127 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރެދެއްވި އެމްއެންޑީއެފްގެ ކެޕްސްޓޯން ޑޮކްޓްރިންއަކީ އެމްއެންޑީއެފް ޤާބިލް، ޒިންމާދާރު، ޒަމާނީ އަދި ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށްވުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު އެއް ތަނބެވެ. ޑޮކްޓްރިންތަކުގެ ތަރުތީބުގައި، ކެޕްސްޓޯން ޑޮކްޓްރިންއަކީ އެންމެ އިސް، އަދި އޭގެ ދަށުން އެކުލަވާލެވޭ އެހެން ޑޮކްޓްރިންތަކަށް މަގުދައްކައިދޭ އަސާސީ ޑޮކްޓްރިންއެވެ. މިހެންކަމުން، ކެޕްސްޓޯން ޑޮކްޓްރިން ވުޖޫދަށް އައުމާއެކު، އެމްއެންޑީއެފްގެ ޖޮއިންޓް ޑޮކްޓްރިންތަކާއި، ސަރވިސްތަކަށް ޚާއްޞަ ޑޮކްޓްރިންތަކާއި އެހެނިހެން ޓެކްޓިކްސް، ޓެކްނިކްސް ޕްރޮސީޖަރސް (ޓީ.ޓީ.ޕީސް) ތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.
ޑޮކްޓްރިންއަކީ ކޮބާ؟
އަސްކަރީ ޑޮކްޓްރިންއަކީ، އެންމެ ޞަރީޚަކޮށް ދަންނަވަނީނަމަ، އަސްކަރިއްޔާގެ ތަޞައްވުރެވެ. އަސްކަރިއްޔާގެ އޮޕަރޭޝަނަލް އަދި އިދާރީ ފަލްސަފާއާއި، އަސްކަރީ ވިސްނުމުގެ މަންބަޢުތަކާއި އަސާސްތަކާއި އަދި އަސްކަރިއްޔާގެ އޮނިގަނޑުގެ ތަފާތު މާއްދާތައް ގުޅި ލާމެހިފައިވާގޮތް އަންގައިދޭ ލިޔުމެވެ. އަސްކަރިއްޔާއިން ތަބާވާ އަދި އެގޮތަކަށް މަސައްކަތްކުރާ އުސޫލުތަކާއި، އިޖުރާޢަތުތަކެވެ. އަސްކަރީ ބާރު ފަރުމާކޮށް، ތަރައްޤީކޮށް، ދަމަހައްޓައި، އަދި އެކަށައެޅިފައިވާ ޤާނޫނީ ހަމަތަކާއި އުޞޫލުތަކުގެ މަތިން ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް އަސްކަރީ ބާރު ބޭނުންކުރާނެ ގޮތްތަކެވެ.
ކެޕްސްޓޯން ޑޮކްޓްރިންގެ ބޭނުން
ކެޕްސްޓޯން ޑޮކްޓްރިންފަދަ ޕަބްލިކޭޝަނެއްގެ ބޭނުމަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ހިންގާ ކޮންމެ ހަރަކާތަކީ އަދި ކުރިއަށްގެންދާ ކޮންމެ އޮޕަރޭޝަނަކީ ޤައުމީ މަޞްލަޙަތުތައް ކުރިއެރުވުމަށްޓަކައި ކުރެވޭ ކަމެއްކަން އަންގައިދިނުމެވެ. ސަރުކާރުން އެކުލަވާލާ ޤައުމީ ސަލާމަތީ އިސްތިރާޖީއާއި، އޭގެ އަލީގައި ފަރުމާކުރެވޭ ދިފާޢީ އިސްތިރާޖީތަކާއި، ހުރިހާ ފަންތިއެއްގައި ހިންގޭ އަސްކަރީ ހަރަކާތްތަކާ ގުޅައިދޭ އެއްޗަކީ ކެޕްސްޓޯން ޑޮކްޓްރިންއެވެ. ކެޕްސްޓޯން ޑޮކްޓްރިން ވުޖޫދަށް އައިސް، އޭގެ ފުރިހަމަ ރޫޙުގައި ތަންފީޒުކުރެވޭއިރު އަސްކަރިއްޔާގެ އިދާރީ އަދި އޮޕަރޭޝަނަލް އޮނިގަނޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮކްޓްރިންގައި ބަޔާންވެފައިވާ ފަދައިން، މި ޑޮކްޓްރިންއަކީ ’އެސްޕިރޭޝަނަލް‘ ނުވަތަ ކުރިމަގުގެ ތަޞައްވުރު އެކުލެވޭ ޑޮކްޓްރިނެއްކަމުން، ދިވެހި އަސްކަރިއްޔާގެ ކުރިމަގު ބައްޓަންވެގެންދާނެގޮތް މީގެއިން އަންގައިދެއެވެ.
