ބަހަކީ ދިރުންހުރި އެއްޗެކެވެ. ބަހަކީ އިތުރުވަމުން ކުރިއަރަމުންދާ އެއްޗެކެވެ. ބޭނުންކުރާ ބަސްކޮށާރު އުވި އާ ބަސްކޮށާރުތައް އުފެދި ބޭނުންކުރަމުންދާ އެއްޗެކެވެ. ލަފުޒުތައް ބޭނުންކުރާ ބަސްމަގު އުވި އާ ބަސްމަގުތައް އުފެދެމުންދާ އެއްޗެކެވެ. ބަހަށް އަންނަ މިފަދަ ބަދަލުތަކާ މެދު ވިސްނާލައްވަނީ ކިތައް ބޭފުޅުންތޯ؟ މިފަދަ ބަދަލުތަކަކީ މުޖުތަމައު ބަލައިގަތުމަށް އެންމެ އެކަށޭނަ ބަދަލުތަކެއްތޯ؟ މިފަދަ ބަދަލުތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކީ ކޮބައިތޯ؟ މި ސުވާލުތައް އުފެދެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންގެ ހިތުގައި ތޯއެވެ؟ ހަމަ ޔަގީނުން ވެސް މި ސުވާލުތައް ތީގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތުގައި އުފެދޭނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ބަސް މަރުވުމަކީ ކޮބައިކަމަށް ބަލައިލަމާތޯއެވެ.
ބަސް މަރުވުން ނުވަތަ ބަހެއް މަރުވެގެން ދިއުމަކީ އެ ބަހަކުން ވާހަކަދައްކާ އެންމެހާ މީސްތަކުން މަރުވެދިއުމުންނާއި ”ލޭންގުއޭޖް ޝިފްޓް“ގެ ސަބަބުން އެ ބަހަކުން ވާހަކަދައްކާނެ މީހަކު ނެތި އެ ބަހަކުން ވާހަކަދެއްކުން ހުއްޓިގެން ދިއުމެވެ. މިފަދައިން ބަހަކުން ވާހަކަދެއްކުން އެއްކޮށް ހުއްޓިގެން ދިއުމަށް މެދުވެރިވާ ސަބަބުތަކެއް އޮންނާނެއެވެ. ބަސް ކަޑައްތުކުރާ މަރުހަލާތަކެއް ހަމަޔަގީނުން ވެސް އޮންނާނެއެވެ. މި މަރުހަލާތައް އެނގުމަކީ ބަސްދިރުވުމަށް މަސައްކަތްކުރަންވީ ގޮތް ދެނެގަނެވޭނެ ފުރިހަމަ ރާސްތާއަކަށް ވެގެން ދާނެއެވެ.
ބަހެއް މަރުވުމަށް މެދުވެރިވާ އެންމެ އާންމު ގޮތަކީ ބަސް ބަދަލުވުން ނުވަތަ ލޭންގުއޭޖް ޝިފްޓްގެ ސަބަބުންނެވެ. މި ގޮތަށް ބަސް މަރުވެދިއުމަށް އެތަކެއް ގަރުނުތަކެއް ނަގައެވެ. އެހެނީ ބަހަވީ ޢިލްމުވެރީން ވިދާޅުވާގޮތުގައި އެންމެ ފުރަތަމަ އެ ބަހަކުން ވާހަކަދައްކާ މުޖުތަމައެއްގެ ފަރުދުން އެހެން ބަހަކަށް ލޯބިކުރުން އިރުތުވެއެވެ. އެހެން އާންމު ދިރިއުޅުމުގައި މުއާމަލާތުކުރުމުގައި އަމިއްލަ ބަހާއި ލޯބިކުރާ ބަސް މަސްހުނިކޮށް ބޭނުންކުރުން މަދުމަދުން އާންމު ވެއެވެ. އަދި މުޖުތަމައުގައި ބަސް މަސްހުނިކުރުމުގެ ސަބަބުން އަމިއްލަ ބަހުގެ ބަސްކޮށާރާއި ބަސްމަގު އޮޅުންބޮޅުންވެ މުޅިން އާ ބަހުރުވައެއް އުފެދެއެވެ. ”ޕިޖިން“ އުފެދެއެވެ.
ޕިޖިންއަކީ މުޖުތަމައުގައި ބަސް މަސްހުނިކުރުމުގެ ސަބަބުން އުފެދޭ އާބަހުރުވައެކެވެ. މި ބަހުރުވައިން ވާހަކަދައްކާ މީހުން މުޖުތަމައުގައި ގިނަވެ، ގަރުނުތަކަކަށް ފަހު މުޖުތަމައުގެ އަމިއްލަ ބަސް އުވިގެން ދެއެވެ. އަމިއްލަ ބަހުން ވާހަކަދައްކާ ފަރުދުން ވެސް މުޖުތަމައުން ނެތިގެން ދެއެވެ. ނުވަތަ މުޖުތަމައުގައި އަމިއްލަ ބަހުން ވާހަކަދައްކާ އުޅޭ ފަރުދުން މަރުވެ ދެއެވެ. މިފަދައިން އުފެދިފައިވާ އެތަކެއް ޕިޖިންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެއެވެ. ނައިޖީރިއަން ޕިޖިން، ކެމެރޫން ޕިޖިން، ޓޮކް ޕިސިން (ޕަޕުއާ ނިއު ގިނީ) ފަދަ ބަހުރުވަތަކަކީ އެތަކެއް ޖީލުތަކަށް ދެމިގެން ގޮސްފައިވާ ޕިޖިންތަކެކެވެ. މަސްހުނި ބަހުރުވަތަކެކެވެ.
ޖީލުތަކަކަށްފަހު އާ ޖީލުތަކުގެ މާދަރީބަހަށް މި މަސްހުނި ބަހުރުވަ ވެގެންދެއެވެ. އަދި އެ މުޖުތަމައެއްގެ މާދަރީބަހަށް މަސްހުނި ބަހުރުވަ ނުވަތަ ޕިޖިން ވެގެން ދިއުމުގެ ސަބަބުން އެ ޕިޖިންއަށް ފުރިހަމަ ބަހެއްގެ ލަޤަބު ލިބިގެން ދެއެވެ. އަދި އެއަށް ކްރެއޯލް ކަމަށް ބަހަވީ ޢިލްމުގައި ކިޔައިއުޅެއެވެ. މައުރީޝިއަން ކްރެއޯލް، ހަވާއިއަން ކްރެއޯލް، ޖެމެއިކަން ކްރެއޯލް ފަދަ ބަސްބަހަކީ މިފަދައިން އުފެދިފައިވާ މިނިވަން ބަސްބަހެވެ. މާދަރީ ބަސްބަހެވެ.
ދުނިޔޭގައި ވާހަކަދައްކާ 7000 (ހަތް ހާސް)އަށް ވުރެ ގިނަ ބަސްތައް ވާކަމުގައި ބަހަވީ ޢިލްމުވެރީން ވިދާޅުވެއެވެ. އެހެން ނަމަވެސް ފާއިތުވި ގަރުނަށް ބަލާއިރު ވެސް ދުނިޔެއިން ވަނީ އެތައް ބަހެއް މަރުވެގޮސްފައެވެ. މަދު ހަފްތާތަކެއް ފާއިތުވެގެންދާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން ފާއިތުވެ ދިޔަ އަހަރަށް އެކަނި ބެލި ކަމުގައިވީ ނަމަވެސް ހަތަރު ބަސް ވަނީ މަރުވެ ގޮސްފައެވެ.
ބަސް މަރުވިޔަނުދީ ދިރުވުމަށް މަސައްކަތްތަކެއް ކުރެވެން އެބަޖެހެއެވެ. އެހެނީ ބަހަކީ އެބައެއްގެ އަމިއްލަވަންތަކަމާއި އާދަކާދައާއި ސަގާފަތާއި ޤަބޫލުކުރުންތަކާއި ދީނާއި ވަށައިގެންވާ މާހައުލު ވެށި ދައްކުވައިދޭ އެއްޗެކެވެ. ބަސްކޮށާރުން އެބައެއްގެ ވެށި ދެނެގަނެވެއެވެ. ބައެއް ލަފްޒުތަކަކީ އެ ބަހަކަށް ޚާއްޞަ ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކެކެވެ. ދުނިޔޭގެ އެހެން ބަހަކުން ފެންނަން ނޯންނާނެ ލަފްޒުތަކެކެވެ. އެހެންކަމުން ކޮންމެ ބަހަކީ ވެސް އެހާ މުހިންމު ބަހެކެވެ. އެހެންކަމުން ބަސް މަރުވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް މަސައްކަތެއް ކުރުމަކީ އެ މުޖުތަމައެއްގެ ޒިންމާއެކެވެ. އުވެމުންދިޔަ ބަސްތައް ދިރުވިފައި ވާތަން ފެނެއެވެ.
އެގޮތުން އެއް މިސާލަކީ ހިބްރޫ ބަހެވެ. ހިބްރޫ ބަހަކީ ވެސް އުވެމުންދިޔަ، މަރުގެ ތުންފަތްމަތީގައި ދުވަސްތައް ގުނަމުން ދިޔަ ބަހެކެވެ. އެހެނަސް އެ ބަހުގެ އަހުލުވެރީން އެ ބަސް ދިރުވުމަށް މަސައްކަތް ކުރިއެވެ. އެ ބަސް ދަންނަ މީހުން މެދުވެރިކޮށް ފަހުގެ ޖީލުތަކަށް އެ ބަސް ކިޔަވައިދިނެވެ. ސަރުކާރު ލިޔެކިޔުންތަކުގައާއި ސުކޫލު ކަރިކިއުލަމްގައި އެ ބަސް ބޭނުންކުރަން ފެށިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މިހާރު އެ ބަސް އެ މުޖުތަމައުގެ މާދަރީ ބަހަށް ވެފައިވުމެވެ.
އެހެންކަމުން ނާޒުކު ފައްތަރެއްގައިވާ ބަސްތައް އެ ބަސްތަކުގެ އަހުލުވެރީންގެ މަސައްކަތުން ދިރުވިދާނެކަން ހިބްރޫ ބަހުގެ މިސާލުން އެނގިގެންދެއެވެ. ސަގާފަތާއި އަމިއްލަވަންތަކަށް ދެމެހެއްޓުމަށް ލޯބިޖައްސުވައިގެންނެވެ. ސުކޫލު މަންހަޖުގައި އަމިއްލަ މާދަރީބަހަށް އިސްކަން ދީގެންނެވެ. މުޖުތަމައު ދެބައްސަ މުޖުތަމައަކަށް ހަދައިގެންނެވެ. ތުއްތުއިރުއްސުރެ މާދަރީބަހަށް ލޯބިޖައްސުވައިގެންނެވެ.
ނެގީ:
- www.britannica.com/topic/pidgin#ref605378
- www.britannica.com/topic/creole-languages
- alphaomegatranslations.com/foreign-language/what-causes-the-death-of-a-language
- www.theguardian.com/commentisfree/2010/feb/05/bo-language-extinct-linguistics
- news.bbc.co.uk/today/hi/today/newsid_8311000/8311069.stm
