ދަރިންނަކީ މާތްﷲ އިންސާނާއަށް ދެއްވާ ވަރަށް މާތް މަތިވެރި ނިޢުމަތެކެވެ. އަމާނާތެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކަށް އަދި ބަފަޔަކަށް ލާޒިމުވެގެންވާ ކަމެކެވެ. ފިތުރަތުގެ ސާފުޠާހިރުކަންމަތީ ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު އެކުއްޖާ ތަރުބިއްޔަތު ވެގެން އަންނަނީ އެކުއްޖާގެ މައިންބަފައިން ނުވަތަ ބަލައިބޮޑުކުރާ މީހުންގެ ފަރާތުން ކަންކަން އުނގެނި ދަސްކޮށްގެންނެވެ. ގޯސް އާދަތަކާއި ރަނގަޅު އާދަތައް ވެސް ދަސްވަނީ ކުއްޖާ އުޅެ ބޮޑުވާ މާހައުލުން ކުއްޖާއަށް ފެންނަ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

އަހަރެމެން މި ދުނިޔެއަށް ފޮނުވުނީ މާތް ﷲ އެންގެވި ގޮތަށް އުޅުމަށެވެ. އެ ކަލާނގެއަށް އަޅުކަންކޮށް އާޚިރަތަށް ތައްޔާރުވުމަށް ޓަކައެވެ. މިހެން މިކަން އޮތް އިރު އަޅުގަނޑުމެންގެ ދަރިން ވެސް މި މަގުގައި ތަރުބިއްޔަތު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. އިސްލާމީ ރިވެތި އުސޫލުތައް ދަރިންނަށް ދަސްކޮށްދީ އެ ސިފަތައް އަށަގެންނެވުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ދަރީންނަށް ކަންކަން ދަސްކޮށް ދިނުމުގައި ނަމޫނާ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިން ގޮވައިގެން ނަމާދަށް ދިއުމާއި، ދަރިންނާ އެކު ޤުރުޢާން ކިޔެވުން ފަދަ ކަންކަން ކުރުމުން އެކުދިން ވެސް ކުރާހިތުން އެ ކަންކަން ކުރާނެއެވެ. ނަމަވެސް މައިންބަފައިން އެގޮތަށް އެކަން ނުކޮށް ދަރިން ގާތު އެ ކަންކަން ކުރަން ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މައިންބަފައިން ނުކުރާ ނަމަ އެކަން ކުރަނީ ކީއްކުރަންތޯ ދަރިން ސުވާލު އުފައްދާނެއެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަމަކަށް އެ ކުދިންނަށް ޤަބޫލު ނުކުރެވޭތަން ވެސް އާދެއެވެ. އެހެންކަމުން، ދަރިން ދީނީ ކަންކަމަށް އަހުލުވެރި ކުރުވުމުގައި މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ކިބައިން އިސްލާމީ ރިވެތި ނަމޫނާ ދަރިންނަށް ކުޑައިރުއްސުރެ ފެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިންގެ ތަރުބިއްޔަތުގައި މަންމައާއި ބައްޕަގެ ދައުރު ވަރަށް ތަފާތެވެ. ނަމަވެސް ދެމީހުން ވެސް މަސައްކަތް ކުރާނީ، އަދި ކުރަން ވާނީ ވެސް އެއް އަމާޒަކަށް ވާސިލުވުމަށެވެ. އެއީ ދީންވެރި ޞާލިޙު ދަރިއެއް ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ނެރުމެވެ. މި މަގުޞަދު ހާސިލު ކުރެވޭނީ މައިންބަފައިންނަކީ އެފަދަ ޚުލްޤެއްގެ ވެރި ބަޔަކަށް ވެގެންނެވެ. އަދި ހަމައެހެންމެ، ދަރިން ކުރާ ގޯސް ކަންކަމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅު އަޅައިގެންނެވެ. ދަރިންނަށް އަދަބު ދޭން ޖެހޭ ހާލަތްތަކުގައި އަދަބު ވެސް ދޭން ވާނެއެވެ. އަދަބު ދިނުމަކީ ގައިގަތަޅާ އަނިޔާ ކުރުމެއް ނޫނެވެ. ނަމަވެސް ހިތާމަޔަކީ ކުދިން ގޯސްކަމަކަށް އަރައިގަތުމުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް އަތް އިސްކުރެވޭ ކަމެވެ. އެކަމުގެ ސަބަބުން ކަންކަން ރަނގަޅަށް ދިއުމުގެ ބަދަލުގައި އިތުރަށް ގޯސް ވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، މައިންބަފައިން މަސައްކަތްކުރަން ވާނީ އެއް ޓީމެއްގެ ގޮތުގައެވެ. ދެމީހުން އެކީގައި އުޅޭތަން ދަރިންނަށް ފެންނަންވާނެއެވެ. އަދި ދަރިންގެ ކަންކަމުގައި ދެމީހުން ވަކިން މަޝްވަރާ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ދަރީންގެ ކަންކަން ރަނގަޅު ކުރުމަށް ބާރަކަށް ވެގެންދާނެއެވެ. އަދި ހަމައެހެންމެ، މައިންބަފައިންގެ ތެރެއިން އެކަކު ބުނާ ބަހަކީ ދެމީހުންގެ ވެސް ބަސް ކަމުގައި ވާން ޖެހޭނެއެވެ.

ޒަމާން ބަދަލު ވަމުން އައިސް އަދުގެ ދުނިޔެއަށް ބަލާއިރު، ވަރަށް ގިނަ ކަންކަން މިވަނީ ބަދަލުވެފައެވެ. ޓެކްނޮލޮޖީ ކުރިއަރައިގެން އައިސް އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ވަރަށް ބޮޑަށް ބަދަލު ކޮށްލައިފިއެވެ. ކަންކަން ރަނގަޅަށް ބަދަލުވެގެން އައި އިރު އޭގެ ކަފުގައި އައި ގޯސް އެތައް ކަމެއްވެސް އަޅުގަނޑުމެން ވަށާލައިފިއެވެ. މުޖުތަމަޢުގެ ބޮޑުބަޔަކަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ޖީލެއް ހަލާކުވެ ދަނީއެވެ. މިކަން މިހެން އޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ މި ވަނީ ކުރިމަތިލާން ޖެހިފައެވެ. ގޯސް އާދަތައް އިންތިހާއަށް މި ވަނީ އާންމު ވެފައެވެ. އިޖުތިމާއީ ވިއުގައިގެ ޒަރިއްޔާއިން އެތައް ކަމެއް ފެންނަމުން ދާއިރު، މިކަމުގެ ސަބަބުން ކުދިންނަށް ނަފުސާނީ ގޮތުން އެތައް އަސަރުތަކެއް ކުރެއެވެ. އަމިއްލައަށް މަރުވުމާއި، މާރާމާރީ ހިންގުމާއި، ޑްރަގުގެ ވަބާގައި ޖެހުމާއި ފިތުނަ ފަސާދަ އުފެދުން ފަދަ އެތައް ކަމެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުން ވެސް މިއަދު މި ދަނީ ފެންނަމުންނެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އިތުރު ހިތްވަރެއް ލާން މަޖުބޫރުވެއެވެ.

އިސްވެ ދެންނެވުނު ގޮންޖެހުންތަކުން އަރައިގަނެ، އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ. ހަގީގަތުގައި މިއަދު އަޅުގަނޑުމެން މައިންބަފައިންނަށް އެސްފިޔަ ޖަހާލެވޭކަށް ވެސް ނެތެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ލޯމަތިން ގެއްލުނަސް ދަރިން ގޯޅިއަޅައިގެން ދާތީއެވެ. އިޚްތިޔާރުކުރެވޭ ރައްޓެހިންގެ ފަރާތުން އަންނަ ”ޕިއަރ ޕްރެޝަރ“ގެ ސަބަބުން ވަރަށް ފަސޭހައިން ގޯޅި އަޅައިގެންދާން މަގުފަހި ވެއެވެ. މިކަންކަމުން އަރައިގަތުމަށް ޓަކައި މައިންބަފައިން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. ޚާއްޞަކޮށް ޅައިރުގައި ދަރިންނަށް ރަނގަޅު ދީނީ ޢިލްމު ފޯރުކޮށްދީ ރަނގަޅުގޮތާއި ގޯސް ގޮތްތައް ބުނެދޭން ޖެހެއެވެ. ކުދިން ބޭނުންވާހާ ކަމެއް ކޮށްދީގެން ވެސް ނުވާނެއެވެ. ދަރިންދެކެ ވާ ލޯބި ދެއްކޭނެ ގޮތަކީ އެއީ ކަމަށް ހީވެފައި އޮތް