ކެޕްސްޓޯން ޑޮކްޓްރިންގައި އިންޓެގްރޭޓަޑް ހެޑްކޯޓަރޒް
ކެޕްސްޓޯން ޑޮކްޓްރިންގެ ޒަރީޢާއިން މިހާރު އެމްއެންޑީއެފްގައި ހިނގަމުންދާ އޮޕަރޭޝަނަލް އަދި އިދާރީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވެސް އިރުޝާދު ލިބިގެންދާނެއެވެ. މިގޮތުން، އިންޓެގްރޭޓަޑް ހެޑްކޯޓަރޒްއަކީ ހުރިހާ ސާރވިސްތަކެއްގެ ހެޑްކޯޓަރޒްތައް އެއްވުމުން އުފެދޭ ޝަޚްޞެއްކަން ވަރަށް ސާފުކޮށް ކެޕްސްޓޯން ޑޮކްޓްރިންގައި ބަޔާންވެފައިވެއެވެ. އޭގެ އަސްލު ޒާތުގައި، ފުރިހަމައަށް އިންޓެގްރޭޓް ވުމަކީ، މިނިސްޓްރީ އޮފް ޑިފެންސްގެ ބައެއް ޕޮލިސީ ފަންކްޝަންތަކާއި، މަދަނީ-އަސްކަރީ ޢަމުރުމަޢުރޫފު ހިނގާ އޮނިގަނޑާއެކު ވެސް ގުޅި ލާމެހުން ކަމުގައި ވީނަމަވެސް، ސަރވިސް ހެޑްކޯޓަރޒްތައް އެއް އޮނިގަނޑެއްގެ ދަށަށް ގެނައުމަކީ ވެސް ވަރަށް ރަނގަޅު ފެށުމެކެވެ.
މި ވިސްނުމުގައި، މިހާރު އައިއެޗްކިއުގައި ތިބި ޖޮއިންޓް ސްޓާފް ޑައިރެކްޓްރޭޓްތަކަކީ ސީދާ ޗީފް އޮފް ޑިފެންސް ފޯސްގެ ސްޓާފުންގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ މިދެންނެވި އިންޓެގްރޭޓަޑް ހެޑްކޯޓަރޒްގެ ކޯރޑިނޭޓިންގ ސްޓާފުންގެ ރޯލުގައި މަސައްކަތްކުރަންޖެހޭ ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. އަދި، މި ސްޓާފް ޑައިރެކްޓްރޭޓްތަކަކީ އެމްއެންޑީއެފްގެ ހުރިހާ ދާއިރާތަކަކަށާއި، ފަންކްޝަންތަކަށް ސިޔާސަތުތައް ފަރުމާކުރެވޭނެ ޤާބިލް ޝަޚްޞަކަށް ހެދުމަށް ޓަކައި މި ޑައިރެކްޓްރޭޓްތަކަށް ހުރިހާ ސާރވިސްތަކުން އެކަށީގެންވާ ސްޓާފުން ޕޯސްޓްކުރެވި، އިތުރަށް ހަރުދަނާކުރެވެންޖެހެއެވެ.
ޑޮކްޓްރިންގައި ސާރވިސްތައް އަދި އޭރިއާ ކޮމާންޑްތައް
ކެޕްސްޓޯން ޑޮކްޓްރިންގައި ބަޔާން ވެފައިވާގޮތުން، އެމްއެންޑީއެފްގެ އަސްކަރީ ބާރު އުފައްދާ، ތަރައްޤީކޮށް، ދަމަހައްޓާ، އޮޕަރޭޝަން ބޭނުންތަކަށް އެ މީހުން ތައްޔާރުކުރުމަކީ މައިގަނޑު ސަރވިސްތައް (މެރިން ކޯރ، ކޯސްޓްގާޑު އަދި ސާރވިސް ކޯރ)ގެ ޒިންމާއެކެވެ. އޭރިއާ ކޮމާންޑްތަކަށް ސަރވިސްތަކުގެ ކޮމްޕޯނަންޓްތައް ޙަވާލުކުރުމަށްފަހު، އެ ކޮމްޕޯނަންޓްތައް ބޭނުންކޮށްގެން، ޗީފް އޮފް ޑިފެންސް ފޯސް ދެއްވާ އޮޕަރޭޝަނަލް ގައިޑެންސްގެ މަތިން އެ ކޮމާންޑަރެއްގެ އިޙްތިޞާސް ހިނގާ އޭރިއާގައި އޮޕަރޭޝަންތައް ހިންގުމަކީ ސީދާ އޭރިއާ ކޮމާންޑަރގެ ޒިންމާއެއްކަން މި ޑޮކްޓްރިންއިން ބަޔާންކޮށްދެއެވެ. މިގޮތަށް ކޮމާންޑް ރިލޭޝަންސް ޤާއިމްކުރުމުން، އެމްއެންޑީއެފްގައި ހިންގާ އޮޕަރޭޝަންތައް ކުރިއަށްގެންދާނީ، ސީޑީއެފްގެ ލަފަޔާއި ގައިޑެންސްގެ ދަށުން، އޭރިއާ ކޮމާންޑަރުންނެވެ. ސަރވިސްތަކަށް، އެ މީހުންގެ އަމިއްލަ ހައިސިއްޔަތުން އެއްވެސް އޮޕަރޭޝަނެއް ނުހިންގޭނެއެވެ.
