައި ދިވެހި ސިފައިން ފަޚުރުވެރިވެއެވެ.
ސިފައިންކުރި ޖެހިލުންކުޑަ މަސައްކަތް
އެނަމާބޯޓު ބަންޑުން ޖަހައިލި ސަރަޙައްދަށް ފުރަތަމަ ދިޔަ ސިފައިން ދިޔައީ ގއ. ވިލިނގިލީގައި 16 ވަނަ އެސްޓީއެފް ޓްރޭނިންގގައި ޙަރަކާތްތެރިވުމަށް ގޮސް އޮތް ކޯސްޓްގާޑު ލޭންޑިންގ ކްރާފްޓްގައެވެ. ”އަޅުގަނޑުމެންނަށް ދެވުނު އިރު ބޯޓުގެ ފެނުން މައްޗަށް ހިކިފައިވާ ތަނުގައި މީހުން އަރާތިބި. އޭރުވެސް ބޯޓުކައިރީގައި ދޯންޏެއް އޮތް. ފުރަތަމަ އަޅުގަނޑުމެން ބެލީ ދިރިހުރި މީހަކު ފެނޭތޯ. މިގޮތުން ކުދިންގެ ގައިގައި ވާ ޖަހައިގެން ބޯޓުގެ ތެރެއަށް ފީނުވައިގެން މީހުންނެގީ.“ މީހުން ސަލާމަތްކުރުމުގައި އެންމެ ފުރަތަމަ ޙަރަކާތްތެރިވި މީހުންގެ އެންމެ އިސްމީހަކަށް ހުންނެވި ޓްރޭނިންގ ޔުނިޓްގެ ސީނިއަރ އިންސްޓްރަކްޓަރ، ވޮރަންޓް އޮފިސަރ 2 މުޙައްމަދު ސާމީ ބުނުއްވިއެވެ. ސާމީ ވަނީ މަރުވެފައިވާ މީހުން ހޯދާ ނެގުމަށް މަސައްކަތްކުރި ކޯސްޓްގާޑުގެ ޑައިވިންގ ޓީމާ އެކު ވެސް ބޯޓްތެރެއަށް ޑައިވިންގކޮށް ހަދާފައެވެ.
އެނަމާ ބޯޓް ބަންޑުން ޖަހާލި ސަރަޙައްދަށް ފުރަތަމަ ދިޔަ ސިފައިންނަށް މަސައްކަތް ކުރަންވީ ގޮތާއި ޢަމަލުކުރަންވީ ގޮތް އޮޅުންފިލުވައިދީ މަސައްކަތް ފެށްޓީ އަޅުގަނޑާއި ވޮރަންޓް އޮފިސަރ 2 އިސްމާޢީލް ނަޞީރު. ގައިގާ ވާ އައްސައިގެން ބޯޓްތެރެއަށް ކުދިން ފީނުވައިގެން 4 މީހެއްގެ ހަށިގަނޑު އެވަގުތު އަޅުގަނޑުމެން ނެގިން. މި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ އަނގައިން އަނގަޔަށް ނޭވާ ލައްވާދީ ސީޕީއާރު ދީ ހެދުމުގައި ކޯޕްރަލް އިލްޔާސް ޢަބްދުﷲ (ޓްރޭނިންގ ޔުނިޓްގެ މެޑިކް) ގެ މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން. މި މަސައްކަތުގައި ކޯސްޓްގާޑް އެލްސީވީގެ ކެޕްޓަން ސާޖަންޓް އަޙްމަދު މުޙައްމަދާއި އެ ލޯންޗްގެ ފަޅުވެރިންގެ މިންނެތް މަސައްކަތަށް ތަޢުރީފްކުރަން. ފުރާނައަށް ނުރައްކާ ވެދާނެފަދަ ގޮތަކަށް އެކަމަކު އެއްވެސް ޖެހިލުމެއްނެތި ކޯސްޓްގާޑްގެ ޑައިވިންގ ޓީމާއި، އެސްޕީޖީގެ ޑައިވަރުން އަދި ފުރަތަމަ ދިޔަ ޓްރޭނިންގ ޔުނިޓްގެ އިންސްޓްރަކްޓަރުން ކުރި ޖެހިލުންކުޑަ ހުނަރުވެރި މަސައްކަތަށް ތަޢުރީފާ ޝުކުރު ޙައްޤު، އެބުރަ މަސައްކަތް ކުރެވެމުން ދިޔައިރު ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު އެތަނުގައި ހުންނަވައިގެން ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވި ހިތްވަރު އެއީ މި މަސައްކަތް ފުރިހަމަކަމާ އެކު ކާމިޔާބު ކުރުމަށް ލިބުނު އެންމެބޮޑު ސިއްރަކީ. – ވޮރަންޓް އޮފިސަރ 2 މުޙައްމަދު ސާމީ

ކޯސްޓްގާޑު އެލްސީވީގައި ފުރަތަމަ އެ ސަރަޙައްދަށް ދެވުނު ސިފައިން މަސައްކަތްކޮށްފައިވަނީ ދިރިހުރި މީހަކު ފެނޭތޯއެވެ. ކަޅުތެލާއި ޑީސަލް ގިނަ ޢަދަދަކަށް ބޯޓުތެރެއަށް އެޅިފައިވުމުން އެ މަސައްކަތްވީ ވަރަށް ނުރައްކާތެރި މަސައްކަތަކަށެވެ. “ އާދައިގެ މޫނުމަތި އަޅައިގެން އެކުދިން ފީނީ. އަޑިއަށްގޮސް އެރުމަށްފަހު މާސްކު އޯމޯ ބާލިދީއަކަށް ލައިގެން ސާފުކޮށްގެން ދެވަނަފަހަރަށް ދަނީ. އެހާވަރަށް ތެލުގެ އަސަރުހުރި. ބޯޓުތެރެއަށް ފީނައިގެން މީހުން ނެގުމުގެ މަސައްކަތް ކުރުން އެއީ އަޅުގަނޑުމެން ހުރިހާ ސިފައިން ފަޚުރުވެރިވާންޖެހޭވަރުގެ ޖެހިލުންކުޑަ މަސައްކަތެއް.“ ސާމީ ކިޔައިދެއްވިއެވެ.
މަރުވެފައިތިބި މީހުން ނެގުން

އެނަމާބޯޓު ކައިރިއަށް މާލެއިން ފޮނުވި ޑައިވިންގ ޓީމަށް ދެވުނީ 2004 މާރިޗު 18 ވަނަ ދުވަހުގެ 06:00 ގައެވެ. ފުރަތަމަ ޑައިވްގައި މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑު ނެގިއެވެ. ”އަޅުގަނޑަށް އޭނާ ފެނުނު އިރު ހުރީ ކޮޅަށްކަހަލަ ގޮތަކަށް. ވަރަށް ކައިރިވިފަހުން ފެނުނީ. ކަޅުތެލާއި ޑީސަލް ލީކްވެފައި އޮތުމުގެ އިތުރުން އަނދިރިކަމުގެ ސަބަބުން ޓޯޗްގެ އަލިން ބޯޓްތެެރެއިން ފެންނަނީ ހަމައެކަނި އެއަލިއެޅޭ ތަންކޮޅުއެކަނި.“ ފުރަތަމަ މީހާ ފެނުނު ޕްރައިވެޓް އަޙުމަދު އާސިފް (4606) ބުންޏެވެ.
”އަޅުގަނޑުމެން ޓީމްގައި ހިމެނޭ ހުރިހާ ކުދިންނަކީ ވެސް މިފަދަ ކަމެއް މީގެކުރިން ތަޖުރިބާ ކުރި ބައެއް ނޫން. ނަމަވެސް ޖެހިލުން ކުޑަކަމާއި ފަސްނުޖެހި ޑައިވަރުންކުރި ބުރަ، އެހާމެ ނުރައްކާތެރި މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން. ބަންޑުން ޖަހާލާފައިވާ ބޯޓްގެ އެތެރޭގެ ޙާލަތު އޮތްގޮތާއި، އަޅުގަނޑުމެންގެ އަތުގައި ހުރި އިކްއިޕްމެންޓާއި ޓީމްގެ މެމްބަރުންގެ ޢަދަދަށާއި ކުރަންޖެހުނު ބުރަމަސައްކަތަށް ބަލާއިރު އެ މަސައްކަތް ކުރެވުނު ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ. މި މަސައްކަތް ކުރެވެމުން ދިޔަ އިރު ކޯސްޓްގާޑްގެ ވެރިންނާއި، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝިޔާމް އަދި ވަކިން ހާއްޞަކޮށް ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު ސައިޓްގައި ހުންނަވައިގެން ދެއްވި އިރުޝާދާއި ދެއްްވި ހިތްވަރު އަޅުގަނޑު ފާހަގަކުރަން.“ – ޕްރައިވެޓް އަޙުމަދު އާސިފް
މަރުވެފައިވާ ހަ މީހެއްގެ ހަށިގަނޑު ޑައިވިންގ ކޮށްގެން ބޯޓުގެ އެތަންމިތަނުން ނަގާފައިވެއެވެ. 18 މާރިޗުގައި ފިރެހެނަކާއި، އަންހެނަކާއި ކުޑަކުއްޖެއްގެ ހަށިގަނޑު އަދި 19 މާރިޗު ވަނަ ދުވަހު، ފިރިހެނަކާއި ދެ އަންހެނުންގެ ހަށިގަނޑު ނަގާފައިވެއެވެ. ފުރަތަމަ ބޯޓު ކައިރިއަށްދިޔަ ސިފައިން ނެގި 4 މީހުންގެ ހަށިގަނޑާ އެކު ޖުމްލަ 10 މީހެއްގެ ހަށިގަނޑު ސިފައިން ނެގިއެވެ. އެނަމާ ބޯޓުކައިރިއަށް ދިޔަ ސިފައިން ފުރަތަމަ މަސައްކަތްކުރީ ބޯޓު ތެދުކޮށް ފެންމަތިކުރުމަކަށް ނޫނެވެ. ސިފައިން މަސައްކަތްކުރީ ބޯޓުތެރޭގައި މަރުވެފައިތބި މީހުން ވީހާވެސް އަވަހަށް ނެގޭތޯއެވެ.