ނޯޓު: މިއީ، ޔުނިވަރސިޓީ އޮފް ލަންޑަންގެ ދަރިވަރެއްކަމަށްވާ އެންޑްރޫ ފޯބްސް އާއި ސައުތު އެމެރިކާގެ ޤައުމެއް ކަމަށްވާ ގަޔާނާގެ ޓީޗަރެއް ކަމުގައިވާ ފައުޒިއްޔާ ޢަލީ، ”ދަ މޯލްޑިވް އައިލެންޑްސް އެންޑް ދެއަރ ހިސްޓޮރިކަލް ލިންކްސް ވިތު ދަ ކޯސްޓް އޮފް އީސްޓަން އެފްރިކާ“ މި ލިޔުން އަސްލަކަށް ބަލައިގެން ބައެއް އުނިއިތުރާއެކު ލިޔެފައިވާ ލިޔުމެކެވެ. 1980 ވަނަ އަހަރު މި ދެ ލިޔުންތެރިން ލިޔެފައިވާ މި ލިޔުން ވަނީ ސަބިނެޓް އެފްރިކަން ޖާނަލްގައި 2013 ވަނަ އަހަރު ޝާއިޢުކޮށްފައެވެ.
ދިވެހިރާއްޖެ އޮންނަނީ (އެފްރިކާގެ ޤައުމެއްކަމަށްވާ ކެންޔާގެ) މޮމްބާސާގެ އިރުއުތުރުން ގާތްގަނޑަކަށް 2،500 މޭލު ދުރުގައި އަދި ސްރީލަންކާގެ ހުޅަނގުދެކުނުން ގާތްގަނޑަކަށް 400 މޭލު ދުރުގައި އިންޑިއާ ކަނޑުގެ މެދުތެރޭގައެވެ. އުތުރުން ދެކުނަށް 470 މޭލުގެ ދިގުމިނުގައި (އަދި ފުޅާމިނުގައި އިރުން ހުޅަނގަށް 70 މޭލު ހުންނަ މި ރާއްޖޭގައި މުރަކައިގެ ޤުދުރަތީ 26 އަތޮޅު އޮވެއެވެ.) މި ރާއްޖެއަކީ އީކުއޭޓަރ (خط الاستواء) މަތީގައި އޮތް ޖަޒީރާ ޤައުމެކެވެ.
ދިވެހިރާއްޖޭގެ އަތޮޅުތައް އެކުލެވިގެން ވަނީ ކުދިކުދި 1،200 ވަރަކަށް ރަށުގެ މައްޗަށެވެ. މީގެތެރޭގައި ތިންހަތަރު އަކަމޭލު ހުންނަވަރުގެ ބޮޑެތި ރަށްރަށެއް ނެތެވެ. މިއީ މެދުނުކެނޑި ކަނޑު އުޅަނދުފަހަރަށް ނުރައްކާތަކާ ކުރިމަތިލާން ޖެހޭ ފަރުތަކާއި ގިރިތައް ގިނަ ޤައުމެކެވެ. (އެކަމަކު މި ކަނޑުފަޅުތަކަށް ދިވެހީން ފަރިތައެވެ. އެވޭލާ ޒަމާނުގައި ބޭރު މީހުންގެ ފަރާތުން ދިވެހީންނާއި ދިވެހިރާއްޖޭގެ ދިފާޢުކޮށް ސަލާމަތްކޮށްދިނުމުގައި ޤުދުރަތުގެ މި ”ބުރުޒުތައް“ އަދާކުރި ދައުރު ބޮޑެވެ.)
ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 115 އަކަމޭލު ކަމުގައި ވިޔަސް ހަގީގަތުގައި ރާއްޖޭގެ ސަރަޙައްދު ކުޑައެއް ނޫނެވެ. (ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާ އެކު ރާއްޖޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 35،000 އަކަމޭލެވެ.) އިންޑިއާ ކަނޑުގެ މެދުތެރޭގައި ބޮޑު ސަރަހައްދަކަށް ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު ފެތުރިފައިވެއެވެ. މި ދިރާސާ ހެދި އެންޑްރޫ ފޯބްސްއާއި ފައުޒިއްޔާ ޢަލީ (1980) ބުނެފައި ވަނީ އެންމެ ފަހުގެ ބޯހިމެނުމުގައި ދިވެހިރާއްޖޭގެ އާބާދީ 150،000 އަށް ވުރެ ކުޑަ ކަމަށެވެ. (2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި ދިވެހީންގެ އާބާދީއަކީ 515,132 އެވެ.)