ޑޮކްޓްރިންގައި ކޮމާންޑް ރިލޭޝަންސް
ކެޕްސްޓޯން ޑޮކްޓްރިންގައި، އެމްއެންޑީއެފްގައި ޢަމަލުކުރެވޭނެ ކޮމާންޑް އަދި ސަޕޯރޓް ރިލޭޝަންސް ވެސް ވަރަށް ތަފްޞީލުކޮށް ބަޔާންވެފައިވެއެވެ. މީގައި ވިސްނަންޖެހޭ އެންމެ މުހިންމު އަސާސަކީ، އެމްއެންޑީއެފްގެ ކޮންމެ ކޮމާންޑަރެއްގެ ވެސް ކޮމާންޑް އޮތޯރިޓީއަކީ އޭނާއަށް ސީޑީއެފްގެ ފަރާތުން ޑެލެގޭޓް ކުރެވިފައިވާ ޒިންމާއެކެވެ. ހަމައެހެންމެ، ސީޑީއެފްގެ ކޮމާންޑް އޮތޯރިޓީއަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ފަރާތުން ޑެލެގޭޓް ކުރެވިފައިވާ ޒިންމާއެކެވެ. މިކޮމާންޑް އޮތޯރިޓީތައް ތަރުތީބުކޮށް، އަސްކަރީ ޢަމާޒު އެއްދިމާލަކަށް ފޯކަސް ކުރުމަށް އެމްއެންޑީއެފްގައި ބޭނުންކުރާ މަފްހޫމަކީ ޔުނިފައިޑް އެކްޝަނާއި، ޖޮއިންޓް އޮޕަރޭޝަންގެ ފަލްސަފާއާއި، މިޝަން ކޮމާންޑެވެ.
ޑޮކްޓްރިނަށް ޢަމަލުކުރުމަށް ފިކުރު ބަދަލުކުރުން
ޑޮކްޓްރިންތައް ވުޖޫދަށް ގެނެސް އެއާއި އެއްގޮތަށް ޢަމަލުކުރަން ފަށާއިރު، އިދާރީ އޮނިގަނޑަށް އަންނަ ބަދަލަށްވުރެ މުހިންމީ ވިސްނުމަށާއި ފިކުރަށް ގެންނަންޖެހޭ ބަދަލެވެ. މިގޮތުން، ކޮންމެ ޔުނިޓެއްގެ ކޮންމެ ފަރުދެއް ކުރާ ކޮންމެ ކަމަކީ ވެސް ލިޔެވިފައިވާ ވަކި ގޮތަކަށް އަދި ވަކި މިންގަނޑަކަށް ކުރަންޖެހޭ ކަމެއްކަން ބަލައިގަނެ، މިފަދަ އެސްއޯޕީތަކާއި އޮފީސް އޮޕަރޭޝަން މެނުއަލްތައް އަދި ޓީޓީޕީސްތައް ފުރިހަމަކުރުމަށް ހުރިހާ އެންމެންވެސް ޢަމާޒުހިފަންޖެހެއެވެ. މިހެން މިކަންތައް ކުރުމުން ހިންގުމުގެ ނިޒާމު ސްޓެންޑަޑައިޒްވެ، ކޮމާންޑަރުންނާއި ސްޓާފުން ބަދަލުވުމުން ތަނުގެ އޮނިގަނޑަށާއި ނިޒާމަށް އަންނަ ލޮޅުންތައް ކުޑަކުރެވޭނެއެވެ.
ނިންމުން
ކެޕްސްޓޯން ޑޮކްޓްރިން ވުޖޫދަށް އައުމުން ޑޮކްޓްރިން އެކުލަވާލުމުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދަން ޖެހެއެވެ. މިގޮތުން، ޖޮއިންޓް ޑައިރެކްޓްރޭޓްތަކުން އެ މީހުންގެ ކީސްޓޯން ޑޮކްޓްރިންތައް ތައްޔާރު ކުރާއިރު، ސަރވިސްތަކުން އެ މީހުންގެ ސަރވިސްއަށް ޚާއްޞަ ޑޮކްޓްރިންތައް ފަރުމާކޮށް ނެރެންޖެހެއެވެ. އަދި ޔުނިޓްތަކުން، އެ މީހުންގެ ޓާސްކްތަކާއި ފަންކްޝަންތަކުގެ ޓީޓީޕީސްތައް އެކުލަވާލެވެން ޖެހެއެވެ. މިކަންތައްތަކާއި އެކުއެކީގައި، ތަމްރީނުތަކުގައި މި ޑޮކްޓްރިންތައް އުނގަންނައިދީ، މީހުން މިއަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަންޖެހެއެވެ. ކެޕްސްޓޯން ޑޮކްޓްރިން އެކުލަވާލެވި ޝާޢިއު ކުރެވުމަކީ ކުރިއެރުމެއްކަމަށްދެކި، މި މަސައްކަތުގެ ދުވެލި އިތުރަށް ބާރުކުރަންޖެހެއެވެ.
