މިއީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭ ދެވޭ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކިޔުންތެރިން މިފަދަ ހާދިޘާތަކުން އިބްރަތެއް ހާޞިލްކުރުމުގެ ހެޔޮ ނިޔަތުގައި ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. އެންމެންގެ މަސްލަހަތަށް ޓަކައި މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވާނީ ސިއްރު ކުރެވިފައެވެ.
އަޅުގަނޑަކީ މާލޭގައި ވަރަށް ވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަޅުގަނޑުގެ މަންމަގެ ހަތް ދަރިން ތިބެއެވެ. އަޅުގަނޑަކީ މަންމަގެ އެންމެ ދޮށީ އަންހެން ދަރިއެވެ. ކައިވެނިން ބޭރުން ލިބުނު ކުއްޖާއެވެ. އަޅުގަނޑުގެ އުމުރުން 13 އަހަރުގައި މަންމަ ދިރިއުޅެނީ އަޅުގަނޑާއެކު އަޅުގަނޑުގެ ހަގަށްތިބި ހަތަރު ކުދިން ގޮވައިގެން އެންމެ ކޮޓަރި އެއްގެ ތެރޭގައި ވަރަށް ވެސް ދަތިހާލުގައެވެ. ހަތް ކުދިންގެތެރެއިން ދޮށީ ދެ ފިރިހެން ކުދިން އުޅެނީ މަންމައާ ދުރުގައެވެ. އަޅުގަނޑާއެކު ފަސް ކުދިން ބަލަމުން އަންނަނީ މަންމަގެ ފިރިމީހާ އަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށްގެންނެވެ. މަންމަ މިހާރު ކައިވެނިކޮށްގެން އުޅޭ ޢަލީ ( ދޮންބައްޕަ) އާއި ކައިވެނި ކުުރުމުގެ ކުރިން ތިންވަނަ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނަށް އެ ކުދިންގެ ބައްޕަ ޚަރަދެއް ނުކުރެއެވެ. ޚަރަދު ނުުކުރުމުން އެ ކުދިންގެ ބައްޕައާއި އެ ކުދިން ހަވާލުކުރިއެވެ. ހަވާލުކުރުމުން ވެސް ބައްޕަ އެ ކުދިން ނުބަލާ އެހެން ބަޔަކާ ހަވާލުކުރިއެވެ. މިހެންވުމުން މަންމަ ވަނީ އެ ދެ ކުދިން ލޯ އެންޑް ޖެންޑާއާ ހަވާލުކޮށްފައެވެ. އޭގެ ފަހުން މަންމަ ދޮންބައްޕައާ ކައިވެނި ކުރުމަށްފަހު 2005 ވަނަ އަހަރުގެ މެދުތެރޭގައި މަންމަ ވަނީ ލޯ އެންޑް ޖެންޑާއާ ގުޅިގެން އެކުދިން އަބުރާ މަންމަގެ ކައިރިއަށް ބަދަލުކޮށްފައެވެ. މަންމަ ޤަބޫލުކުރާގޮތުގައި ދޮންބައްޕައަކީ ސިކުނޑީގެ އުނިކަމެއް ހުންނަމީހެކެވެ.
