ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ދަރަޖަތަކަކީ ބައެއް މީހުން ނުރުހޭ ކަމެކެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ވާހަކަދެއްކުމުގެ އަދަބުތައް ދަމަހައްޓަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަ ހުރިކަން ގަބޫލުކުރާން ޖެހެއެވެ. ބަޔަކު ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއީއެވެ. ބައެއް ސަބަބުތައް ދަންނަވައިލާނަމެވެ.

ވާހަކަދެއްކުމުގެ އަދަބަކީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކުގައި މޮށެއުޅޭ ބަސްބަހުގައި ވެސް އޮންނަ ކަމަކަށްވުމަކީ މި ކަން ދަމަހައްޓަން ޖެހޭ އެއް ސަބަބެވެ. އެހެނީ ދިވެހިބަހަކީ ވެސް ބަހަކަށް ލިބިފައިވާ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެފައިވާ، މި ސަރަހައްދުގެ ޝަރަފުވެރި ބަހެކެވެ. އަނެއް ސަބަބަކީ ދިވެހިބަހުގެ ތެރެއިން އަދަބުތަކުގައި ހިމެނޭ ދަރަޖަތަކަށް ނިސްބަތްވާ ލަފުޒުތައް އުވައިލުމުން، ބަހުގެ ލަފުޒު މަދުވެ، ފަގީރުވާނެތީ، ދިވެހިބަހަށް ލިބިފައިވާ މުއްސަނދިކަމެއް ގެއްލުނަނުދީ ދެމެހެއްޓުމެވެ. އަދި އިޖުތިމާޢީ ގޮތުން ބަލާ އިރު، މި އަދަބުތަކަކީ، ވާހަކަދައްކާ އިރު، ތިމާ ނޫން އެހެން ފަރާތްތަކަށް އިޙްތިރާމްކުރުމުގެ ގޮތުން ގެންގުޅޭ އުސޫލަކަށް ވުމަކީ ވެސް މި އަދަބުތައް ދަމަހައްޓަން ޖެހޭ ސަބަބެކެވެ. ހަމަ މިފަދައިން މާތްކޮށް ވާހަކަދެއްކުމަކީ ތަހުޒީބުވެފައިވާ ބައެއްގެ ތެރޭގައި އޮންނާނެ ކަމެއް ވެސް މެއެވެ. މިއީ ވެސް ވާހަކަދެއްކުމުގެ އަދަބުތައް ދިވެހިރާއްޖޭގައި ދަމަހައްޓަންޖެހޭ މުހިއްމު ސަބަބެކެވެ.

އާދޭހެވެ! މީލާދީން 17 ވަނަ ގަރުނާއި 18 ވަނަ ގަރުނު ތެރޭގައި ދިވެހިރާއްޖޭގެ މީހުން ބަހައިލެވިފައިވަނީ ހަތަރު ދަރަޖަ އަކަށެވެ. އަދި 19 ވަނަ ގަރުނާއި 20 ވަނަ ގަރުނާ ހަމައަށް ވެސް މުޅިން މި ދަރަޖަތައް އުވިގެން ނުގޮސް ދެމި އޮތެވެ. މި ހަތަރު ދަރަޖައަކީ:

ރަސްގެފާނާއި ކޮއިލުތެރޭ ބޭފުޅުން – ރަސްގެފާނުގެ އާއިލާގެ އެންމެ އަރިސް ބޭފުޅުން

މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރަސްގެފާނުގެ ފަރާތްޕުޅުން މަތީ ދަރަޖަތައް ލިބިވަޑައިގެންފައިވާ ބޭފުޅުން

މާތް މީހުން (އަތޮޅުވެރީންނާއި ކަތީބުންނާއި ކަމުވޮށިވެގެންވާ މީހުން)

އެ ނޫން މީހުން (ޢާއްމުން)

މި ހަތަރު ދަރަޖައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު، ވާހަކަދެއްކުމުގެ އަދަބުތައް އޮތީ ތިން ދަރަޖައަކަށް ވެފައެވެ. މިއީ ރަސްކަން އުވި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން އައި ބަދަލެއް ކަމަށް ވެފައެވެ.

