އިސްލާމީ ކަލަންޑަރުގެ ގޮތުގައި ބޭނުންކުރާ ”ހިޖުރީ ކަލަންޑަރު“ ގެ ފެށުން އައިސްފައިވަނީ، މި އުންމަތުގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުންގެ އަސްޙާބުން، ޤުރައިސުންގެ އަނިޔާވެރިކަމުން ސަލާމަތްވެ ވަޑައިގެން، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އަހަރާ ގުޅުވައިގެންނެވެ. އެއީ މީލާދީ ސަނަތުން ބަލާނަމަ، 622 ވަނަ އަހަރެވެ.
މައްކާއިން މަދީނާއަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އެ ހިޖުރައިގައި ބައިވެރިވެވަޑައިގެންނެވި އެކަލޭގެފާނުގެ އަޞްޙާބުންނަކީ، ފުރަތަމަ އިސްލާމީ ޖަމާޢަތެވެ. އެ ހިޖުރައަކީ ފުރަތަމަ އިސްލާމީ ދައުލަތުގެ ފެށުމެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރު މައްކާގައި އިސްލާމް ދީނުގެ ދައުވަތު ދެއްވުމުގައި ހޭދަކުރެއްވިއެވެ. މީހުން ބިނާކޮށް ތަރުބިއްޔަތު ކުރެއްވުމުގައާއި، މުސްލިމުންނަށް ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާ އުނގަންނައިދީ ދަސްކޮށްދިނުމާއި، ކުރީގެ އުންމަތްތަކުގެ ވާހަކަތައް ވިދާޅުވެދެއްވުމުގައާއި، ނަރަކައާއި ސުވަރުގޭގެ ވާހަކަތައް އުނގަންނައިދިނުމުގައެވެ. އެ ދުވަސްވަރަކީ، އިސްލާމީ މުޖުތަމަޢާއި ދައުލަތް ޤާއިމުކުރާނެ އީމާންތެރި ޖީލެއް ބިނާކުރެއްވުމުގައި އެކަލޭގެފާނު ހޭދަކުރެއްވި ދުވަސްވަރެވެ. އާދެ، މައްކާގައި ކުރިއަށް ދިޔައީ ދަޢުވަތުގެ މަރުޙަލާއެކެވެ. އިސްލާމީ ދައުލަތުގެ މަރުޙަލާ ކުރިއަށްދިޔައީ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހުއެވެ. އެހެންކަމުން، އިސްލާމީ ދައުލަތުގެ ބިންގަލަކީ މަދީނާއަށް ކުރެއްވި ހިޖުރައެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަށް، ތާރީޚު ލިޔަން ފެށުނީ، އެކަލޭގެފާނު ޔަސްރިބް (މަދީނާ) އަށް ވަޑައިގަތް ހިސާބުންނެވެ. ހިޖުރައިގެ ފުރަތަމަ އަހަރުން ފެށިގެން ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކި ދައުލަތްތަކުގެ ރަސްރަސްކަލުންނާއި ޤަބީލާތަކުގެ އިސްވެރިންނަށް ފޮނުއްވި ފަތްކޮޅުތަކުގައި ހިޖުރަކުރެއްވި އަހަރު ޖައްސަވަމުން ގެންދެވިއެވެ. އެހެނަސް، ހިޖުރީ ކަލަންޑަރުގެ ފެށޭ މަހަކީ މުޙައްރަމް މަހުގެ ގޮތުގައި ކަނޑައަޅުއްވައި، ރަސްމީ ހައިސިއްޔަތުން ލިޔަން ފަށާފައިވަނީ މި އުންމަތުގެ ދެވަނަ ޚަލީފާ، ސައްޔިދުނާ ޢުމަރުބްނު ޚައްތާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރު، ހިޖުރައިން 17 ވަނަ އަހަރުގައެވެ.
މިގޮތަށް ހިޖުރީ ތާރީޚު ލިޔަން ފެށުނީ، ބަޞަރާގެ އަމީރު، އަބޫ މޫސާ އަލްއަޝްޢަރީއަށް، ޚަލީފާ، ޢުމަރު ރަޟިޔަﷲ ޢަންހު، ޙިޖްރީން 17 ވަނައަހަރު ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމުގައި އިސްލާމީ ތާރީޚުގެ މުއައްރިޚުން ވިދާޅުވެއެވެ. ބަޞަރާގެ އަމީރަށް ޢުމަރުގެފާނު ފޮނުއްވި ސިޓީފުޅުގައި އަހަރު ނުޖައްސަވައެވެ. ތާރީޚަކަށް ހަމައެކަނި ލިޔުއްވާފައި އޮތީ ޝަޢުބާން މަހެވެ. ޚަލީފާ ޢުމަރުގެފާނަށް، އަބޫމޫސާ އަލްއަޝްޢަރީ ފޮނުއްވި އެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ. ”އޭ، ހެޔޮނުބައި ވަކިކޮށް ދެނެވަޑައިގަންނަވާ މަތިވެރި ޚަލީފާއެވެ! ފޮނުއްވި ފަތްކޮޅުތައް އަޅުގަނޑުމެންނަށް ލިބިއްޖެއެވެ. އެފަތްކޮޅުތަކުގައި ތާރީޚަކަށް ޖައްސަވާފައިވަނީ ޝަޢުބާން މަހެވެ. އެއީ މިދިޔަ އަހަރުގެ ޝައުބާން މަސް ކަމެއް، ނުވަތަ މި ހިނގާ އަހަރުގެ ޝަޢުބާން މަސް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.“
އެހިނދު، ޚަލީފާ ޢުމަރުގެފާނު އެކަލޭގެފާނުގެ އަރިސް، އިސްބޭފުޅުން އެއްކުރައްވައި، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެކި ބޭފުޅުންގެ ޚިޔާލުތައް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެހިނދު، ތާރީޚު ފަށަން ވާނީ، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަ ރައްކައުވީ ދުވަހުން ފެށިގެން ކަމުގައި ބައެއް ބޭފުޅުން ޙިޔާލު ދެއްވިއެވެ. އަނެއްބައި ބޭފުޅުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ދުވަހުން ފެށިގެން ތާރީޚު ފެށްޓުމަށް ދެންނެވިއެވެ. އަދި އެއްބައި ބޭފުޅުން ވިދާޅުވީ، އެ ތާރީޚު ފަށަން ވާނީ، އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދުވަހުން ފެށިގެންނެވެ. އެންމެފަހުން، ގިނަބޭފުޅުން ބުރަވެ، އިއްތިފާޤުވެވަޑައިގަތީ، އެންމެފަހުން ފާޅުކުރެވުނު ޚިޔާލަށެވެ. އެއީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދުވަހުން ތާރީޚު ފަށާގޮތަށެވެ. – (ފާރޫޤު އަޙްމަދު)
