މީލާދީން 1892 ވަނަ އަހަރު ދިވެހި ސިފައިން އުފެދުނިއްސުރެ، އެ ޒަމާނަކާ އެކަށީގެންވާ ގޮތަކަށް ދިވެހި އަސްކަރިއްޔާއަށް ބަދަލުތައް ދަނީ ގެންނަވަމުންނެވެ. ދުނިޔެއާއި ރާއްޖޭގެ ކަންތައްތަކަށް އަންނަ ބަދަލުތަކާއި އެއިރެއްގެ ހާލަތަށް ބަލައި، ދިވެހި ދައުލަތުގެ އެންމެ އިސް ވެރިންނާއި އެއިރެއްގައި އަސްކަރިއްޔާގެ ކަންތައްތަކާ ހަވާލުވެ ތިއްބެވި ވެރިން ގެންނެވި ބަދަލުތަކުގެ ހެޔޮ އަސަރުތައް މާޒީގައި ވަނީ ފެނިގެން ގޮސްފައެވެ. މިއިން ކޮންމެ ބަދަލެއްގެ ވެސް މައިގަނޑު މަޤްޞަދަކީ ޤައުމީ މަޞްލަޙަތު ދަމަހައްޓައި، އަމަންއަމާންކަން ޤާއިމުކޮށް ދިވެހިންގެ ދީނާއި މިނިވަންކަން ދިފާޢުކުރުމެވެ. ދީނާއި ވަޠަނުގެ ދިފާޢުގައި ކުރި ހަނގުރާމަތަކުގައި މާތްﷲގެ ވާގިފުޅާއެކު ނަޞްރާއި ކާމިޔާބު ލިބިފައިވަނީ މި މަގުން މަސައްކަތް ކޮށްގެންނެވެ. ޤައުމަށް ދިމާވި ކޮންމެ ބޮޑު ކާރިސާއެއްގަޔާއި ހާދިސާއެއްގައި ސިފައިންނަށް ރައްޔިތުން ޤަބޫލުކުރާފަދަ އަވަސް އަދި މުހިންމު ޚިދުމަތްތަކެއް ކޮށްދެވުނީ އެހެންވެގެންނެވެ. ޒަމާނާއެއްގޮތަށް އަސްކަރިއްޔާ ބައްޓަން ކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ދުނިޔޭގެ ސަލާމަތީ ވެށި ބަދަލުވަމުންދާލެއް އަވަސްކަމާއެކު މި ބަދަލުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، 2018 ނޮވެންބަރު 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޤައުމުގެ ސަލާމަތީ އަދި ދިފާޢީ ނިޒާމު ޒަމާނާއެއްގޮތަށް ބައްޓަންކުރެއްވުމަށް ނިންމެވިއެވެ. ދިވެހި އަސްކަރިއްޔާ އައު އިސްތިރާޖީ އަމާޒަކަށް މިސްރާބު ޖެއްސެވިއެވެ.  ޤައުމީ މަޞްލަޙަތުތަކަށް ރިޢާޔަތްކުރައްވައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސަފުތައް އަލުން ތަރުތީބުކުރައްވައި، ރުކުރުވާލެއްވުމަށް ނިންމެވިއެވެ.

