އިސްވާރުކަން، އިސްވާރުކަމުގެ ވައްތަރުތައް، އިސްވާރުންގެ ގައިގައި ހުންނަންޖެހޭ ސިފަތައް މިއީ އަޅުގަނޑުމެން އިވި ފަރިތަ ފިލާވަޅުތަކެކެވެ. އަޅުގަނޑުމެންގެ މައިންބަފައިންގެ އަގުހުރި ނަސޭހަތުގެ ބަސްތަކުންނާއި މަދަރުސީ ހަޔާތުގެ ފިލާވަޅުތަކުން އެކަމެއް ކިޔަވައިދީފައިވާ އަދި އެކަން ކޮންމެ ދުވަހަކު ޢަމަލީ މައިދާނުގައި ކުރަމުން އަންނަ ކަމެކެވެ. ކިޔެވުމުގެ މާހައުލުގަޔާއި އޮފީހުގެ މަސައްކަތުގެ މާހައުލުގައެވެ. މީގެ އިތުރުން ރައްޓެހިންނާ އެކު އުޅޭއުޅުމުގަޔާއި އާއިލާގެ ކަންކަން ބެލެހެއްޓުމުގައެވެ. ބައެއް ބޭކަލުންންނަށް އޮޓޯކްރަޓިކް ލީޑަރޝިޕް ކަމުދާއިރު މި ޒަމާނުގައި އެންމެ ގަޔާވާނީ ޑިމޮކުރަޓިކް ލީޑަރޝިޕޭ ވެސް ބުނުމަކުން ގޯހަކަށް ނުވާނެތާއެވެ. ލުއިކޮށްލަން ފްރީ ރެއިން ވެސް ޚިޔާރުކުރެވިދާނެއެވެ. ލީޑަރޝިޕްގެ ވަރަށް ގިނަ ސްޓައިލްތަކަކާއި، ތިއަރީ ތަކެއް ހޯދިފައިވާއިރު، ”ގޫސް ލީޑަރޝިޕް“ އަކީ ކޮބައިތޯއެވެ؟

ގޫސް ލީޑަރޝިޕްގެ ވާހަކަ ދެއްކުމުގެ ކުރިން ”ގޫސް“ މިއީ ކޯއްޗެއްތޯ ބަލާލުން މުހިންމު ކަމުގައި ގަބޫލުކުރަމެވެ. ގޫސް މިއީ އުދުހޭ ދޫންޏަކަށް ކިޔާނަމެކެވެ. އެންމެ ފެސޭހައިން މި ދޫނި ސިފަކޮށްލެވޭނީ އަސްދޫންޏެއްގެ ގޮތުގައެވެ. މި ދޫންޏަކީ 2000 – 3000 މޭލުގެ ދުރުމިނަށް އުދުހުމުގެ ކުޅަދާނަކަން ލިބިފައިވާ ދޫންޏެކެވެ. އަދި އާއިލީ ގުޅުމާއި ވަފާތެރިކަން މިއީ މި ދޫނިބައިގަނޑުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަ ވެގެންދާ ދެ ސިފަކަން ފާހަގަކޮށްލަމެވެ. ވަކިން ޚާއްޞަކޮށް އުފަންވީ ތަނަށް އަހަރަކު އެއް ފަހަރު ދާކަން ވެސް ފާހަގަކޮށްލަމެވެ. މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް މި ދުނިޔޭގައި އެކަލާނގެ ޚަލްޤުކުރައްވާފައިވާ މަޚުލޫޤުންނަށް ބަލައި ވިސްނާލުމުން ވަރަށް ސާފުކޮށް ފެނިގެންދޭ ނޫންތޯއެވެ. ގޫސް ލީޑަރޝިޕްގެ ކޮންސެޕްޓް އުފެދިފައި ވަނީ މި ދޫނިތައް އުދުހެމުންދާއިރު ބޭނުންކޮށްއުޅޭ ކަންތައްތަކުންނެވެ.

