އައްސައްޔިދާ ސުމައްޔާ ބިންތި ޚައްޔާތު (ބައެއް ރިވާތަކުގައި ސުމައްޔާ ބިންތު ޚުއްބާޠު) ރަޟިޔަﷲ ޢަންހާއަކީ މި އުންމަތުގެ އެންމެ ފުރަތަމަ ޝަހީދެވެ. އެ ކަމަނާގެ ކުއްނިއްޔަ ލަޤަބުފުޅަކީ ”އުންމު ޢައްމާރު“ އެވެ. އަބޫ ޚުޛައިފާ ބުން އަލްމުޣީރާ ބުން ޢަބްދުﷲ ބުން ޢަމްރު ބުން މަޚްޒޫމުގެ އަޅެއްގެ ގޮތުގައި ބޮޑުފުޅުވި ސުމައްޔާ މިނިވަންކޮށްދެއްވައި ޔާސިރު ބިން ޢާމިރާ ކައިވެނިކޮށްދެއްވިއެވެ. ސުމައްޔާ ނިސްބަތްވެވަޑައިގަންނަވަނީ ޙަބުޝްކަރައަށް ކަމަށް ބުނެވެއެވެ. ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލެއްވުމާއެކު ހަތްވަނައަށް އިސްލާމްދީން ޤަބޫލުކުރެއްވީ އެކަމަނާއެވެ. އައްސައްޔިދާ ސުމައްޔާއަކީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ބޭކަނބަލަކަށްވާތީ އެ ކަމަނާ ހިމެނިވަޑައިގަންނަވަނީ [އައްސާބިޤޫނަލް އައްވަލީން] ގެ ޖަމާޢަތުގައެވެ.

ސުމައްޔާ އާއި ޔާސިރުގެ ދެކަނބަލުންނަށް ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީ ޢައްމާރެވެ. އޭގެފަހުން އިތުރު ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ ޢަބްދުﷲ އާއި ޙާރިޘް އެވެ. މީގެ ތެރެއިން ޙާރިޘްވަނީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި ޤަތުލުވެފައެވެ. ސުމައްޔާއާއި އެކަމަނާގެ ޢާއިލާ ވީ  މައްކާގެ އެންމެ ދަށް ފަންތީގެ ޢާއިލާތަކުގެ ތެރޭގައެވެ. ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވާލެއްވުމާއެކު އެންމެ ފުރަތަމަ އިސްލާމްދީނަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ގިނައިން ތިއްބެވީ އަޅުންނާއި އެފަދަ ނިކަމެތި ޟަޢީފުންނެވެ. އެހެންކަމުން އެ ފަރާތްތަކަށް އެ މީހުންގެ ސާހިބުންގެ ފަރާތުންނާއި މައްކާގެ މުޝްރިކުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ދެމުން ގެންދިޔައެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މުސްލިމުންގެ ތެރޭގައި ސުމައްޔާ އާއި އެ ކަމަނާގެ ޢާއިލާ ހިމެނިވަޑައިގަތެވެ. ސުމައްޔާއާއި އެކަމަނާގެ ފިރިކަލުން ޔާސިރާއި އަދި ދަރިކަލުން ޢައްމާރު ބިން ޔާސިރަށް މެންދުރުގެ ހޫނު ގަދަވެގަންނަ ވަގުތު އަވިން ހޫނުވެ ދޮންވެފައިވާ ހިލަތަކުން އަނިޔާދިނުމުގައި އިސްކޮށް އުޅުނީ ”ބަނޫ މަޚްޒޫމު“ ގަބީލާގެ މީހުންނެވެ.