ނަމަވެސް އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ ދަރީން ދެކެ ވެވޭ ކަނު ލޯތްބެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މައިންބަފައިން އަދި ބެލެނިވެރިން ކުދިން ޅައިރުގައި ޓެބްލެޓް ނުވަތަ ސްމާޓް ފޯން ދީގެން ދަރިން ގެންގުޅޭ މަންޒަރެވެ. ޔޫޓިއުބް ނުދައްކާ ކުދިން ހަންމަތަ ކުރެވޭ ކަމަކަށް ނުވެއެވެ. ފަސޭހަ ގޮތް ފަސޭހަކޮށްލައިގެން ތިބުމުގެ ސަބަބުން ޚުދު އެ މައިންބަފައިން ދެރަވެ އިސްޖަހާލަން ޖެހޭ ދުވަސް އަންނަތަން މިދަނީ މުޖުތަމައުން ފެންނަމުންނެވެ. އަދުގެ މުޖުތަމަޢުގެ ޙާލަތު އޮތް ގޮތަށް ބަލާއިރު، މައިންބަފައިންނާއި ބެލެނިވެރިން ދަރީންގެ ތަރުބިއްޔަތަށް އިހުނަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ.

 މީގެ އިތުރުން، ކުރިން ބަޔާންކުރި ފަދަ ނޭދެވޭ އަސަރުތައް، އިޖުތިމާޢީ ވިއުގައިގެ ޒަރިއްޔާއިން ވެސް ދަރިންނަށް ކުރެއެވެ. އިންސްޓަގްރާމް، ފޭސްބުކް، ސްނެޕްޗެޓް ފަދަ މަންސަތަކަކީ ކުދިންގެ އުމުރާ ނުގުޅޭ އެތައް މަންޒަރުތަކާއި، އަޑު ހިމެނޭ މަންސަތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ސްނެޕްޗެޓަކީ ވަކިން ޚާއްޞަކޮށް ކުދިންގެ އަޚްލާޤަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވާ މަންސައެކެވެ. މިކަން މިގޮތަށް މެދުވެރި ވަނީ ސްނެޕްޗެޓުގައި ހިމެނޭ ބައެއް ޚާއްޞަ ސިފަތަކެއްގެ ސަބަބުންކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން، ޚުލްގު ހެޔޮ ދަރިއެއް ބޮޑު ކުރުމަށް ޅައުމުރުގައި ދަރިން އިޖުތިމާޢީ ވިއުގައާ ގާތްވިޔަ ދިނުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވެގެން ހިނގައިދާނެއެވެ. މިކަން މިގޮތަށް ވިޔަ ނުދިނުމަށް ޓަކައި، ދަރީންނަށް ކަމެއް ކުރިމަތިވާ ހިނދު އެންމެ ފުރަތަމަ އެކަން ހިއްސާ ކުރާ ފަރާތަކަށް މައިންބަފައިން ވާން ޖެހެއެވެ. އެކަން އެގޮތަށް ވާނީ ކުޑައިރުއްސުރެ ދަރިންނާ ރަނގަޅު، ގާތް ގުޅުމެއް ބާއްވައިގެންނެވެ. އެހެން ކަމުން މުޖުތަމަޢުގެ ހާލަތަށް ރިޢާޔަތްކޮށް ސަމާލުވެ ތިބޭ ބަޔަކަށް މައިންބަފައިން ވެގެން ނޫނީ ހެޔޮލަފާ ދަރިއަކު މި މުޖުތަމަޢުގައި ތަރުބިއްޔަތު ކުރުމަކީ އަމުދުން ވާނެކަމެއް ނޫނެވެ.

ތެދެކެވެ. އަދުގެ ތަޢުލީމީ ނިޒާމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ދަރިވަރުންނަށް އިންޓަރނެޓުގެ އެހީ ބޭނުންވެއެވެ. އޮންލައިން ޓިއުޝަންތަކާއި، އެސައިންމަންޓްތައް ހެދުމަށް ޓަކައި މަޢުލޫމާތު ހޯދުން ފަދަ ކަންކަމަކީ ދަރީންގެ ކުރިއެރުމަށް ޓަކައި މައިންބަފައިން މަގުފަހި ކޮށްދޭން ޖެހޭ ކަންކަމެވެ. ނަމަވެސް އިންޓަރނެޓާއި އިޖުތިމާޢީ ވިއުގަ ބޭނުން ކުރާ ގޮތް ރަނގަޅަށް ބެލުމަކީ ބެލެނިވެރިން ކުރަންޖެހޭނެ ކަމެކެވެ. ދަރިން ބޭނުން ކުރުމަށް ގަންނަ ޓެބްލެޓް ނުވަތަ އައިޕެޑް ފަދަ ތަކެއްޗަކީ އެކުދިންގެ އަމިއްލަ އެއްޗަކަށް ހަދައި، އަބަދު އަތަށް ދީފައި ބަހައްޓަން ޖެހޭ ތަކެއްޗެއް ނޫނެވެ. އެހެންނަމަވެސް، އަމިއްލަ ޓެބްލެޓެއް ނުވަތަ އުނގުމަތީ ބާއްވާނެ އަގުބޮޑު ލެޕްޓޮޕެއް ގަނެދިނުމުގެ ބަދަލުގައި އެންމެނަށް ފެންނާނެ ގޮތަށް ސިޓިންގ ރޫމުގައި ކޮމްޕިއުޓަރު ސިސްޓަމެއް ބެހެއްޓިދާނެއެވެ. އޭރުން ލެޕްޓޮޕަކުން ކޮޓަރީގައި އިނދެ ދަރިފުޅު ކުރާ ކަންކަން ބެލުމަށް ވުރެ ފަސޭހައިން ކޮމްޕިއުޓަރުން އެންމެންގެ ތެރޭގައި ކުރާ މަސައްކަތް ބަލަން ފަސޭހަވާނެއެވެ. މީގެ އިތުރުން، ދަރިފުޅުގެ އުމުރާ ގުޅޭ ގޮތަށް ”އޭޖް ރެސްޓްރިކްޓް“ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން ކުދިންގެ އުމުރާ ނުގުޅޭ އެއްޗެހި ވެސް ކުދިންނަކަށް ނުފެންނާނެއެވެ. މީގެ އިތުރުން، އެމީހުން ގެންގުޅެނީ ކޮން ކަހަލަ ރައްޓެހިންނެއްތޯ މައިންބަފައިންނާއި އެކުދިންގެ ބެލެނިވެރިން ވަރަށް ގާތުން ބަލަން ވާނެއެވެ. ކަންކަން މިގޮތަށް ހުރިއިރު، ދަރިން ކިޔެވުމަށް ޓަކައި އިންޓަރނެޓް ބޭނުން ކުރި ކަމުގައި ވީނަމަވެސް، އެކުދިން ކުރާ ކަންތައްތައް ވަރަށް ގާތުން ބަލަން ވާނެއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މައިންބަފައިން ވާންޖެހޭނީ ދަރިންނަށް ރަނގަޅު ގޮތް ބުނެދޭ، ނަމޫނާ ދައްކާ ބަޔަކަށެވެ. ދަރިންނާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރަށް ވަރުގަދަވާން ޖެހޭނެއެވެ. ދަރިންގެ ކަންކަން ގާތުން ބަލާ ބަޔަކަށް މައިންބަފައިން ވާ އެބަޖެހެއެވެ. ކައިރީގައި އުޅެނީ ކޮން ކަހަލަ ރައްޓެހިންނެއްތޯ ބަލަން އެބަ ޖެހެއެވެ. އިޖުތިމާޢީ ވިއުގަ ބޭނުން ކުރަނީ ކިހިނެއްތޯ ބަލަން ޖެހެއެވެ. އެންމެ މުހިންމު އެއް ކަމަކީ ދީނީ ލޯބި ކުޑައިރުއްސުރެ އަށަގެންނެވުމެވެ. އޭރުން ތަޢުލީމީ، މުޖުތަމަޢުއަށް ބޭނުންހިފޭ، ޞާލިޙް ދަރިންތަކެއް ބޮޑު ކުރެވި، ދެ ދުނިޔޭގައި ވެސް ބާއްޖަވެރި ބަޔަކަށް މައިންބަފައިން ވެގެންދާނެއެވެ. އިންޝާﷲ.

ޝެއަރކުރެއްވުމަށް