އެ ހިސާބުން ހިޖުރީ ތާރީޚުގެ ފުރަތަމަ އަހަރު ފެށުނީއެވެ. ނަމަވެސް ހިޖުރީ ތާރީޚުގެ ފުރަތަމަ މަސް ކަނޑައެޅުމުގައި އިތުރު ބަހުސްއެއް އުފެދުނެވެ. މިކަމާ ބެހޭގޮތުން ވެސް، ވަރަށްގިނަ ބޭފުޅުންގެ ތަފާތު ޚިޔާލުތައް ހުށަހެޅުއްވިއެވެ. ބައެއް ބޭފުޅުން ވިދާޅުވީ، މަސްފަށަން ވާނީ ރަމަޟާން މަހުން ކަމުގައެވެ. އެއީ އެންމެ މަތިވެރި މައްސަރުކަމަށް ވާތީއެވެ. ޚަލީފާ، ޢުމަރުގެފާނު މިކަމާބެހޭ ގޮތުން ޚިޔާލުދެއްވީ މުޙައްރަމު މަހުން ފަށާގޮތަށެވެ. އެއީ މުޙައްރަމް މަހަކީ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު، އެނބުރި އެމީހުންގެ ޤައުމަށް ނުވަތަ ގެދޮރަށް ދާން، މީހުން ދަތުރު ފަށާމަސް ކަމަށްވާތީއެވެ. އެކަމަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ. އެހެންކަމުން ހިޖުރީ މަސް ފެށޭ މަހަކީ މުޙައްރަމް މަސް ކަމުގައި ހަމަޖެހިގެން ދިޔައެވެ. – (ފާރޫޤު އަޙްމަދު)
ހިޖުރީ ކަލަންޑަރުގެ ދުވަސްތައް ގުނަމުން ދަނީ ހަނދުގެ ދައުރުވުމަށް ބަލައިގެންނެވެ. އެހެންކަމުން ހަނދަށް ނިސްބަތްކޮށް ”ލޫނާ ކަލަންޑަރު“ އޭ ވެސް ކިޔައެވެ. އިނގިރޭސިން ހިޖުރީ ތާރީޚު ލިޔާ އިރު އަހަރުގެ ފަހަތަށް ލެޓިން ބަހުން ޖަހާ AH އިން މާނަކުރެވެނީ ”އަންނޯ ހެގިރޭ“ އެވެ. އަރަބި މާނައަކީ ”ހިޖުރައިގެ އަހަރު“ އެވެ.
1582 ވަނަ އަހަރު ޖޫލިއަން ކަލަންޑަރު އިސްލާހުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ސޯލާ ޑޭޓިން ސިސްޓަމް ނުވަތަ އިރުގެ ދައުރުވުމަށް ބަލާ ގްރެގޯރިއަން ކަލަންޑަރާ ޚިލާފަށް، ހަނދުގެ ދައުރުވުމަށް ބަލައިގެން ދުވަސްތައް ބަލާ އިރު، ލޫނާ ކަލަންޑަރު ނުވަތަ ހިޖުރީ ކަލަންޑަރުގައި، ކޮންމެ މަހެއްގެ ޕްލޭސްމަންޓް، އެއްއަހަރާއި އަނެއް އަހަރުގައި ތަފާތުތަކެއް އާދެއެވެ. އިރުގެ ދައުރުވުމުގައި 12 މަސް ދުވަސް ގުނާއިރު އަންނަނީ 365 ނުވަތަ 366 ދުވަހެވެ. ނަމަވެސް، ހަނދުގެ ދައުރުވުމުގައި 12 މަސް ދުވަހަށް އަންނަނީ 354 ނުވަތަ 355 ދުވަހެވެ. މިގޮތަށް ދިމާވަނީ، ކޮންމެ ހަނދުގެ ދައުރުވުމެއް (ލޫނާ ސާކަލް) ހިނގަނީ 29 ނުވަތަ 30 ދުވަހަށެވެ. އިރުގެ ދައުރުވުމުގައި (ސޯލާ ސާކަލް) ގައި 30 ނުވަތަ 31 ދުވަސް އާދެއެވެ. މި ދައުރުވުންތައް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައެވެ.
”އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް މަންޒިލްތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ އަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ހިސާބު ދެނެގަތުމަށް ޓަކައެވެ. ޙައްޤު ގޮތުން މެނުވީ، ﷲ، އެ ތަކެތި ނަހައްދަވައެވެ. އެނގޭ ބަޔަކަށް އެކަލާނގެ އާޔަތްތައް ތަފުސީލު ކޮށްދެއްވަތެވެ.“ (ޔޫނުސް 5).
