ޢަބުދުލްޙަކީމް ޙުސައިން މަނިކަކީ ވިޔަފާރިވެރިއެކެވެ. ވާހަކަދެއްކުން ތެރިއެކެވެ. ދޫހިނގާ މުޤައްރިރެކެވެ. ލިޔުއްވުން ތެރިއެކެވެ. މުވައްރިޚެކެވެ. އެޑިޓަރެކެވެ. މަސްއޫލުވެރިއެކެވެ. އުސްތާޛެކެވެ. މުދައްރިސެކެވެ. އޭނާގެ ގަލަންކޮޅު ނުހިނގަނީ ވަކިމިވެނި ރޮގެއްގައޭ ދެންނެވޭކަށް ނެތެވެ.
ޢަބުދުލްހަކީމް ޙުސައިން މަނިކު ރައްޔިތުންގެ މަޖުލިސްގެ މެންބަރުކަމުގެ އިތުރުން އެހެނިހެން ބައެއް ކޮމެޓީތަކުގެ މެންބަރުކަން ކުރެއްވިއެވެ.
ޢަބުދުލްޙަކީމު ޙުސައިން މަނިކު ރާއްޖޭގެ ގަދީމީ ތާރީޚު ދެނެލައްވައެވެ. ރަސްކަންކުރެއްވި ރަސް ބޭބޭފުޅުންނާއި އެ ބޭބޭފުޅުންގެ ދަރިކޮޅުތައް ދެނެލައްވައެވެ. ޢަބުދުލްހަކީމް ޙުސައިން މަނިކަކީ އޭނާގެ ލިޔުއްވުންތަކުގައި ވަރަށް ސާބިތުވެ ހުންނެވި ހަރުދަނާ ލިޔުއްވުންތެރިއެކެވެ. ޢަބުދުލްޙަކީމް ޙުސައިން މަނިކު އޭނަގެ ލިޔުއްވުންތަކާއި ގުޅޭގޮތުން ”އިއްޔެ“ މަޖައްލާގެ އެޑިޓަރުގެ އިސްބަހުގައި ލިޔުއްވާފައިވެއެވެ. ”މީގައި ލިޔުންތެރިންނާއި ކިޔުންތެރިން އެއްބަސްވާނޭ އެއްޗިއްސާއި ނުވާނޭ އެއްޗެހި ހަމަގައިމުވެސް ލިޔެފައި ހުންނާނެ“ ”…ތަންޤީދީ ނަޒަރަކުން ދެކެވަޑައިގަންނަވާ ކޮންމެފަރާތަަަކުން ޢިލްމީ ފެންވަރެއްގައި އަދަބީ އުޞޫލުން ރައްދުކޮށްލެއްވީމާ އެނިމުނީ“ އެވެ. މި ޢިބާރާތުން ޢަބުދުލްޙަކީމު ޙުސައިން މަނިކު ލިޔުއްވާ އެއްޗެއް ލިޔުއްވުމުގައި، ގެންގުޅުއްވާ ޙަގީގަތް ހާމަކޮށްދިނުމުގެ ހަރުދަނާކަން ސާބިތުވެއެވެ. ވަކި ފަރާތަކާއި ނޫނީ ވަކި ބޭފުޅަކާއި ޖަދަލުކުރުމުގެ އެދިލެއްވުމެއް ނެތްކަން ހާމަވެއެވެ.
ޢަބްދުލްޙަކީމް ޙުސައިން މަނިކު 1981 ފެބުރުވަރީ 1 ވަނަ ދުވަހު ޝާއިޢުކުރެއްވި ސަޕްލިމެންޓް އޮފް ތާރީޚީ މަޒާމީން II ގެ އެޑިޓޯރިއަލް ’ތާރީޚު ލިޔުން‘ ގައި ލިޔުއްވާފައިވެއެވެ. ”މީގާ އަޅުގަނޑަށް ފާސިގަކު ކިޔާދިން ހަމައެއްވާހަކަ ވެސް ނޯންނާނެއެވެ. އަދި މައިގަނޑު ތަފާތުނަމަވެސް، އަޞްލުތަފާތުވާ ވާހަކައެއް ވެސް ނޯންނާނެއެވެ. އަޅުގަނޑުގެ ޢިއްޒަތްތެރި ކާބަފައިންނާއި ރަޙުމަތްތެރިންގެ ތެރެއިން ޢުމުރުން ދޮށި، އަދި އެދުވަސްވަރު ތިއްބެވި، އަދި އެދުވަސްވަރާ ގާތުގައި ދުނިޔެއަށް އުފަންކުރެއްވި ބޭކަލުން ނުވަތަ ބޭފުޅުން ދެއްވި ބަޔާނެވެ. ހައްތާވެސް ޢިއްޒަތްތެރި އަބުރުވެރި ރަގަނޅު މީހުންނެވެ. ވުމާއެކު އެ ތާރީޚުގެ ފަހަތުގައި މިދެންނެވި ބޭފުޅުންނާ ބޭކަލުންގެ ނަންފުޅު ވެސް ހުންނާނެއެވެ.“
މަތީގައިވާ ހަތަރު ފަސްފޮޅުވަތެއްގެ ލިޔުންކޮޅު މިތަނުގައި ލިޔުމުގެ ބޭނުމަކީ ޢަބުދުލްޙަކީމް ޙުސައިން މަނިކުގެ ލިޔުއްވުމުގެ ހަރުދަނާކަން ފާހަގަކުރުމާއި ތެދުކަން ސާބިތުކޮށް ދިނުމެވެ. ޢަބްދުލް ހަކީމް ޙުސައިން މަނިކު ލިޔުއްވުމުގައި ހިފަހައްޓަވާފައިވާ އުޞޫލު ހާމަކުރުމެވެ.
ޢަބުދުލްޙަކީމު ޙުސައިން މަނިކަކީ 1377ހ ރަމަޟާން 23 ވަނަ ދުވަހު ދިވެހި ދައުލަތުން އުފެއްދެވި ތާރީޚުކޮމެޓީއަށް ފުރަތަމަ އައްޔަންކުރެއްވި ފަސް މެންބަރުން ތެރޭ ހިމެނިލެއްވިއެވެ. މި ކޮމެޓީގައި މުޅިއަކު ތިއްބެވީ ހަތް މެންބަރުންނެވެ.
ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވަންފެއްޓެވީ އޭނާގެ ޢުމުރުން އެންމެ އަށާރަ އަހަރު ފުޅުގައެވެ. އެންމެ ފުރަތަމަ އަދަބީ ލިޔުއްވުމެއް ޝާއިޢު ކުރެވުނީ 1934 ފެބުރުވަރީ 1 ވަނަ ދުވަހު ނުކުތް އަލްއިޞްލާޙް ގެ 7 ވަނަ ޢަދަދުގައެވެ. މި ލިއުއްވުމުގެ ސުރުޚީ ލިޔުއްވާފައިވަނީ އުރުދޫ ބަހުންނެވެ. ސުރުޚީ އަކީ ”ޗަންދު ނަޞޭޙަތޭން“ މާނައަކީ، ”ނަޞޭޙަތުގެ ބަސްކޮޅެއް“ މި އާޓިކަލް ބަލާލުމުން އޭނާގެ އަޚުލާގުގެ މާތްކަން ފެނިގެން ދެއެވެ. މި ނަޞޭހަތުގެ ބަސްކޮޅު ފައްޓަވައިފައިވަނީ، ”އެކަކު އަނެކަކު ދެކޭހިނދު، އުފާވެރިކަމާއެކުގައި ބައްދަލުކޮށް ސަލާމްކުރާށެވެ“. ވިދާޅުވަމުންނެވެ. މި ނަޞޭހަތުގެ ބަސްކޮޅު ނިންމަވާ ލައްވާފައިވަނީ، ”ކަލޭ އެހެނިހެންމީހުނާ އެހީވާށެވެ. މާތްކަލާނގެ ކަލެޔަށް އެހީވެ ވޮޑިގެން ވާނެއެވެ.“ ދެން ލިޔުއްވާފައި ވަނީ، ލިޔުންތެރިޔާ ލިޔުއްވާފައިވާ އުރުދޫ ޅެން ބައިތެކެވެ. އޭގައިވަނީ ކަބީ ބޫލް ކަރު ކިސީ ސޭ ނަ ކަރޯ ސުކޫކެ އޭސާ ކެ ޖޯ ތުމް ސޭ ކޮއީ ކަރުތާ ތުމްހޭން ނަގަވާރު ހޯތާ“ ލަފުޒީ މާނައަކީ، ”ފަހަރެއްގައި ހަނދާންނެތިގެން ވިޔަސް މީހަކާމެދު ކުރާ ސުލޫކު (މުޢާމަލާ) އެއީ އެފަދައިން (އެހެންމީހަކު) ތިބާއާ ދޭތެރޭގައި ސުލޫކު (މުޢާމަލާ) ކޮށްފިނަމަ ތިބާ ނުރެހޭނެ ފަދަ ގޮތަކަށް ނުކުރާށެވެ.“ މިކަމުން ވެސް ޢަބުދުލްޙަކީމް ޙުސައިން މަނިކުގެ އަޚުލާޤާއި ޚުލްގުފުޅުގެ ހެޔޮކަމާއި ޢިލްމުވެރިކަން ފެނިގެން ދެއެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު އަލްއިޞްލާޙް ގެ 7 ވަނަ ޢަދަދުގައި ލިޔުއްވާފައިވާ 7 ނަޞޭހަތަކީ ވެސް ހަމަ ކޮންމެ މީހަކު އެއިން ނަޞޭހަތް ލިބިގަތުމުގެ އައުލާކަން ބޮޑު އަގުހުރި ނަޞޭހަތުގެ ބަސްކޮޅެކެވެ.
ޢަބްދުލްޙަކީމް ޙުސައިން މަނިކު ”އިއްޔެ“ މަޖައްލާގެ 104 – 105 ޞަފުޙާގައި ލިޔުއްވާ ގޮތުގައި އެކުވެރި ދެބޭފުޅަކާއި އަދިވެސް އެހެނިހެން ބައެއް ފަރާތްތަކުން ބައެއް ފަހަރު މަލާމާތުގެ ގޮތުގައި އަނެއްބައިފަހަރު ސަމާސާގެ ވެސް ގޮތުގައި އޭނައަށް ވަނަމުން ވިދާޅުވެއެވެ. ސަބަބެއްކަމަށް ވަނީ ރައްޔިތުންގެ މަޖުލިސްގައި ވާހަކަދެއްކުން ތެރިކަމުގެ ގޮތުންނާއި މިނިވަން ޚިޔާލުފާޅުކުރުމުގެ ގޮތުން ވަޒީރުލް އަޢްޡަމް އިބުރާހީމް ނާޞިރުގެ ކަމޭ ހިއްތެވުމާއި ރުހިވަޑައިގަތުން ލިބިލެއްވުމެވެ.
ޢަބުދުލްހަކީމު ޙުސައިން މަނިކު އެއްވެސް ބޭފުޅަކާ ޒާތީކަމެއް ބާއްވަވައިގެން ނޫޅުއްވާކަމާއި އޭނާގެ ލިޔުއްވުންތައްވަނީ ޛާތީ ތަޢައްޞުބުން އެއްކިބާވެފައިކަމުގެ ހެއްކަކީ އެފަދަ އެއްވެސް ފަރާތަކަށް އޭނަ ރައްދުދެއްވާފައި ނެތުމެވެ. އެހެންނޫންނަމަ ޢަބުދުލްޙަކީމު ޙުސައިން މަނިކަށް ވެސް އެ ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ ރައްދެއް ދެއްވޭނެކަން ކަށަވަރެވެ. އެއްވެސް މީހަކީ ކުރާމަސައްކަތުގެ ގޮތުންވިޔަސް ހެދިހުރިސިފައާއި އުފެދުމުގެ އަސްލަށް ނޫނީ ނަސްލަށް ބެލިނަމަވެސް އުނިކަމެއް ނެތް އެންމެ ފުރިހަމަމީހެއްނޫނެވެ. ކޮންމެމީހަކީ ”އުނި“ މީހެކެވެ.
ޢަބްދުލްހަކީމް ޙުސައިން މަނިކު ލިޔުންތެރިކަމަށް ހުރި ޝައުގު
1934 ވަނަ އަހަރު ޢަލްއިޞްލާޙުގެ 7 ވަނަ ޢަދަދަށް ޢަބުދުލްޙަކީމު ޙުސައިން މަނިކު ލިޔުއްވިފަހުން ގެންދެވީ މެދުނުކެނޑި ލިޔުއްވަމުންނެވެ. ތާރީޚީ ލިޔުއްވުންތަކެވެ. މަދަނިއްޔަތެއް ތަހުޒީބުވެ ކުރިއަރާދިއުމަށް ބޭނުންވާ ހަމަ ކޮންމެރޮނގަކުން ޢަބުދުލްހަކީމު ހުސައިން މަނިކު ވަނީ ތަފާތު ލިޔުންތައް 1960 ގެ އަހަރުތަކުތެރޭގައި ނުކުންނަންފެށި ދުވަހު ނޫސްތަކަށާއި ހަފުތާ މަޖައްލާތަކާއި އެނޫން ވެސް ހުރިހާ އެއްޗަކަށް ލިޔުއްވާފައެވެ.
1981 ވަނަ އަހަރު ޢަބުދުލްޙަކީމު ޙުސައިން މަނިކު ”ތާރީޚީ މަޒާމީން“ ކިޔާ މަޖައްލާއެއް ޗާޕުކޮށްގެން ނެރެ ޝާއިއުކުރެއްވިއެވެ.
އިއްޔެ މަޖައްލާ (10 އޮގަސްޓް 1997) ގެ 285 ޞަފުޙާގަ ”ޗާޕްކުރި ފަރާތުގެ ބަޔާނެއް – ލިޔުންތެރިކަމާއި ޢަބުދުލްޙަކީމު ޙުސައިން މަނިކު އަދި އިއްޔެ މަޖައްލާ“ މި ހެޑިންގެ ދަށުގަވާ ބަޔާނުން ޢަބުދުލްޙަކީމު ޙުސައިން މަނިކު ލިޔުއްވުމަށް ހުރި ޝާއުގުވެރިކަމާއި އަދި ހަމަ އެހެންމެ އޭނާގެ ލިޔުއްވުންތައް ރައްކާތެރިކަމާއި އަމާނާތްތެރި ކަމާއެކު ފަހުތިބީންނަށް ރައްދުކޮށް ދިނުމަށް ބޭނުންވެލައްވާފައިވާ މިންވަރު ހާމަވެގެން ދިޔައެވެ.
ޢަބުދުލްޙަކީމު ޙުސައިން މަނިކަކީ އެހެންވެސް އިންސާނުންފަދަ އިންސާނެކެވެ. އޭނާ ދުނިޔޭގައި ހޭދަކުރެއްވި ނުވަދިހަ ވަރަކަށް އަހަރުތެރޭގައި އަޑިއުސްތަކާއި ކުރިމަތިލައްވާން ޖެހިލެއްވިއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް އެއްވަތު މަތިން އަނެއްވަތު ދަށުންނޭ ބުނެއުޅޭ އުޞޫލުންނެވެ.
މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، ޢަބުދުލްޙަކީމު ޙުސައިން މަނިކަކީ ބަންޑުން ވެއްޓުނީމަ ވެއްޓޭވަރަށްވުރެ އަވަހަށް ތެދުވަންނަވާ މެއިން ވެލިފޮޅާލެއްވުމަށްފަހު ކުރިއަށްވުރެ ހަލުވިކޮށް ބާރަށް ކުރިއަށް ހިންގަވައިގަންނަވާ ޢަޒުމްވަރުގަދަ ބޭފުޅެކެވެ. މިކަން ޢަބުދުލްޙަކީމް ޙުސައިން މަނިކުގެ ސާދާ ލިޔުއްވުންތަކުން ފެންނަން އެބަހުއްޓެވެ.
ޢަބުދުލްޙަކީމު ހުސައިން މަނިކު ނިޔާވީ 2006 މާރިޗް 31 ވަނަ ދުވަހު ފުރަމާލޭގައެވެ. އަޅުތަކުންގެ ވެރި ﷲ ސުބުޙަނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ޢަބްދުލްޙަކީމް ޙުސައިން މަނިކަށް މިންވަރުކުރައްވައި ސުވަރުގެ މިންވަރުކުރައްވާށިއެވެ. އާމީން.
”ގައުމަކަށް ކުޅަ ޚިދުމަތެއް، މީހާގެނަން މަތިވެރިވެދާށި
އައުކަމާ ތާޒާކަމާ ފެހިކަން، ނަމަށް ދާއިމްވެދާށި“
މަޢުލޫމާތު:
ދިވެހި ތާރީޚަށް އައު އަލިކަމެއް.
އިއްޔެ މަޖައްލާ 10 އޮގަސްޓް 1997 އަދި
ސަޕްލިމެންޓް އޮފް ތާރީޚީ މަޟާމީން II
ހެޔޮއެދޭ ފަރާތެއް
