ކުއްލިއަކަށް ދިމާވާ އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންވެގެން ދެއެވެ. މީހާގެ ފުރާނަ އާއި އަގުބޮޑު މުދާ އަޅިއަށް ވެގެންދެއެވެ. ކައްކަން ބޭނުންކުރާ ގޭސް ބަރުކުރުމުގެ ތެރޭގައި ގޭސް ލީކުވެގެން ހިތާމަވެރި ހާދިސާތައް ހިނގައެވެ. އަދި އުސް އިމާރާތްތަކުގައި ތިބެ ސިނގިރެޓް ބުއިމަށްފަހު ސިނގިރެޓް ބަޓްބުރި ނިއްވާނުލައި އެއްލާލުމުގެ ސަބަބުން ޖެހިގެން ހުންނަ ގޭގޭގެ ފުރާޅުމަތީގައި ނުވަތަ ދެ އިމާރާތެއްގެ ދޭތެރޭގައި ހުންނަ ކުނިބުނީގައި ހުޅުހިފައި އަލިފާނުގެ ހާދިސާތައް ހިނގައެވެ. ކަރަންޓުގެ ކޮންމެ ވެސް ސަބަބަކާހުރެ ހިނގާ އަލިފާނުގެ ހާދިސާތައް ވެސް ވަކި މަދެއް ނޫނެއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. އެ ސިނާޢަތަށް ބަލާއިރު ވެސް ރިސޯޓުތަކާއި ސަފާރީތަކުގައި ހިނގާފައިވާ އަލިފާނުގެ ބޮޑެތި ހާދިސާތަކާއި ނުރައްކާތެރި ހާދިސާތައް ގިނައެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ބައެއް ރިސޯޓްތައް މަރާމާތަށް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހެއެވެ. އަދި ބައެއް ސަފާރީތައް ބޭނުން ނުކުރެވޭވަރަށް އަނދައި އަޑިއަސް ގޮސްފައިވެއެވެ. ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. މިއީ، ހައްތާ ވެސް ވިސްނާ ފިކުރު ކުރަން ޖެހޭ ކަންތައްތަކެވެ. މި ކަންކަމަށް ހައްލު ގެނެސް ސަލާމަތާއި ރައްކާތެރިކަން ހޯދަންޖެހެއެވެ. އަލިފާނުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަނެ އެކަންތައްތައް ބެލުމަށް ސަރުކާރުގެ ފަރާތުން ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭގެ ސަބަބުން ވެސް ވަރަށް ރަނގަޅު ހެޔޮބަދަލުތަކެއް އަންނާނެކަމަށް ގަބޫލު ކުރެވެއެވެ. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާ އަބަދުވެސް ފޮނިވާނެއެވެ. މި ލިޔުމުގައި ބަލައިލާނީ އަލިފާން ނިވާ ސާމާނު އެ މީހަކު ދިރިއުޅޭ ގެއާއި މަސައްކަތުގެ މާހައުލުގައި ހަރުކުރުމުގެ އިތުރުން، އިމާރާތް ކުރަމުންދާއިރު އިމާރާތް އަލިފާނުން ރައްކާތެރި ކުރުމަށް ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށެވެ. 

ދެ ވައައްތަރެއްގެ ފަޔަރ ޕްރޮޓެކްޝަން ސިސްޓަމެއް ހުރެއެވެ. އެއީ، އެކްޓިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމާއި، ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމެވެ. އަލިފާނުގެ ހާދިސާގައި މި ދެ ވައްތަރު ވެސް ވަރަށް އިތުބާރާއެކު މަސައްކަތް ކުރަން ޖެހެއެވެ. މި ދެ ވައްތަރު ވެސް އަލިފާނުގެ ހާދިސާތަކުގައި އެކުއެކީގައި މަސައްކަތް ކުރާނެއެވެ.

އެކްޓިވް ފަޔަރ ޕްރޮޓެކްޝަން

ސިސްޓަމަކީ ކޮންމެވެސް ވަސީލަތެއް މެދުވެރިކޮށް އަލިފާނުގެ ހާދިސާތަކުގައި ވަރަށް އިތުބާރާއެކު މަސައްކަތްކުރާ ނިޒާމެކެވެ. މިއީ މީހެއްގެ ސީދާ އެހީތެރިކަމާއެކު ބޭނުންކުރާ އަލިފާންނިއްވާއި ފަޔަރ ހޯސް ރީލާއި ޑްރައި ރައިސަރ ނުވަތަ ވެޓް ރައިސާރ ފަދަ ތަކެއްޗެވެ. އަދި އަމިއްލަ ޒާތުގައި އޮޕަރޭޓްކުރާ ސްޕްރިންކުލާ، ފޯމް އިންސްޓަލޭޝަން، އޮޓަމެޓިކް ފަޔަރ ސަޕްރެޝަން ސިސްޓަމް ފަދަ ބާވަތްތަކެވެ. މިފަދަ ސިސްޓަމުގެ ސަބަބުން ވެސް އަލިފާން ރޯވެ ދުމުގެ އަސަރު ހުރި ނަމަ، އެ ހާދިސާތައް ހުއްޓުވަން ނުވަތަ އަލިފާން ފެތުރުން ކުޑަކުރުމަށް ޓަކައި، އަލިފާނާއި ދުމުން އެ ތަނެއްގެ ތެރޭގައި ހަރުކޮށްފައިވާ އަލިފާންނިވާ ތަކެތި މެދުވެރިކޮށް އަލިފާންގަނޑު ކޮންޓްރޯލް ނުވަތަ އަލިފާންގަނޑު ނިއްވާލަދެއެވެ. އެހެންކަމުން، އަލިފާންނިވާ މީހުން އެ ތަނަކަށް އަންނަންދެން ސްޕްރިންކުލާ ސިސްޓަމް ނުވަތަ އަލިފާންނިވިތައް ބޭނުންކޮށްގެން ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވެއެވެ.

ޕެސިވް ފަޔަރ ޕްރޮޓެކްޝަން

ސިސްޓަމަކީ ވަކިގޮތަށް ހަދާފައި ހުންނަ ފަޔަރ ރެސިސްޓަންސް ރޭޓްގެ ސަބަބުން ދޮރުތަކާއި ތަޅުންގަނޑާއި ފާރުތައް ވަރުގަދަވެގެން ދިޔުމެވެ. މި ގޮތަށް ހެދުމުގެ ސަބަބުން އަލިފާންގަނޑު ފެތުރުން ކުޑަކޮށްދީ އެ ތަނެއްގެ ތެރޭގައި ތާށިވެ ނުނުކުމެވިފައިވާ މީހުން ނުކުތުމަށް ފުރުސަތު ލިބިގެންދެއެވެ. ފަޔަރ ޑޯރސްގެ ސަބަބުން އަލިފާނުގެ ހާދިސާ ހިނގިތަން ރައްކާތެރިކޮށްދީ، ގިނަ ވަގުތު ދިރިއުޅޭ ފަރާތްތައް ސަލާމަތުން ނުކުތުމަށް މަގުފަހިވެގެންދާނެއެވެ. އާންމު ގޮތެއްގައި 30 މިނިޓް ވަންދެން އަލިފާނުގެ އަސަރު މިފަދަ ދޮރުތަކުގެ ސަބަބުން ކުޑަކޮށްދެއެވެ. އަދި ގެތަކާއި އޮފީސް ފަދަތަންތަނުގައި ބަހައްޓާފައި ހުންނަ އިމަރޖެންސީ ލައިޓް އަދި ނިޝާންތަކަކީ އެތެރޭގައި އުޅުމަށް އަދި ފަސޭހައިން ނުކުމެގެން ދިޔުމަށް ވަރަށް ބޮޑަށް އެހީ ލިބިގެންދާ އެއްޗެކެވެ.

އެކްޓިވް އަދި ޕެސިވް އަލިފާންނިވި މަސައްކަތް ކުރާގޮތް ވަރަށް ތަފާތެވެ. އެކްޓިވް ފަޔަރ ޕްރޮޓެޝަން ސިސްޓަމްގެ އެހީގައި ސީދާ އަލިފާން ނިއްވާލަދެއެވެ. ޕެސިވް ފަޔަރ ޕްރޮޓެކްޝަން ސިސްޓަމްގެ އެހީގައި އަލިފާން ފެތުރުން އަދި ދުން ކޮންޓްރޯލް ކޮށްދެއެވެ. ފަޔަރ ނުވަތަ ސްމޯކް އެލާމް ސިސްޓަމްގެ އެންމެ ބޮޑު ބޭނުމަކީ، އެ ތަނެއްގެ ތެރޭގައި އަލިފާން ނުވަތަ ދުން ހުރިކަން ދެނެގަނެ ކޮންމެވެސް އަލިފާންނިވާ ނިޒާމެއްގެ އެހީގައި އަލިފާން އެކީ ނިންވާލުމެވެ.

އަލިފާނުގެ ހާދިސާތަކުގައި އެތަނަކުން ނެރޭ އެންމެން ވެސް ފަސޭހައިން އެއްވާނެ ތަނެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. ތަނުގައި ކަރަންޓްނެތްކަމުގައިވީ ނަމަވެސް ސަލާމަތް ވާނެ މަގު ފަސޭހައިން ހޯދެންވާނެއެވެ. ހަމައެއާއެކު، މި ދެ ވައްތަރުގެ އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ގޭގައި ނުބަހައްޓަންވީ ސަބަބެއް ނެތެވެ. ނަމަވެސް ވަރަށް ހަރުދަނާކަމާއެކު މެއިންޓަނަންސް ކުރަންވާނެއެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ކުރުމަށް މި ދެ ބާވަތް އަދާކުރާ ރޯލު ވެސް ވަރަށް މުހިންމެވެ.

ޝެއަރކުރެއްވުމަށް