ޕޮޒެޓިވް ލޯ

ޕޮޒެޓިވް ލޯއަކީ އިންސާނުން ހަދާ ޤާނޫނުތަކެވެ. މިއަށް ”ވަޟޫޢީ ޤާނޫނު“ އޭ ވެސް ކިޔައެވެ. މިފަދަ ޤާނޫނުތަކަކީ:

ޤާނޫނުއަސާސީއާއި އަދި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތް ހިންގުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭ ބިލު ތަކެކެވެ. މިފަދަ ބިލުތައް ޤާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމުންނެވެ. މިފަދަ ޤާނޫނުގެ ތެރޭގައި އިދާރީ ޤާނޫނު ތަކާއި ޖިނާއީ ޤާނޫނުތައް ހުރެއެވެ. އިދާރީ ޤާނޫނު ތަކަކީ ޖިނާއީ ކުށާއި ގުޅުންނެތް ދާއިރާތަކުގައި ދައުލަތުގެ މުއައްސަސާތަކުން ކަން ކުރަންވީ ގޮތްތަކާއި އެ ދާއިރާ ތަކުގައި އާންމު ފަރުދުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާއި އެނޫން ވެސް އުސޫލުތައް ބަޔާން ކުރެވިފައި ހުންނަ ޤާނޫނު ތަކެވެ. ޖިނާއީ ޤާނޫނުތަކަކީ ޖިނާއީ ކުށްތަކާއި އެ ކުށްތަކުގެ އަދަބާއި އެ ކަންކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރެވިފައި ހުންނަ ޤާނޫނު ތަކެވެ. އަދި އިދާރީ ޤާނޫނެއްގައި ވެސް ބައެއް ފަހަރަށް ޖިނާއީ ކުށެއް ބަޔާންވެފައި އޮވެދާނެއެވެ. އަދި ޖިނާއީ ޤާނޫނެއްގެ މާއްދާއެއްގައި ވެސް އިދާރީ ކަމަކާ ގުޅޭ އުޞޫލެއް ބަޔާންވެފައި އޮވެދާނެއެވެ.

ޤުދުރަތީ ޤާނޫނު

ޤުދުރަތީ ޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ވަކި ޤަވާޢިދަކުން ހިނގަމުންދާ ގޮތުގެ ނިޒާމަށް ކިޔާ ނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިޔުމަކީ މި މާނައިގައި ”ޤުދުރަތީ ޤާނޫނޭ“ ކިޔޭ ކަންތަކެވެ.

އަޅުގަނޑުމެން ދުނިޔޭގައި އުޅޭ އުޅުމުގައި ބައެއްކަހަލަ ޤާނޫނުތަކަކީ އެއަށް ޙުރުމަތްތެރިކޮށް ހިތަން ބޭނުން ނުވިނަމަވެސް އެ ޤާނޫނެއްގެ ޒާތުގައި އެއަށް ތަބާ ކުރުވާ ޤާނޫނު ތަކެވެ.

މިސާލަކަށް: ދުވަސްވެ މުސްކުޅި ވުމުން ބޮލުގައި ނުރަޖެހުން، ހަންގަނޑު ރޫޖެހުން، ރޭދުވާ ތަކުރާރުވުން، މަރުވުން، މި ހުންނަނީ ހައްތަހާ ވެސް އެ ޤާނޫނެއްގެ ދަށުން މީސްތަކުންނަށް ނުފިލޭނެ ޤާނޫނުތަކެވެ. އަދި އެއީ އެކަމުގެ ޒާތުގައި އެއަށް ކިޔަމަންތެރި ކުރުވާ ޤާނޫނު ތަކެވެ. އަދި ލޯތްބާއި ރުޅިއާއި، ފޫހިވުމަކީ ވެސް އެއީ  ޤުދުރަތީ ޤާނޫނުގެ ދަށުންވާ ޖާޒުބިއްޔަތުގެ ޤާނޫނެވެ. މިއީ ޤުދުރަތީ ޤާނޫނެވެ. ތަޤުދީރުވުމެވެ. ތަޤުދީރުގެ ޤަލަމުން ލިޔެވިފައިވާ ކަމެއް އެއީ ތަދުބީރަކުން ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އިންސާނާއަށް އޮތީ ރުހުނަސް، ނުރުހުނަސް ކިޔަމަންވެ ބޯލެނބުމެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. ދުނިޔެ ދެކެމުންދާ ޙަޤީޤަތެވެ. ﷲގެ އަމުރުފުޅެވެ. މިއީ އިލާހީ ޤާނޫނެވެ. މިކަން މިހެން ހުރިކަމުގައި ވީނަމަވެސް، ޤާނޫނީ މާހިރުންގެ ނަޒަރިއްޔާގައި ”ނެޗުރަލް ލޯ“ މާނަކުރަނީ މިދެންނެވި މާނައިގައެއް ނޫނެވެ.

ނެޗުރަލް ލޯ

ނެޗުރަލް ލޯއަކީ އިންސާނީ ޠަބީޢީ ޤާނޫނެވެ. ނެޗުރަލް ލޯ އާ ބެހޭގޮތުން ޤާނޫނީ މާހިރުން ބުނުއްވާފައި ވަނީ ”މުޖުތަމަޢުގެ އެންމެންގެ ލާބައަށްޓަކައި ބުއްދީގެ ހަމަތަކުން އެކުލަވައި، އެމުޖުތަމަޢުގެ މައްޗަށް އަމުރު ހިންގާ ފަރާތަކުން އެކަށައަޅާ ޤަވާޢިދު ތަކެކެވެ. އަދި ވަކި ފަރުދަކު، ނުވަތަ މުޖުތަމަޢުގެ ފަރާތުން ބުއްދީގެ ޒަރީއާއިން ހެޔޮގޮތް ކަމަށް ދެކޭ ޤާނޫނެއް ކަމަށް ކަނޑައަޅާ ކަނޑައެޅުންތަކެވެ.

ނެޗުރަލް ލޯ ނުވަތަ ޠަބީޢީީ ޤާނޫނުގެ  ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މީސްތަކުންގެ މައްޗަށް ހިނގާ ޠަބީޢީ އަސާސީ ޤާނޫނުތަކެއް ހުންނަކަން އިންސާނުންގެ ބުއްދީގެ ޒަރީއާއިން ދެނެގަނެ ހޯދާފައިވެއެވެ. އެއީ ބަދަލު ވުމެއްނެތި އަބަދަށް ދެމިގެންވާ ބުއްދީގެ ހަމަތަކެވެ. އެ ޤާނޫނު ތަކަކީ، ހަދާ ޤާނޫނުތަކަށް ވުރެ މަތީ ދަރަޖައެއްގެ އެއްޗެކެވެ. ޠަބީޢީ ޤާނޫނުގެ މަފްހޫމު އުފަންވެފައިވާ ކަމަށް އާންމުކޮށް ޤަބޫލު ކުރެވެނީ އަންޒަމާނުގެ ގްރީކުގައެވެ. މެދުޒަމާނުގެ ޢިލްމުވެރީން ޠަބީޢީ ޤާނޫނުގެ ތިއަރީ މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ، މީހުން ހަދާ ޤާނޫނަށް ފާޑު ކިޔުމަށާއި، އެފަދަ ޤާނޫނުތައް އިސްލާހު ކުރުމަށެވެ. މި ބަޔާން ކުރެވުނު މެދުޒަމާނުގެ ޢިލްމުވެރީން ބުނެފައި ވަނީ، މީހުން ހަދާ ޤާނޫނަކީ ޠަބީއީ ޤާނޫނާ ފުށުއަރާ ޤާނޫނެއްނަމަ، އެ ޤާނޫނަކީ ސައްޙަ ޤާނޫނެއް ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ނެޗުރަލް ލޯ ނުވަތަ ޠަބީޢީ ޤާނޫނުގެ ޢިލްމުވެރިން ގަބޫލުކުރާ ގޮތުގައި ޤާނޫނާއި އަޚްލާޤިއްޔަތަކީ، އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ދެ އެއްޗެވެ. ނެޗުރަލް ލޯގެ ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި ޤާނޫނަކީ މަޖިލީހުން ފާސްކުރާ ޤާނޫނު އެކަންޏެއް ނޫނެވެ. މިފަދަ ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި އެއްޗެއް މަޖިލީހުން ފާސްކުރިކަމަށް ވިއަސް  އެ ފާސްކުރާ ކުރުމަކީ އަޚްލާޤީ މިންގަނޑަށް ނުފެތޭ ޤާނޫނުތަކެއް ނަމަ އެ ޤާނޫނުތަކަކީ ބާޠިލު ޤާނޫނު ތަކެކެވެ. ޤާނޫނު ހަދާ މަޖިލީހުން ހަދާ ޤާނޫނުތައް ޞައްޙަ ވާނީ، އެ ޤާނޫނަށްވުރެ މަތީ ޤާނޫނާއި، ނެޗުރަލް ލޯ އާއި، މަޖިލީހުން ހެދި ޤާނޫނުތައް ފުށުނާރާ ނަމައެވެ. ޤާނޫނުގައި ހުންނަންޖެހޭ އަޚްލާޤީ ފޭރާން އެކަތި އަނެކައްޗާ، ގުޅުން ނެތްނަމަ އެއީ ކަމުނުދާ ޤާނޫނެކެވެ. މިސަބަބާހުރެ ޤާނޫނާއި އަޚްލާޤިއްޔަތާ ދެމެދު ވަކިކޮށް ރޫޅައި ނުލެވޭނެ މާސިންގާ ގުޅުމެއްވެއެވެ. މި ރަޢުޔު ބަޔާން ކުރުމުގެ ގޮތުން ބޭނުން ކުރެވޭ ގާއިދާއެއް އޮވެއެވެ. އެއީ:

“An unjust law is not a true law”

“އަދުލުވެރިކަމެއް ނެތް ޤާނޫނަކީ ޙަޤީޤީ ޤާނޫނެއް ނޫނެވެ.”

ރިފަރެންސް:

  • ޤާނޫނާއި މުޖުތަމަޢު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް
  • ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
  • އިބްރާހިމް ނާޖީ 2015 ކަވާސާ.ކޮމް
ޝެއަރކުރެއްވުމަށް