“އަޅުގަނޑުމެން އެއްގޮތަކަށް ވެސް ފުރަތަމަ ސަލްވޭޖް މަސައްކަތެއް ނުކުރަން. އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދިނީ، ބަންޑުންޖަހާލާފައިވާ ބޯޓުގެ އެތެރެބަލާ މަރުވެފައިތިބި މީހުން ވީހާވެސް އަވަހަކަށް ނެގޭތޯ. މި މަސައްކަތް ކުރަނިކޮށް ފެނުނީ ބޯޓުގެ ފަލުކާތެރޭގައި ހުރި ގޭސްފުޅިތަކާ އެކު ތާށިވެފައިވާ ދެ މީހެއްގެ ހަށިގަނޑު. މި ދެ މީހުންގެ ހަށިގަނޑު ނެގުމަށް ޓަކައި ގޭސްފުޅިތައް ދުރުކުރަން ޖެހުނީ. ގޭސްފުޅިތައް ހުރިގޮތުންނާއި، ޕްރެޝަރ ހުރިގޮތުން އެނގުނީ ބޯޓްމަތީގައި މި އޮންނަނީ އެ ފުޅިތަކުގެ ބާރުގައިކަން. އިތުރު ސަޕޯޓެއްނެތި ފުޅިތައް ގުޑުވާ ނަގައި ހަދަނިކޮށް، 70 މީޓަރ ފުންމިން ހުރި ކަނޑަށް ބޯޓް އަޑިއަށް ހިނގައިދާނެތީ އެ ހިސާބުން ބޯޓުގައި ތާނގީ ބަނދެގެން ވާޖަހައިގެން ފްލޯޓްކުރެވޭތޯ ބެލީ. މި މަސައްކަތްކުރެވުނު އިރު ކަލަމިންޖާ ބޯޓާ އެކު އެނަމާ ބޯޓު ބަނދެގެން ވެސް މީހުން ނެގޭތޯ މަސައްކަތްކުރެވުނު. ބޯޓުގައި ތާނގީ ބަނދެގެން ވައިޖަހައިގެން ބޯޓް ލުއިކޮށް ގޭސްފުޅިތަކުގެ ތެރޭގައި ތާށިވެފައިވާ މީހުންނެގީ. އޭގެ ފަހުން ސަލްވޭޖް މަސައްކަތްކުރީ.“ އެނަމާބޯޓް ބަންޑުން ޖަހާލި ހާދިސާ ހިނގި ތަނުގައި ކޯސްޓްގާޑުން އެންމެ އިސްކޮށް ޙަރަކާތްތެރިވި ލެފްޓިނެންޓް މުޙައްމަދު ނަޢީމް ވިދާޅުވިއެވެ.
ގައިގާ ވާއައްސައިގެން ބޯޓްތެރެއަށް ފީނި ޓީމް
- ކޯޕްރަލް ޢަބްދުﷲ ޝަމީމް (3244)
- ކޯޕްރަލް ޢިބްރާހީމް ޒަޢީމް (3150)
- ލާންސް ކޯޕްރަލް ޢަބްދުﷲ ޖަމީލް (3795)
- ޕްރައިވެޓް ޢިބްރާހީމް ރިޔާޒް (4306)
- ޕްރައިވެޓް އިސްމާޢީލް އަޙްމަދު (4151)

ޑައިވަރުންގެ ޓީމް
- ވޮރަންޓް އޮފިސަރ 2 މުޙައްމަދު ސާމީ (1976)
- ކޯޕްރަލް ނައުޝާދު ޢަލީ (2070)
- ލާންސް ކޯޕްރަލް އަޙްމަދު ސިރާޖް (2145)
- ލާންސް ކޯޕްރަލް ޙުސައިން މުފީދު (3273)
- ލާންސް ކޯޕްރަލް މުޙައްމަދު ޝަފީޢު (3443)
- ލާންސް ކޯޕްރަލް ޞައްދާމް ޢަފީފް (4119)
- ލާންސް ކޯޕްރަލް ޢިސްމާޢީލް ސަޢީދު (3094)
- ޕްރައިވެޓް އަޙްމަދު އާސިފް (4606)
- ޕްރައިވެޓް މުޙައްމަދު ފަޒީލް (4129)
- ޕްރައިވެޓް މުޙައްމަދު އާދިލް (3108)
- ޕްރައިވެޓް އަޤީލް އިބްރާހީމް (2562)
ނޯޓް: މި އާޓިކަލްގައިވާ ބޭކަލުންގެ ރޭންކްތަކަކީ މި ކާރިސާ ހިނގިއިރު އެބޭކަލުން ތިއްބެވި ރޭންކުތަކެވެ.
