ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް، ކަނޑައަޅާ ވަކި ޝިޢާރެއްގެ ދަށުން މި ދުވަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ފާހަގަކުރަމުންނެވެ. 2017 ވަނަ އަހަރު، ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ އިން ކަނޑައަޅާފައިވަނީ “ވައި ވޭސްޓް ވޯޓަރ” މި ޝިއާރެވެ.

އދ އިން އަންދާޒާކުރާ ގޮތުގައި، ދުނިޔޭގެ 663 މިލިއަން މީހުންނަކީ އެމީހުންގެ ގެދޮރާ ހަމައަށް ސާފު ބޯފެން ލިބޭނޭ ގޮތެއް ނެތިފައި ތިބި މީހުންނެވެ. އަދި، ގާތްގަނޑަކަށް އެއް ބިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅެމުންދަނީ އެންމެ ރައްކާތެރި ސާފު ބޯފެން ނުލިބިއެވެ. ފެނުގެ ދަތިކަމަކީ، ދުނިޔޭގެ ބޮޑު ބަޔަކަށް މިއަދު ކުރިމަތިވެފައިވާ ”މުސީބާތެކެވެ.“ ކުޑަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ފެނުގެ ދަތިކަން ތަހައްމަލުކުރާ މިންވަރު އިތުރެވެ. އޭގެ ތެރެއިން މި ލިސްޓުގައި، އެފްރިކާ އާއި ސައުތު އީސްޓް އޭޝިއާ އަދި ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކެއް ފާހަގަކޮށްލެވެއެވެ.

”މުސީބާތެއް“ ގެ ގޮތުގައި ފެނުގެ ދަތިކަން ސިފަކޮށްފައި ވަނީ، އޭގެ ޒާތުގައި ފެނުގެ ބޭނުންތެރިކަން ބޮޑުކަމުންނެވެ. ފެނަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލާއި، އަހަރެމެންގެ މުޅި ދިރިއުޅުމަށް އޭގެ އަސަރުކުރުވާ މަތިވެރި ނިޢުމަތެކެވެ. ފެނާ ނުލައި އަހަރެމެންނަށް ދިރިއުޅެވޭނެ ގޮތެއް ނޯވެއެވެ. އިންސާނާގެ އުމުރެއް ފެށިގެން ނިމިދާއިރު، އޭނާގެ މައްޗަށް ފެނަކީ ބާރުގަދަ ނުފޫޒެއް ފޯރުވާ އެއްޗެކެވެ. ފެން ލިބުން އެންމެ ދުވަހަކަށް ދަތިވި ނަމަވެސް، އަހަރެމެންގެ ޞިއްޙީ ހާލަތު އެތައް ތަނަކުން ގޯސްވެގެން ހިނގައިދާނެއެވެ. ތަޢުލީމަށް އޭގެ އަސަރު ކުރުވަފާނެއެވެ. އެ މުޖުތަމަޢެއް ފަޤީރުކަމަށް ހުށަހެޅިދާނެއެވެ. ފެން ލިބުން ދަތިވުމުން، ދުނިޔޭގައި އެތައް މިލިއަން ކުޑަކުދިންނާއި އަންހެނުންނަށް ދަނީ ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ.

ސާފު ނޫން ފެނާއި ނަޖިހުގެ ސަބަބުން ދުނިޔޭގެ އެތައް ކުޑަކުދިންނަކަށް ތަފާތު ބަލިތައް ޖެހި، މަރުވަމުން ދެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 5 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން ކޮންމެ ދުވަހަކު 900 ވަރަކަށް ކުޑަކުދިން ފެނުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގައި މަރުވެދެއެވެ. މިއީ، ކޮންމެ ދެ މިނެޓަކުން ކުއްޖަކު މަރުވުމެވެ. ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި، ސާފު ބޯފެން ނުލިބުމާއި ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން ދުނިޔޭގައި އަލަށް އުފަންވާ ކުދިންގެ ތެރެއިން އެތައް ކުދިންނެއް ކޮންމެ މިނެޓެއްގެ ތެރޭގައި މަރުވަމުންދެއެވެ.

އެފްރިކާ އަކީ ފެނުގެ ދަތިކަން އެންމެ ބޮޑަށް ތަހައްމަލްކުރަން ޖެހިފައިވާ ބައްރެވެ. އޭގެ ސަބަބުން، އެފްރިކާގެ ގިނަ ޤައުމުތަކުގައި ފަޤީރުކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެފްރިކާގެ ޤައުމުތަކުގައި ދުވާލެއްގެ މައްޗަށް އެންމެ ޑޮލަރެއް އާމްދަނީގެ ގޮތުގައި ލިބޭ ޢާއިލާތައް ދިރިއުޅެމުން ދެއެވެ. އެފަދަ ބައެއް ޢާއިލާތައް ދިރިއުޅޭ ސަރަޙައްދުތަކަކީ ފެން ލިބެން ހުންނަ ސަރަޙައްދުތަކެއް ނޫނެވެ. އެމީހުން ފެން ހޯދަނީ، ދިގު ރާސްތާއަކަށް ކުރެވޭ އުނދަގޫ ދަތުރުތަކެއް ކަނޑައްތުކޮށްގެންނެވެ. އެންމެ ކައިރީގައި އޮންނަ ކޯރު، ނުވަތަ ފެން ލިބޭނޭ ވަސީލަތަކާ ހަމައަށް ވާސިލްވުމަށް އެކަނިވެސް، ދުވާލަކު އާންމުކޮށް 4 ގަޑިއިރު ގިނަ މީހުން ފައިމަގުގައި ހޭދަކުރެއެވެ. ފެން ހިފައިގެން އެނބުރި ގެއާ ހަމައަށް އައުމަށް އެއަށްވުރެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭނެއެވެ. އެތައް ތަކުލީފުތަކެއް އުފުލަން ޖެހޭނެއެވެ. މި ސަރަޙައްދުތަކުގައި، ފެން ބަލާ ކުރާ ދިގު ދަތުރުގައި އާންމުކޮށް ބައިވެރިވާތަން ފެންނަމުންދަނީ، އަންހެނުންނާއި ކުޑަކުދިންނެވެ. ސަބަބަކީ ފިރިހެނުންނަކީ ދިރިއުޅުމަށް އާމްދަނީ ހޯދަން އެހެން މަސައްކަތްތައް ކުރަންޖެހޭ ބަޔަކަށް ވާތީއެވެ.

އެފްރިކާގެ ބައެއް ހިސާބުތަކުގައި، އެހެން އެއްވެސް ކަމަކަށް ވަގުތު ހޭދަ ނުކުރާވަރަށް، އެމީހުން ފެން ހޯދުމަށް ނުވަތަ ފެން ބަލާ ދިޔުމަށް ވަގުތު ހޭދަކުރެއެވެ. އަދި މުޅި ޢާއިލާއަށް ފެން ހިފައިގެން ގެއާ ހަމައަށް ފައިމަގުގައި ކުރެވޭ ދަތުރަކީ ހިތަށް ތަސައްވުރު ނުކުރެވޭހާ ބުރަ ދަތުރެކެވެ. ބައެއް އަންހެނުން 40 ޕައުންޑުގެ ފެން އެމީހުންގެ ބުރަކަށިމަތީގައި އުފުލައެވެ. ފައިމަގުގައި ކުރާ މި ދަތުރުގައި، ނުރައްކާތެރި ހާދިސާތައް ބައެއްފަހަރު ހިނގައެވެ. އެހެން މީހުންގެ ހަމަލާތައް އެފަދަ އަންހެނުންނަށް ކުރިމަތިވެއެވެ. ރޭޕްގެ ޝިކާރައަށް ވެފައި އެބަހުއްޓެވެ.

