ޓެލެވިޜަން މޯލްޑިވްސްއިން 1995 ވަނަ އަހަރު ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބޭއްވި ފުރަތަމަ ޓެލެޑްރާމާ މުބާރާތުގައި ސިފައިން ބައިވެރިވިއެވެ.  ޕްރައިވެޓް ޢަބްދުލް ފައްތާޙް ލިޔުނު ވާހަކައެއްގެ މައްޗަށް ކުޅުނު ”މާބުރުގެ އުސޫލު“ މި ޑްރާމާ ޑައިރެކްޓް ކުރީ ޕްރައިވެޓް އަމްޖަދު އިބްރާހީމެވެ. މި ޑްރާމާގެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވީ ޕްރައިވެޓް މުޙައްމަދު މަނިކާއި، ޕްރައިވެޓް ޝިރުމީނާއާއި، ޕްރައިވެޓް އަޙްމަދު ޝާޒްއާއި ލާންސް ކޯޕްރަލް އީނާސް ޙުސައިނާއި، ޕްރައިވެޓް ފާޠުމަތު އަޙްމަދާއި، ޕްރައިވެޓް މުޙައްމަދު ސަޢީދާއި، ޕްރައިވެޓް ޝަކީބާއެވެ. މި ޑްރާމާއަށް ތައްޔާރުކުރި ލަވައިގެ ޅެން ހެދީ ކޯޕްރަލް ޖަޢުފަރު ޢަބްދުއްރަޙްމާނެވެ. ލަވައިގެ ރާގު ހެދީ ކޯޕްރަލް ޢަލީ މަނިކެވެ. 

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި 2008 ވަނަ އަހަރާ ހަމައަށް، 8 ފަހަރު ސިފައިން ބައިވެރިވިއެވެ. އެއީ 1995 ވަނަ އަހަރު ”މާބުރުގެ އުސޫލު“، 1996 ވަނަ އަހަރު ”ވޭން“، 1997 ވަނަ އަހަރު ”ޅަފުރާ“، 1998 ވަނަ އަހަރު ”ވަދާޢު“، 2000 ވަނަ އަހަރު ”ސިފަ“،  2003 ވަނަ އަހަރު ”ފިތުނަ“، 2004 ވަނަ އަހަރު ”ލައްގަނޑު“ އަދި 2005 ވަނަ އަހަރު ”ބިލާހެއް“ މި ޑްރާމާތަކެވެ. މީގެތެރެއިން ވޭން، ޅަފުރާ، އަދި ވަދާޢު ޑައިރެކްޓްކުރީ ޢަބްދުލް ފައްތާހެވެ. މި ޑްރާމާތަކުން ބެސްޓް ޑައިރެކްޓަރުގެ އެވޯޑް އޭނާ ވަނީ ހޯދާފައެވެ. އޭގެފަހުން ކުޅުނު ސިފަ، ފިތުނަ، ލައްގަނޑު، ބިލާހެއް މި ޑްރާމާތައް ޑައިރެކްޓްކުރީ އަޝްހަރު ވަޙީދެވެ. އޭނާ ޑައިރެކްޓްކުރި ވަދާޢު، ފިތުނަ، ބިލާހެއް މި ޑްރާމާތަކުން ބެސްޓް ޑައިރެކްޓަރުކަން އޭނާ ހޯދާފައިވެއެވެ.  ފިތުނަ ޑްރާމާއިންނާއި ލައްގަނޑު ޑްރާމާއިން އެންމެ މޮޅު އެކްޓަރުކަމުގެ މަޤާމު އަޙްމަދު ޝާޒް ހޯދިއެވެ. އަޝްހަރު ވަޙީދާއި އަޙްމަދު ޝާޒު ލިޔުނު ލައްގަނޑު ވާހަކަ އެންމެ މޮޅު ވާހަކައަކަށް ހޮވުނު އިރު، އެ ޑްރާމާއިން އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ މަޤާމު ރަމްޒިއްޔާ ޢަބްދުﷲ ހޯދިއެވެ. ސިފައިން ކުޅުނު ޑްރާމާތަކުގެ ތެރެއިން ”ވޭން“، ”ފިތުނަ“، ”ބިލާހެއް“ ވަނީ ޓެލެޑްރާމާ މުބާރާތުން އެއްވަނަ ހޯދާފައެވެ. ބިލާހެއް ޑްރާމާއިން ސިފައިން ގިނަ ވަނަތަކެއް ހޯދިއެވެ. މި ޑްރާމާއިން އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމާއި އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާގެ މަޤާމު އަޝްހަރު ވަޙީދު ހޯދި އިރު، އެންމެ މޮޅު އެކްޓްރެސްގެ މަޤާމު ހޯދީ ރަމްޒިއްޔާ ޢަބްދުﷲ އެވެ. އެންމެ މޮޅު އެކްޓަރުގެ މަޤާމު ހޯދީ އަޙްމަދު ޝާޒުއެވެ. އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ މަޤާމު ހޯދީ އީނާސް ޙުސައިނެވެ.

ޓެލެޑްރާމާ މުބާރާތުގެ އިތުރުން ޑްރާމާ ސީރީޒެއްގެ ގޮތުގައި ތައްޔާރުކުރި 4 އެޕިސޯޑުގެ ”ދަނޑިފަން ދަތުރު“، ”ބިސްމަޅި“، ”އެތުންމަތިން މިތުންމަތިން“، ”ހުސްބުޅި“ މި ޑްރާމާތަކަކީ ވެސް އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ޑްރާމާތަކެކެވެ.

  • މަޢުލޫމާތު: ސިފައިން އުފެދުމާއި ކުރިއެރުން 1892 – 2008 (ސިފައިންގެ ތާރީޚް ކޮމެޓީ)
ޝެއަރކުރެއްވުމަށް