އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ އިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އެއްދުވަހަކު ރަސްކަލެއްގެ ދަރުބާރަށް ޙާޟިރު ކުރެވުނު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު ރަސްގެފާނު ނެރުއްވިއެވެ. މިކަން އެނގުމުން ދިރިހުރުމުގެ އުފަލުން އުންމީދު ކެނޑިގެންދިޔަ ކުށްވެރިޔާ، ރަސްގެފާނަށް ވަރަށް ހުތުރު ބަސްތަކެއް ގޮވައިފިއެވެ. އޭނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންވުމުން ރަސްގެފާނު ވަޒީރަކަށް ވިދާޅުވިއެވެ. އޭނާ އެ ކިޔަނީ ކީކޭހެއްޔެވެ. އެ ތާނގައި ހުރި ވަޒީރަކު ރަސްގެފާނަށް ދެންނެވިއެވެ. އޭނާ އެ ކިޔަނީ ރުޅިމަޑު ކުޅައުމާއި ޢަފޫ ކުޅައުމުގެ މައްޗަށްހުރި އިތުރު ޘަވާބުތަކުގެ ވާހަކައެވެ. ރަސްގެފާނުން ވިދާޅުވިއެވެ. ރުޅިމަޑުކޮށް ޢަފޫކޮށްފީމެވެ. އެކަލޭގެ ދޫކޮށްލާށެވެ. މި މަންޒަރުފެނުމުން އެތަނުގައި ހުރި އެހެން ވަޒީރަކު ދަންނަވައިފިއެވެ. މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑަކަށް މަނިކުފާނުގެ އަރިހުގައި ދޮގުހެދުމެއް ނުފެނެއެވެ. އެކަލޭގެ އެގޮވީ މަނިކުފާނަށް ވަރަށް ނުބައި ބަސްތަކެކެވެ. އެ ވަޒީރު އެ ދެންނެވީ މަނިކުފާނުގެ ދަރުބާރުގައި ހުސް ދޮގެވެ. ރަސްގެފާނުން ހިތްޕުޅާ ހަމަ ނުކުރައްވައި ވިދާޅުވިއެވެ. އެ ވަޒީރުގެ ދޮގަށް ވުރެ ކަލޭގެ ތިޔަ ބުނި ތެދު މާ ނުބައިވެއްޖެއެވެ.

އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީންގެ އިބުރަތްތެރި މި ވާހަކައަކީ މިއަދުގެ ޙާލަތާ ވަރަށްގުޅޭ އިބުރަތްތެރި ވާހަކައެކެވެ.

މުޖުތަމަޢުގެ މަސްލަޙަތާއި އެކުވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ވުރެ، ފަސާދައާއި ބައިބައި ކުރުމަށް ބާރުދޭ ކަންކަން މިއަދު މިވަނީ އާންމުވެފައެވެ. މުޖުތަމަޢުން ފެންނަނީ ފިތުނަފަސާދަ އާންމުވެ ގުޅުންތެރިކަން ހީނަރުވާ މަންޒަރެވެ. ޖަމާޢަތުގެ އެއްބައިވަންތަކަން ނަގާލުމަށް ކުރެވޭ ހޭދަބޮޑުވެގެންދާ ކުލަވަރެވެ. އެކުވެރިކޮށް ސުލުޙަކުރުމުގެ ބަދަލުގައި ބައިބައިވުމާއި ފަސާދަކުރުމަށް ބާރުދޭ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެވެ. ޖަމާޢަތުގެ ގުޅުންތެރިކަން ބައިބައިވެ ހަސްފަސްވުމުގެ ނަތީޖާއަކީ ނިކަމެތިކަމާއި ބަލިކަށިވުން އެ ތަނަކަށްވެރިވުމެވެ. މުޖުތަމަޢުގެ ބަދަހިކަން ގެއްލުމެވެ. ރަޙިމުގެ ގުޅުންކެނޑި، ޢާއިލާތައް ބައިބައި ވުމެވެ. މުޅި ޖަމާޢަތުގެ ބަދަހިކަން ކެނޑިގެންދާ ދިއުމެވެ. ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި ފަހަތަށް ސޮއްސާލުމެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް ބަލާލުމުން ފެންނަނީ މި މަންޒަރެވެ. ޤައުމުތަކުގެ މެދުގައި ދާޚިލީ ހަނގުރާމަތައް ފެށި ޢުމުރާނީގޮތުން އެބައިމީހުން ކޮށްފައިވާ އެތައްކަމެއް ޒަމާންތަކެއް ފަހަތައް ދާ މަންޒަރެވެ. އިޖުތިމާޢީގޮތުން އެއްބައިވަންތަކަން ނެތުމުން ޤައުމުތަކުގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފެދިފައިވާ މަންޒަރެވެ. ސީރިޔާއާއި، ލެބަނާން، ޔަމަނުން ވެސް ފެންނަނީ މި މަންޒަރެވެ. ދުނިޔޭގެ ތާރީޚުގައި ކާމިޔާބުކަމާއެކު ކުރިއަރަމުންއައި މިނޫން ވެސް އެތައްޤައުމެއް ކުރިއަށް އަޅަމުންދިއަ ފިޔަވަޅުތައް މަޑުޖެހިފައިވާ މަންޒަރެވެ.