ދޮންބައްޕަ އަކީ ޓެކްސީ ޑްރައިވަރެއް ކަމުން މިނޫން އިތުރު އާމްދަނީއެއް މަންމައަކަށް ނުލިބެއެވެ. މަންމަގެ ހާލަތު ހުރިގޮތުން މަންމަގެ ކުރީގެ ފިރިމީހާ ކޮންމެ ދުވަހަކު 100 ރުފިޔާ ގޭގެ ކަންކަން ކުރުމަށް ދީހަދައެވެ. އަދި މިއާދައިގެ ދިރިއުޅެމުން ވެސް އެންމެ ހަގު ކުއްޖާ ފިޔަވައި ހުރިހާ ކުދިން ސްކޫލަށް ބަރާބަރަށް ގެންގޮސްހަދައެވެ. މިހުރިހާ ކުދިން ވެސް ސްކޫލަށް ގެންގޮސް ހަދަނީ މަންމައެވެ. ގޭގެ ފެންބިލް ނުދެއްކި އުޅޭތާ މަސް ދުވަސް ވެގެން ދާއިރު ވެސް ދެއްކޭނެހާ މާލީ ތަނަވަސްކަމެއް މަންމަގެ ކިބައިގައި ނެތެވެ. ގިނަ ފަހަރަށް ލާރިއެއް ދިއްކޮށްލަނީ ވެސް މަންމަގެ ގާތް ރައްޓެއްސެކެވެ. އަޅުގަނޑުމެން ގެއަށް ބޭނުންވާ ފެން ގެންގޮސް ހަދަނީ ގޭކައިރިގައި ހުންނަ މިސްކިތުންނެވެ. މަންމަ ބަލިވެއްޖިއްޔާ ގޭތެރެ ސާފުތާހިރުކޮށް ބަލަހައްޓާނެ އިތުރު މީހަކު ގޭގައި ނުހުރެއެވެ. މި މަސައްކަތް ވެސް ކުރަނީ ގިނަ ފަހަރަށް އަޅުގަނޑެވެ. މިކަންމިހެން އޮތްއިރު ވެސް ފަހަކަށްއައިސް ދޮންބައްޕަ އެއްވެސް ވަޒީފާ އަކަށް ނުދެއެވެ. ޓެކްސީ ކުރުން ވެސް ހުއްޓާލިއެވެ.
މިގޮތުގައި ދުވަސްތަކެއް ފާއިތުވަމުން ގޮސް 2012 ވަނަ އަހަރު މާރިޗް މަހަށް ފެށިއްޖެއެވެ. އެއްދުވަހަކު ދޮންބައްޕަ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެކަމަކު ދޮންބައްޕައަކީ ދުވަަހަކު ވެސް އެކަހަލަ ކަމެއްކުރި މީހެއްކަމަކަށް މަންމަ ޤަބޫލެއްނުކުރެއެވެ. އަނެއްކާ ވެސް އިތުރު ވާހަކަ އެއް މަންމަގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއީ ދޮންބައްޕަގެ އެއްބަޑު އެއްބަފާ ބޭޭބެ ދައްކަމުން ދިޔަ ވާހަކައެވެ. އޭރު ދޮންބައްޕަ އަޅުގަނޑަށް ޖިންސީ ފުރައްސާރަ ކުރަމުންދެއެވެ. މަންމައަށް އިވުުނު ވާހަކައަކީ ދޮންބައްޕަ އަޅުގަނޑާ ބެހޭ ވާހަކައެވެ. އަދި މަންމަ އަޅުގަނޑުގާތު މިވާހަކަތައް އެހުމުން އަޅުގަނޑު ވަރަށް ދެރަވެފައި ދޮންބައްޕަ ޖިންސީ ގޯނާ ކުރާވާހަކަ ބުނީމެވެ. އެކަމަކު ދޮންބައްޕަ އެއީ ދުވަހަކު ވެސް އެފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަކަށް މަންމަ ޤަބޫލެއް ނުކުރިއެވެ. އަދި އެވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުދެއްކުމަށް މަންމަ އެދުނެވެ. މަންމަ މިކަން ޤަބޫލު ނުކުރުމުން ދޮންބައްޕައަށް އެދުވަހު ލިބުނީ އިތުރު ހިތްވަރެކެވެ. އެދުވަހުން ފެށިގެން ދޮންބައްޕަގެ އަނިޔާތައް އިތުރަށް ބޮޑުވިއެވެ. މަންމަ ގޭގައި ނޫޅޭ ވަގުތުތައް ބަލާފައި އަޅުގަނޑާމެދު ގަދަކަމުން ޖިންސީ ގޯނާތައް ކުރަމުންދިޔައެވެ. އަދި ޖިސްމާނީ ވަރަށް ގިނަ އަނިޔާތަށް ވެސް ކުރަމުން ދިޔައެވެ.