ހިޖުރީ ކަލަންޑަރުގައި ހިމެނޭ 12 މަހަކީ މުޙައްރަމް، ޞަފަރު، ރަބީޢުލްއައްވަލް، ރަބީޢުލްއާޚިރު، ޖުމާދުލްއައްވަލް، ޖުމާދުލްއާޚިރު، ރަޖަބް، ޝަޢުބާން، ރަމަޟާން، ޝައްވާލް، ޛުލްޤައިދާ، އަދި ޛުލް ޙައްޖާއެވެ. ހިޖުރީ ކަލަންޑަރުގައި ފާހަގަކޮށްފައިވާ ކޮންމެ މަހަކީ ވެސް ވަކި މާނައެއް ރަމްޒުކޮށްދޭ މަހެކެވެ. ބައެއް މަސްތަކުން، ތަފާތު މޫސުންތައް ނުވަތަ ތާރީޚީ މުހިންމު ހާދިސާތަކަށް އިޝާރާތްކޮށްފައި ހުރެއެވެ.
ހިޖުރީ ކަލަންޑަރުގެ މަސްތަކަށް ދެވުނު ނަމަކީ އެ ދުވަސްވަރަކާ ގުޅޭގޮތަށް ދެވިފައިހުރި ނަންތަކެކެވެ. މިސާލަކަށް، ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމްގެ މާނައަކީ ”މަނާކުރެވިފައިވާ މަހެވެ.“ އެގޮތަށް މި މަހަށް ނަން ދެވިފައިވަނީ އެ މަހަކީ ޢަރަބީންގެ މެދުގައި ހަނގުރާމަކުރުން މަނާކުރެވިފައިވާ މަހުގެ ގޮތުގައި ބަލާ މަސްކަމުގައި ވާތީއެވެ.
އަހަރުގެ މައްސަރުތަކުގެ ތެރެއިން މުޙައްރަމް މަހަކީ އިސްތިޤްބާލުކުރެވޭ ފުރަތަމަ މައްސަރެވެ. އިސްލާމީ ކަލަންޑަރުގެ އެންމެ މުހިންމު އެއް ދުވަސް ކަމުގައިވާ ”އާޝޫރާ“ ދުވަސް އަންނަނީ މުޙައްރަމް މަހުގައެވެ. އާޝޫރާ ދުވަސްކަމުގައިވާ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ އަނިޔާވެރިކަމުން މޫސާގެފާނާއި ބަނީއިސްރާއީލް ސަލާމަތްކުރެއްވި ދުވަހެވެ. އާޝޫރާ ދުވަހު ރޯދަ ހިފުމަކީ އިސްވެދިއަ އަހަރު ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވާނެ އަމަލެއްކަމަށް އުންމީދުކުރެއްވޭ ކަމަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘް ކުރައްވާފައެވެ.
ހިޖުރައަށް ފަހު މަދީނާއަށް ވަޑައިގަތުމުން، އެތަނުގައި ދިރިއުޅޭ ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަހިފާފައިވާކަން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެން، އެ ދުވަހު ރޯދަ ހިފަނީ ކީއްވެތޯ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. މިއީ ބަރަކާތްތެރި ދުވަހެކެވެ. އެ ދުވަހުން ﷲ، އިސްރާއީލްގެދަރިން އެއުރެންގެ ދުޝްމިނުންގެ ކިބައިން ސަލާމަތްކުރެއްވިއެވެ. ފަހެ، މޫސާގެފާނު، ﷲ އަށް ޝުކުރުވެރިވުމަށް ޓަކައި، އެ ދުވަހު ރޯދަ ހިއްޕެވިއެވެ. އެހިނދު، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިއެވެ. ތިމަންމެން އެކަމާ އުފާކުރުން މާއައުލާކަން ބޮޑު ކަމަށެވެ. އަދި އެދުވަހު ރޯދަ ހިއްޕަވައި އަދި ޞަޙާބީންނަށް އެކަމަށް އަމުރުފުޅު ވެސް ކުރެއްވެވިއެވެ. އަދި އެ ބަރަކާތްތެރި ދުވަހާއި، އޭގެ އެއް ދުވަސް ކުރިން، ނުވަތަ އޭގެ އެއްދުވަސް ފަހުން، ތިމަންމެންގެ ޢަމަލުތައް އެހެން ދީންތަކާ ވަކިކުރުމަށް ޓަކައި (ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން) ރޯދަހިފުމަށް ބާރުއެޅުއްވިއެވެ.
