އަހަރެމެން ކޮންމެ މީހަކަށް ވެސް އެނގިފައި އޮންނަ ގޮތުން ހެނދުނުގެ ނާސްތާ އަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އެއީ ކީއްވެކަން ބަލައިލުން ވަނީ ބޮޑު ކަމަކަށެވެ. މި އާޓިކަލްގައި މި ބަލައިލަނީ ހެނދުނުގެ ނާސްތާ ކޮންމެ ދުވަހަކު ވެސް މުހިންމުވާ ބައެއް ސަބަބުތަކަށެވެ. މަޤްޞަދަކީ މި މަޢުލޫމާތުތަކަށް ފަހު ހެނދުނުގެ ނާސްތާ އަކީ މުހިންމު އެއްޗަކަށް ވީ ސަބަބު އެނގި ހެނދުނުގެ ނާސްތާ ދޫކޮށްލުން މަދުކުރުމެވެ.
ދުވަސް ފަށައިގަތުމަށް ރަނގަޅު ކާނާއަކީ މުހިންމު އެއްޗެކެވެ. ސައިންޓިފިކަލް ގޮތުން ބަލާއިރު ކޮންމެ ދުވަހެއްގެ ހެނދުނު ނާސްތާ ނަގާ މީހުންގެ ކެއުން ހުންނަ ގޮތް ރަނގަޅުވެ، ގިނަ ފައިދާ ހަށިގަނޑަށް ލިއްބައިދޭ ކެއުމުގެ ވައްޓަފާޅިއެއް ގެންގުޅުން އެއީ އެ މީހުންގެ އާދައަކަށް ވެއެވެ.
އާއިލާގެ ގުޅުން ބަދަހިކޮށް ގުޅުން ދެމެއްޓުމަށް ވެސް ހެނދުނުގެ ނާސްތާ މުހިންމު ވެގެން ދެއެވެ. އެންމެ ހެނދުނުގައި އާއިލާއާއި އެކުގައި ހެނދުނުގެ ނާސްތާ ކުރުމަކީ އާއިލީ ގުޅުން ވަރުގަދަކޮށްދޭނެ ކަމެކެވެ. އަދި މިއީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭނެ ފަހި ފުރުސަތެކެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ ދޫކޮށްލުމުގެ ބަދަލުގައި އެ ވަގުތުކޮޅުގައި އާއިލާއާއެކު އުފާކޮށްލާށެވެ.
އެންޒައިޓީ ދަށްކޮށް ދިނުމަށް ވެސް ހެނދުނުގެ ނާސްތާ އެހީތެރިވެ ދެއެވެ. ހެނދުނު ރަނގަޅު ނާސްތާއެއް ނަގައިގެން ހުރެއްޖެ ކަމުގައި ވާނަމަ، މެންދުރުވެގެން އަންނައިރު ބަނޑުހައި ހޫނުކަން އިހުސާސްވުން ކުޑަކޮށްދެއެވެ. އަދި އޭގެ ސަބަބުން މެންދުރު ގިނައިން ކެއުމުން މީހާ ސަލާމަތް ކޮށްދޭނެއެވެ.
ބަލިތަކުން ރައްކާތެރިވެ ބަލިތައް ޖެހުން މަދުކޮށްދޭ އެހީތެރިއަކަށް ވެސް ހެނދުނުގެ ނާސްތާ ވެގެން ދެއެވެ. ރަނގަޅު ކާނާއާއި ހެނދުނުގެ ރަނގަޅު ނާސްތާ ކުރެވޭ ކަމުގައި ވާނަމަ، ހަކުރު ބައްޔާއި، ހައިޕޮލިސިމިއާ އާއި ހައިޕޮޓެންޝަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހިތުގެ ބަލިތަކާ ދުރުވެތިބުމަށް ވެސް ހެނދުނުގައި ރަނގަޅު ނާސްތާއެއް ނެގުން މުހިންމެވެ.
އެންމެ ހެނދުނުގެ ނާސްތާގެ ސަބަބުން މީހާގެ މޫނު ވެސް އުޖާލާވެގެން ދެއެވެ. ހެނދުނުގައި ކާ ރަނގަޅު ކާނާގެ ސަބަބުން މީހާގެ މޫޑަށް ބަދަލު އައިސް އުފާވެރިކަން ގެނެސްދެއެވެ.
ހެނދުނުގެ ނާސްތާ އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ހެނދުނުގެ ނާސްތާ ދޫކޮށްލާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ބަރުދަން އިތުރުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހޭ ފަރާތްތަކެވެ.
ހެނދުނުގެ ނާސްތާ ނަގާނަމަ، ސިކުނޑި ތަނަވަސްވުމަށް މަގުފަހި ވެއެވެ. އެކަމުގެ ސަބަބުން ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ މިންވަރު އިތުރުކޮށްދީ ޝައުޤުވެރިކަން ދަމަހައްޓައިދެއެވެ. އަދި ކަންކަން ހަނދާން ބެހެއްޓުމުގެ ބާރު ގަދަކޮށްދީ ސިކުނޑި ވަރުގަދަކޮށްދެއެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ނާސްތާ ކޮށްގެން ސްކޫލަށް ދާކުދިންނަށް ވުރެ، ހެނދުނު ނާސްތާ ނުކޮށް ސްކޫލަށް ދާކުދިންގެ ނަތީޖާ ދަށެވެ. އެމެރިކާގެ ހަވާރޑް މެޑިކަލް ސްކޫލުގެ ޑރ.ރޮނާލްޑް ކުލެއިމެން ވިދާޅުވާގޮތުގައި ”ރަނގަޅު ނާސްތާއެއް ކޮށްގެން ކުދިން ސްކޫލަށް ދިއުމުން ކިޔެވުމަށް ކުދިން ރަނގަޅަށް މަސައްކަތް ކުރެއެވެ. ހާޟިރީ ރަނގަޅުވުމާއެކު، މާބޮޑަށް ހަލަނިވެގެން އުޅުން މަދުވެއެވެ. ނާސްތާ ނުކޮށް ސްކޫލަށް ދިއުމުން ކިޔެވުމަށް ދޭންވާ ސަމާލުކަމެއް ނުދެވެއެވެ. އަދި މިކަމުގެ ސަބަބުން ކުލާހުގައި ވިޔާ ނުދާކޮށް އުޅެއެވެ. މުދައްރިސުން ކިޔަވާދެއްވާއިރު އަޑު ނޭހުމާއި، އެހެންކުދިންނާ ތޮޅުމާއި، އެހެންކުދިންގެ ތަކެތި ސިއްރުން ނެގުން ފަދަ ކަންތައްތައް ކުދިން ކުރެއެވެ.“