ދުވަސްތައް މާޒީވެ ދެއެވެ. އެއްދުވަހަކު، ދޮންބައްޕަ އަޅުގަނޑާ ގަދަކަމުން ބަދުއަޙްލާޤީ ޢަމަލު ހިންގަމުންދާކަމުގެ ވާހަކަ ދޮންބައްޕަގެ އާއިލާ މީހެއްގެ ފަރާތުން މަންމައަށް އެނގުނެވެ. ނަމަވެސް މަންމަ ދިޔައީ ދޮންބައްޕަގެ ދިފާއުގައި މިކަން ދޮގުކުރަމުންނެވެ. މަންމަ ބުނަމުން ދިޔައީ ދޮންބައްޕަގެ އާއިލާއިން މަންމަ ދޮންބައްޕައާ އިނދެގެން ދޮންބައްޕަގެ ގޭގައި އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން އެމީހުން ހަދައިގެން ދައްކާ ވާހަކަ އެއްކަމުގައެވެ. އަދި ދޮންބައްޕައަކީ ސިކުނޑީގެ މައްސަލަ އުޅޭ މީހެއްކަމަށް މަންމަ ބުންޏެވެ. މަންމަ އަބަދުވެސް ދިޔައީ ދޮންބައްޕަގެ ވާހަކަތައް ޤަބޫލުކުރަމުންނެވެ. މިހުރިހާ ކަމެއް ވެގެން ދާއިރު ވެސް މަންމަ ޤަބޫލުކުރާ ގޮތުގައި މަންމަގެ އެއްވެސް އިހުމާލެއް ނެތެވެ.
އޭގެ ދެ އަހަރު ފަހެވެ. ދޮންބައްޕަގެ ފަރާތުން އަޅުގަނޑަށް ޖިންސީ އަނިޔާ ލިބެމުންދާކަން މަންމައަށް މިފަހަރު ޤަބޫލު ކުރެވިއްޖެއެވެ. އެއީ އަޅުގަނޑު ދޮންބައްޕަގެ ދަރިއަކަށް ބަލިވެ އިންކަން އެނގުމުންނެވެ. ނަމަވެސް މީހުންނަށް މިކަން އެނގިދާނެތީ އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް މިކަން އެނގުނަ ދީގެން ނުވާނެކަމަށް ބުނެ މަންމަ އަޅުގަނޑަށް އިންޒާރު ދިނެވެ. އަދި ހާލަތު ހުރިގޮތުން ލާރި ނެތުމުން ދަރިފުޅު ވައްޓާ ނުލެވޭނެކަމަށް ބުންޏެވެ. މިވާހަކަތައް ދޮންބައްޕައަށް މަންމަ ކިޔައިދިނެވެ. ދޮންބައްޕައަށް މި ޚަބަރު ލިބުމާއެކު މާލަސްތަކެއް ނުވެ، ގެއިން ބޭރަށް ނިކުމެ އުޅުން ދޮންބައްޕަ އަޅުގަނޑަށް އެއްކޮށް މަނާކުރިއެވެ. އަދި އަނިޔާކުރަން ފެށިއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އަޅުގަނޑު ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން ކޮޓަރީގައި އޮވެ މަންމައަށް ގޮވީމެވެ. އެވަގުތު ދޮންބައްޕަ ކޮޓަރި ދޮރުމަތީގައި ހުރިތަން ފެނުނެވެ. ދެން ވީގޮތެއް އަޅުގަނޑަކަށް ނޭގެއެވެ. އަޅުގަނޑަށް ހޭވެރިކަން ވީއިރު އަޅުގަނޑު އޮތީ ވިހައިގެންނެވެ. ކައިރީގައި ހުރި އެނދެއްގައި ވިހޭ ދަރިފުޅު ލެއާއެކު ބާއްވާފައި އޮތެވެ. ރޯއަޑު އިވެއެވެ. އެވަގުތު މަންމަ އަޅުގަނޑުގެ އަތުގައި ހިފައި ނަގައިގެން ގޮސް ފާޚާނާތެރެއަށް ވެއްދިއެވެ. އަދި ބަނޑުގައި އޮތް މަސް ބޭރުކޮށްލުމަށްފަހު އަޅުގަނޑު ތާހިރުކޮށް، ކޮޓަރިއަށް ވެއްދިއެވެ. އެވަގުތު އަޅުގަނޑު އެނދާ ދިމާލަށް ބަލާލީމެވެ. އޭރު އަޅުގަނޑު ވިހޭ ދަރިފުޅުގެ ނިޝާން ވެސް ކޮޓަރި ތެރެއިން ފެންނާކަށް ނެތެވެ. އެހެންނަމަވެސް ދަރިފުޅާ ބެހޭގޮތުން މަންމައާއި ދޮންބައްޕައާ އެއްވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަޅުގަނޑުގެ ގަޔަކުނެތެވެ. ފާޚާނާއިން ނިކުމެ ކޮޓަރިއަށް ވަތްއިރު، ކޮޓަރި ތަރުފާލު މަތީގައާއި އަޅުގަނޑު އޮށޯވެގެން އޮތް ގޮދަޑީގައި ވަރަށް ބޮޑަށް ލޭހޭކިފައި ހުރިތަން ފެނުނެވެ. އަޅުގަނޑަށް އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެވުނީ ވެފައި ހުރި ވަރުބަލިކަމުންނެވެ. އަދި ކޮޓަރިތެރެއަށް ވަދެ އޮށޯތުމާއެކު އަޅުގަނޑަށް ނިދިއްޖެއެވެ. ހޭލެވުނީ ކުއްލިޔަކަށް ބަޔަކު މީހުން ގެއަށްވަދެ ވާހަކަ ދައްކާ އަޑަށެވެ. އެވަގުތު އެއީ ފުލުހުންކަން އެނގުނެވެ. އެމީހުން އަޅުގަނޑު ގޮވައިގެން ދިޔައީ ރަށުގެ ސިއްހީ މަރުކަޒަށެވެ. އޭރު އެތަނަށް ވަނީ ރަށުގެ މީހުން އެއްވެފައެވެ. އެތަނުގައި އެއްވެފައި ތިބި ރަށު މީހުން ދައްކާ ވާހަކަތައް ސާފުކޮށް އަޅުގަނޑަށް އިވެއެވެ. މި ވާހަކަތަކުގެތެރެއިން ފުރޭނިގެން އައި އަޑެއް އަޅުގަނޑުގެ ކަންފަތުގައި ޖެހުނެވެ. އަޅުގަނޑު ވިހޭ ދަރިފުޅު މަރާލުމަށްފަހު ގޭގެ ގިފިލިތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެކަމަށް މީހަކު ބުނި އަޑެވެ. އެހެންނަމަވެސް އަޅުގަނޑަށް އަޅުގަނޑު ވިހޭ ދަރިފުޅަށް ހެދީ ކިހިނެއްކަމެއް ވެސް ނޭގެއެވެ. އަދި އެ ދަރިފުޅު ގިފިލިތެރޭގައި ވަޅުލީ ކާކުކަމެއް ވެސް ނޭގެއެވެ. އެ ދުވަހު އަޅުގަނޑަށް ލިބުނު އެ ދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެކެވެ. އެ ދަރިފުޅަކީ އަޅުގަނޑުގެ ދޮންބައްޕަގެ ދަރިއެއްކަން އަޅުގަނޑަށް ޤަބުލުކުރެވެނީ، އަޅުގަނޑު ބަލިވެއިންކަން އެނގުނީ އަޅުގަނޑާމެދު ދޮންބައްޕަ ބަދުއަޚުލާޤީ ޢަމަލުު ހިންގާފައިވާތީއެވެ. އެއީ އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފޮހެލެވޭނެ ދުވަސްތަކެއް ނޫނެވެ. އެ ދުވަސް ހަނދާނުން ނުފިލިއެވެ. ނުވެސް ފިލާނެއެވެ. އެއީ ހިތި މާޒީއެކެވެ.
މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެމްބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނިކަކޮށް މުޖުތަމަޢު އިން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުން ވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤުބަލެވެ. އެ ކުދިންގެ މުސްތަޤުބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤުބަލް ވެއްޔާލައި މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ ބަފައިން މިފަދަ ޢަމަލުތައް ދަރިންނާ މެދު ނުހިންގުމަށް އަޅުގަނޑުމެން ނަޞޭހަތްތެރިވަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނަމަ އެކަން ސިއްރު ނުކުރައްވައި ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މީހުން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނީއްކައެކެވެ. ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. މި ކަމުގެ ސަބަބުން މި ދުނިޔެއިން ނިމިގެންދަނީ ކިތައް މަޢުސޫމް ކުދިންބާވައެވެ.
