ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ދިވެހި ސިފައިން ދައްކުވައިދީފައިވާ ރިވެތި ނަމޫނާއަށް ޙަޤީޤަތަށް ލޯބިކުރާ ކޮންމެ ދިވެހި ދަރިޔަކުު ތަޢުރީފްކުރާނެއެވެ. ސިފައިން މަސައްކަތްކުރަމުން ގެންދިޔައީ އެމީހުންގެ އާއިލާތަކާއި އެމީހުންގެ އަމިއްލަ ކަންތައްތައް އެއްފަރާތްކުރުމަށްފަހު ޤައުމީ ވާޖިބު ކުރިއަށް ނެރެގެންނެވެ. އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައެވެ. ތިމާމެންގެ އާއިލާތަކަށް ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކަކީ ކޮބައިތޯވެސް ބަލާލާނެ ފުރުޞަތު ނުލިބި މުޅިން މަސައްކަތުގައެވެ.
2004 ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ސިފައިން ޚިދުމަތާ ގުޅިލެއްވި ޕްރައިވެޓް ޢަބްދުލް ޙަންނާން (ސނ.5551) ގެ ލޮބުވެތި ބައްޕަ މ.ކޮޅުފުށީ ޖަވާހިރުމާގެ އިބްރާހީމް ޢަލީ (56 އ) މި ކާރިސާގައި ނިޔާވިކަން އޭނާއަށް އެނގުނީ ހާދިސާ ހިނގިތާ ދެހަފުތާއާ ގާތްވެފައިވަނިކޮށެވެ.
“އަޅުގަނޑު އޭރު ހުރީ ލ.އަތޮޅު ކަޅައިދޫގައި ސާފުކުރުމާއި އެހީގެ ތަކެތި ބެހުމުގެ މަސައްކަތުގަ. ދެހަފުތާ ވަނިކޮށް ގެއަށް ގުޅާލެވުނީ. އެހިސާބުން އެނގުނީ ބައްޕަ މި ކާރިސާގައި ނިޔާވެފައިވާކަން. އެވަގުތު ވަރަށް ދެރަވި، އެކަމަކު ހިތަށްއެރީ މިވަގުތު ފިނޑިވެގެން ކަމަކުނުދާނެއޭ. ހިތްވަރުކޮށްފަ ދެންވެސް ހަމަ މަސައްކަތުގައި އުޅުނީ. މިކަން އަޅުގަނޑުގެ ފަރާތުން އެނގުނު ދުވަހުނޫން އަނެއްދުވަހު އަޅުގަނޑު މާލެ ފޮނުއްވާދެއްވާ ރަށަށްވެސް ފޮނުއްވާދެއްވި. އާއިލާކައިރީ (ކޮޅުފުށީގައި) ތިންދުވަސް ވަންދެން އުޅެފައި އަނެއްކާ ވެސް މާލެއައިސް ކޭކޭ ބެޓޭލިއަންއާ އެޓޭޗްވެގެން މަސައްކަތުގައި އުޅުނީ.” ޕްރައިވެޓް ޢަބްދުލް ޙަންނާން މަސައްކަތުގައި ހިތްވަރުކުރިގޮތް ކިޔައިދިނެވެ.
ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގ އޮފިސަރ އަދި ކޭކޭ ބެޓޭލިއަންގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް ފަރުޙަތު ޝަހީރު، ޕްރައިވެޓް ޢަބްދުލް ޙަންނާން ދައްކައިދިން ރީތި މިސާލާ މެދު ތަޢުރީފުކުރައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އައްޑަނައަށް މަޢުލޫމާތުދެއްވަމުން ލެފްޓިނެންޓް ކާނަލް ފަރުޙަތު ޝަހީރު ވިދާޅުވެފައިވެއެވެ. “އެއީ ސިފައިން މަސައްކަތްކުރަންވީ ގޮތަކީ. އެއީ ވަރަށްރީތި ނަމޫނާއެއް. އޭނާ އެ ތަމްސީލުކޮށްދިނީ ކޯޑް އޮފް އެތިކްސްގެ ދެވަނަ އަސާސް. ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފުސަށް ވުރެ ދިވެހި ޤައުމު އިސްކޮށްގެން. އޭނާ މަސައްކަތްކުރަމުން ދިޔައީ ޤައުމީ ރޫޙްގައި ޤައުމީ ޖޯޝާއި ފޯރީގަ.” ސިފައިން މި ކާރިސާގައި ޙަރަކާތްތެރިވަމުން ދިޔަ ގޮތާ މެދު ސިފައިންގެ އެކިފެންވަރުގެ ވެރިން ވަނީ މިފަދަ ތަޢުރީފުގެ ބަސްތައް އެކިފަހަރުމަތިން ވިދާޅުވެ ތަޢުރީފު ކުރައްވާފައެވެ. އަދި މިއަށް ވުރެ ވެސް ބޮޑަށް ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ސިފައިން މަސައްކަތުގައި ހަރަކާތްތެރިވަމުންދާ އިރު ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން އެމީހުންގެ ވެލްފެއަރ ކަންތައްތައް ވަރަށް ފުރިހަމައަށް ވަގުތުން ވަގުތަށް ހަމަޖައްސައިދެއްވަވާ އެހީތެރިވެދެއްވަވާކަމެވެ.
46 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމަށްފަހު މިހާރު ސިފައިންގޭގައި މަސައްކަތްކުރަމުން ގެންދާ ޢަބްދުލް ޙަންނާނާއި އޭނާގެ އާއިލާއަށް ލިބިގެންދިޔަ ހިތާމައިގައި ބައިވެރިވެ ކެތްތެރިކަން ދެއްވުންއެދި ދުޢާކުރަމެވެ. އަދި ޢަބްދުލް ޙަންނާނުގެ ބައްޕައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުންއެދި ދުޢާކުރަމެވެ. ހިތްވަރާއި ޢަޒުމާ އެކު ޢަބްދުލް ޙަންނާނު ސާބިތުކޮށްދިން ރިވެތި މިސާލަށް އައްޑަނަ މަޖައްލާގެފަރާތުން ސާބަސްދެމެވެ.