ހިޖުރީ ކަލަންޑަރުގެ ދެވަނަ މަސް ކަމުގައިވާ ޞަފަރުގެ މާނައަކީ ”ހުސް“ އެވެ. މިމަހަށް މިގޮތަށް ނަން ދީފައި މިވަނީ އިސްލާމްދީނުގެ ކުރީގެ ޢަރަބީން މި މައްސަރުގައި ކާބޯތަކެތި ހޯދުމަށް ގެދޮރުން ބޭރަށް ނުކުމެ އުޅުނު މައްސަރު ކަމުގައިވާތީއެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުން، އެ މައްސަރަށް އެ ނަން ދެވުނީ އިސްލާމްދީނުގެ ކުރިން އުޅުނު ޢަރަބީން މި ދުވަސްވަރު ގެތަކަށް ވަދެ އެ ތަންތަން ”ހުސްކޮށްލާތީ“ އެވެ.
ހިޖުރީ ކަލަންޑަރުގެ ތިންވަނަ މައްސަރުކަމުގައިވާ ރަބީޢުލްއައްވަލްގެ ނަމުގައިވާ “ ރަބީ“ ގެ މާނައަކީ ”ރަބީޢު“ އެވެ. “ އަލްއައްވަލް“ ގެ މާނައަކީ ”ފުރަތަމަ“ ކަމަށްވާތީ، އެ މައްސަރުގެ ފުރިހަމަ މާނައަކީ ”ފުރަތަމަ ރަބީޢު“ އެވެ. އެ މައްސަރާ ޖެހިގެން އަންނަ ރަބީޢުލްއާޚިރު ނުވަތަ ރަބީޢުއްޘާނީގެ މާނައަކީ ”ދެވަނަ ރަބީޢު“ ނުވަތަ ”ފަހުގެ ރަބީޢު“ އެވެ.
ފަސްވަނަ މައްސަރު ކަމުގައިވާ ޖުމާދުލް އަލްއައްވަލް ލަފުޒުގައިވާ ”ޖުމާދާ“ ގެ މާނައަކީ ”ހިކި“ އެވެ. އިސްލާމްދީނުގެ ކުރިން ޢަރަބީން އެ މައްސަރަށް އެ ނަން ކިޔާފައިވަނީ، އެ މައްސަރުގައި ބިންގަނޑު ވަރަށް ބޮޑަށް ހިކިފައި އޮންނާތީ ނުވަތަ ގަދަހޫނުގެ ސަބަބުން ފެން ލިބުން ދަތި މަހެއްގެ ގޮތުގައި ފާހަގަވެފައި އޮންނާތީއެވެ. އެ މައްސަރުގެ ފަހުން އަންނަ ޖުމާދުލްއާޚިރު ނުވަތަ ޖުމާދުލްޘާނީއަކީ ކުރީ މައްސަރާ އެއްފަދަ މާނައެއް އޮންނަ މަހެކެވެ. ނަމަވެސް އެ މަހަކީ ބިންގަނޑު ހިކިފައި އޮތުމަށް ނިމުންއަންނަ ދުވަސްވަރު ކަމަށްވާތީ ”ހިކި މޫސުން ނިމުމަކަށް އައުން“ މި މާނައިގައި އެ މަހަށް އެގޮތަށް ނަން ދެވިފައި ވަނީއެވެ.
ރަޖަބް މަހަކީ ޙުރުމަތްތެރިވެގެންވާ 4 މަހުގެ ތެރޭގައި ހިމެނޭ އެއް މަހެވެ. ”ރަޖަބު“ ގެ މާނައަކީ ”އިޙްތިރާމް“ އެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރަޖަބް މަހުގެ ހަނދު ފެނިވަޑައިގަތް ހިނދު، ރަޖަބް މަހާއި ޝަޢްބާން މަހުގައި ބަރަކާތް ލައްވަވައި ހެޔޮ ހާލުކޮޅުގައި ރަމަޟާން މަހާ ބައްދަލުކުރެއްވެވުމުގެ ހެޔޮނަޞީބު ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ. (ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް)
ޝައުބާން މަހަކީ ”ފެތުރިފައިވާ“ މަހެވެ. އެ މަހަށް އެގޮތަށް ނަން ދެވިފައިވަނީ، އަރަބި ޤަބީލާތަކުން، ފެނާއި ކާނާ ހޯދުމަށް އެކި ހިސާބުތަކަށް ”ފެތުރިގަންނަ“ ދުވަސްވަރަށް ނިސްބަތްކޮށެވެ. ޝައުބާން މަހާ ޖެހިގެން އަންނަނީ ރަމަޟާން މަހެވެ. އަރަބިން ”ރަމަޟާން“ މަހަށް އެ ނަން ދީފައިވަނީ އެ މައްސަރުގައި އުފެދޭ ހޫނުގަދަކަމަށް އިޝާރާތްކޮށެވެ. ޢަރަބި ލަޒުފެއް ކަމުގައިވާ ”ރާމާދު“ (މާނައަކީ ”އަނދަމުން“) އަށް އިޝާރާތްކޮށެވެ.
ޝައްވާލު މަހަށް ނިސްބަތްކުރެވޭ ނަމުގެ މާނައަކީ ”އުފުލުން“ ނުވަތަ ”ނެގުން“ އެވެ. އަންހެން ޖަމަލުތައް ދަރިމައިވާ މައްސަރުގެ ގޮތުގައި މި މައްސަރު ޢަރަބިން ފާހަގަކުރެއެވެ. އެހެންކަމުން، ޖަމަލުތައް އެސޮރުގެ ދަރި ”އުފުލާ“ މައްސަރަށް ނިސްބަތްކޮށް މި މައްސަރަށް ނަންދެވިފައިވެއެވެ.
ދުލްޤައިދާ ލަފުޒުގެ މާނައަކީ ”އިށީނދެ“ އެވެ. އެހެނީ، އެ މައްސަރަކީ ހުރިހާ ހަނގުރާމައެއް ހުއްޓާލެވިފައިވާ މައްސަރުގެ ގޮތުގައި ޢަރަބިން ބަލާ މައްސަރެވެ.
ޛުލްޙިއްޖާއަށް އެ ނަން ދެވިފައިވަނީ އެ މަހަކީ ޙައްޖުގެ އަޅުކަން އަދާކުރާ މައްސަރަށް ވާތީއެވެ.
ﷲ ތަޢާލާ ވަނީ ހަތަރު މައްސަރެއް މާތް ކުރައްވައި ޤަދަރު އުފުއްލަވާފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. މާނައީ: ”ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެ، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. އެއީ ޙައްޤުތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިނުވާ ހުށިކަމެވެ. -“ (ތައުބާ 36).
މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު ރިވާކުރެއްވެވިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެވިއެވެ. މާނައީ: ”އިހު ހުރިގޮތަށް ޒަމާންތައް ވަނީ އެނބުރި އައިސްއެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއްވި ދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެންއަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ.“
ހަވާލާ
- ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާ. ނެގީ؛ ޤުރުއާން ތަފްސީރު : https://quranthafseeru.com/
- ފާރޫޤު އަޙްމަދު. (2022, ޖޫން 2). ހިޖްރީ ކަލަންޑަރު ފެށުނީ ހިޖްރީ ސަނަތުން 17 ވަނަ އަހަރު. ނެގީ؛ އާފަތިސް: https://aafathis.mv/archives/67623
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. (19/ޖުލައި/2023). ކީރިތި ރަސޫލާގެ ހިޖުރަ: އިސްލާމީ ފުރަތަމަ ދައުލަތް ޤާއިމުވުން. ނެގީ؛ މިއަދު: https://miadhu.mv/article/read/4273402