ކޮމާންޑަރ އިން ޗީފްގެ މި އިސްނެންގެވުމާއެކު، ދިވެހި އަސްކަރިއްޔާގެ ހުރިހާ ޚިދުމަތްތަކެއްގެ ސިފައިން ޝާމިލުވާގޮތަށް ޑޮކްޓްރިން އެންޑް ރިފޯމް ކޮމެޓީއެއް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު އެކުލަވައި ލެއްވިއެވެ. އަދި އެ މަނިކުފާނުގެ އިރުޝާދާއި، ސީދާ ބެއްލެވުމުގެ ދަށުން ދިވެހި އަސްކަރިއްޔާގެ ތެރޭގައި ކުރަންފެށުނު މި މަސައްކަތާއެކު ޑޮކްޓްރިން ރިފޯމް އިނީޝިއޭޓިވް ޢިއްޒަތްތެރި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިފްތިތާޙުކޮށް ދެއްވިއެވެ. ސިޔާސީ ލީޑަރޝިޕްގެ މަގުދެއްކެވުމާއެކު، އަސްކަރީ ލީޑަރޝިޕުގެ ޚިޔާލާއި މަޝްވަރާގެ މަތިން، އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކެޕްސްޓޯން ޑޮކްޓްރިން 2019 ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙު ކޮށްދެއްވިއެވެ. ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުތަކުގެ މިސްރާބު އެ ޑޮކްޓްރިންއިން ފެނިގެންދެއެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހާ ޖޮއިންޓް ޑްކޮޓްރީންތަކާއި، ސާރވިސްތަކުގެ ޑްކޮޓްރިންތަކަށް މަގުދައްކައިދޭ އެންމެ އިސް ޑޮކްޓްރިންނެވެ. އަދި މި ޑޮކްޓްރިންއަކީ ދިވެހި އަސްކަރިއްޔާއިން ޤައުމީ ސަލާމަތީ މަޞްލަޙަތުތައް ހިމާޔަތްކޮށް، ޤާބިލު ޕްރޮފެޝަނަލް އަދި ޒަމާނީ އަސްކަރިއްޔާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ތަބާވާ އަސާސްތަކާއި އުސޫލުތައް އެކުލެވޭ ޑޮކްޓްރީންނެވެ.

މިއަދުގެ ދުނިޔޭގެ ސަލާމަތީ މަޝްރަޙަށް މީގެކުރިން އަސްކަރީ ސްޓްރެޓެޖިސްޓުން އަންދާޒާ ވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. ކޮންވެންޝަނަލް ހަނގުރާމަ ނުވަތަ ރެގިއުލާ ވޯފެއަރގެ ބަދަލުގައި މިއަދު ފެންނަނީ އިރެގިއުލާ ވޯފެއަރއަށެވެ. އިންޓަރސްޓޭޓް ކޮންފްލިކްޓްތައް، އިންޓްރާސްޓޭޓް ކޮންފްލިކްޓްތަކަށް ބަދަލުވެއްޖެއެވެ. ދާޚިލީ ހަނގުރާމަތަކުގައި ޤައުމުތައް ވީރާނާވަމުންދާއިރު، ފިކުރީ ހަނގުރާމަތަކުގައި ޤައުމުތަކުގެ ޒުވާން ޖީލުތައް ހަލާކުވެ ދަނީއެވެ. މިއަދު އެންމެ ނުރައްކާތެރި ހަނގުރާމަތައް ހިނގަނީ ފިޒިކަލް ބެޓްލް ފީލްޑްތަކުގެ ބަދަލުގައި ސައިބަރ ނުވަތަ ވާޗުވަލް ވެށްޓެއްގައެވެ. އިސްތިޢުމާރީ ގޮތުން ޤައުމުތައް އަޅުވެތިކުރުމުގެ ސަޤާފަތުން އިޤްތިޞާދީ ގޮތުން އަޅުވެތިކުރުމުގެ ސަޤާފަތަށް ދުނިޔެ ބަދަލުވެއްޖެއެވެ. މިއަދުގެ ދުނިޔޭގައި ޓެރަރިސްޓުންގެ ނުރައްކާތެރިކަމުން ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ އަސްކަރިއްޔާއެއް ނުވަތަ ސަލާމަތީ  ބާރެއް އެއްވެސް ޤައުމަކު ނެތެވެ. އިންސާރޖެންސީތަކުގެ ހަކަތައަކީ ޓެރަރިޒަމުގެ ހަރަކާތްތަކެވެ. ޤައުމުތަކުގެ ސަލާމަތަށް އޮތް އެންމެ ނުރައްކާތެރި ގޮންޖެހުންތަކަކީ ހަރުކަށި ޖަމާޢަތްތަކާއި، ހައްދު ފަހަނައަޅާފައިވާ ފިކުރުތަކެވެ. ވަކި ބޯޑަރަކުން ކޮންފައިން ވެފައިނުވާ ފަރާތްތަކާއި ނޮން ސްޓޭޓް އެކްޓަރުންނެވެ. 

