ރަސްރަނި ބަގީޗާގައި ސިފައިން ކުރި މަސައްކަތްތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ”ދަގަސް“ އަކީ ރާއްޖޭގައި ކިޔާއުޅޭ ފުލޯކް ވާހަކަތަކުގައި ސިފަކުރާ ގަހެކެވެ. އެ ފުލޯކު ވާހަކަތަކުގައި މި ގަސް ހުންނަކަމަށް ބުނެއުޅެނީ ދުނިޔެއިން ބޭރުގައެވެ. ރަސްރަނި ބަގީޗާގައި ކަނޑާ ނަގާފައިވާ މި ގަހަކީ ކުރީގެ ސަލްޓަންޕާކު އަދި މިހާރުގެ ރަސްރަނި ބަގީޗާގައި ހުރި ފިތުރޯނު ގަހެކެވެ. މި ބަގީޗާ ހެދުމުގެ މަސައްކަތް ސިފައިން ކުރަމުން ދިޔައިރު އެ ގަސް ކަނޑާލަން ވެސް ނިންމިއެވެ. ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދުރު ވިސްނުންފުޅާއެކު އެ ގަހުގެ ބޭނުން އެ ބަގީޗާއަށް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

ރަސްރަނި ބަގީޗާ ތަރައްޤީ ކުރުމަށް ސިފައިން މަސައްކަތް ކުރަމުން ދިޔައިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބޭނުންފުޅުވެލެއްވީ އެ ފިތުރޯނު ގަސް ގިނަ ދުވަހު ދެމިހުންނާނެ ގޮތް ހެދުމަށެވެ. އަދި އެއީ ތާރީޚަށްޓަކައި ފެންނަން ހުންނާނެ ނަމޫނާ މަސައްކަތެއް ގޮތުގައި ހެދުމަށެވެ. މިގޮތުން މި މަސައްކަތް ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް ނަންގަވާފައި ވަނީ އެފަދަ، އާރޓްގެ މަސައްކަތްތަކުގައި ކުރިން ވެސް އުޅުއްވާފައިވާ ހުނަރުވެރި ޓީމެކެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ލަފާފުޅާއި ދުރު ވިސްނުންފުޅާއެކު މި މަސައްކަތުގައި އެންމެ އިސް ލީޑަރަކަށް ހަމަޖެއްސެވީ އީއެމްއީގައި މަސައްކަތް ކުރައްވާ ފަސްޓް ލެފްޓިނަންޓް ޙުސައިން ޝާހިދު (ސ.ނ 3160) އެވެ. މީގެ އިތުރުން ޑެޕިޔުޓީ ލީޑަރެއްގެ ގޮތުގައި ފަސްޓް ލެފްޓިނަންޓް މުޙައްމަދު ލިޔާއު އިބްރާހީމް (ސ.ނ 6267) ހަމަޖެއްސެވިއިރު، އެ ޓީމުގެ އިތުރު މެމްބަރެއްގެ ގޮތުގައި ކެޕްޓަން މުޙައްމަދު ޝަފީއު (ސ.ނ 3443) ވެސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ހަމަޖައްސަވާފައެވެ.

