2019 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ މާލޭގައި ފަހަކަށް އައިސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އަށް ލިބުނީ އެރޭގެ 19:26 ގައެވެ. އެ ފޯނުކޯލް ލިބުނުތާ 6 މިނިޓުގެ ތެރޭގައި ފަޔަރ ފައިޓަރުންގެ ފުރަތަމަ ޓީމު އެ ސަރަޙައްދަށް ގޮސް އޮޕަރޭޝަން ފެށިއެވެ.
އެ ހާދިސާގައި އެކަކު ނިޔާވެ 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. ވަރުގަދައަށް ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑާއި އަރަމުންދިޔަ ބޯ ކަޅު ދުންތަކުގެ ތެރޭގައި ނުނިކުމެވި ތާށިވެފައި ތިބި އެތައް ބަޔަކު ސިފައިންގެ ހިތްވަރުގަދަ ފަޔަރ ފައިޓަރުން އަލިފާންގަނޑުގެ ތެރެއަށް ވަދެގެން ސަލާމަތް ކުރިއެވެ. 4 ގުދަނަކާއި 6 ގެއެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔައެވެ.
އަލިފާންގަނޑު ފެތުރެމުން ދިޔަގޮތް
އަލިފާން ނިއްވަން ފުރަތަމަ ދިޔަ ސިފައިން، އެ ސަރަޙައްދަށް ދިޔައީ އާދަކާދައިގެ މަތިން ރެޕިޑް އިންޓަރވޭޝަން ފަޔަރ ވެހިކަލްގައެވެ. ސައިޓަށް ވަނުމުގެ ކުރިން އަލިފާންގަނޑާއި އަރަމުންދިޔަ ބޯ ދުންގަނޑު ފެނުމާއެކު އެ އަލިފާނަކީ ބޮޑު އަލިފާނެއް ކަމަށާއި އިތުރު ބެކަޕް ބޭނުންވާނެކަން ކޮންޓްރޯލް ރޫމަށް އެންގިއެވެ. ވަގުތުން ފަޔަރ އެންޑް ރެސްކިޔު ސާރވިސް ހައި އެލާޓަށް ގެނެވުނެވެ. ސިފައިންގެ މަރުކަޒުތައް ވެސް ތައްޔާރީ ހާލަތަށް ގެނެވުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަޔަރ ފައިޓަރުންގެ އިތުރު ޓީމުތައް އެ ސަރަޙައްދަށް ދިޔައެވެ.
ފުރަތަމަ އަލިފާން ރޯވީ ހ.ތިލަފުށީގޭގެ ގުރައުންޑް ފްލޯރގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއްގައެވެ. ޓިނުން ހަދާފައިވާ ގުދަނުގައި ރޯވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ފެތުރިގަތެވެ. ކައިރީގައި ހުރި ގެތަކާއި ގުދަންތަކުގައި އަލިފާންގަނޑު ހިފިއެވެ. މަގުމަތީގައި ޕާކު ކޮށްފައިހުރި ސައިކަލްތަކުގައި ރޯވެ މަގުތައް ބަންދުވިއެވެ. ބާރު ގޮވުންތަކާއެކު އަލިފާންގަނޑު އަދަމުންދިޔަ ބިރުވެރި އަޑާއެކު އިވެމުން ދިޔައީ މީހުންގެ ރުއިމުގެ އަޑެވެ. އުސް އިމާރާތްތަކުގައި އަލިފާން ރޯވެ އަނދަމުން ދިޔަގޮތުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާނެކަމަށް ގިނަ ބަޔަކު ހީކުރިއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމާއި މީހުން ސަލާމަތްކުރުން
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިން އެ ސަރަޙައްދަށް ދިޔުމާއެކު ހ.ރަދުވާނިޔާ ކިޔާ ގޭގެ އެކިއެކި ފުލޯތަކުގައި ނުނިކުމެވި ތާށިވެފައި މީހުން ތިބިކަން އެނގުނެވެ. ފުރަތަމަ އަލިފާން ރޯވި ކެމިކަލް ގުދަނުގެ ކުރިމަތީގައި ހުރި އެ ގޭގައި އަލިފާން ރޯވެ އެކިއެކި މަތީ ފުލޯތަކަށް އަލިފާން ފެތުރި އޭރު ބާރަށް އަނދަމުން ދަނީއެވެ.
އޭރު އެ ސަރަޙައްދުގައި ހުރި އެހެން ގެތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި ސިފައިންނާއި ފުލުހުން ދިޔައީ ކުރަމުންނެވެ. އަލިފާން ނިންވަން މަސައްކަތްކުރި ސިފައިން އެންމެ މުހިންމު ކަމެއް ކަމަށް ދެކުނީ ރޯވެ އަދަމުން ދިޔަ އިމާރާތްތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމެވެ. އެ ނުރައްކާތެރި ވަގުތު، އަލިފާން ރޯވެފައިވާ 4 ގުދަނާއި 6 ގޭގެ އިތުރުން އެހެން ގެތަކަށް އަލިފާން ފެތުރުނަނުދިނުމަށް ތިން ދިމާލަކުން ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުންދިޔައިރު ރޯވެފައިވާ ރަދުވާނިޔާ ކިޔާ ގެއަށް ވަދެ މީހުން ސަލާމަތްކުރުމަށް ސާރޗް އެންޑް ރެސްކިއު ޓީމަކުން ދިޔައީ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ މަސައްކަތް ކުރަމުންނެވެ. މި ޓީމުން ހަ މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ގަދަ ހޫނަށާއި ބޯ ކަޅު ވިހަ ދުމަށް ނުބަލައި ބެލުމެއް ނެތި ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޤުރުބާނީއަށް ގިނަ ބައެއްގެ ތަޢުރީފު އޮހެމުންދިޔައެވެ.
އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރުމަށާއި އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކުރި ޓީމުތައް ފަޔަރ ފައިޓް ކުރުމަމުން ގެންދިޔައީ ރޯވެފައިވާ އިމާރާތްތައް ހުރި ކޮށީގެ ދެކުނު ފަރާތުންނާއި ހުޅަނގު ފަރާތުންނާއި އުތުރު ފަރާތުންނެވެ. ދެކުނު ފަރާތާއި ހުޅަނގު ފަރާތުގައި ސިފައިންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދިޔައިރު، ސިފައިންގެ ކޮމާންޑުގެ ދަށުން އުތުރު ފަރާތުގައި ހަރަކާތްތެރިވަމުން ދިޔައީ ސިފައިންނަށް އެހީތެރިވަމުން އައި މޯލްޑިވްސް އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ފަޔަރ ފައިޓަރުންނެވެ.
މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔައިރު ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެ ސަރަޙައްދަށް ވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް އެ ސަރަޙައްދަށް ވަޑައިގެން އެ އޮޕަރޭޝަން ހިނގަމުން ދިޔަގޮތް ބައްލަވައި، މަޢުލޫމާތު ސާފުކުރެއްވިއެވެ.
އެންމެ ހިތާމަވެރި ޚަބަރު
މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއިން ނުނިކުމެވި ތާށިވިކަމަށް މަޢުލޫމާތު ލިބުނު އެންމެން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން، އިތުރު މީހަކު ރަދުވާނިއާ ކިޔާ ގޭގެ ތިންވަނަ ފްލޯގައި ހުރި ކަމުގެ މަޢުލޫމާތު ސިފައިންނަށް ލިބުނެވެ. އެއީ ތ.ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47 އެވެ. އެ ހިސާބުން ޝައުނާ ފުރާނަހައިގެން ސަލާމަތް ކުރެވޭތޯ ސިފައިންނަށް ކުރެވެމުން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. އެއްވެސް އަލިކަމެއްނެތް ކަނުއަދިރީގައެވެ. ބޯ، ވިހަ، އޮލަ ދުންގަނޑުގެ ތެރޭގައި ގަދަ ހޫނުގައެވެ. އަލިފާނުގެ ސަބަބުން އަނދައިފައިވާ ތަނުން ކޮންމެ ފަދަ އެއްޗެއް ވެސް ބޯމައްޗަށް ވެއްޓިދާނެ ކަމަށް ހީވާ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ.
އެ ހާލަތުގައި ވެސް އެތައް ފަހަރަކު ޝައުނާ ހުރި ކަމަށް އާއިލާއިން ބުނާ ފުލޯއަށް ފަޔަރ ފައިޓަރުންގެ ސާރޗް އެންޑް ރެސްކިޔު ޓީމުތައް އަރައިގެން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހަވަނަ ފަހަރަށް ވަން ޓީމަށް ފެނުނީ އަލިފާނުގެ ސަބަބުން އަނދާފައިވާ ތަކެތީގެ ދަށުވެފައި އޮތް ފުރާނަނެތް ޝައުނާގެ ހަށިގަނޑެވެ.
ސިފައިންނަށް އޮހުނު ތަޢުރީފު
އެންމެ މީހެއްގެ ފުރާނަ ގެއްލުމަކީ ވެސް ވަރަށް ބޮޑު ހިތާމައެކެވެ. އެހެންނަމަވެސް އަލިފާންގަނޑު ރޯވެ ފެތުރުނު ގޮތާއި މީހުން ތާށިވެ ޢިމާރާތްތަކުން ނުނިކުމެވިފައި ތިބި ގޮތާއި އެ ހާލުގައި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު މި ހާދިސާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާފަދަ ހާދިސާއެކެވެ. މި ހާދިސާއާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަންގައި ސިފައިންގެ ހިތްވަރުގަދަ ފަޔަރ ފައިޓަރުން ކުރި ޖެހިލުންކުޑަ ބުރަ މަސައްކަތަށް އާންމުންގެ ތަޢުރީފުތައް އޮހުނެވެ. ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ ވެސް އެކަން ފާހަގަ ކުރެއްވިއެވެ. ދިފާޢީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް ވެސް ސިފައިނަށް ތަޢުރީފާއި ޝުކުރު ދެންނެވިއެވެ. މި އޮޕަރޭޝަންގައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި ދައްކައިދިން އެއްބައިވަންތަކަން ފާހަގަ ކުރައްވައި ޝުކުރު ދެންނެވިއެވެ.