މިއީ މާތްވެގެންވާ އިސްލާމް ދީން ބާރުއަޅާ ހިތްވަރުދޭ ކަމެއްނޫނެވެ. ދީނުގެ އަސާސް ބިނާކޮށްފައިވާ ހަމައެއް ވެސް ނޫނެވެ. މާތް ނަބިއްޔާ صلى الله عليه وسلم އިސްލާމީ އުންމަތަށް ދަސްކޮށްދެއްވި ގޮތެއް ވެސް ނޫނެވެ. އެކަލޭނގެފާނު މައްކާދޫކުރައްވައި މަދީނާއަށް ވަޑައިގެން ބިންގާ އަޅުއްވައިދެއްވި އިސްލާމީ އުންމަތުގެ ފުރަތަމަ ވެރިކަން ފެށިގެންއައީ މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީންނެވެ. ފަސާދަކުރުމާއި ބައިބައިވުމަށް ހިތްވަރުދީގެނެން ނޫނެވެ. އިސްލާމީ ފުރަތަމަ ދަޢުލަތް ވަރުގަދަވެ ބާރާއި އާރުހުރި ދަޢުލަތަކަށް ވީ އެއްބައިވަންތަކަމަށް ދިން ސަމާލުކަމާއި އިސްކަމުގެ ސަބަބުންނެވެ.

ސޫރަތުލް މާއިދާގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَتَعَاوَنُوا عَلَى الْبِرِّ‌ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ މާނައީ “އަދި ހެޔޮކަންތައްތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެމައްޗަށް، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީވެ، ވާގިވެރި ނުވާށެވެ!“
މިއީ އިސްލާމީ މުޖުތަމަޢެއް ބިނާވާންޖެހޭ މައިގަނޑު އުސޫލެވެ. ފަސާދަކުރުމާއި ތަނުގެ މަސްލަޙަތު ގެއްލޭގޮތަށް މަސައްކަތްކުރުމަކީ އިސްލާމްދީން ބާރުއަޅާކަމެއްނޫނެވެ. އަދި ހިތްވަރުދޭކަމެއް ވެސް ނޫނެވެ. މާތް ﷲ ރުއްސުންލެއްވި އަސްމާއު ބިންތި ޔަޒީދުގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. لَا يَحِلُّ الْكَذِبُ إِلَّا فِي ثَلَاثٍ : يُحَدِّثُ الرَّجُلُ امْرَأَتَهُ لِيُرْضِيَهَا ، وَالْكَذِبُ فِي الْحَرْبِ ، وَالْكَذِبُ لِيُصْلِحَ بَيْنَ النَّاسِ މާނައީ ”ތިން ޙާލަތެއްގައި މެނުވީ ދޮގު ހެދުން ހުއްދަވެގެން ނުވެއެވެ. އަނބިމީހާ ރުއްސުމަށް ފިރިމީހާ ދޮގު ހެދުމާއި، ހަނގުރާމައިގެ މައިދާނުގައި ދޮގު ހެދުމާއި މީސްތަކުންގެ މެދުގައި ޞުލްޙަ ގާއިމުކުރުމަށްޓަކައި ދޮގު ހެދުމެވެ.“ މި ބަސްފުޅުން ހާމަވަނީ އިސްލާމްދީނުގައި ސުލުޙަކުރުމަށް ބާރުއަޅާފައިވާ މިންވަރެވެ. ޖަމާޢަތުގެ މަސްލަޙަތަށްޓަކައި ނަޙީކުރައްވާފައިވާ ކަމެއް ހުއްދަކުރައްވާފައި އޮންނަކަމެވެ. ކަންމިހެން ހުރުމުން އަޅުގަނޑުމެންނަށް އޮތީ ޖަމާޢަތުގެ ތެރޭގައި ފަސާދަ އުފެދި ބައިބައިވުމަށް ވާގިވެރި ނުވުމެވެ. އާންމު މަސްލަޙަތު ގެއްލި ޖަމާޢަތުގެ ބަދަހިކަން ގެއްލިދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ.

