އިނގުރަކީ ޖަމައިކާގައި އަދި ޗައިނާގައި އެބައި މީހުންގެ ގައުމީ ގަހެވެ. އެހެނަސް މިހާރު މުޅި ދުނިޔޭގައި ވެސް އެކި ކަންކަމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ބޭހެއްގެ ގޮތުގައްޔާއި ހަވާދުގެ ބާވަތެއްގެ ގޮތުގައެވެ. އިނގުރަށް ”ޒިންގިބާރ“އޭ ވެސް ކިޔައެވެ. ސާންސްކްރިތް ބަހުން އިނގުރަށް ކިޔަނީ ”ސްރިންގވޭރާ“ އެވެ. އަޔޫވެދިކް ބޭހުގެ ތެރޭގައި އިގުރަކީ ވަރަށްގިނައިން ބޭނުންކުރާ އެއްޗެކެވެ. އަދި އިނގުރަށް އެވެރިން ކިޔަނީ މަހާ އައުޝަދުއެވެ. މާނައިކީ ”މޮޅު ބޭސް“ އެވެ. އިނގުރު ބޭހެއްގެ ގޮތުގައި ބޭނުންކުރަނީ ބަނޑުގައި ވައި ހެދުމުންނާއި އަދި ތަފާތު އެހެން ކަންކަމަށެވެ. ގްރީކް ބޭސްވެރިކަމުގެ މާހިރުން އިނގުރަށް ކިޔަނީ ”ހަށިގަނޑު ތާޒާ ކޮށްދޭ“ ބޭސް ކަމަށެވެ.

ރޯ އިނގުރާއި އިނގުރު ޕައުޑާރ ވެސް ބޭހުގެ ގޮތުގައްޔާއި ކެއުމަށް ބޭނުން ކުރެއެވެ.

ޗައިނާގެ ބޭސްވެރިން  ބަނޑުގައި ރިހުމަށާއި، ބޭރަށް ހިނގުމަށާއި، ހޮޑުލެވުމަށާއި، ވަރު ބަލިވުމަށާއި، ހިތުގެ ބަލިތަކަށާއި، ދަތުގެ ރިއްސުމަށާއި، ހުޅުހުޅުގައި ރިއްސުމަށް ވެސް އިނގުރު ބޭނުންކުރެއެވެ. މި ދެންނެވި ކަންކަމަށް އިނގުރު ބޭނުން ކުރަމުން އައީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ އެތަކެއް އަހަރު ކުރިންނެވެ.

އަޔޫވެދާ ބޭސްވެރިކަމުގައި އިނގުރު ބޭނުންކުރީ ބަނޑުގައި ރިހުމަށާއި ހުން ތިރިކުރުމަށާއި ބަނޑުގައި ވައި ހެދުމަށާއި ކާހިތް ޖެއްސުމަށާއި ކުޑަކަމުދާ ނިޒާމް ރަނގަޅުކުރުމަށާއި ދުޅަތިރިކުރުމަށާއި ހަޖަމު ރަނގަޅުކުރުމަށެވެ.

އެމެރިކާގައި އިނގުރު ބޭނުންކުރަނީ މޭނުބައި ކުރުމަށާއި ދަތުރުމަތީގައި މޭނުބައިކޮށް ހޮޑުލެވުން މަނާ ކުރުމަށާއި އަންހެނުން މާބަނޑު ދުވަސްވަރު މޯނިންގ ސިކްނަސް އިން ސަލާމަތްވުމަށެވެ.

ކެއުމުގެ ގޮތުގައި އިނގުރު

އިނގުރަކީ ރިހައިގެ ހަވާދު ތެރެއަށް ކޮންމެހެން ވެސް އަޅަންޖެހޭ އެއްޗެކެވެ. އެކިއެކި ސޯސް ހެދުމަށާއި ޕިކްލް ވެސް އިނގުރުން ހެދެއެވެ. މަޝްހޫރު ޖިންޖަރ ބްރެޑް އަކީ ވަރަށް މީރު އެއްޗެއް ދޮގެއްތޯއެވެ. އެއީ ވެސް އިނގުރު އަޅައިގެން ހަދާ އެއްޗެކެވެ. އާދެ ބިސްކޯދެކެވެ. އިނގުރުން އެސެންސް ވެސް ހެދެއެވެ.

ބޭސްވެރިކަމުގައި އިނގުރު

ތަފާތު ތަޙްލީލުތަކުން އިނގުރު ބޭނުން ކުރުމުން ހަށިގަނޑަށް ފައިދާތަކެއް ކުރާކަމަށް ދައްކާފައިވެއެވެ. އޭގެތެރޭގައި ބަނޑުގެ ބަލިތަކަށާއި ދުޅަތިރި ކުރުމަށާއި ތަދު ފިލުވުމަށް ފަސް ގްރާމް އިނގުރު ކުނޑި ކެއުމުން ރަނގަޅުވާ ކަމަށްވެއެވެ. އަދި އޭގެ ސަބަބުން އެހެން ސައިޑް އެފެކްޓްސް ނުހުންނަ ކަމަށްވެއެވެ.

ހިތަށާއި ލޭހިނގުމަށް ވެސް އިނގުރަކީ މޮޅު ބޭހެކެވެ.

ޖަޕާނު ސައިންސްވެރިން ބުނާ ގޮތުންނަމަ އިނގުރު ކެއުމުން ލޭގެ ޕްރެޝަރ ތިރިކޮށްދެއެވެ. އަދި ހަމަ އެހެންމެ ކޮލެސްޓްރޯލް ލެވެލް ވެސް ދަށަށް ދާ ކަމަށްވެއެވެ.

މައިގްރޭން ބޮލުގައި ރިހުމަށް ވެސް އިނގުރަކީ ވަރަށް މޮޅު އެއްޗެއް ކަމަށްވެއެވެ. އެފަދަ ބޮލެއްގައި ރިހުމަށް ސިގްނަލް އަތުވެއްޖެ ނަމަ 600 މިލިގްރާމް އިނގުރު ކުނޑި ހަތަރު ގަޑިން ހަތަރު ދުވަސް ވަންދެން ކާނަމަ އެޓޭކް ނުޖެހޭނެ ކަމަށް ވެއެވެ.

ކެންސަރ ބަލި ޖެހުނަ ނުދިނުމަށް ވެސް އިނގުރަކީ މޮޅު ބޭހެއް ކަމަށް ވެއެވެ.

ޝެއަރކުރެއްވުމަށް