ސިފައިންގޭގައި ލަވަކިޔުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ސިފައިންނަށް ފުރުޞަތު ދިނުމުގެ ގޮތުން މިހިނގާ 2017 ވަނަ އަހަރު އެމްއެންޑީއެފްގައި ބޭއްވި ފުރަތަމަ ”ވޮއިސް އޮފް އެމްއެންޑީއެފް“ މުބާރާތަކީ ތާރީޚީ މުބާރާތެކެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއިން ސިފައިން ކުރިއަށް އެޅި އިތުރު ފިޔަވަޅެކެވެ. މި ތާރީޚީ މުބާރާތް ކުރިއަށްދިޔަ ގޮތް ތާރީޚަށްޓަކައި ކުރު ގޮތަކަށް ލިޔެލުމަކީ އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން އެންމެ ފުރަތަމަ އެމްއެންޑީއެފްގައި ބޭއްވި ”ވޮއިސް އޮފް އެމްއެންޑީއެފް“ ގެ މައްޗަށް ކުރުގޮތަކަށް ބަލައިލާނަމެވެ.

މި ތާރީޚީ މުބާރާތުން އެއްވަނަ ހާސިލުކޮށްފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުގައި އޭރު މަސައްކަތްކުރި ޕްރައިވެޓް ޢަބްދުއްރާޒިޤް ޢަލީ (ސ.ނ 7567)، އެވެ. ”ވޮއިސް އޮފް އެމްއެންޑީއެފް 2017“ ގެ ގުރޭންޑް ފިނާލޭ ހަފުލާގައި އޭނާއަށް ވޮއިސް އޮފް އެމްއެންޑީއެފް 2017ގެ ޓައިޓްލް ޓްރޮފީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ލެޖެންޑެއްކަމުގައިވާ އަލްފާޟިލް އިބްރާހީމް ޙަމްދީއެވެ.

މި މުބާރާތުގެ ފަސްޓް ރަނަރަޕްގެ މަޤާމު ހާސިލްކުރީ، ޕްރެޒިޑެންޝަލް ގާޑުގެ ލާންސް ކޯޕްރަލް ޙުޒާމް ޙަމީދެ (ސ.ނ 7126) ވެ. އަދި ސެކަންޑް ރަނަރަޕްގެ މަޤާމު ކާމިޔާބުކުރީ ބޭންޑް އެންޑް މިއުޒިކް ވިންގުގެ ކޯޕްރަލް އަޙްމަދު ޔާސިރު (ސ.ނ 6844) އެވެ.

މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ ގޮތުގައި ގުރޭންޑް ފިނާލޭއަށް ހޮވުނު ބައިވެރިންނަކީ، ސްޓާފް ސާޖަންޓް އިސްމާޢީލް ޙަސަން (ސ.ނ 4469) ، ކޯޕްރަލް ނަވިން ސަޢީދު (ސ.ނ 6447) ، ކޯޕްރަލް އަޙްމަދު ޔާސިރު (ސ.ނ 6844) ގެ އިތުރުން ލާންސް ކޯޕްރަލް ހުޒާމް ޙަމީދު (ސ.ނ 7126)، ޕްރައިވެޓް ޢަބްދުއްރާޒިޤް ޢަލީ (ސ.ނ 7567) އެވެ.