ގޫސް ލީޑަރޝިޕުން ފެނިގެންދާ ކަންކަން

1. އެއް ލަނޑުދަނޑިއެއް ހާސިލު ކުރުމަށް އެންމެން ހިއްސާވުން:

މި ދޫނިތައް އުދުހޭ އުދުހުމުގައި ”ވީ“ ފޯރމޭޝަނެއް ބޭނުން ކުރާތަން ފެނިގެންދާނެއެވެ. މި ގޮތަށް އަތުރާލެވިފައިވާ ފޯރމޭޝަނަކަށް އުދުހުމުން 70 އިންސައްތައަށްވުރެ ބޮޑު އުދުހުމުގެ ރޭންޖެއް ހާސިލުވެގެން ދެއެވެ. ދޫންޏެއް އެކަނި އުދުހުމަށް ބޭނުންވާ ހަކަތައަށްވުރެ މަދު މިންވަރެއްގެ ހަކަތަ ބޭނުންކޮށްގެން މި ދުރުމިނަށް އުދުހެވެއެވެ. ސަބަބަކީ ހުރިހާ ދޫނިތައް ވެސް އެއް ބާރުމިނެއްގައި ފިޔަ ޖެހުމުގެ ސަބަބުން، ވައިގެ ”އަޕްލިފްޓެއް“ ނޫނީ މައްޗަށް ހުންނަ ބާރެއް އުފެދި، ވައިގެ ފްރިކްޝަން ފަހަތުން އުދުހެމުން އަންނަ ދޫންޏަށް ކުޑަވެގެން ދިއުމެވެ.

އެންމެން އެކުގައި އެއްވާނެއްގައި މަސައްކަތް ކޮށްފިނަމަ، ވަކިވަކި ފަރުދުން އެކަމެއް ކުރުމަށްވުރެ ފަސޭހަވޭ ނޫންތޯއެވެ. އަޚުލާޤާއި ސުލޫކު ރަނގަޅު ދަރިން ތަރުބިއްޔަތު ކުރުމަކީ އެފަދަ ކަމެކެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި މަންމަގެ ޒިންމާއެއް ކަމުގައި ނުދެކި އާއިލާގެ އެންމެން އެކަމުގައި އެއްބާރުލުން ދޭންވީ ނޫންތޯއެވެ. ރަނގަޅު ޖީލެއް ބިނާކުރުމަކީ ވަކިބައެއްގެ ޒިންމާއެކޭ ނުބުނެ އަޅުގަނޑުމެން އެންމެން އެކަމާ އަތުގުޅައިލައިގެން ތެދުވަންވީއެވެ. މިގޮތަށް މަސައްކަތް ކޮށްފިނަމަ ދިވެހި މުޖްތަމަޢަށް ކުރާ ލާބައާއި މަންފާ ބޮޑުވެފައި އެކަމުން ނުކުންނަ ނަތީޖާ ފުރިހަމަވާނެކަން ކަށަވަރެވެ.

2. އިންކްރީސިންގ ވިސިބިލިޓީ:

ކުރިން ވެސް ބުނެވުނު ފަދައިން މި ދޫނިތައް އުދުހެމުން ދަނީ ”ވީ“ ފޯރމޭޝަނަކަށެވެ. މި ގޮތަށް ރުކުރުވާލެވިފައިވާ ބައިގަނޑެއްގެ ކުރީގައި ހިނގަމުންދާ ކަންތައް ވަރަށް ރަނގަޅަށް ފަހަތުގައި ތިބޭ ފަރާތްތަކަށް ފެންނާނެއެވެ. މި ދޫނިތައް ވެސް އުދުހުމުގައި ވިސިބިލިޓީ އިތުރުވެގެންދަނީ ”ވީ“ ފޯރމޭޝަން ބޭނުންކުރާތީއެވެ. މުއައްސަސާއަކަށް ވިސްނާލައިފިނަމަ އެ ތަނުގެ އޯރގަނައިޒޭޝަނަލް ސްޓްރަކްޗަރ މަތިންނާއި ތިރިން ފެންނުން މުހިންމެވެ. މި ބުނަނީ ކީކޭތޯއެވެ؟ މަތީފަޑީގައި ތިބޭ ވެރިންނަށް ދަށުން މަސައްކަތްކުރަމުންދާ މީހުންގެ ހާލަތާއި އެ މީހުންނަށް ކުރިމަތިވެފައި ހުރި ދަތިތައް ފެންނަ ވަރަކަށް ރަނގަޅު ނިންމުންތައް ވަގުތުއޮއްވައި ނިންމުމުގެ ފުރުސަތުލިބެއެވެ. އަދި ދަށުން މަސައްކަތް ކުރާ މީހުންނަށް މަތީގެ އޮބްޖެކްޓިވްސްއާއި ވިސްނުން ސާފުވި މިންވަރަކަށް އެކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރެވެއެވެ.