އެފްރިކާގެ  ސަރަޙައްދުތަކުގައި ހުންނަ ކޯރުތަކުން ނަގާ ފެނަކީ، ގިނަ ފަހަރަށް ޖަނަވާރުންގެ ނަޖިހާއި އިންޑަސްޓްރީތަކުން ބޭރުކުރާ ކެމިކަލްތަކުގެ ސަބަބުން ވަރަށްބޮޑަށް ތަޣައްޔަރު (ކޮންޓެމިނޭޓް) ވެފައި ހުންނަ ފެނެވެ. އޭގެ ސަބަބުން އެ ފެން ބޭނުންކުރާ މީހުން އެތައް ބަލިތަކަކަށް ހުށަހެޅިގެންދެއެވެ. ޑީހައިޑްރޭޓްވުމާއި، ޑައިރިއާ ފަދަ ބަލިތަކަކީ އެ ސަރަޙައްދުތަކުގައި އާންމު ކަންކަމެވެ. ބައެއް ހާލަތްތަކުގައި ބޮވޭ ފެނުގެ ސަބަބުން މަރުވެސް ވެއެވެ. އެހެނަސް، އެމީހުންނަށް ލިބެންހުރި ފެން ބޭނުންކުރުން ނޫން އެހެން އިޚްތިޔާރެއް ނޯވެއެވެ. އެ ސަރަޙައްދުތަކުގައި، ސާފުނޫން ބޯފެނުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ. ފެނާ ގުޅުންހުރި ބަލިތައް ޖެހިގެން ނުވަތަ ސާފުނޫން ފެނުގެ އަސަރުކޮށްގެން، ގާތްގަނޑަކަށް ކޮންމެ 90 ސިކުންތަކުން، އަލަށް އުފަންވާ ތުއްތުކުއްޖަކު އެކުދިންގެ މައިންނާ ވަކިވާން ޖެހޭ ކަމަށް ޑަބްލިޔުއެޗްއޯއިން ހާމަކުރެއެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރާ ގޮތުގައި، އެ މީހުން ފެން ހޯދުމަށް ހޭދަކުރާ ކޮންމެ ސިކުންތަކީ އެހެން ކޮންމެވެސް ބޭނުންތެރި ވަގުތުކޮޅަކަށް ހެދޭނަމަ އޭގެ ނަތީޖާއަށް ބަދަލުތަކެއް ގެނުވިދާނެއެވެ. އެ ސަރަޙައްދުތަކުގައި ގޭގެއާ ހަމައަށް ފެން ލިބޭނޭ ނިޒާމެއް ޤާއިމުކުރެވިފައި ހުރިނަމަ، ފެންބަލާ ދާންޖެހޭ ވަގުތުކޮޅުގެ ބަދަލުގައި، އެފަދަ ޢާއިލާތަކުގެ ދަރިން ފޮތް ކިޔުމަށް ނުވަތަ ލިޔުންފަދަ ތަޢުލީމީ ކަންކަމުގައި ހޭދަކުރެވިދާނެއެވެ. ކޮންމެވެސް އާމްދަނީއެއް ހޯދިދާނެ އެހެން މަސައްކަތެއް އެ ވަގުތުތަކުގައި ކުރެވިދާނެއެވެ. ނުވަތަ ދަރިންނާ އެކު އުފާވެރި ވަގުތުކޮޅެއް ގޭގައި ހޭދަ ކުރެވިދާނެއެވެ. ގެއާ ހަމައަށް ފެން ލިބޭނޭ ނިޒާމެއް ޤާއިމުކުރެވިފައި ހުރިނަމަ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވޭނެއެވެ.

އެފްރިކާގެ މި ހާލަތު ބަދަލުކުރުމަށް، ފެން ފޯރުކޮށްދެވޭ ނިޒާމް ކޮންޓްރޯލް ކުރެވިދާނެ ގޮތްތައް އަދި ޙައްލުތައް ވަނީ ހޯދިފައެވެ. އޭގެ ތެރެއިން، ބައެއް ޙައްލުތަކަކީ، ”ވޯޓަރ ފިލްޓްރޭޝަން ސިސްޓަމް“ އަދި ”ހޭންޑް ވޯޓަރ ވެލް ޕަންޕު“ ފަދަ ޙައްލުތަކެވެ. ވޯޓަރ ފިލްޓްރޭޝަން ސިސްޓަމަކީ، ގޭގޭގައި ނުވަތަ ކޮމިޔުނިޓީ ތަކުގައި ހަރުކުރެވޭ ވަސީލަތްތަކަށް ލިބޭ ފެން، ފިލްޓަރ ކޮށްދީ، ސާފު ބޯފެން އޭގެން ލިބޭފަދަ ނިޒާމެކެވެ. އަދި، ހޭންޑް ވޯޓަރ ވެލް ޕަންޕަކީ، އެފަދަ ކޮމިޔުނިޓީތަކަށް ބޭނުންވާ ފެން ހޯދުމަށް ދުރު ރާސްތާއަށް ނުގޮސް، ކައިރިން ފެން ހޯދުމަށް އެހީތެރިވެދޭ ނިޒާމެކެވެ. އެއީ، ވަޅެއް ނުވަތަ ޕަންޕުގެ ޒަރީއްޔާއިން ފެން ނަގައިގެން ބޭނުންކުރެވޭ ނިޒާމެކެވެ.