މާތް ނަބިއްޔާ صلى الله عليه وسلم އެހެން ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިޔަބައިމީހުން ޙަސަދަވެރިކަމުން ދުރުހެލިވާށެވެ. އެހެނީ، ހަމަކަށަވަރުން، އަލިފާނުން ދަރު އަންދާފަދައިން ޙަސަދަވެރިކަން ހެޔޮކަންތައް ނެތިކޮށްލައެވެ.“ މި ބަސްފުޅުގެ މުރާދަށް ވިސްނާލުމުން ދޭހަވެގެންދަނީ، ޖަމާޢަތުގެ މަސްލަޙަތު ހިފެހެއްޓުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ ކަމެވެ. ޙަޤީޤަތުގައި ފަސާދަކުރުމާއި، ބައިބައިކުރުމަށް ބާރުދޭ ވާހަކަތައް ފަތުރާހެދެނީ ތިމާގެ ހިތުގައި އަނެކުންނާމެދު އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުންނެވެ. ތިމާއަށް ނުލިބޭ ތަނަވަސްކަމެއް ނުވަތަ އުފާތަކެއް އަނެކުން ޙާސިލްކުރަމުންދާނަމަ އެކަމާމެދު ނުރުހުންތެރިކަން ހިތުގައި އުފެދޭތީއެވެ. މިއީ އިސްލާމްދީން ބާރުއަޅާ ކަމެއްނޫނެވެ. ހިތްވަރުދޭކަމެއް ވެސް ނޫނެވެ.

ތިބާގެ އަމިއްލަ ހިތުގެ އަޑު ހިނދުކޮޅަކަށް ނަމަވެސް ވިސްނުންތެރިކަމާއެކު އަހާލަބަލާށެވެ. އަމިއްލަ ސިކުނޑިއަށް ވިސްނާލުމުގެ ފުރުޞަތު ދީބަލާށެވެ. އޭގެފަހުގައި ގޮތެއް ނިންމާށެވެ. ތިބާ އުފަންވެ އުޅެބޮޑުވި މި ޤައުމު ސީރިޔާއާއި ލެބަނާން ނުވަތަ ޔަމަން އޮތް ޙާލަތަށް ދާން ތިބާ ބޭނުން ހެއްޔެވެ! ތިބާގެ ޢަމަލުތަކުގެ ސަބަބުން އެފަދަ ޙާލަތަކަށް ތިބާގެ މި ލޮބުވެތި ޤައުމު ވެއްޓުމަށް ހިތް ރުހޭ ހެއްޔެވެ. ތިބާގެ މައިންބަފައިންނާއި އަނބިދަރިންނާއި އެކުވެރިން، މިއަދު އެ ޤައުމުތަކުގެ އަޙުލުވެރިން އުޅެމުން އެދާ ވޭނާއި ކެކުޅުމުގައި އުޅުމަށް ރުހެވޭ ހެއްޔެވެ. އެގޮތަށް ތިބާ ބޭނުންތޯއެވެ!

މިތުރާއެވެ. ތިމާގެ އަމިއްލަ ނަފުސަށްވުރެ ޖަމަޢާއަތް ބޮޑުވާނެއެވެ. މަސްލަޙަތު އިސްވާނެއެވެ. އެހެންކަމުން ބާއްޖަވެރިކަމާއި ފަލާޙަށް އެދޭނަމަ ފަސާދައަށް މަގުފަހިވާ އާދަތަކުން ދުރުހެލިވާންޖެހެއެވެ. ސުލުޙައަށް ތަންދީ ޖަމާޢަތުގެ މަސްލަޙަތު އިސްކުރަންޖެހެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ތިމާއާ ހަވާލުވެފައިވާ ވާޖިބު އަދާކޮށް އުފަލާއެކު ދާއިމީ ޙަޔާތައް ވާސިލްވެވޭތޯ މަސައްކަތްކުރަން ޖެހެއެވެ. މަރުޙޫމް ޞަލާހުއްދީން ލިޔުއްވާފައިވާފަދައިން ފަސާދަ ކުޅައުމަށް ބުނާ ތެދުގެ ނުބައިކަން، ޞުލްޙަ ކުރުމަށް ބުނާ ދޮގުގެ ނުބައިކަމަށްވުރެ މާ ބޮޑެވެ.

ޝެއަރކުރެއްވުމަށް