3. ގޯހެއް ހެދިއްޖެކަން އިނގޭ ހިސާބުން އެކަމެއް ރަނގަޅުކުރަން މަސައްކަތްކުރުން:

އުދުހެމުންދާ ފުރިހަމަ ”ވީ“ ފޯރމޭޝަނުން ނެއްޓި ވަކިވެގެންދާ ދޫންޏަށް ކުއްލިއަކަށް އެކަނި އުދުހުމުން ވައިގެ ފްރިކްޝަން ހުރި ބޮޑުމިން އިހްސާސްވެގެން ދެއެވެ. ކުރިން އުދުހެމުންދިޔަ ފަސޭހަކަމުގެ ބަދަލުގައި އުނދަގޫ ކަމެއް އިހްސާސްވެއެވެ. ވައި އަޅާ މިންވަރު ބާރުވެ އުދުހެން އުނދަގޫވެއެވެ. އަވަސް އަވަހަށް މިކަން އިސްލާހުކުރުމަށްފަހު، ފޯރމޭޝަނުގެ ތެރެއަށް ވަދެ ކުރިން ބުނެފައިވާ އަޕްލިފްޓުގެ ބޭނުންހިފައި އުދުހުން ކުރިޔަށްގެންދެއެވެ. އެއްވެސް މީހަކީ ސައްތައިންސައްތަ ކޮންމެ ދުވަހެއްގައި އޭނާކުރާ މަސައްކަތުގައި ދެއްކޭނެ މީހެއްނޫންކަން ގަބޫލުކުރަންޖެހެއެވެ. ގޯހެއް ހެދިއްޖެކަން އިނގޭ ހިސާބުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފަސްނުޖެހޭށެވެ. ވަރުބަލިވާ ހިސާބުން އެހީއަށް އެދެންވީއެވެ. ފަހަތަށް ނުޖެހި އެންމެނާއެކު ކުރިއަރައިގެން ދެވޭނީ މިގޮތަށް ވިސްނުމާއި ޢަމަލު ބަހައްޓައިގެންނެވެ.

4. އެކަކަށް ބަރޯސާނުވުން:

 ”ވީ“ ފޯރމޭޝަނުގެ އެންމެ ކުރީގައިވާ ދޫނި ވަރުބަލިވުމުން ފަހަތަށް އައިސް އެހެން ދޫންޏަކަށް ލީޑް ކުރުމަށް ހަވާލުކުރެއެވެ. މި ގޮތަށް މަސައްކަތް ކުރުމުން ލީޑަރ ވަރުބަލިވާ ހާލަތުގައި ވެސް އުދުހުން ހުއްޓާލާކަށް ނުޖެހެއެވެ. މީގެން ލިބިގެންދާ ފިލާވަޅަކީ ”އެންޕަވަރމަންޓް“ ނޫނީ މީހުން އުފެއްދުމެވެ. ތިމާ ނެތްތާނގައި ގުރޫޕް ލީޑް ކުރާނެ ދެވަނަ މީހަކު ހުންނަންޖެހެއެވެ. އެ މީހަކު އުފެއްދުން މުހިންމުވެފައި މަޖުބޫރެވެ. ތިމާ އަމިއްލައަށް ހުރިހާ ކަމެއް މައިކްރޯމެނޭޖް ކުރަން މަސައްކަތް ކޮށްފިނަމަ ހުލިވެގެން ދާކަށް މާ ގިނައިރުތަކެއް ނުނަގާނެއެވެ. ގްރޫޕެއްގެ ތެރޭގައި ތަފާތު ވައްތަރުގެ، ތަފާތު ހުނަރުތައް ލިބިގެންވާ މީހުން އުޅޭނެކަން ގަބޫލުކޮށް، އެ މީހުންނަށް ލީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން މުހިންމު ވަނީ މިހެންވެއެވެ.