މިފަދަ ޙައްލުތަކުގެ ސަބަބުން، ފެނަށް ޖެހިފައިތިބޭ މީހުންނާ ސާފު ބޯފެން ލިބޭނޭ ވަސީލަތްތައް ކައިރިކޮށްދެއެވެ. އެފްރިކާގެ ވިލެޖުތަކުގައި، ބައެއް ޗެރިޓީ ޖަމާޢަތްތަކުން ދަނީ ”ސޭފް ވޯޓަރ ޕްރޮޖެކްޓް“ ގެ ދަށުން މިފަދަ ހާލަތްތަކުން އަރައިގަތުމަށް އެހީތެރިވަމުންނެވެ. އެފްރިކާގެ އެފަދަ ސަރަޙައްދުތަކުގައި ފެން ބަލާދިޔުމަށް މީހުން ހޭދަކުރާ އެތައް ވަގުތެއް މިފަދަ ވަސީލަތްތަކުގެ ސަބަބުން ސަލާމަތްކޮށްދޭނެއެވެ. މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން އެމީހުންނަށް ދިރިއުޅުމުގައި އައު ފުރުޞަތުތަކެއް ހޯދައިދެވޭނެއެވެ. ކުޑަކުދިން ސްކޫލަށް ދިޔުމުގެ މަގު ފަހިކުރެވޭނެއެވެ. ތަޢުލީމު ހޯދުމަށް ވަގުތު ހޯދައިދެވޭނެއެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ވަގުތު ލިބިގެންދާނެއެވެ. އަދި ޢާއިލާއާއެކު ދުޅަހެޔޮ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސާފު ބޯފެން ލިބުމަކީ، ކުރެވޭ ޚަރަދު ވެސް ކުޑަކުރެވޭނެ ކަމެކެވެ. އޭރުން، އިތުރުވަމުންދިޔަ ޚަރަދުތައް ބޭސްފަރުވާއަށް ނުވަތަ އެނޫން ވެސް ކަމަކަށް ހޭދަކުރެވިދާނެއެވެ. ޔުނިފޯމް އަދި ފޮތް ގަތުމަށް އެ ޚަރަދު ކުރެވިދާނެއެވެ. އަދި އެފަދަ ނިޒާމުތައް ސްކޫލުތަކުގައި ޤާއިމްވެފައި ހުންނަނަމަ، އޭގެ ސަބަބުން ސްކޫލު ހާޟިރީ ވެސް އިތުރުވާނެއެވެ. ކިޔަވާ ކުދިން އިތުރު ކުރެވޭނެއެވެ.

ފެނަކީ، އެއާ ނުލައި ނޫޅެވޭނެ އަގުހުރި ނިޢުމަތެކެވެ. އަޅުގަނޑުމެންގެ ދިރި ތިބުމާއި ގުޅިފައިވާ ޒަރޫރީ ބޭނުންތަކުގެ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން، ފެނުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެއެވެ. އަޅުގަނޑުމެންނަށް އެކަލާނގެ ދެއްވާފައިވާ މި އަގުހުރި ނިޢުމަތުގެ ބޭނުން އިސްރާފު ނުކޮށް، ހެޔޮގޮތުގައި ބޭނުންކުރަން ޖެހެއެވެ. ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެނުން ލިބެންހުރި ފައިދާތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޝެއަރކުރެއްވުމަށް