ދިވެހިރާއްޖޭގެ ތާރީޚުގެ ޞަފުޙާތައް ހުޅުވައިލުމުން އިރުވައި މޫސުމުގެ ދުވަސްތަކަކީ މާޒީގައި ދިވެހިން ވަރަށް ޖެހިލުންވި ދުވަސްތަކެއްކަން އެނގެއެވެ. އެއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށްގިނަ ފިޔަވަޅުތައް އަޅައިގެން ފާރަޔަށް ހޭލައި ތިބި ދުވަސްތަކެކެވެ. އެހެންވާންޖެހުނު ސަބަބުތައް ތާރީޚުން ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ. އާދޭހެވެ! ރާއްޖެއާ ޙަމަލާދޭން ރާއްޖެ ހިފައި އަޅުވެތިކުރާން ރާއްޖެއާ ދެކޮޅަށް މީހުން އެންމެ ގިނައިން އައިސް އުޅުނީ އިރުވައި މޫސުމުގެ ދުވަސްވަރުގައެވެ. ސަބަބު މި ދަންނަވަނީއެވެ.
ތާރީޚު ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާނެއެވެ. 3 ނޮވެންބަރު 1988 ގެ ހާދިސާ ފިޔަވައި ރާއްޖޭގެ ދިގު ތާރީޚުގައި ރާއްޖެއާ ޢުދުވާނީ ގޮތުން ތޮޅެން އައި ކޮންމެ ބަޔަކު ވެސް އައިސްފައިވަނީ އިންޑިޔާ މަގުންނެވެ. އެއީ ޕޯޗްގީޒުން ކަމުގައިވިޔަސް ހޮޅިން ކަމުގައިވިޔަސް ނުވަތަ ސީދާ އިންޑިޔާގެ ރަސްކަލެއްގެ ބާރުގެ ދަށުން އައި ބަޔަކު ކަމުގައިވިޔަސް ދަތުރު ފަށައި ނިންމާފައި އޮތީ އިންޑިޔާއަށެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ރާއްޖެއާ އެންމެ ކައިރި އިންޑިޔާއާ ދެމެދު ކުރެވުނު ދަތުރުފަތުރަށް އެ ޒަމާނުގައި އެންމެ ފަހި ދުވަސްވަރަކީ އިރުވައިގެ ދުވަސްވަރެވެ. ރިޔަލުގައި ވައި އަޅުވައިލައިފައި ރާއްޖެ އަންނަން ވެސް އަދި ރާއްޖެއިން ފުރައިގެން ދާން ވެސް އެންމެ ފަސޭހަ ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރެވެ. އެހެންކަމާއެކު، ބަނގަލާ ބޯޓުފަހަރާއި ނައުފަހަރުގައި ވިޔަފާރި ދަތުރުތަކާއި އެހެނިހެން ދަތުރުތައް ކުރެވުނު ފަދައިން ހަނގުރާމަމަތީ ގުރާބުތައް ވެސް އެންމެ ގިނައިން ރާއްޖެ އައިސް ގޮސް އުޅުނު ދުވަސްވަރަކީ އެއީއެވެ.
މިކަން ހިނގަނީ މިހެންކަން އޭރު ދިވެހިން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން، އިރުވައި މޫސުން އަންނަންވާއިރަށް ޤައުމުގެ ސަލާމަތަށްޓަކައި އެޅެންހުރި ހުރިހައި ފިޔަވަޅެއް އަޅައި މާލެ އޮންނަނީ ހަނގުރާމައިގެ ޙާލަތަކާ ކުރިމަތިލުމަށް ތައްޔާރުކޮށްފައެވެ.
ދިވެހިން އަބަދުވެސް އެންމެ ބޮޑަށް މަދަދު އެދޭ ފަރާތަކީ اللّـه سبحـانـه وتعـالى އެވެ. އެހެންކަމުން، އިރުވައި މޫސުން ފެށުމާއެކު، އާދެ، މުލަނަކަތް ލައިގަތުމާއެކު ފުރަތަމަ އޮންނަނީ ޤައުމުގެ ސަލާމަތަށްޓަކައި ދުޢާކުރުމެވެ. މިއީ ވަރަށް ރަސްމީ ސިފައެއްގައި ބޭއްވޭ ކަމެކެވެ. މި ރަސްމިއްޔާތަށް ކިޔަނީ ބަޑިހެލުމެވެ. އާދެ، ކޮންމެ ކަމެއް ވެސް އޭރަކު ހިނގާނީ އޭރެއްގެ އާދަކާދަތަކާ އެއްގޮތަށެވެ. ބަޑިހެލުން އޮންނަނީ މުލަނަކަތުން 3 ވަނަ ދުވަހުއެވެ. އެއީ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހެވެ.
މިކަން ކުރާގޮތަކީ މިއީއެވެ. ކީރިތި މަހާރަދުން ދައުލަތުގެ ބޮޑުންނާއި ޤައުމު ދިފާޢުކުރަން ތިބި ލަޝްކަރާއެކު އެދުވަހުގެ އިރުއަރާއިރު ދެ ދޮރާށި ދޭތެރެއަށް ނުކުމެވަޑައިގެން ގޮނޑިކޮޅެއްގައި އިށީނދެވަޑައިގަންނަވާނެއެވެ. ދެން ފަނޑިޔާރު ބޭކަލަކު އިސްވެ ޞަލަވާތް ވިދާޅުވާނެއެވެ. އެއަށްފަހު މާބަނޑޭރި ބޭކަލަކު ހަރުއަޑުފުޅުން އެންމެހައި ބަލާތަކުންނާއި، ބަލިތަކުންނާއި، ދުޝްމަނުންގެ ނުބައިކަމުން ރާއްޖެއާއި ރައްޔިތުން ސަލާމަތް ކުރެއްވުން އެދިވަޑައިގެން ދުޢާއެއް ކުރައްވާނެއެވެ. މި ދުޢާ އޮންނަނީ ލިޔެފައި ކަމަށްވެއެވެ. އެ ދުޢާއަށް މީލާދީން 1900 ގެ ކުރީކޮޅުން ފެށިގެން ކިޔާ ނަމަކީ [ބަޑިހަލާ ދުވަހު ކިޔާ ޚުޠުބާ] އެވެ. އޭރު ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށީގެ ހުޅަނގު ކައިރީގައި ހަރުމަތީ ބާއްވައިފައި ބަޑިއެއް އޮންނާނެއެވެ. ދެން ލަޝްކަރު (މިޒަމާނުގެ ގޮތަށް ދަންނަވާނަމަ ސިފައިން) އެ ބަޑީގައި ދުންބުރުވައި ބަޑި ހަލުވައިލުމާއެކު ބޮޑު ކޯއްޓޭ ބުރުޒުންނާއި، ނާނޭ ބުރުޒުންނާއި، އާބުރުޒުން، މިއިން ކޮންމެ ބުރުޒަކުން ބަޑިއެއްޖަހާނެއެވެ. މި ރަސްމިއްޔާތަށްފަހު ޖެހިގެން އަންނަ ރެއިން ފެށިގެން ބޮޑު ދުންދޭ 25 ޒިޔާރަތްދޮށުގައި 25 ރޭވަންދެން ފޭލިގެ ޖަހައިގެން ބޮޑުމާލޫދު ކިޔާނެއެވެ. އާދެ، ދުޝްމަނުންގެ ކިބައިން ޤައުމު ސަލާމަތްކުރެއްވުން އެދިއެވެ.
ބަޑިހެލުމަށްފަހު ވަރަށް ޚާއްޞަ ކޮއްޔެއްލެވެއެވެ. މި ދެންނެވި ކޮލީގައި ކިޔާނީ ދެބަނޑޮސް ދޭތެރެއިން އޮޑިއެއް ދޯންޏެއް ނުވަނުމަށާއި، ބޮޑުފާރުދޮށް ކޮށައި ސާފުކުރުމަށާއި، ދަމަށް އެރުމަށެވެ. މި ކޮލިލުމަށްފަހަކު ދެބަނޑޮސް ދޭތެރެއަކުން ރާއްޖޭގެ އެއްވެސް އުޅަނދެއް ނާންނާނެއެވެ. އަޔަސް އަންނާނީ ރާއްޖެއިން ބޭރުން އަންނަ އެއްޗެކެވެ. އޭގެ ކުރީ އަހަރު ސާފުކުރިފަހުން އޮތްގޮތަށް ބޮޑުފާރުގެ ބޭރު އޭރު އޮންނާނީ ވިނަފަޅައި ހަޑިވެފައި ކަމަށްވާތީ، މި ކޮލީގައި އެ އަންގަވަނީ އެތަން ސާފުކުރުމަށެވެ. ދަމަށްއަރާން އެ ކުރައްވާ އަމުރަކީ ރޭގަނޑު ފާރަޔަށް ހޭލައި ތިބުމަށް ކުރައްވާ އަމުރެވެ. ޒަމާންތަކެއް ވަންދެން އިރުވައި މޫސުން ނިމެންދެން މިކަންކަން މިގޮތަށް ހިނގިއެވެ. މިކަން ފެށުނީ ކޮން ރަސްކަލެއްގެ ރަސްކަމުގައި ކަމެއް ނުވަތަ ތާރީޚީގޮތުން ކޮން ދުވަސްވަރެއްގައިކަން އެނގެން އޮތް އެއްވެސް ލިޔުމެއް އަދި އަޅުގަނޑަކަށް ނުފެނެއެވެ. މި ކަންކަން މި ވަރަށް މި ބަޔާންކުރީ މިކަމުގެ ސީރިޔަސްކަން ދެންނެވުމުގެ ގޮތުންނެވެ. [ބަޑިހެލުމުގެ ރަސްމިއްޔާތު] ފަހުން ބަދަލުވެފައިވަނީ [ބަޑިހެލުމުގެ ބަދަލުގައި ކިޔާ ޞަލަވާތް] މި ނަމަށެވެ. މި [ޞަލަވާތް] އެންމެފަހުން އޮތީ ހިޖްރައިން 1366 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 22 (1946 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16)ވީ ހޯމަ ދުވަހު ހެނދުނު 6:30 ގައި މުލީއާގޭގައެވެ.
ވަރަށް ހެއްވާ ވާހަކަތަކެއް ދޮގެއްތޯއެވެ؟ އާދޭހެވެ! މި ޒަމާނުގެ މީހުންނަކަށް މި ވާހަކަތައް ބަލައިގަންނާކަށް މާފަސޭހައެއްނުވާނެއެވެ. އެހެންނަމަވެސް، ދިވެހި ތާރީޚުގެ ޞަފުޙާތައް ނިއުޅައިލައްވަނިކޮށް މިކަމުގެ ސީރިޔަސްކަން ހިތްޕުޅަށް ވަދެދާނެއެވެ. ތިރީގައި އަޅުގަނޑު މި ބަޔާންކުރަނީ އިރުވައި މޫސުމުގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާ ކުރުމަށް ދީފައި ހުރި ހަމައެކަނި ދެތިން ޙަމަލާއެކެވެ.
އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ރަސްކަމުގައި ހޮޅީންގެ ބަޔަކު ދިވެހިރާއްޖެއާ ދެކޮޅުވެރިކަމުގައި އައެވެ. ދުޝްމަނުންނާ ދިވެހި ލަޝްކަރު ބައްދަލުވީ ހަންޏާމީދޫ ކައިރިންނެވެ. ނަތީޖާއެއް ކަމުގައިވީ ވަރަށް ވަރުގަދަ ހަނގުރާމައެއް ހިނގުމެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރައްވަމުން ގެންދެވީ ރަދުންނާއި ޖަމާލުކަލޯއާއެވެ. ކަލާފާނު ޝަހީދުވެވަޑައިގަތީ މި ހަނގުރާމައިގައެވެ. މިކަން ހިނގީ 1609 ފެބުރުވަރީ 04 ވީ ބުދަ ދުވަހުއެވެ. އާދެ! އިރުވައި މޫސުމުގައެވެ.
އިންޑިޔާގެ ކަނޑުފޭރޭ ބައެއްގެ ގުރާބުތަކެއް ތިލަދުންމައްޗަށް ގޮސް ތިލަދުންމަތީ ރައްޔިތުންނަށް ވަރަށް ދުއްތުރާކުރިއެވެ. މި ޚަބަރު ލިބިވަޑައިގަތުމުން މާލެއިން އެބައިމީހުންނާ ދެކޮޅަށް އޮޑިތަކެއް ފޮނުއްވިއެވެ. މާލެއިން ދިޔަ އޮޑިތަކުގެ ރިޔާތައް ދެކެފައި، އިންޑިޔާއިން ދިޔަ މަލާބާރީންގެ މީހުން އެމީހުންގެ ގުރާބުތަކުގައި ފިލައިގެން ރައްކައުވެއްޖެއެވެ. މިކަން ހިނގި މީލާދީ ތާރީޚު ދިމާވަނީ 1691 ވަނަ އަހަރުގެ މާރިޗް މަހުގެ ދުވަހަކާއެވެ. އާދެ! އިރުވައި މޫސުމާއެވެ.
އައްސުލްޠާނު މުކައްރަމު މުޙައްމަދު ޢިމާދުއްދީން ޞުލްޙަވެރިކަންމަތީގައި ރަސްކަން ކުރައްވާތާ 3 އަހަރުވީތަނާ، ކަންނަންނޫރު ޢަލީ ރާޖާ ފޮނުވި މަލާބާރީންގެ ބަޔަކު އައިސް މާލެ ހިފައި، ގަނޑުވަރާއި މާލެއިން ބައެއް އަންދައިލިއެވެ. ހޮޅިންގެ މީހުން އެނބުރި ރަށަށް ދިޔައީ ރަދުންނާއި، އިބްރާހީމް ރަސްގެފާނުންގެ ދަރިކަލުން މުޙައްމަދު މަނިކުފާނާއި އަދިވެސް ދިވެހިންކުރެ އެތައް މާތް ބައެއް ގޮވައިގެންނެވެ. އެއަށްފަހު ގާތްގަނޑަކަށް 4 މަސްދުވަސް ވަންދެން ރާއްޖޭގައި ހިނގީ ހޮޅީންގެ ވެރިކަމެވެ. ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވީ އަލްޣާޒީ ޙަސަން ޢިއްޒުއްދީނެވެ. މަލާބާރީން މާލެހިފީ 1752 ޑިސެންބަރު 20 ވީ ބުދަ ދުވަހުއެވެ. އާދެ! އިރުވައި މޫސުމުގެ ދުވަހެއްގައެވެ.
ދިވެހިރާއްޖޭގެ ވެރިކަމާ ތޮޅެން ވެލާނާގޭ މުޙައްމަދުދީދީގެ ވެރިކަމުގައި ޕިޗޯރީންގެ ބަޔަކު ގޮވައިގެން މާލެ އަރައިވަޑައިގަތުމަށް ވަޑައިގަތީ 1909 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23ވީ ބުރާސްފަތި ދުވަހުގެރޭގައެވެ. އާދެ! އިރުވައި މޫސުމުގެ ރެއެއްގައެވެ. ޑިސެންބަރު މަހުގެ 24 ވަނަ ދުވަސް އެއީ އެ އަހަރުގެ، އާދެ! ހިޖުރައިން 1327 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. ދުޝްމަނުން ރާވައިގެން އައީ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ޢީދުނަމާދަށް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް، ރާވެރި ނެރުންވަދެ މުއިވެއުދޮށަށް ފައިބައިގެން އެއްބަޔަކު ސީދާ ގަނޑުވަރުތެރެއަށް ދިޔުމަށެވެ. އެ ގޮސް ބައެއް މީހުން މަރައި، އަނެއް ބަޔަކު ހައްޔަރު ކުރުމަށްފަހު ރަސްކަން އަތުލުމަށެވެ. އެވަގުތު ސަރުކާރުގެ ޚަޒާނާގައި ހުރިއްޔާ ހުރި އެއްޗެއްގެ ދެބައިކުޅަ އެއްބައި ޕިޗޯރީންނަށް ދިނުމަށެވެ. ކޮންމެއަކަސް އެމީހުން މާލެއާ ހަމަޔަށް ނާންނަނީސް ބަނޑޮހުން އެމީހުން އަތުލައި އޭގެ އެއްދުވަސް ކުރިން މާތްﷲގެ ނަޞްރު ދިވެހިންނަށް ދެއްވިއެވެ.
މިނޫންވެސް އިރުވައި މޫސުމުގައި ހިނގައިފައިވާ މިފަދަ ހާދިސާތައް ދިވެހި ތާރީޚުން ފެންނަން އެބަހުއްޓެވެ. އަޅުގަނޑު މި ގެނެސްދިނީ ހަމައެކަނި ދެތިން މިސާލެކެވެ. ކޮންމެއަކަސް ދިވެހި ތާރީޚުގައި އިރުވައި މޫސުމަކީ އޭރު ދިވެހިން ވަރަށް ބިރުގަންނަ، ޖެހިލުންވާ މޫސުމެކެވެ. ޤައުމަށް ބޮޑު ނުރައްކަލެއް އަތުވެދާނެތީއެވެ. ޤައުމުގެ މިނިވަންކަން ގެއްލި އެތައް ރިޔަލެއްގައި ވައި އަޅުވާލާފައި އެތައް ގުރާބުތަކެއްގައި އައިސް ބަޔަކު ޤައުމު އަޅުވެތިކޮށްފާނެތީއެވެ.
ނަމަވެސް މިއަދު އެހެންތޯއެވެ؟ އޮކްޓޫބަރުން ފެށިގެން މާރިޗްގެ ނިޔަލަށް ދަންނަވާނީ ވެސް ކީކޭތޯއެވެ؟ އެއީ [ޕީކް] ސީޒަނެވެ. ރާއްޖެއަށް ފައިސާ އޮހޭ ދުވަސްވަރެވެ. އާދެ! އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެންމެ ނަލަ، ވާރޭވެހުން މަދު މުޅި ދުވާލު އިރުގެ ތާޒާ އަލިން ދިއްލިފައިވާ ދުވަސްވަރެވެ. ޔޫރަޕްގެ ފިނި ދުވަސްވަރާ މި ދަންނަވާ ދުވަސްވަރު ދިމާވާތީއާއެކު، އެ ދުވަސްވަރު ވެފައިވަނީ ބޭރު މީހުންނަށް މަރްޙަބާ ކިޔުމަށް ކުރިއްސުރެ މިއަދުގެ ދިވެހިން ތައްޔާރުވެގެން ތިބޭ ދުވަސްވަރަކަށެވެ. އާދެ! އިއްޔެގެ ބިރުވެރި އިރުވައި މޫސުން މިއަދު މިވަނީ އުފާވެރި އިރުވައި މޫސުމަކަށް ބަދަލުވެފައެވެ.