ތިރީސް ތިން ފޫޓުގެ އުސްމިން ހުރި ދަގަސް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ވެސް އެ ގަސް ހުންނާނެ ގޮތުގެ ސްކެޗެއް ޗީފް އޮފް ޑިފެންސް ފޯސްގެ ލަފާފުޅާއެކު ކަރުދާހުގައި ކުރެއްސެވުމަށް ފަހުގައެވެ. އެ ގަސް ހެދުމުގެ މަސައްކަތް ފެށީ ޖުލައި މަހުގެ 21 ވަނަ ދުވަހުގައެވެ. މި މަސައްކަތް އޮގަސްޓް 14 ވަނަ ދުވަހު ނިންމިއިރު، އެ 24 ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރުމުގައި 423 ގަޑިއިރު ހޭދަވެފައިވެއެވެ. އެހެންކަމުން އެވްރެޖްކޮށް ކޮންމެ ދުވަހެއްގައި 17 ގަޑިއިރު މަސައްކަތް ކުރެވިފައިވެއެވެ. މިބުރަ އުނދަގޫ މަސައްކަތް ކުރުމުގައި އިސްވެ ދެންނެވުނު ތިން އޮފިސަރުންގެ އިތުރުން އެކިއެކި ކަންކަމުގައި އެހީތެރިވެ ދިނުމުގެ ގޮތުން  އެހީތެރިންގެ ގޮތުގައި 8 ބޭކަލުން ވެސް ހަރަކާތްތެރިވެފައި ވެއެވެ. މިގޮތުން މަސައްކަތް ކުރައްވާފައި ވަނީ ކެޕްޓަން މުޙައްމަދު ޝާޚީ ޢަބްދުލް ޣަފޫރު (ސ.ނ 4783)، އާއި ސާޖަންޓް ޙަސަން ޝިމާލް (ސ.ނ 5549)، އާއި ސާޖަންޓް މުޙައްމަދު ޢަލީ (ސ.ނ 5930)، އާއި ކޯޕްރަލް އިބްރާހީމް މުޙައްމަދު (ސ.ނ 6283)، އާއި ލާންސް ކޯޕްރަލް އަޙްމަދު ޖައިލަމް (ސ.ނ 7018)، އާއި ލާންސް ކޯޕްރަލް އުސާމަތު ނަޖީބު (ސ.ނ 7145)، އަދި ޕްރައިވެޓް އަސީލް ވަޙީދު (ސ.ނ 7308) ގެ އިތުރުން ޕްރައިވެޓް މުޙައްމަދު މަޚްތޫމް (ސ.ނ 7395) އެވެ. ދަގަސް ހެދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ޗެއިން ކީހެވެ. މީގެ އިތުރުން ސޭންޑަރާއި ވަޑާންކަށީގެ އިތުރުން މަރުތޭލު ވެސް މި މަސައްކަތުގައި ބޭނުންކޮށްފައި ވެއެވެ.

”ދަގަސް ހެދުމުގެ މަސައްކަތް ކުރިއިރު ކާވުތައް ނަގާފައި ހުންނާނީ އަޅުގަނޑާއި، އަޅުގަނޑުގެ ޓީމުގެ އަނެއް ދެ މެމްބަރުން ކަމަށްވާ ފަސްޓް ލެފްޓިނަންޓް ލިޔާއު އިބްރާހީމްއާއި ކެޕްޓަން ޝަފީޢު. އަޅުގަނޑުމެން ތިން މީހުން ވެގެން ގްރޫޕް އެފަޓެއް ލައިގެން މި މަސައްކަތް ބޭނުންވާ ތާރީޚަށް ފުރިހަމައަށް ނިންމާލެވުނީ“ ދަގަސް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގްރޫޕްގެ ޓީމް ލީޑަރ ފަސްޓް ލެފްޓިނަންޓް ޙުސައިން ޝާހިދު ހާމަކުރެއްވިއެވެ.

މި ގަސް ހެދުމުގައި ދިމާވި ގޮންޖެހުންތައް ވެސް ފަސްޓް ލެފްޓިނަންޓް ޙަސަން ޝާހިދު އައްޑަނައާ ހިއްސާކުރެއްވިއެވެ. މިގޮތުން އެންމެ ބޮޑު ޗެލެންޖަކަށް ދިމާވީ ގަސް ހުރި އުސްމިނެވެ. 30 ފޫޓް ދިގުމިންހުރި މިގަސް ކާވް ކުރުމަށް މަސައްކަތް ކުރަންޖެހުނީ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. މީގެ އިތުރުން ގަހަކީ ފިތުރޯނު ގަހަކަށް ވުމާއެކު ގަހުގެ ލަކުޑި ހަރުވުމުގެ ސަބަބުން ދިމާވި ގޮންޖެހުންތައްވެސް ކުޑައެއް ނޫނެވެ. މިގޮތުން މަސައްކަތް ކުރުމަށް މައިގަނޑު ގޮތެއްގައި ބޭންކުރި ޗެއިން ކީސް ހަލާކުވުމާއި ތިލަތައް ހަލާކުވެ ޗެއިން ކީހުގެ ތިލަ ބަދަލު ކުރުމާއި ކީހުގެ ތިލަ ތޫނުކުރަން ވެސް ޖެހުނެވެ. މިގޮތުން ކީސް ހަލާކުވުމުން އާ ކީހެއް ގަތުމަށް ހޭދަވި ވަގުތަކީ ވެސް ޗެލެންޖެއް ގޮތުގައި ދިމާވި ކަމެކެވެ. ފަސްޓް ލެފްޓިނަންޓް ޙުސައިން ޝާހިދު ހާމަކުރައްވާ ގޮތުގައި މުޅި މަސައްކަތް ނިންމާލެވުނު އިރު، ޖުމްލަ 8 ކީސް ބޭނުންކޮށްފައި ވެއެވެ. އޭގެ ތެރެއިން މަސައްކަތް ނިންމާލިއިރު ހަލާކުނުވެ އޮތީ އެންމެ ދެ ކީހެވެ.

މި މަސައްކަތް ކުރިއިރު މަސައްކަތްކުރަން ބޭނުންކުރި ވަސީލަތްތަކަށް ލޯޑު ބޮޑުވެ ބައެއް ތަކެތި ހަލާކުވެގެން ދިޔައިރު، މަސައްކަތް ކުރި މީހުން ތަޙައްމަލުކުރި އުނދަގޫތަކާއި ވޭންތައް ވަކި ކުޑައެއް ނޫނެވެ. ”މިފަދަ މަސައްކަތެއް ދާއިމީކޮށް ނުކުރާ ބަޔަކު ބަރު ޗެއިން ކީހެއް ހިފައިގެން ގިނައިރު މަސައްކަތް ކުރަން ޖެހުމުން އެ ކީހުން ލިބުނު ވައިބްރޭޝަނާއެކު އަތްތިލައިގެ ހުޅުތަކުގައި ރިއްސާތީ ރަނގަޅަށް ލަންބާ ނުލެވޭ. ދެ އަތުގެ އިނގިލިތައް ރަނގަޅަށް ލެނބި މުށްކެވޭ ގޮތްވީ މަސައްކަތް ނިމުނުތާ ދުވަސްކޮޅެއް ފަހުން. އަދިވެސް ރަނގަޅަކަށް އިނގިލިތަކުގެ ހުޅުތައް ރިކަވަރ ނުވޭ. ނަމަވެސް ވަކި ޓައިމްލައިނަކަށް ނިންމަންޖެހޭ މަސައްކަތަކަށްވާތީ އަޅުގަނޑުމެންގެ ޓީމު އެކަކު ވެސް އެފަދަ އެއްވެސް ކަމެއް ޝޯ ނުކޮށް ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރީ. މިއީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ އެންމެ ބޮޑު އަސްލަކީ. މިއީ ޙަޔާތުގައި ވެސް ކުރި މިފަދަ އެންމެ ބޮޑު މަސައްކަތް.“ ދަގަސް ހެދުމުގައި ދިމާވި ދަތި އަނދަގޫތައް ފަސްޓް ލެފްޓިނަންޓް ޙުސައިން ޝާހިދު ހާމަކުރެއްވިއެވެ.

”ދަގަސް ހެދުމުގައި މަސައްކަތް ފެށުނީއްސުރެ ނިމެންދެން މި މަސައްކަތުގައި ހަރަކާތްތެރިވި ޓީމުގެ، ޓީމު ސްޕްރިޓް ވަރަށް ރަނގަޅު. ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޓާގެޓެއް ކަނޑައަޅައިގެން ކުރި މަސައްކަތް ބޭނުންވާ ޓާގެޓަށް ވާސިލުވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު. މި މަސައްކަތަކީ ވަރަށް ފަޚުރުވެރިވާ މަސައްކަތެއް. ސަބަބަކީ މިއީ މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފެންނަން ހުރި ނަމޫނާ މަސައްކަތެއް. އަދި ދިވެހިރާއްޖޭގައި ކުރެވިފައިވާ ވުޑް ކާވް ކުރުމުގެ އެންމެ ބޮޑު މަސައްކަތް މިއީ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ބޭފުޅުން ވެސް ވަޑައިގެން މި މަސައްކަތް ބައްލަވާލައްވައި ތަޢުރީފު ކުރައްވާ ވާހަކަދެއްކެވި.“ ފަސްޓް ލެފްޓިނަންޓް ޙަސަން ޝާހިދު ހާމަކުރެއްވިއެވެ.

މިފަދަ ބޮޑު މުހިންމު މަސައްކަތެއް ގިނަ ދުވަހަށް ދެމިހުންނާނެ ގޮތް ހެދުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން މި ގަސް ގިނަ ދުވަހަށް ބެހެއްޓުމަށާއި ރީތިކުރުމަށް މި ގަހުގައި ވަނީ ޑެކް ވަރނިޝް ލާފައެވެ. މިއީ އަންނަން އޮތް ޖީލަށް ވެސް ފެންނާނެ ގޮތަށް ސިފައިން ކޮށްފައިވާ ހުނަރުވެރި މަސައްކަތެކެވެ.

ޝެއަރކުރެއްވުމަށް