އިސްލާމްދީނުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް މަތިވެރި އަންހެން ބޭކަނބަލުންނެއް ވެއެވެ. އޭގެ ތެރެއިން އެއް ބޭކަނބަލަކީ އަސްމާ ބިންތި އަބޫބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހާއެވެ. މި ކަމަނާއަކީ ކީރިތި ރަސޫލާގެ އެންމެ ގާތް ސަހާބީ ކަމުގައިވާ އަބޫބަކުރުގެފާނުގެ ދަރިކަނބަލެކެވެ. އަސްމާގެފާނުގެ މައިކަނބަލަކީ އަބޫބަކުރުގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޤަތީލާ ބިންތި ޢަބްދުލްޢުއްޒާއެވެ. އަސްމާގެފާނަކީ ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ދައްތާފުޅެކެވެ. އަދި މިއީ ޢަބްދުﷲ ބިން ޒުބައިރުގެ މަންމާފުޅެވެ. އަސްމާގެފާނުގެ ފިރިކަލުންނަކީ އައް ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުއެވެ.

އަސްމާގެފާނަކީ އިސްލާމްދީނަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލެކެވެ. އެ ކަމަނާ އިސްލާމްދީން ޤަބޫލުކުރެއްވީ ވަރަށް ކުރީކޮޅުގައެވެ. އިސްލާމްދީނުގެ ފުރަތަމަ ދުވަސްވަރު މުޝްރިކުންގެ ފަރާތުން ކުރިމަތިވި އަނިޔާވެރިކަމާ ކުރިމަތިލައްވައި، ކެތްތެރިކަމާއެކު އިސްލާމްދީނުގައި ސާބިތުވެ ހުންނެވިއެވެ.

އަސްމާގެފާނުގެ އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހާދިސާއެވެ. ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނާ ދެބޭފުޅުން ހިޖުރައަށް ވަޑައިގެންނެވި މަގުމަތީގައި ސައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ދުވަސްކޮޅު އެ ދެ ބޭކަލުންނަށް ފަރީކޮޅު އެރުއްވުމުގެ މަސައްކަތްޕުޅު ކުރެއްވި ހިތްވަރުގަދަ ބޭކަނަބަލީ އައްސިއްޔިދާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަالله އަންހާ ކަމަށެވެ. އެކަމަނާ އެ މަސައްކަތްޕުޅު އަދާކުރެއްވީ މައްކާގެ މުޝްރިކުން އެ ދެބޭފުޅުން ހޯދުމަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅައިގެން މުޅި އެ ސަރަޙައްދުގައި އަތްފުނާ އަޅަމުން ދަނިކޮންނެވެ. މުޝްރިކުންނަށް ވަންހަނާކުރައްވައިގެން, އެ ބިރުވެރި މާހައުލެއްގައި އެކަމަނާ އެ މަސައްކަތް ކުރެއްވީ ހެދުންކޮޅެއް ދެ ފަޅިއަށް އިރާލައްވައިގެންނެވެ. ހެދުންކޮޅުގެ އެއްބައިން ހިކި ކާނާ އުފުލާނެ ކޮތަޅެއް ހެއްދެވިއެވެ. އަދި އަނެއްބައިން ފެންހަން ރައްކާތެރިކަމާއެކު ފޮރުއްވައިގެން ގެންދެވޭގޮތް ހެއްދެވިއެވެ.

އެ މަސައްކަތްޕުޅުގެ އަގު ވަޒަންކުރައްވައި އެ ކަމަނާއަށް ”ޛާތުންނިޠާޤައިން“ ގެ ލަގަބު ކީރިތި ރަސޫލާ ދެއްވިއެވެ. މި ލަގަބުފުޅު ނިސްބަތްވަނީ އެކަމަނާ ހެދުންކޮޅު އިރާލެވި އިރާލެއްވުމަށެވެ. ސުވަރުގޭގައި އެކަމަނާއަށް ދެ ހެދުންކޮޅު މާތް الله ދެއްވާނެ ކަމަށް ރަސޫލާ ވަނީ ޙަދީޘް ކުރައްވާފައެވެ.

އަސްމާގެފާނާއި އެކަމަނާގެ ފިރިކަލުން ފަހުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. ހިޖުރަ ކުރެއްވުމަށްފަހު އެ ދެކަނބަލުން އެންމެ ފުރަތަމަ އުޅުއްވަމުން ގެންދެވީ ވަރަށް ފަޤީރު ދިރިއުޅުއްވުމެކެވެ. އޭރު އެ ދެކަނބަލުންގެ މިލުކިއްޔާތުގައި އޮތީ އެންމެ އަސްކޮޅެކެވެ. މަދީނާގެ އެކިއެކި ވިނަދަނޑުތަކަށް ވަޑައިގެން އަހަށް ކާންދެއްވާން ހުއިހޯއްދަވައިގެން ގެންނަވަނީ އެކަމަނާ އަމިއްލަފުޅަށެވެ.

މަދީނާގެ ބައެއް ދަނޑުބިންތައް އިސްލާމީ ދައުލަތުގެ ތަންތަން ކަމުގައި ހަމަޖެހުމުން ކީރިތި ރަސޫލު ޒުބައިރުގެފާނަށް ބިންކޮޅެއް ދެއްވިއެވެ. އެބިން އޮންނަނީ މަދީނާއާ ތިންފަރުސަޚު ދުރުގައެވެ. އެދެކަނބަލުންގެ މިލްކިއްޔާތަށް ޖަމަލެއް އިތުރުވިއެވެ. އަސްމާގެފާނު ތިންފަރުސަޚުގެ ދުރުން ކަދުރުއޮށްތައް އެއްކުރައްވައި އެތަކެތި އިސްތަށިފުޅުމައްޗަށް ލައްވައިގެން ގެއަށް ގެންނަވައި އެތަކެތި ތަޅުއްވައިފައި ޖަމަލަށް ކާންދެއްވައި ހެއްދެވިއެވެ. މިފަދަ ކޮންމެ ކަމަކުން ވެސް ފާހަގަ ކުރެވެނީ އެކަމަނާގެ މުރާލިކަމާއި ހިތްވަރުފުޅު ގަދަކަމާއި މަސައްކަތެރިކަމެވެ.

އަސްމާގެފާނަކީ ޢިލްމުވެރި ބޭކަނބަލެއް ވެސް މެއެވެ. އެ ކަމަނާވަނީ ގިނަ ޙަދީޘްފުޅުތަކެއް ރިވާކުރައްވާފައެވެ. އަދި އެ ކަމަނާގެ ކިބައިން ގިނަ ޞަޙާބީންނާއި ތާބިޢީން ވަނީ ޢިލްމު އުނގެނިވަޑައިގެންފައެވެ. އަސްމާގެފާނަކީ އުހުދު ހަނގުރާމައިގައި ޒަޚަމްވި މުސްލިމުންނަށް ފަރުވާދެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެއް ވެސް މެއެވެ. އެކަމަނާއަކީ ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި، ދީލަތިކަމާއި، ޢިލްމުވެރިކަމާއި، ހިތްވަރުގަދަކަމަށް ބަލާއިރު މިއަދުގެ މުސްލިމް އަންހެނުންނަށް ރަނގަޅު މިސާލެކެވެ.

އަސްމާ ބިންތި އަބީބަކުރުގެ ހަޔާތްޕުޅުން ލިބޭ އެންމެ އަގުހުރި އެއް ފިލާވަޅަކީ މުޖުތަމަޢުގައި އަންހެނުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަމާއި އިސްލާމްދީނަށް ޓަކައި ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެވިދާނެކަމެވެ. އަސްމާ ބިންތި އަބީބަކުރަކީ އިސްލާމީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަލިގަދަ ތަރިއެކެވެ.

އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު، މާތްވެގެންވާ އިސްލާމްދީނަށް ޓަކައި އަމިއްލަ ފުރާނަފުޅަށް ބެއްލެވުމެއްނެތި ކުރައްވާފައިވާ އަގުހުރި މަސައްކަތާޢި ދީނަށް ކުރައްވާފައިވާ ޚިދުމަތުގައި ބަރަކާތްލައްވާށިއެވެ. އަދި އެކަމަނާގެ ފުރާނަފުޅަށް ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙުމަތުގައި ލައްވާށިއެވެ.

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް