އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ކާމިޔާބަށް އެދިގެން ގަދަ އަޅާ މަސައްކަތް ކުރާ ދުވަހެކެވެ. އަދި ދިރިއުޅުން ބިނާކުރުމުގައި އިސްކަން ދެނީ ކާމިޔާބު ހޯދުމަށް ތަފާތު ގޮތްތައް ހޯދުމުގައެވެ. އަދި ނާކާމިޔާބީއެއް ކުރިމަތި ނުވާނެ އެންމެހައި ކަންކަމަށް އަބަދުވެސް ފުންކޮށް ވިސްނާ ފިކުރުކޮށް ހެދުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ. ކާމިޔާބީއަށް މަސައްކަތް ކުރުމުގައި ވަކި ޖިންސެއް ނެތެވެ. އަދި ކާމިޔާބު އެދިގެން ނޫންގޮތަކަށް މަސައްކަތެއް ބިނައެއް ނުކުރެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުން ބިނާވެގެން ދަނީ ގުޅިލާމެހިގެންދާ މިސާލުންނެވެ. ކޮންމެ މީހެއްގެ އަމިއްލަ ގޮތާއި ތަބީޢީ ސިފަތަކަށް ތަބާވެގެންނެވެ. އެ މީހެއްގެ ބޭނުންތައް ތަފާތުވުމަކީ ކާމިޔާބީއަށް މަސައްކަތް ކުރުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫނެވެ. 

ކާމިޔާބީއަށް މަސައްކަތް ކުރުމުގައި އެންމެ ބޮޑު ނާކާމިޔާބީއެއް ކުރިމަތި ވަނީ އަޅުގަނޑުމެން ޢަމަލުތައް ހުންނަ ގޮތުންނެވެ.  މަސައްކަތެއް ކާމިޔާބުވުމަށް އެންމެ ބޭނުންތެރި  އެއްކަމަކީ ކަމުގެ ފުރިހަމަ މަޢުލޫމާތު ހޯދުމާއި ހިތްވަރާއެކު ކާމިޔާބީއަށް އެދި ގަދައަޅައި މަސައްކަތް ކުރުމެވެ. ތިބާ ކާމިޔާބީއަށް މަސައްކަތްކޮށް ނާކާމިޔާބުވުމަކީ ފެއިލް ވުމެއް ނޫނެވެ. އަދި މަސައްކަތުގައި ތިމާގެ ކޮންމެ މުއާމަލާތެގައި ވެސް ހެޔޮ ނިޔަތެއް އޮންނަންވާނެވެ. ގުޅިގެން ކަންކަން ކުރުމަށް އިސްކަން ދިނުމަކީ  ކާމިޔާބަށް މަގުފަހިވާނެ ކަމެކެވެ. އަދި އެއްވެސް ކަމެއްގައި ކަންފަސޭހަ ކޮށްލުމަކީ ކުރިމަގަށް އެޅޭ ކަތި ފިޔަވަޅެއްކަން ދެނެގަތުން މުހިންމެވެ. ކޮންމެ ހުރަހަކީ ކާމިޔާބީއަށް އޮތް ގޮންޖެހުމަކަށް ނުދެކޭށެވެ. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ކުރާކަމެއްގައި  ހުރަހެއް ކުރިމަތި ނުވެ ކާމިޔާބީއެއް ނެތްކަމެވެ.

ކަމެއް ކާމިޔާބު ވުމުގައި ހާސިލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކެއް ހުންނާނެއެވެ. އަދި ޢަމަލު ކުރުމުގައި މަސައްކަތް ކުރުމަށް ބޭނުން ހިފަންޖެހޭ ވަސީލަތްތަކެއް ވެއެވެ. ތިބާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާއަކީ ވެސް އިސްރޯލެއް އަދާކުރާކަމެކެވެ. އެހެން މީހުންގެ ބައިވެރިވުން އޮވެގެން ކުރާ މަސައްކަތެއްގައި ނަމަ އެންމެ އިސްކަމެއް ދެވޭ ހަމަތަކެއްވެއެވެ. އެންމެންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރުމުގައި އެންމެ ގިނަ މީހުންގެ ރުހުން ލިބޭ ހަމަތަކަށް ތަބާވުމަށް  ވިސްނަންޖެހެއެވެ. މިގޮތުގެ މަތިން ކަމެއް ކުރުމުގައި  ކަނޑައެޅިގެން ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ގަޑިތަކާއި ދުވަސްތަކަށް ބަހާލުމަކީ ކާމިޔާބީއަށް ވާސިލުވުމަށް އޮތް މަގެކެވެ.

ނާކާމިޔަބީގެ ހަމަތަކަކީ ކާމިޔާބީގެ އަސްލެވެ. ކަންކަން ނާކާމިޔާބު ވުމުން ސަބަބުތަކެއް މެދުވެރިކޮށް އެކަމެއްގެ އަސްލު ދެނެ ނުގަނެ އެކި ފަރާތްތަކަށް ރައްދުކޮށް ނާކާމިޔާބީގެ އިލްޒާމު އަޅުވައި ނުހަދާށެވެ. އަދި ވަކި ސަބަބެއް ކަނޑައެޅިގެން ބުނަށް ބޭނުންނުވެ ”އެކަމަކު“ ގެ ލަފުޒު ބޭނުން ކުރުމުން ދުރުވާށެވެ. ޙަޤީޤަތުގައި ތިބާ ކާމިޔާބީއަށް ގަދަ އަޅައި ކުރި ކޮންމެ މަސައްކަތަކީ ވެސް ކާމިޔާބީއެކެވެ. ގިނަ ފަހަރަށް ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ އެކުރާކަމެއް އެންމެ ފުރިހަމައަށް ކާމިޔާބުވެގެން ދިޔުމުންނެވެ. ގިނަ ފަހަރަށް ނާކާމިޔާބީ ކުރިމަތިވުމުން ހިތްވަރު ކުރުމުގެ ބަދަލުގައި އެހެން ކަމެއްގެ މައްޗަށް ޝަކުވާކޮށް އުޒުރު ދައްކަމުންދެއެވެ.

ނާކާމިޔާބީ ކުރިމަތިވުން ހެދޭ އެންމެ ބޮޑު ގޯހަކީ މިކަން އެހެންވިއްޔާ ނުވަތަ މިހެން މިކަންވިއްޔާގެ ބަހުސަކަށް ހަދަމުން ދިއުމެވެ. ޙަޤީޤަތުގައި އަމިއްލަ އިހުމާލަށް ފުރިހަމައަށް ޒިންމާ ނުވާ ނަމަ  ކާމިޔާބީއަށް ވާސިލު ވާނެ މަގެއް ނެތެވެ. ކޮންމެ ކަމެއްގައި ވިއަސް ކާމިޔާބީއަކީ އެންމެ ދުރުކަމެއްކަމުގައި ދެކިގެންނުވާނެވެ. އަދި ނާކާމީޔާބީއަށް ވެސް ޖާގަދެވެން ޖެހެއެވެ. ކާމިޔާބަށް ވާސިލުވުމަކީ އެތަކެއް ދުވަހެއްގެ ބުރަ މަސައްކަތްކަން، ކާމިޔާބު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުން އެނގިގެންދެއެވެ. އަދި ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އެ ތަކެއް ނާކާމިޔާބީގެ ހިތިކަން ތަހައްމަލު ކޮށްފައިވާކަން ކާމިޔަބު މަސައްކަތް ތެރިންގެ ފަރާތުން އެނގިގެންދެއެވެ.

ކާމިޔާބީގެ މަގުކޮށުމުގެ އެންމެ ފުރިހަމަ ޒިންމާ އޮތީ ތިބާގެ ކޮނޑުގައި އެޅިފައެވެ. އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ކޮންމެ ކަމުން ދުރުވުމަށް ތިބާ ގެ ސިކުނޑި އިންޒާރުދޭ ފަދައިން ކާމިޔާބީއަށް މަސައްކަތް ކުރުމަށް ހިތްވަރު ދެމުންގެންދާކަން ވެސް ޚިޔާލުކޮށްލާށެވެ. އެންމެ މޮޅު ގޮތަކީ މިވެނި ގޮތެކޭ ބުނެވޭކަންނެތެވެ. އަދި ކާމިޔާބީގެ އެންމެ މަތީ ހަރުފަތަކީ ކޮބައި ކަމެއް ވެސް ބުނެދެވޭކަން ނެތެވެ. ފަރުދީ ޒިންމާ އުފުލުމުގެ  މައްޗަށް  ކާމިޔާބުގެ ދެމެހެއްޓިގެންދެއެވެ.

ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ތަފާތު ހުރަސްތައް ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. އަދި ޢަޒުމާއި ހިތްވަރާއެކު ކެރިގެން ސާބިތުކަމާއެކު ކާމިޔާބީއަށް ގަދަ އަޅައި މަސައްކަތް ކުރާ ދުވަހަށް ހަދަންޖެހެއެވެ. ގުޅިގެން ކަންކަން ކުރުމުގައި ކެތްތެރި މީހަކަށް ބަދަލުވުމަކީ ކާމިޔާބީއަށް ވާސިލުވުމަށް ހުޅުވިގެންދާ ދޮރެކެވެ. ތިބާގެ އަމިއްލަ ޚިޔާލަށް ކަމެއް ކުރަން ފެށުމަކީ ވެސް ނެތް ކަމެއް ނޫނެވެ. އަދި ތިބާގެ ޚިޔާލު އެހެން މީހުންނަށް ހިއްސާ ކުރުމަކީ ވެސް ކާމިޔާބީއަށް އެޅިގެންދާ ފިޔަވަޅެކެވެ. ކާމިޔާބީގެ އެންމެ ބޮޑު ދިރިހުރި މިސާލަކީ ހިތްވަރު ކުރުމާއި އެހެންމީހުންނަށް ނާކާމިޔާބީގެ ފޫޅުނުކެނޑުމާއެކު  އަމިއްލައަށް ޒިންމާ ނަގަމުންގެންދިއުމެވެ. 

ކުރާ މަސައްކަތުގައި ނާކާމިޔާބީއަކީ އޮތް ކަމެއް ކަމަށް ދެކޭށެވެ. އަދި ކާމިޔާބީއަށް މަސައްކަތް ކުރުމަށް އޮތް މަގެއް ބަންދެއް ނުވާނެއެވެ. ތިބާގެ ކާމިޔާބީއަށް ކޮށަން އޮތްމަގު ކޮށާނީ ތިބާއެވެ. އެހެންމީހުންނަށް ބަރޯސާވުމަކީ ކުރިއަށް ދިއުމަށް ހުރަހެއްކަން ދަންނާށެވެ. ކާމިޔާބީއަކީ އެ މީހަކު އިޚްލާޞްތެރިކަމާއެކު ކުރާ މަސައްކަތުން ހޯދޭނެ އެއްޗެކެވެ. ކާމިޔާބީ އަބަދު ވެސް ވަނީ ތިބާގެ އެންމެ ގާތުގައެވެ. އެހެންކަމުން އެންމެ ބޮޑު ވިސްނުމެއް ގެންގުޅެންވީ ކާމިޔާބީއަށް ހުރަސް އަޅާ ކަންކަމުން ދުރުވެ، އެހެން މީހުންގެ މައްޗަށް ހިތްބުރަނުކޮށް ކުރިއަށް ދިއުމަށެވެ.  

ޝެއަރކުރެއްވުމަށް