ކުރީން މި ދެންނެވި ޒަމާނުގައި އެންމެ މާތް ދަރަޖައިން ވާހަކަދައްކާނީ އޭނާ އަދާކުރާ ވަޒީފާއަކަށް، އޭނާގެ ޢިލްމުވެރިކަމަށް ބަލައިގެންނެއް ނޫނެވެ. އަދި އޭނާގެ މުއްސަނދިކަމަށާއި އޭނާގެ ޝަޚުޞިއްޔަތުގެ ހަރުދަނާކަމަށް ބަލައިގެންނެއް ވެސް ނޫނެވެ. އޭރު އެ ޒަމާނުގައި އެންމެ މާތް ދަރަޖައިން ވާހަކަދައްކަނީ އޭނާގެ ”ބޭފުޅުވަންތަކަމަށް“ ބަލައިގެންނެވެ. ބޭފުޅުވަންތަކަން ފެށެނީ ރަސްކަމަށް އިސްވެވަޑައިގަންނަވާ ހިސާބުން އައްސުލްޠާންގެ ލަގަބު ލިބިވަޑައިގަތީމައެވެ. އައްސުލްޠާންގެ ދަރިކަލަކަށް ނަމަ މުޚާޠަބުކުރާނީ އަލްއަމީރުގެ ލަގަބުންނެވެ. އަލްއަމީރުގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ލަގަބަކީ ”އައްނަބީލް“އެވެ. އައްނަބީލް“ގެ ލަގަބުވެރީންނަށް ލިބިވަޑައިގަންނަވާ ”ދަރީން“ގެ ލަގަބަކީ ”އަލްފާޟިލް“ އެވެ. މިއިން ކޮންމެ ލަގަބެއް ވެސް އަންހެން ފިރިހެން ތަފާތުވެއެވެ. އަލްއަމީރާ، އައްނަބީލާ، އަލްފާޟިލާ މި ގޮތްގޮތަށެވެ. އާދޭހެވެ! އެންމެ މާތް ދަރަޖައިން ވާހަކަދައްކާ ހިސާބަކީ އަލްފާޟިލް / އަލްފާޟިލާ ކިޔާ ހިސާބެވެ. މިއިން ބޭފުޅަކު ޢިލްމީ ގޮތުންނާއި ބުއްދިފުޅުގެ ގޮތުން ކިތަންމެ އުނި ނަމަވެސް މި ލަގަބާއި މި ”މާތްކަން“ އޮންނާނެއެވެ. މިއިން ހިސާބެއްގެ ބޭފުޅަކު އެއީ މީހެއްގެ ”ބައްޕަ“ އަކަށް ވެއްޖެ ނަމަ، އެއީ ”ބައްޕާފުޅު“ ކަމަށް ކިޔައި އުޅެއެވެ. މިއީ ދަރިފުޅުގެ ޤަދަރާއި ޢިއްޒަތަށް ބަލައިގެން ކިޔާ ”ބައްޕާފުޅު“ އެއް ކަމަކަށް ނުވެއެވެ. ލިޔެފައި ހުންނަ ލިޔުންތަކުންނާއި ތަންކޮޅެއް ކުރީގެ ބޭބޭފުޅުންގެ ވާހަކަފުޅުތަކުން އަޅުގަނޑަށް އެނގުނު އެނގުންތައް މި ދަންނަވައިލީއެވެ.

ދެވަނަ ދަރަޖައަކީ މި ދެންނެވި ނަސްލަށް ނިސްބަތް ނުވާ، ދައުލަތުގެ އެކިއެކި މަޤާމުތަކުގައި ތިއްބަވާ އިސް ”ބޭކަލުން“ނާއި ޢިލްމުވެރީންނާއި މި ނޫންވެސް މުޖުތަމަޢުގެ ޤަދަރުވެރީންނެވެ. މި ފަދަ ”ބޭކަލުން“ ކިތަންމެ މަތީ މަޤާމެއްގައި ހުންނެވިޔަސް އެއީ ލައްބަދުރުވުމުގެ ދަރަޖައެވެ. މިފަދަ ”ބޭކަލުން“ގެ ލަގަބަކީ ”އަލްމުޙުތަރަމް“ އެވެ.

މި ބަދަލުތައް މި ގޮތަށް އަންނަމުން ދިޔައިރު ވެސް އެންމެ މާތް ދަރަޖައަށް ނިސްބަތްކޮށް އެންމެ މާތް ކޮށް ވާހަކަދައްކާ އިރު، ދިވެހިބަހުގައި މާތްކުރުމުގެ ގޮތުން، ނަމެއްގެ ފަހަތަށް ފުޅު/ ކޮޅު އިތުރުކުރެއެވެ.  މި ދެ ލަފުޒު ވެސް ބޭނުންކުރަނީ އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރުގައެވެ.

”ފުޅު“ މި ލަފުޒު ޢާއްމުކޮށް ބޭނުންކުރެވެނީ އެންމެ މާތްކޮށް ވާހަކަދެއްކުން ރައްދުވާ ބޭފުޅަކަށް ނިސްބަތްވާ ދިރުންހުރި ތަކެއްޗަށް ނުވަތަ ހަށިގަނޑާ ގުޅުން ހުރި ތަކެއްޗަށެވެ. މިސާލަކަށް ނިޔަފަތިފުޅު، ގުރާފުޅު ކިޔައި އުޅެމުއެވެ. މި ގޮތަށް ”ފުޅު“ އިތުރުކުރެވުނު ކަމުގައި ވިޔަސް ކިތަންމެ ބޮޑު ޢިއްޒަތްތެރިއެއްގެ ”ބައްޕަ“އެއް ވިޔަސް އިސްވެ ދެންނެވުނު ”ރަސްމަތިފުށަށް“ ނިސްބަތް ނުވާ ބޭފުޅެއް ނަމަ ”ބައްޕާފުޅަކަށް“ ނުވެއެވެ. މިއީ ވިހި ވަނަ ގަރުނާ ހަމަޔަށް އައި އިރު ވެސް ރާއްޖޭގައި ކަން އޮތް ގޮތެވެ.

ނަމަވެސް މިހާރު ޒަމާން ބަދަލުވެއްޖެއެވެ. މިއަދު އެކި ދަރަޖަތަކުން ވާހަކަދެއްކުމަކީ ނަސްލާ ގުޅިފައިވާ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ކިތަންމެ އާދައިގެ މީހެއް ނަމަވެސް ޢިލްމީ ގޮތުން ކުރިއަރައިގެން ހިނގައްޖެ ނަމަ، ނުވަތަ އާދަޔާ ޚިލާފަށް މުއްސަނދިވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ އިސް މަޤާމެއް ލިބިއްޖެ ނަމަ، އެ ފަދަ މީހުންނާ އަޅުގަނޑުމެން މުޚާޠަބުކުރަނީ އެންމެ މާތް ދަރަޖައިންނެވެ. ބަލަނީ ވެސް އެއީ ބޭފުޅެއް ކަމަށެވެ. މި ގޮތުން މިއަދު ވަނީ ނަސްލީ އިމްތިޔާޒު ދޫކޮށްލެވިފައެވެ. އެންމެ މަތީ ދަރަޖައަށް ވާސިލުވުމުގެ ފުރުސަތު އެންމެންނަށް ހަމަހަމަ ގޮތެއްގައި މިއަދު ވަނީ ފަހިވެފައެވެ.