ދިވެހިރާއްޖެ މި އޮތް ހިންދު ކަނޑުގެ ސަރަޙައްދަކީ ކްރޮސް ބޯޑަރ ޓެރަރިޒަމް އާންމުވެފައިވާ ސަރަޙައްދެކެވެ. ޓެރަރިސްޓު ޖަމާޢަތްތަކުން މި ސަރަޙައްދުގައި ހާލި ހަދައިގެން އުޅޭއިރު، މަސްތުވާ ތަކެއްޗާއި ހަތިޔާރުގެ ވިޔަފާރިއާއި، ކަނޑުފޭރުމާއި، އިންސާނީ ވަގުފާރި ފަދަ ޣައިރުޤާނޫނީ އެތައް ކަމެއް ހިންދު ކަނޑުގައި ދަނީ ހިނގަމުންނެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ ވެސް މި ސަރަޙައްދުގެ ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއެކެވެ. މީގެއިތުރުން އިންޑިއަން އޯޝަން ރީޖަންއަކީ ދީނީގޮތުންނާއި ފިކުރީގޮތުންނާއި އިޖްތިމާޢީގޮތުން ހަމަނުޖެހުން އެންމެ ބޮޑު ސަރަޙައްދެވެ. މީސްކޮޅު މަދު، މި ކުޑަކުޑަ މި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެކޭ ބުނާބުނުމަކީ  ބައެއް ފަރާތްތަކަށް އަޑުއަހައި ހަޖަމުކުރަން ފަސޭހަ ކަަމަކަށް ނުވެއެވެ. ހަމައެހެންމެ، އަނެއް ބަޔަކު ބައެއް އިސްލާމީ މުޖުތަމަޢުތަކުގައި އޮންނަ އެ ތަންތަނުގެ ސަޤާފަތްތަކާއި، ދީނީ ތަފާތު ފިރުގާތަކާއި، މަޒުހަބީ ތަފާތުތައް ތަޢާރަފުކުރުމަށް މަސައްކަތް ކުރެއެވެ. ކޮންމެ ބަޔަކު ވެސް އެބައެއްގެ އަޤީދާއާ ގުޅިފައިވާ ފިކުރުގެ ކުރިތައް މި ފަސްގަނޑުގައި އިންދަން އިންތިހާއަށް ބޭނުންވެއެވެ. މި ކަންތައްތަކަށް ލޯހުޅުވައި ސަމާލުވާން ޖެހެއެވެ. ދިވެހި އަސްކަރިއްޔާ ރޫޙާނީ ގޮތުންނާއި މާއްދީގޮތުން ވަރުގަދަވާން ޖެހެއެވެ. މިފަދަ ކޮންމެ ނުރައްކަލަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ދިވެހި ރައްޔިތުން ޙިމާޔަތްކޮށް، ރައްކާތެރިކުރުމުގެ ޒިންމާ، ޤާނޫނު އަސާސީއާއި ޤާނޫނުތަކުން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއެވެ. މި މުހިންމު އަސްކަރީ ޚިދުމަތްތަކުގެ އިތުރުން، މަދަނީ ދިފާޢުގެ މުހިންމު ޚިދުމަތްތަކެއް ވެސް ޤާނޫނު އަސާސީއާއި ޤާނޫނުން ދިވެހި އަސްކަރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުތައް ކަނޑައެޅިފައިވަނީ މި ހުރިހާ ކަމަކަށް ވަރަށް ރަނގަޅަށް ރިޔާޢަތްކޮށްގެންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލާއި ދިވެހިރައްޔިތުން ރަައްކާތެރިކޮށްދީ ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ އޮތް ހަމައެކަނި ބަޔަކީ ދިވެހި އަސްކަރިއްޔާއެވެ. އެހެންކަމުން ދިވެހި އަސްކަރިއްޔާއަކީ ދިވެހި ޤައުމުގެ އެންމެ އިސް އަދި އެންމެ ފަހުގެ ވެސް ދިފާޢެވެ. ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުތައް ބިނާވެފައިވަނީ ޑިމޮކްރެޓިކް ވެރިކަމުގެ ރޫޙާއި މަދަނީ ދުސްތޫރީ ނިޒާމުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަކީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފުރިހަމަ މަދަނީ ކޮންޓްރޯލްގެ ދަށުން ހިނގާ، ޤާނޫނީ ވެރިކަމަށް އިޙްތިރާމުކުރާ ބާރެއްގެ ގޮތުގައެވެ. ޤައުމީ މަޞްލަޙަތުތައް ހިމާޔަތްކޮށް ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށެވެ.