5. އެންކަރޭޖްމަންޓް ނޫނީ ހިތްވަރުދިނުން:

 މި ދޫނި ބައިގަނޑު މަތިން އުދުހިފައި ދާތަން ބަލައިލުމުގެ ފުރުސަތު ލިބިފައިވާނަމަ އިރުއިރުކޮޅާ އެ ސޮރުމެންގެ އަޑުން ހަޅޭއްލަވާ އަޑު އިވޭނެއެވެ. އެ ކުރާ ކަމަކީ އެއް ދޫނި އަނެއް ދޫންޏަށް ހިތްވަރު ދިނުމުގެ ގޮތުން ގޮވުމެވެ. އަގެއްހުރި ކަމެއް ހާސިލުކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެތަކެއް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާނެއެވެ. ވަރުބަލިވާނެއެވެ. ހުއްޓާލަން ހިތް ބުނާނެއެވެ. މިފަދަ ދަނޑިވަޅުގައި އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ. ކާމިޔާބުގެ އައްސޭރިއަށް ދެވޭނެކަން ޔަގީނެވެ.

6. އެންމެ ފަހު ވަގުތާހަމައަށް ވެސް އެކުގައިވުން:

 އެތައް މޭލެއްގެ ދުރަށް އުދުހެމުން ދާއިރު ވަރުބަލިވެގެން ވެއްޓުން ނޫނީ ޝިކާރަވެރިއެއް ފޮނުވާލާ އުންޑައެއްގެ ޝިކާރައަށްވެ ވެއްޓުން މިއީ ހިނގާ ކަންތައްތަކެވެ. މިގޮތަށް ވެއްޓޭ ދޫންޏާއެކީ އިތުރު ދެ ދޫނީ ބިމުގައި ޖެހެންދެން ތިރިއަށް ފައިބައެވެ. ބިމަށް ވެއްޓުނު ދޫނި ރަނގަޅުވެގެން އުދުހި ގަންނަންދެން ނޫނީ މަރުވަންދެން ކައިރީގައި މަޑުކޮށްގެން ތިބެއެވެ. އެކަނި ވެއްޓެން ދޫކޮށްނުލަނީ އޮންނަ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުމުގެ ބޮޑުކަމުންކަން ޔަގީނެވެ. މިކަމުން އަޅުގަނޑުމެންނަށް ލިބިދެނީ އަގުހުރި ފިލާވަޅެކެވެ. ފަހުވަގުތާ ހަމައަށް ވެސް އެކަކު އެނެކަކުގެ އަތްދޫކޮށްނުލާށެވެ. އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް އެކުގައި ވާށެވެ.

ހަމަ ޔަގީނުން ވެސް މާތްﷲ މި ދުނިޔޭގައި ޚަލްޤުކުރެއްވި ކޮންމެ މަޚްލޫޤަކީ އެތަކެއް ޚާއްޞަ ސިފަތަކެއް ލިބިގެންވާ އެއްޗެކެވެ. ވިސްނާ ފިކުރުކުރި ބަޔަކަށް ހީ ވެސް ނުކުރާ އަގުހުރި އެތައް ފިލާވަޅުތަކެއް ކުޑަކުޑަ ހިންޏެއްގެ ފަރާތުން ވެސް ލިބިގެންދާނެއެވެ. އިސްވާރުކަމުގެ ފިލާވަޅުތަކަކީ ހަމައެކަނި އަސްކަރީ ވަރުގަދަ ޝަހްސިއްޔަތުންގެ ހަޔާތުގެ ސަފުހާތަކުން ލިބޭނެ އެއްޗެއް ނޫނެވެ. މި ދޫނިތަކުގެ ފަރާތުން ވެސް ލިބިގެން މިދަނީ ދަތި އުނދަގޫ ކަންކަން ހާސިލުކުރުމަށް ޓަކައި ވިސްނުމާއި ޢަމަލުތައް ބަހައްޓަންވީ ގޮތުގެ އަގުހުރި ފިލާވަޅުތަކެއް ނޫންތޯއެވެ. އަގެއް ހުރިކަމެއް ހާސިލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ޝެއަރކުރެއްވުމަށް