ފަހުން މި ދެންނެވި ގޮތުގެ މަތީން ”އެންމެ މާތް ދަރަޖަ“އަށް ވަޑައިގަންނަވާ ބޭފުޅުންނާ އަޅުގަނޑުމެން އަދަބުވެރިކޮށް، އެންމެ މާތްބަހުން ވާހަކަދައްކާ އިރު، އެ ބޭފުޅުންނާ ނިސްބަތްކޮށް، ފުޅު/ކޮޅު އިތުރުކުރަމުން ގެންދަމުއެވެ. އެ ފަދަ ބޭފުޅަކު ”ގަލަމެއް“ ގެންގުޅުއްވާ ނަމަ، އެއީ ”ގަލަންކޮޅު“ ކަމަށް، ބުޅަޅެއް ގެންގުޅުއްވާނަމަ، އެއީ ”ބުޅާފުޅު“ ކަމަށް ކިޔަމުއެވެ. އެކަމަކު މިއިން ބޭފުޅެއްގެ ”ބައްޕަ“އަށް ”ބައްޕާފުޅޭ“ ކިޔައިފި ނަމަ، އެއީ މާފުނުކުރެވޭ ފަދަ ކުށަކަށް ބަޔެއް މީހުން އެބަ ހަދައެވެ. އެ ”ބައްޕަ“ އަކީ ކުރިން ދެންނެވި ”ރަސްމަތިފުށަށް“ ނިސްބަތް ނުވާ ”ބޭފުޅެއް“ ނަމައެވެ.

މިއަދު ރަސްކަމެއް ނެތެވެ. މިއަދު ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތުގައި ރައްޔިތުން ކަނޑައަޅައިފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރަސްކަމެއް އޮތް އިރު، ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރަދުންނެވެ. ރަސްގެފާނެވެ. މިއަދު ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަދު މީހުންނަށް މާތްކޮށް ހިތަނީ އޭނާއަކީ ”ރަސްމަތިފުޅު“ގެ ބޭފުޅަކަށް ވާތީއެއް ނޫނެވެ. އެކަމަކު އެންމެ މާތް ދަރަޖައިން ވާހަކަދެއްކުމުގައި އަޅުގަނޑުމެން ބަލަނީ އޭނާގެ ޢިލްމުވެރިކަމަށެވެ. ނުވަތަ އޭނާގެ މަޤާމަށެވެ. ނުވަތަ އޭނާގެ ފައިސާވެރިކަމަށާއި ފައިސާވެރި ކަމަށެވެ. މި ދެންނެވި ފަދަ ސަބަބުތަކާ ހުރެ، އެންމެ މާތް ދަރަޖައިން އަޅުގަނޑުމެން ވާހަކަދައްކާ މީހުންނަކީ އަޅުގަނޑުމެން މިއަދު ބަލަނީ ”ބޭފުޅުން“ގެ ގޮތުގައެވެ. އެހެންވީމާ، މިއަދު ހަމަ ކޮންމެ މީހަކަށް ވެސް ”ބޭފުޅަކަށް“ ވެވިދާނެއެވެ. އެ މީހެއްގެ މަސައްކަތުން ޢިލްމީ ގޮތުން ނުވަތަ މަޤާމުގެ ގޮތުން ނުވަތަ މާލީ ގޮތުން މުޖުތަމަޢުގައި ފާހަގަކުރެވޭ ފަދަ މަތީ ދަރަޖައަކަށް ”ވަޑައިގަތުން“ ބޭފުޅަކަށްވީއެވެ. ކޮންމެ ޢާއިލާއަކަށް ނިސްބަތް ވިޔަސްމެއެވެ. މިއީ މިއަދުގެ މުޖުތަމަޢުގެ ހަގީގަތެވެ. މި ހަގީގަތް އަޅުގަނޑުމެން ނުރުހުނަސް ބަދަލެއް ނުކުރެވޭނެއެވެ.

އިސްވެ ދެންނެވުނު ހުރިހާ ވާހަކަތަކެއް އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢުގެ ތަމްހީދެއްގެ ގޮތުންނެވެ. މައުޟޫޢަށް ތަންހޯދުމުގެ ގޮތުންނެވެ. އެހެންނަމަވެސް ދަންބެރަށްވުރެ ތަގުޑި ދިގުވީއެވެ. މައުޟޫޢުގެ ހައްސާސްކަން އިޙުސާސްކުރެވޭތީއެވެ. ހުރިހާ ބޭފުޅުންގެ އަރިހުން މަޢާފަށް އެދެމުން އަޅުގަނޑުގެ އަޞްލު ނުކުތާ ކުރުކުރުކޮށް ދަންނަވައިލާނަމެވެ.

އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުގައި އެންމެ މާތް ދަރަޖައިން މި ވާހަކަދައްކަނީ ކޮންމެހެން ”ރަސްމަތިފުށުގެ“ ބޭފުޅުންނަކާ ނޫނެވެ. ކުރީން ދަންނަވައިލި ސަބަބުތަކާހުރެ، އެންމެ މާތް ދަރަޖައިން ޤަދަރު އަރުވާންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ”ބޭފުޅުން“ނަށެވެ. އެކަމަކު އަޅުގަނޑުމެން އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، އެ ބޭފުޅުންނަށް ނިސްބަތްވާ ޖަނަވާރުތަކަށް ވެސް ފުޅު އިތުރުކުރަމުއެވެ. ގުރާފުޅޭ، ކުކުޅުފުޅޭ ކިޔަމުއެވެ. އެހެންވީއިރު ބައްޕަގެ ފަހަތަށް ”ފުޅު“ އިތުރު ނުކުރެވެންވީ ސަބަބެއް އަޅުގަނޑަކަށް ހަމަ އުޅެއުޅެ ވެސް ނުވިސްނުނެވެ. ބުޅަލަށް ”ބުޅާފުޅު“ ކިޔަނީ އެ ބުޅަލަށް މާތްކޮށް ހިތާކަށް ނޫނެވެ. އެ ބުޅަލުގެ ވެރި ފަރާތަށް މާތްކޮށް ހިތާށެވެ. އެހެންވީ އިރު، ޖަނަވާރަކަށް ”ފުޅު“ އިތުރުކޮށްގެން، އެ ބޭފުޅަކަށް ޤަދަރު އެރުވުމަށްޓަކައި ”ބުޅާފުޅު“ ކިޔާ އިރު، އެ ބޭފުޅާއަށް ނިސްބަތްވާ އަދި އެ ބޭފުޅަކު ދުނިޔެއަށް ވަޑައިގަތުމުގެ އަޞްލު ކަމަށްވާ މަންމަގެ ފަހަތަށް ނުވަތަ ބައްޕަގެ ފަހަތަށް ”ފުޅު“ އިތުރުކޮށް ބައްޕާފުޅޭ/ މަންމާފުޅޭ ކިޔުން މާ އައުލާކަމަށް އަޅުގަނޑު ދެކެމެވެ. އަދި އެހެން ނޫނަސް އެބަޔަކު މޮށެ އުޅޭ ބަހެއްގައި އެންމެ މާތްކޮށް ވާހަކަދެއްކުމުގައި ގެންގުޅޭ އުޞޫލެއް، އެ ދައުލަތެއްގެ އެންމެ މަތީ ވެރިޔާއަށް ނިސްބަތްކޮށް ބޭނުން ނުކުރެވޭ ނަމަ އެ ފަދަ ލަފުޒެއް އޮތުމުގެ ބޭނުމެއް ފަހެ އެބަ އޮތްތޯއެވެ؟

އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅުނީ މި ވާހަކައެވެ. އެންމެ މަތީ ދަރަޖައިން ވާހަކަދައްކާ ބޭފުޅުންނަށް އަދަބުވެރިކޮށް ވާހަކަދެއްކުމުގައި ”ފުޅު“ އިތުރުކުރާ އުޞޫލުން އެ ފަދަ ބޭފުޅުންގެ ”މައިންބަފައިންނަށް“ އެ ބޭފުޅުން ”މަންމާފުޅޭ“ ”ބައްޕާފުޅޭ“ ވިދާޅު ނުވިޔަސް އަޅުގަނޑުމެން ކިޔާންޖެހޭނީ ”ބައްޕާފުޅު“ އާއި ”މަންމާފުޅު“ކަމުގައެވެ. މިއީ އަދިވެސް މި މުޖުތަމަޢުގައި ވަރަށް ޙައްސާސް މައުޟޫޢެއްކަން އެނގިހުރެ، މި މައުޟޫޢުގައި އަޅުގަނޑުގެ ޚިޔާލު ހާމަކޮށްލީ އެވެ. އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އަޅުގަނޑަށް ވެސް ލިބިފައިވާތީއެވެ. ”ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު“ގެ 16 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެންނެވެ.

ޝެއަރކުރެއްވުމަށް