މިއަދުގެ ދުނިޔޭގައި ޤައުމީ ސަލާމަތުގައި އެންމެ ކާމިޔާބު މަފުހޫމަކީ ލާމެހިފައިވާ ސަލާމަތްތެރިކަމެވެ. ބޭރުގެ ޤައުމުތަކާ، އަދި އަސްކަރިއްޔާތަކާ ވެސް ގާތްގުޅުމެއް އުފައްދައި، ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ސިޔާސަތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހުރިހާ ޤައުމުތަކާ ވެސް ގާތްގުޅުމެއް ބާއްވައި އެ ފަރާތްތަކުގެ އިސްތިރާޖީ ކަންބޮޑުވުންތަކަށް އިޙުތިރާމު ކުރަންޖެހެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ބާރު ފޯރުވުމުގައި ބޭރުގެ ފަރާތްތަކުން ބޭނުންކުރާނެ ކަމަށް ބެލެވޭ ”ސޮފްޓް ޕަވަރ“ އަށް ސަމާލުވާން ޖެހެއެވެ. ދިވެހިންގެ ވިސްނުމާއި ފިކުރާ ކުޅުމަށް ކުރިއަށް ގެންދާ އައިޑިއޮލޮޖިކަލް ވޯފެއަރތަކަށް ރައްކާތެރިވާން ޖެހެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ހަމަޖެހުމަށް އަސަރުކޮށްފާނެ ކޮންމެ ކަމަކަށް ހޭލައި ސަމާލުވާން ޖެހެއެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ފުރިހަމަ މާނައިގައި ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތިމާވެށީގެ ނުރައްކާކަން ޤަބޫލުކުރަން ޖެހެއެވެ. ތިމާވެށްޓާއި ވުޖޫދީ ނުރައްކަލުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް އިތުރުވަމުން ދާއިރު ދިވެހި އަސްކަރިއްޔާ އެކަމަށް ތައްޔާރުވާންޖެހެއެވެ. ކުއްލި ޚިދުމަތްދޭ ބައެއްގެ ގޮތުގައި ތިބުމަށްވުރެ ހުރިހާ މަރުޙަލާއެއްގައި ޝާމިލު ވެގެން ހަރަކާތްތެރިވާން އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުގައި މަގުދައްކައެވެ. 

ދިވެހިރާއްޖޭގެ ޢުމުރާނީ ކުރިއެރުމާއި އުފެއްދުންތެރިކަމާއި ތަރައްޤީ އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ހުރިހާ ސިނާޢަތެއްގެ ދުވެލި ގުޅިފައިވަނީ ފަތުރުވެރިކަމާއެވެ. ފަތުރުވެރިކަން ގުޅިފައިވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމާއި އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތާއެވެ. ދީނީ، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ އެއްވެސް ފިކުރެއް ހައްދުފަހަނައަޅައި ގޮސް ނިރުބަވެރިކަމުގެ ޢަމަލެއް މި ޤައުމުގައި ބަޔަކު ހިންގައިފިނަމަ ޤައުމު ވެއްޓިގެންދާނެ އަނދަވަޅުގެ ފުންކަން އަންދާޒާކުރަން ދައްޗެވެ. މިފަދަ ކަމެއް ހިނގުމަށް އޮތް ހުރިހާ ދޮރުތަކެއް ވީ އެންމެ ރަނގަޅަކަށް ބަންދުކޮށް، އަސްކަރިއްޔާގެ ޤާބިލުކަމާއި އޮޕަރޭޝަނަލް ކެޕޭސިޓީއާއި ކޭޕަބިލިޓީ މަތިކުރުމަކީ އަސްކަރީ ލީޑަރޝިޕުގެ އިސްތިރާޖީ ޕްރިއޯރިޓީގެ އެންމެ މުހިންމު އެއް ކަމެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ނާރެހަކީ ދިވެހި ކަނޑުފަޅުތަކުގެ ރީތިކަމާއި ސާފުކަމާއި މުއްސަނދިކަމެވެ. ދިވެހިރާއްޖެ އޮތް ސަރަޙައްދަކީ ދުނިޔޭގައި ކަނޑުމަގުން އެންމެ ގިނަ އަދަދަކަށް ތެޔޮ އުފުލަމުންދާ ސަރަޙައްދެވެ. ތެލާއި އަދި މި ނޫން ވެސް ގޮތަކުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ތަޣައްޔަރުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަން ވާނީ ދިވެހިންގެ ނޫއިޤްތިޞާދުގެ މައިބަދައަށް އަސަރުކުރާނެ ކަމަކަށެވެ. މިފަދަ ކަންކަމުން ސަލާމަތްވެވޭނެ ގޮތްތަކާއި،  ކަނޑުފޭރުމާއި ޤާނޫނާ ޚިލާފަށް ކަނޑުމަތީގައި ހިންގާ ޓްރާންސްނޭޝަނަލް ކްރައިމްސްގެ ތެރޭގައި ހަތިޔާރާއި މަސްތުވާތެކެތި އެއް ޤައުމުން އަނެއް ޤައުމަށް އުފުލުމުގައި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރުން ހުއްޓުވުމަށް ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރު ވަރުގަދަކޮށް ޤާާބިލިއްޔަތު އިތުރުކުރަން ޖެހެއެވެ. ހަމައެފަދައިން، ސައިބަރ ސްޕޭސް ނުވަތަ ސައިބަރ ޑޮމެއިންއަކީ އާންމު ދިރިއުޅުމާއި ސަރުކާރުގެ މުއައްސަސާތަކާއި އަދި ވިޔަފާރީގެ ޚިދުމަތްތަކާ ގުޅި ލާމެހިފައިވާ ނިޒާމަށް ވާއިރު، ރައްކާތެރި މުއާސަލާތީ ޚިދުމަތް ކަށަވަރުކޮށް، ސަލާމަތީ އަދި އިޤްތިޞާދީ އެސްޕިއޮނާޖުގެ ޢަމަލުތަކުން ރާއްޖެ ސަލާމަތްކުރެވޭނީ އެ ޤާބިލުކަން ވެސް އިތުރަށް ތަރައްޤީކޮށްގެންނެވެ. ބިދޭސީ އާބާދީ ބޮޑުވެ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ވެށްޓަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަމެކެވެ.

ދިވެހި އަސްކަރިއްޔާއަކީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު (ނޭޝަނަލް އިންޓަރެސްޓް) ހިމާޔަތްކުރުމަށް ޓަކައި ބޭނުންކުރެވޭ ރާއްޖޭގެ ޤައުމީ ބާރުގެ މާއްދާތައް (އެލިމެންޓްސް އޮފް ނޭޝަނަލް ޕަވަރ) ގެ ތެރޭގައި ހިމެނޭ ޑިޕްލޮމެޓިކް، މިލިޓަރީ، އިކޮނޮމިކް، އިންފޮމޭޝަނަލް މި ބާރުތަކުގެ ތެރެއިން އެއް ބާރެވެ. ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުގައި މަސައްކަތްކުރާނީ ދައުލަތުގެ އެހެން ބާރުތަކާ ގުޅިގެން އެންމެން އެކުގައި އެއް އަމާޒަކަށް ނުވަތަ ޔުނިފައިޑް އެކްޝަން ފަލްސަފާއާ އެއްގޮތަށެވެ. އަސްކަރިއްޔާގެ އެތެރޭގައި ހިމެނޭ ސާވިސްތަކުގެ ތެރޭގައި މަސައްކަތްކުރާނީ ޖޮއިންޓް މަފުހޫމުގައެވެ.

ސަރުކާރުން އަލަށް އެކުލަވައި ލެއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވެސް ވަނީ މައިގަނޑު ހަ ދާއިރާއަކުން މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ކަނޑައަޅާފައެވެ. ޕޮލިޓިކަލް ލީޑަރޝިޕާއި މިލިޓަރީ ލީޑަރޝިޕް ގުޅިގެން ކަނޑައެޅުނު މި ލަނޑުދަނޑިތަކުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރެވޭ ކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލުކަން މަތިކޮށް އިތުރުކުރުމެވެ. ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތައް އިތުރަށް ބާރުވެރިކުރުވައި، ރާއްޖޭގެ ކޮންމެ ސަރަޙައްދަކަށް ނުރައްކަލެއް ކުރިމަތިވިޔަސް އެ ސަރަޙައްދަކުން ހަރަކާތްތެރިވެވޭނެ ޤާބިލުކަން އޭރިއާ ކޮމާންޑްތަކުގައި ޤާއިމުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި އެއްވެސް ހާލަތެއްގައި އެއް އޭރިއާ ކޮމާންޑަކަށް އެހެން އޭރިއާ ކޮމާންޑަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ނަމަ ކަނޑާއި ވައިގެމަގުން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމުތައް ޤާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހަމައެހެންމެ، އޭރިއާ ކޮމާންޑްތަކުގައި އޭރިއާ ކޮމާންޑް އޮޕަރޭޝަންސް ސެންޓަރު (އޭކޮކް) ތައް ޤާއިމުކޮށް، އެމްއެންޑީއެފް ހެޑްކްއޯޓާރޒުގައި ހުންނަ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާ ގުޅާލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން ރާއްޖޭގެ މުއާސަލާތީ ގުޅުން ފެއިލްވެގެން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައ ޑެޑިކޭޓެޑް ކޮމިއުކޭޝަން ސިސްޓަމަކުން މިއަދު މުޅި ރާއްޖެ ގުޅާލެވިފައިވާތީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާއި ސުނާމީ ކާރިސާއާ ގުޅިގެން ކުރަންޖެހުނު ހިތްދަތި ތަޖުރިބާ އިތުރަށް ކުރަން ޖެހުމުގެ ފުރުސަތު ވަނީ ކުޑަކުރެވިފައެވެ.

ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމަނުން  ކަނޑުމަގުން ރާއްޖެއައިސް މާލެއަށް އަރައި ހަމަލާދިން ފަދައިން، މިއަދު އެފަދަ ކަމެއް ކުރުމަށް އޮތް ފުރުސަތު ބަންދުކުރުމަށްޓަކައި ކޯސްޓަލް ރާޑަރ ސިސްޓަމަކުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި ކޯސްޓްގާޑް އުޅަނދު ފަހަރާއި އަވަށްޓެރި ޤައުމުތަކުގެ ވައިގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖޭގެ ސަރަޙައްދު ދަނީ ޤަވާޢިދުން ޕެޓްރޯލްކޮށް ބަލަހައްޓަމުންނެވެ. މީގެ އިތުރުން ބޭރުގެ ޤައުމުތަކުގެ އިންޓެލިޖެންސް އިދާރާތަކާއި ދައުލަތުގެ އިންޓެލިޖެންސް އިދާރާތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުންނާއި، ޖޮކްގައި ޤާއިމުކުރެވޭ ފިއުޝަން ސެންޓަރުގެ ސަބަބުން ދުރާލައި އިންޓެލިޖެންސް މަޢުލޫމާތު ލިބޭނެ ހަރުދަނާ ނިޒާމުތައް ޤާއިމުވެ ޑިފެންސް އިންޓެލިޖެންސް ނިޒާމު ވަރަށް ބޮޑަށް އިތުރަށް ތަރައްޤީވެގެންދާނެއެވެ.

ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ ޤައުމަށްވާތީ ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ސިފައިން ނުވަތަ ކޯސްޓްގާޑަށް އިތުރު އުޅަނދުފަހަރު ހޯދައި، އެއްގަމުގެ ފޯސް ކަމުގައިވާ މެރިންސް އާއި ނިރުބަވެރި ހަމަލާތަކާ ގުޅިގެން ޚާއްޞަ އޮޕަރޭޝަންތައް ހިންގާ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ހަތިޔާރާއި ވަސީލަތް ހޯދައި، އިތުރަށް ދަނީ އިކްއިޕްކޮށް ދެވެމުންނެވެ. މިއާއެކު، ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް އިތުރަށް ތަރައްޤީކޮށް، ތަޢުލީމާއި ތަމްރީނުތައް އިތުރަށް ފުޅާކޮށް ސިފައިންގެ އޮޕަރޭޝަނަލް ރެޑިނަސް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ދުވެލި ވަނީ އެތައް ގުނައެއް ބާރުކުރެވިފައެވެ.  މިގޮތުން ސިފައިންނަށް ރާއްޖެއިން ބޭރުން ލިބޭ ތަމްރީނުގެ ފުރުސަތުތައް އިތުރު ކުރެވިފައިވާއިރު، ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ހިންގައި، ކަނޑާއި އެއްގަމާއި ވައިގެ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން ވަނީ ތަރައްޤީކުރެވިފައެވެ. މީގެ އިތުރުން އަސްކަރީ އިސްތިރާޖީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބިނާކުރަންޖެހޭ އިންފްރާސްޓްރެކްޗަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުރެވެމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރިމަގުގައި އޮޕަރޭޝަންތައް ހިންގާނީ  މައިގަނޑު ހަތަރު ދާއިރާއެއްގައެވެ. އެއީ ހަނގުރާމަވެރި ހާލަތްތަކާއި އަސްކަރީ ޢުދުވާންތަކާ ކުރިމަތިލުމަށް ހިންގާ ”ކޮމްބެޓް އޮޕަރޭޝަންސް“، ކައުންޓަރ އިންސާޖެންސީއާއި، ކައުންޓަރ ޓެރަރިޒަމާއި ޤާނޫނު ނެގެހެއްޓުން ހިމެނޭގޮތަށް ހިންގާ ”ސެކިއުރިޓީ އޮޕަރޭޝަންސް“، ކާރިސާތަކާއި ކުއްލި ހާދިސާތަކާ ގުޅިގެން ސިފައިން ހިންގާ ”އިމަޖެންސީ އެންޑް ސޭފްޓީ އޮޕަރޭޝަންސް“، އަދި، މަދަނީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ސިފައިން ހިންގާ ”މިލިޓަރީ އެއިޑް ޓު ސިވިލް އޮތޯރިޓީ“ އާއި ”މިލިޓަރީ އެއިޑް ޓު ސިވިލް ކޮމިއުނިޓީ“ އެވެ. މިހާރަށްވުރެ ސިފައިންނާއި ދިވެހި ރައްޔިތުންނާ ދެމެދުގައި އޮންނަ ގުޅުމާއި އިތުބާރު ހަރުދަނާކުރުމަކީ ވެސް އަސްކަރީ ލީޑަރޝިޕުގެ އިސްތިރާޖީ ޕްރިއޯރިޓީގައި މުހިންމު ކަމެކެވެ.

ދިވެހި އަސްކަރިއްޔާގެ އައު އިސްތިރާޖީ އަމާޒުގެ ސަބަބުން ސިފައިންނާއި މަތިކޮށްފައިވާ ޤައުމީ އެންމެހާ ވާޖިބުތަކާއި، މަސްއޫލިއްޔަތުތައް ޕްރޮފެޝަނަލް ކަމާއެކު އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. އަދި ރައްޔިތުންނާ ގާތުން، ފަސޭހަކަމާއެކު އަވަހަށް ޚިދުމަތްދޭ، ރައްޔިތުން އިތުބާރުކުރާ ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށް ވެގެންދާނެއެވެ.

ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތުގެ މައިގަނޑު މަސްދަރަކީ 2019 ވަނަ އަހަރު ފާހަގަކުރި 127 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ދެއްކެވި ވާހަކަފުޅާއި، 31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ތައްޔާރުކުރި ވީޑިއޯ ރިޕޯޓާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކެޕްސްޓޯން ޑޮކްޓްރިން (2019) އެވެ.

ޝެއަރކުރެއްވުމަށް