ޢިލްމު ހާސިލުކުރެއްވުމުގެ ބޭނުމުގައި، އިމާމް ބުޚާރީ (رَحِمَهُ ٱللَّٰهُ) އެއް ފަހަރަކު ކަނޑުމަގުން ދަތުރެއް ފެށްޓެވިއެވެ. މި ދަތުރުފުޅުގައި، އެކަލޭގެފާނު އެއްކުރައްވައިގެން ގެންގުޅުއްވާ އެއްހާސް ދީނާރު ވެސް ގެންދެވިއެވެ. ދަތުރުފުޅުގައި ބައިވެރިވި އެހެން މީހަކު، އިމާމް ބުޚާރީއަށް ތައާރަފުވެ، އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ފަށައިފިއެވެ. ރާސްތާ ދިގު މި ދަތުރުފުޅުގައި އިމާމް ބުޚާރީއާއި އެމީހާއާ ދެމެދު ބަދަހި ގުޅުމެއް ގާއިމުވެ، އިމާމް ބުޚާރީގެ އަރިހުގައިވާ އެއްހާސް ދީނާރުގެ ވާހަކަ ވެސް އެމީހާއަށް ކިޔައިދީފިއެވެ.
އިމާމް ބުޚާރީ މި ވާހަަކަ ކިޔައިދެއްވި ދުވަސް ނޫން އަނެއް ދުވަހު، ދަތުރުގެ ބައިވެރީންނަށް ހޭލެވުނީ އެ މީހާގެ ރުއިމާއި ގަދަ ހަޅޭކުގެ އަޑަށެވެ. ލައިގެން ހުރި އަންނައުނު ވީދަމުން، މޫނު މަތީ ތަޅަމުން ދިޔައެވެ. އެ މީހާ ގާތު، ވެގެން އުޅެނީ ކީއްތޯ ދަތުރުގެ ބައިވެރިން އެއްސެވެ. އަނގައިން ބަސް ހުއްޓި މާޔޫސްކަން ވެރިވެފައިހުރި އެ މީހާ ގާތު ތަކުރާރުކޮށް އެހުމުން ޖަވާބުގައި އޭނާ ބުންޏެވެ. އަަހަރެންގެ އަރިހުގައި މި ދަތުރުގައި އެއްހާސް ދީނާރު އަޅައިގެން ދަބަހެއް ގެނައީމެވެ. މި އުޅެނީ އެ ދަބަސް ގެއްލިގެންނެވެ.
އެ ޚަބަރާ އެކު އެ އުޅަނދުގެ ފަޅުވެރިން، މީހަކަށް ފަހު މީހަކު ބަލާ ފާސްކުރަން ފަށައިފިއެވެ. ވަމުންދާގޮތް އިމާމް ބުޚާރީއަށް އެނގިވަޑައިގެން ހިނދު، މީހަކަށް ނުފެންނާނޭ ގޮތަށް އެކަލޭގެފާނުގެ އަރިހުގައިވާ ދީނާރުތައް އަޅާފައިހުރި ދަބަސް ކަނޑަށް އެއްލަވާލެއްވިއެވެ. ހުރިހާ ފަސިންޖަރުންނަށް ފަހު އެކަލޭގެފާނު ވެސް ބަލާފާސްކުރި އިރު އެފަދަ ދަބަހެއްގެ ހިލަމެއް ވެސް ފެންނާން ނެތެވެ. އަދި، ރޮއެ ހަޅޭލެވި މީހާގެ ވާހަކަތަކަކީ ހަދައިގެން ދެއްކި ވާހަކަތަކެެއްކަން އެންމެނަށް ވެސް އެނގިއްޖެއެވެ.
ދަތުރުގެ ރާސްތާ ނިމި މަންޒިލަށް ވާސިލުވެވުމާ އެކު އެ މީހާ އިމާމް ބުޚާރީގެ އަރިހަށް ވަޑައިގެން އެ ދަބަހާ މެދު ކަންކުރެއްވި ގޮތެއް އެއްސެވިއެވެ. އެ ދަބަަސް ކަނޑަށް އެއްލަވާލެއްވީކަމުގައި ބުނުމުން އެ މީހާގެ ޖަވާބުގައި، އެހާ ގިނަ އަދަދެއްގެ ފައިސާ އަތުން ބީވެގެން ދިޔަކަމާ މެދު ރުހި ހުންނެވި ގޮތަކާ މެދު ސުވާލުކުރިއެވެ. ޖަވާބުގައި އިމާމް ބުޚާރީ ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ މުޅި ހަޔާތް، ރަސޫލާ صَلَّى اللَّٰهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘް ބަސްފުޅުތައް އެއްކުރެއްވުމުގައި ހޭދަކުރައްވައި، ތިމަންކަލޭގެފާނަކީ ދުނިޔޭގެ ކަންކޮޅުތަކުން އެކަމަށް އިތުބާރު ލިބިލައްވާފައިވާ މީހަކުކަން ކަލެއަށް ނޭނގޭ ހެއްޔެވެ. މިފަދައިން ކަން ހުރި އިރު، ވައްކަމުގެ ތުހުމަތު ތިމަންކަލޭގެފާނުގެ ބޮލުގައި އެޅިގެން ދިއުމަކީ ތިމަންކަލޭގެފާނާ އެކަށޭނެ ކަމެއް ހެއްޔެވެ. ތިމަންކަލޭގެފާނުގެ މުޅި ހަޔާތްޕުޅުގައި، ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ހާސިލުކޮށްފައިވާ އަގުހުރި މުތްތައް (ޢިލްމާއި އެހެނިހެން ކާމިޔާބީތައް) މަދު ދީނާރު ކޮޅަކަށް ޓަކައި ބީވެގެން ދިއުމަށް އެދޭނެތޯއެވެ.