”ވޮއިސް އޮފް އެމްއެންޑީއެފް 2017“ ގެ ގްރޭންޑް ފިނާލޭގައި މުބާރާތުގެ ޔުނިޓް ރައުންޑުގެ ވަނަތައް އިޢުލާނު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ޔުނިޓް ރައުންޑުން އެއްވަނަ ހޯދީ ބޭންޑް އެންޑް މިއުޒިކް ވިންގެވެ. މި ރައުންޑްގެ ދެވަނަ މަޤާމު ޕްރެޒިޑެންޝަލް ގާޑުން ހޯދިއިރު، ތިންވަނަ މަޤާމު ހޯދީ ކޯސްޓްގާޑެވެ. މި ވަނަތައް ކާމިޔާބުކުރި ޔުނިޓްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ކުލަގަދަ ހަފުލާއަކާއެކު ކަޅުތުއްކަލާކޮށީ ގައި ބޭއްވި ”ވޮއިސް އެމްއެންޑީއެފް 2017“ ގެ ގުރޭންޑް ފިނާލޭ ޝޯވގައި، މުބާރާތުގެ ގަދަ ފަސް ބައިވެރިން ވަނީ ޕާފޯމްކޮށްފައެވެ. އެގޮތުން، ކޮންމެ ބައިވެރިޔަކު، ޓްރެކާއެކު އެއް ލަވަ ހުށަހެޅިއިރު، ކޮޕްސް ބޭންޑްގެ ލައިވް މިޔުޒިކާއެކު ވެސް ކޮންމެ ބައިވެރިޔަކު އެއް ލަވަ ވަނީ ހުށަހަޅާފައެވެ.

2017 މޭ 23 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީ ސްޓޭޖުގައި ބޭއްވި ވޮއިސް އޮފް އެމްއެންޑީއެފް 2017ގެ ގްރޭންޑް ފިނާލޭ ޝޯވގައި ޗީފް އޮފް  ޑިފެންސް ފޯސް މޭޖަރ ޖެނެރަލް  އަޙްމަދު ޝިޔާމް ވަނީ މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަކަފުޅުތަކުން ބައެއް ތާރީޚަށްޓަކައި ފާހަގަކޮށްލާނަމެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި އެމްއެންޑީއެފްގައި މިޔުޒިކް ކުޅުމަކީ ވަރަށް ކުރިއްސުރެ ފެށިގެން އައިސްފައިވާ ކަމެެއް ކަމަށާއި  ރާއްޖޭގައި ފުންނާބު  އުސް، މިޔުޒިކްގެ ދާއިރާގައި ވަރަށް ކުޅަދާނަ، ވަރަށް ހުނަރުވެރި ބޭބޭފުޅުން އެމްއެންޑީއެފުން ނުކުމެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފެންވަރުގައި ވާދަކޮށް ފަޚުރުވެރި ވަނަތައް ހޯދާފައިވާ އެތައް ސިފައިންނެއް އެމްއެންޑީއެފްގައި ތިބިކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ވޮއިސް އޮފް އެމްއެންޑީއެފް ބޭއްވުމުގެ ބޭނުމަކީ މިޔުޒިކީ ހުނަރު ސިފައިންގެ ތެރޭގައި ދިރުވާ އާލާކުރުން ކަމަށެވެ. މިގޮތުން ލިބޭ ފުރުޞަތުގެ ބޭނުން ހިފައިގެން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކޮންމެ ސިފައިންގެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއަށް ދިއުމަށް މި ޕްލެޓުފޯމުން ފުރުޞަތު ލިބިގަތުމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސް އެންމެހާ ސިފައިންނަށް އިލްތިމާސް ކުރެއްވިއެވެ.

ލަވަކިޔުމާއި މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކުރިން ސިފައިންގޭގައި ޚިދުމަތް ކުރެއްވި އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި އެބަތިއްބެއެވެ. އޭގެ ތެރެއިން ވެސް ސިފައިންގެ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިޝާން އަސްކަރީގެ ވެރިޔާ،  މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރަށް ވަނީ ޝަރަފުގެ އައްޑަނައެއް ސިފައިން ފަރާތުން އަރުވާފައެވެ. ވޮއިސް އޮފް އެމްއެންޑީއެފްގެ ގްރޭންޑް ފިނާލޭ ޝޯވގައި މި ޝަރަފުގެ އައްޑަނަ އެމްއެންޑީއެފްގެ ފަރާތުން މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރަށް އެރުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޒާހިރަކީ ދިވެހި އަސްކަރިއްޔާގައި މިއުޒިކީ ފަންނު ކުރިއެރުވުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ސިފައިންގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ތަފާތު ރަސްމިއްޔާތުތަކުގައި ސިފައިން ތަމްސީލުކުރަން ޖެހުނު އެތަކެއް މިއުޒިކް ޝޯތަކާއި ސްޓޭޖް ހަރަކާތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދަވާ، އެމަނިކުފާނުގެ މަސައްކަތްޕުޅުން ވަނީ ނަތީޖާ ހާސިލްކުރައްވާފައެވެ.

ޒަމާނީ މިއުޒިކް ގްރޫޕްތައް ސިފައިންގެ ތެރޭގައި ހިންގަވައި، ލަވަކިޔުމާއި މިއުޒިކަށް ޝައުޤުވެރި ޒުވާނުން ސިފައިންގެ ޚިދުމަތަށް ގެންނަވައި އެ ދާއިރާ ތަރައްޤީކޮށް ދެއްވިއެވެ. އަދި އަމިއްލަފުޅު ޝައުޤުވެރިކަމާއެކު ފަންނުވެރި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ސިފައިންގެ ތެރޭގައި ލަވަކިޔުމާއި މިއުޒިކާއި މުނިފޫހިފިލުވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތްތައް ރާވާ ހިންގުމުގައި އޯޑިއަންސް ބަލައިގަންނާނެ އެންމެ ރަނގަޅު ގޮތްތަކަށް ޝޯތައް ފަރުމާކޮށް ހެއްދެވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. ގިނަ ހަރަކާތްތަކެއް ފެނިގެންދިޔަ ”ވޮއިސް އޮފް އެމްއެންޑީއެފް 2017″ގެ ގްރޭންޑް ފިނާލޭ ޝޯވގައި، ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވި ބޮޑުބެރު އައިޓަމެއް ވަނީ ހުށަހަޅައިދީފައެވެ.

މުނިފޫހި ފިލުވުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ހިމަނައިގެން ވޮއިސް އޮފް އެމްއެންޑީއެފްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދިއައިރު އެންމެ ފާހަގަކޮށްލެވޭ އައިޓަމެއްގެ ގޮތުގައި ފެނިގެންދިޔައީ ”އިސް ޚިދުމަތްތެރިންގެ“ ބޮޑު ބެރު އައިޓަމެވެ. ފޯރިގަދަ މި އައިޓަމް ހުށަހަޅައިދީފައި ވަނީ ބޭންޑު އެންޑް މިޔުޒިކް ވިންގުގެ ބޮޑުބެރު ގުރޫޕާއެކުގައެވެ. މި އައިޓަމްގައި، ކުރީގެ ބޭންޑު މާސްޓަރ، ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޙަސަން ޔޫސުފް ބޮޑުބެރު ޖެއްސެވިއިރު، ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަޞީމް ވަނީ ބޮޑުބެރު ލަވައެއް ވިދާޅުވެފައެވެ. އަދި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިބްރާހީމް ޝަރީފު (އޮނުތޫރި) ވަނީ ބޮޑުބެރު ލަވައަށް ނައްޓަވާފައެވެ.

ހަމަ ޔަޤީނުން ވެސް ވޮއިސް އޮފް އެމްއެންޑީއެފަކީ ސިފައިންގެ ތާރީޚުގައި ލިޔެވިގެންދިޔަ އާ ޞަފުޙާއެކެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއަށް ވަނުމަށް ބޭނުންވާ ސިފައިންނަށް ކޮށްޓަވައިދެއްވި މަގެކެވެ. ސިފައިންގެ ލީޑަަރޝިޕުން ދަނީ އެމްއެންޑީއެފްގައި މިފަދަ ހުނަރުވެރިން އުފެއްދުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ.

ޝެއަރކުރެއްވުމަށް