ދިވެހީންގެ އާބާދީ ވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ. ދިވެހީންގެ ގިނަ ބަޔަކު ދިރިއުޅުމަށް ޓަކައި ކާށީގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރަމުންދާއިރު ދިރިއުޅެމުން ދަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. ނަމަވެސް، އާބާދީގެ 20 އިންސައްތަ މީހުން ދިރިއުޅެނީ ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރިރަށް، މާލޭގައެވެ. (މި ހާލަތު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދިވެހިރާއްޖޭގެ އިގުތިސާދުގައި މިހާރު ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ދިވެހީންނަކީ މިހާރު މިޔަރުގެ މަސްވެރިކަން ކުރާ ބައެއް ނޫނެވެ. އަދި ހުޅުމާލެއާއި ވިލިމާލެ އާބާދުކުރުމުގެ ސަބަބުންނާއި، މާލެ ހިމެނޭ ސަރަހައްދުގައި މީހުން އާބާދުކުރުމުގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ކުރިއަށް ވެސް ހުރުމާ އެކު މާލެ ހިމެނޭ ސަރަހައްދަށް ދިވެހީންގެ އާބާދީ އަންނަނީ އެއްފަސްވަމުންނެވެ.)
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެފައިވަނީ މީލާދީން ފުރަތަމަ ސާސްކަފުގެ ގާތްގަނޑަކަށް މެދުތެރޭގައި ކަމަށާއި އެއީ ދެކުނު އޭޝިއާގެ ޑްރެވީޑިއަން މީހުން ކަމަށް ބެލެވޭ ކަމަށް އެންޑްރޫ ފޯބްސްއާއި ފައުޒިއްޔާ ޢަލީ (1980) ބުނެފައިވެއެވެ. (ނަމަވެސް ދިވެހިރާއްޖެއަކީ ބަޔަކު ވަޒަންވެރިވި ތާރީޚެއް، ދުވަސްވަރެއް ކަނޑައެޅިގެން އެނގެން ނެތް، ރާއްޖެއެކެވެ. ދިވެހިރާއްޖެއަކީ ވަރަށް ދޮށީ ޤައުމެކެވެ. ދިވެހި ދައުލަތަކީ ވަރަށް ދޮށީ ދައުލަތެކެވެ. ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށެވެ. މި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ.)
ދިވެހި ދައުލަތުން އިސްލާމް ދީން ގަބޫލުކުރީ މީލާދީން 1153 ވަނަ އަހަރުއެވެ. އެހާތަނަށް ދިވެހި ދައުލަތުގެ ދީނަކީ ބުދު ދީނެވެ. މޮރޮކޯ (މަޣުރިބުކަރަ) ގެ ބޭކަލެއް ކަމަށްވާ ޢަބުލް ބަރަކާތު (ޔޫސުފްލް ބަރުބަރީގެ) އަތްޕުޅު މައްޗަށް ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްވެ ވަޑައިގެންނެވިއެވެ. (އެއަށްފަހު އެ ރަދުންގެ ނަންފުޅެއްކަމުގައި މުޙައްމަދު ބިން ޢަބްދުﷲ ޚިޔާރު ކުރެއްވިއެވެ. ބުދު ފައްޅިތައް ތަޅުއްވައި މިސްކިތްތައް ބިނާކުރެއްވިއެވެ. މާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް މިހާރު ފެންނަން އެހެރަ ގޮތަށް އަލުން ބިނާކުރައްވައި މުންނާރު ބަހައްޓަވާފައި ވަނީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައެވެ.) 1968 ވަނަ އަހަރާ ހަމައަށް (ދިވެހީންގެ ޖުމްހޫރީ ދެވަނަ ވެރިކަމާހަމައަށް) މި ރާއްޖޭގައި އިސްލާމީ ރަސްކަމުގެ އަސަރުތައް ދެމިއޮތެވެ.
މިއަދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އދ.ގެ ފުރިހަމަ މެންބަރުކަން ލިބިފައިވާ މިނިވަން ދައުލަތެކެވެ. (ކުރީގައި) ސްރީލަންކާއާއި ސިންގަޕޫރާ އެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކޮށް، ދިވެހީންގެ އިގުތިޞާދީ މިސްރާބު އިރުދެކުނު އޭޝިއާއަށް ހުއްޓަސް، (މިހާރު ދިވެހިރާއްޖެއަކީ މިނިވަން ވިޔަފާރީގެ ގުޅުންތަކާ އެކު މުޅި ދުނިޔެއަށް ހުޅުވިފައިވާ ރާއްޖެއެކެވެ. ދިވެހި ދައުލަތަކީ ދުނިޔެއިން އިހުތިރާމު ހޯދާފައިވާ މުޅި ދުނިޔެ ދަންނަ ފަރިތަ ދައުލަތެކެވެ.)
ދިވެހީންގެ ރޫޙާނީ ޙަޔާތް އިސްލާމީވަންތަކަމާ އެކު ގަދަފަދަ ގޮތެއްގައި ދެމިއޮތީ ޕާކިސްތާނާއި ސަޢުދީއަރަބިއްޔާއާއި މިޞްރަށް ގޮސް ޢިލްމު ހާސިލުކުރެއްވި ދީނީ ޢިލްމުވެރީންގެ ޚިދުމަތުންނެވެ. ހުޅަނގުގެ ނުފޫޒު ދިވެހިރާއްޖޭގައި އޮތީ ކުޑަކޮންނެވެ. (ނަމަވެސް މިއަދު އެ ހާލަތު މުޅީން ބަދަލުވެއްޖެއެވެ. ދިވެހީންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމު އުނގެނެމުންދާ ބައެކެވެ. މުއާސަލާތީ ވިއުގައިގެ ތެރެއިންނާއި ޒަމާނީ ދަތުރުފަތުރުގެ ފަސޭހަކަމުގެ ތެރެއިން ދިވެހިރާއްޖެ ވަނީ މުޅި ދުނިޔެއާ ލާމެހިފައެވެ.)
މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ދިވެހިރާއްޖޭގެ ވެރިރަށް ހިފައިގެން ތިބި ނަމަވެސް، މުޅި ރާއްޖޭގެ މައްޗަށް ބާރު ފޯރުވިފައެއް ނުވެއެވެ. (ބޮޑުތަކުރުފާނު އިސްވެ ހުންނަވައި) ޕޯޗުގީޒުންނާ ދެކޮޅަށް ފެށްޓެވި ވަރުގަދަ އަދި ދިގު ދެމިގެންދިޔަ ގެރިއްލާ ހަނގުރާމައިން އެންމެ ފަހުން ޕޯޗްގީޒުން ބަލިކުރެއްވިއެވެ. އެ ހިތި ތަޖުރިބާއަށްފަހު ހުޅަނގުގެ އެއްވެސް ޤައުމަކުން ދިވެހިރާއްޖެ އިސްތިޢުމާރު ކުރާކަށް ނޫޅެއެވެ. ނަމަވެސް، 1887 އިން 1965 އަށް އިނގިރޭސީގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތެވެ. (އިނގިރޭސީން ދިވެހީންނަށް ހުށަހެޅި އެއްބަސްވުމެއް ދަށުން) ހިމާޔަތުގެ ދަށުގައި އޮތް އިރު ދިވެހީންނަށް ޚާރިޖީ މިނިވަންކަން ވަގުތީ ގޮތުން އޮތީ ގެއްލިފައެވެ. (އެކަމަކު ދިވެހީން ބޭނުންވި ހިނދު، އިނގިރޭސީންގެ އަތްދަށުން ފުރިހަމަ މިނިވަންކަން 26 ޖުލައި 1965 ގައި ހޯދިއެވެ.)
ދިވެހީންގެ ޒަމާންވީ ދިގު ތާރީޚުގައި ދިވެހި ރައްޔިތުން ވަނީ ދިވެހީންގެ ޤައުމީ އަދި ސަގާފީ އައިޑެންޓިޓީ (ދިވެހި ޤައުމިއްޔަތު) ގެ ވަރުގަދަ އިޙުސާސެއް ދަމަހައްޓާފައެވެ. ދިވެހީން ވާހަކަ ދައްކަނީ އަމިއްލަ ބަހެއް ކަމުގައިވާ ދިވެހިބަހުންނެވެ. ދިވެހީން ލިޔަނީ އަމިއްލަ އަކުރަކުންނެވެ. ދިވެހީންގެ ނަސްލު އުފެދިފައި ވަނީ އިންޑޯ-ޔޫރަޕިއަން މީހުންނާއި އިރުދެކުނު އޭޝިޔާގެ މީހުންނާއި އަރަބީންނާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށުގެ މީހުންގެ ނަސްލު ފަދަ އެތައް ނަސްލެއް އެކުވެ، އެތައް ޖީލަކުންނެވެ.
ދިވެހިރާއްޖެއަށް އެފްރިކާ މީހުން ޒިޔާރަތްކުރާތާ ހާހަކަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. ހަމަ މިފަދައިން ދިވެހީން އިރުމަތީ އެފްރިކާއަށް އެތައް ފަހަރަކު ދަތުރުކުރިކަން އެނގެއެވެ. ނަމަވެސް ދިވެހީންނާއި އިރުމަތީ އެފްރިކާގެ އައްސޭރިފަށުގެ ރަށްރަށާ ދެމެދު އޮތް ގުޅުން މިހާތަނަށް ދިރާސާކުރެވިފައެއް ނުވެއެވެ. މި ލިޔުމަކީ އެ ގުޅުންތަކާ ބެހޭ ވަރަށް ކުރު ޚުލާސާއެކެވެ. (ނުނިމޭ)