ކޮންމެ ދުވަހަކު ދަގަނޑު ދަހަމާ އަޅުވައިގެން މައްކާގެ ހޫނުގަދަ ހިލަބިމުގައި މެންދުރުގެ ގަދައަވީގައި އަނިޔާ ކުރަމުން މައްކާގެ މުޝްރިކުން މަޖުބޫރު ކުރަމުން ގެންދިޔައީ އެ ބޭފުޅުން އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ކާފަރުވުމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އެކަމެއް ނުކުރެއްވިއެވެ. އެ ބޭފުޅުން އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިއްބެވިއެވެ. ދީނުގައި ސާބިތުގެ ތިބެ ކެތްތެރިކަމުގައި އެ ބޭފުޅުން ދެއްކެވީ އާދަޔާ ޚިލާފު ނަމޫނާއެކެވެ.

މައްކާގެ މުޝްރިކުން ސުމައްޔާ ރަޟިޔަﷲ ޢަންހާގެ ތިންމައިންނަށް އަނިޔާދެމުން ގެންދަނިކޮށް އިއްތިފާޤުން އެތަނަށް އެއް ދުވަހަކު މާތް ނަބިއްޔާއަށް ވަޑައިގެންނެވުނެވެ. އެހިނދު އެ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގެންނެވުމުން އެކަމާ ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. އެކަމުން ހިތްޕުޅަށް ކުރި ފުން އަސަރުތަކުން ކީރިތި ކުރެއްވުނެވެ. އޭރު ކީރިތި ނަބިއްޔާއަށް އެ އަނިޔާތަކުން އެބައިމީހުން ސަލާމަތްކުރެއްވޭނެ އެއްވެސް ބާރެއް ލިބިވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ އޯގާވެރި ބަސްފުޅުތަކުން ހިތްވަރުދެއްވިއެވެ. އަދި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު އެ ބޭފުޅުންނަށް ދެއްވިއެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. ”ޢައްމާރުގެ ޢާއިލާއެވެ. އަދި ޔާސިރުގެ ޢާއިލާއެވެ. އުފާކުރައްވާށެވެ. ފަހެ، ތިޔަބޭކަލުންނަށް ވަޢުދުވެވޮޑިގެންވާ ތަނަކީ ސުވަރުގެއެވެ.“   

އައްސައްޔިދާ ސުމައްޔާ ޝަހީދުކޮށްލީ އަބޫ ޖަހުލެވެ. އެކަމަނާ ޝަހީދުކޮށްލީ އެ ކަމަނާއަށް ދެމުންގެންދިޔަ ބޮޑެތި އަނިޔާތަކަށް ވެސް ކެތްކުރައްވައި އިސްލާމްކަން ފާޅުކުރައްވަމުން ގެންދަވާތީ ރުޅިއައިސްގެން އެންމެފަހުން ލޮންސިއެއް އެކަމަނާގެ ހަށިކޮޅަށް ހަރާލުމުންނެވެ. އެކަމަނާ ޝަހީދުކޮށްލުމަށްފަހު އެކަމަނާގެ ފިރިކަލުން ޔާސިރު ވެސް ޝަހީދުކޮށްލިއެވެ. މި ދެކަނބަލުން ޝަހީދުކޮށްލީ އެ ބޭފުޅުންގެ ދަރިކަލުން ޢައްމާރު ބިން ޔާސިރުގެ ކުރިމަތީގެއެވެ.

ސުމައްޔާގެ ދެކަނބަލުންގެ ހިތްވަރުފުޅު ގަދަކަމާއި ދީނަށް ޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ސަބަބުން އޭރު މައްކާގެ މުޝްރިކުން އަނިޔާ ދެމުންގެންދިޔަ އެހެނިހެން ޟަޢީފު މުސްލިމުންނަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. އަދި މުޝްރިކުން ވަރަށް ބޮޑަށް މާޔޫސްވިއެވެ. މައްކާގެ މުޝްރިކުން ގަދަފަދަ ވޭނީ ބޮޑެތި ޢަޛާބުތައް ދައްކައި އެންމެ ފަހުން ޝަހީދުކޮށްލާ އިރުވެސް އެންމެ މުސްލިމަކު ވެސް މާތްވެގެންވާ އިސްލާމްދީން ދޫކޮށްލާފައެއްނުވެއެވެ.

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް