ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގެތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު، 2019 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެ ރޭ 19:26 އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮންޓްރޯލް ރޫމުގެ 118 ނަންބަރު ފޯނަށް ގުޅައި ފުރަތަމަ ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ނާޝިދު އަޙުމަދެވެ. އޭގެފަހުން އެ ހާދިސާއާ ގުޅޭ އެތައް ކޯލެއް އެ ނަންބަރަށް ލިބެމުންދިޔައެވެ. ހާދިސާގެ ބޮޑުކަމާއި ނުރައްކާތެރިކަން ހަމައެކަނި އެ ކޯލްތަކުން ވެސް އެނގުނެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ހުރިހާ ފޯސްތައް ވަގުތުން ހައި އެލާޓަށް ގެނައެވެ. މާލޭގައި ހުރި ސިފައިންގެ ހުރިހާ މަރުކަޒެއް ވެސް ތައްޔާރީ ހާލަތަށް ގެނައެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވުމަށް ކުރެވުނު ބުރަ މިންނަތް މަސައްކަތާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މި އަލިފާނުގެ ހާދިސާގައި، ރޯވެ އަނދަމުންދިޔަ ހ.ރަދުވާނިއާ ކިޔާގޭގައި ހަ މީހަކު ތާށިވެ، ނުނިކުމެވިފައިވަނިކޮށް އެ މީހުން ސަލާމަތް ކުރުމަށް ސިފައިންގެ ފަޔަރ ފައިޓަރުން އެ މީހުންގެ ފުރާނައަށް ބެލުމެއްނެތި ހިންގި ނުރައްކާތެރި އޮޕަރޭޝަނެވެ.
އޭރު އަލިފާންގަނޑު ދިޔައީ ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންނެވެ. މުޅި މާހައުލަށް ވެރިވެފައި އޮތީ ބިރުވެރިކަމާއި ހާސްކަމެވެ. އެހެނަސް، އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ވަރަށް ބޮޑު ރިސްކެއްނަގައި، އެ ހާލަތާއި ވަގުތާ ގުޅޭގޮތުން އަވަސް ގޮތްތަކެއް އެ ދަނޑިވަޅުގައި ސިފައިންނަށް ނިންމަންޖެހުނެވެ. އެހެންކަމުން، ގަދަޔަށް އަލިފާން ރޯވެފައިވާ އިމާރާތުގެ ތެރޭގައި ތާށިވެ، ބޭރަށް ނުނިކުމެފައި ތިބި މީހުން ސަލާމަތްކުރުމަށް ފަޔަރފައިޓަރުންގެ ސާރޗް އެންޑް ރެސްކިޔު ޓީމެއް ނަގައި ވަގުތުން މަސައްކަތް ފެށިއެވެ. ފަޔަރ ފައިޓަރުން، ފުލް ޕްރޮޓެކްޓިވް ގިޔާރގައި ތައްޔާރުވެ، މީހުން ތާށިވެފައިތިބި ތަންތަން ޕޮއިންޓްކޮށް، ރޯވެ އަނދަމުން ދިޔަ އިމާރާތުގެ އެތެރެއަށް ވަންނަން ފެށިއެވެ. ހަތަރު މީހުން ކުރޫހަދައި، ޗާޖުކޮށްފައިވާ ފެން ހޮޅިއާއެކު، އިންސިޑެންޓް ކޮމާންޑަރުގެ ބެލުމުގެ ދަށުން ރޯވެފައި ހުރި އިމާރާތުގެ އެތެރެއަށް ވަންނަމުން ދިޔައީ އަމިއްލަ ފުރާނައަށް ބެލުމެއްނެތިއެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އިންސިޑެންޓް ކޮމާންޑަރަކަށް ހުންނެވީ ވޮރަންޓް އޮފިސަރ 2 އަޙްމަދު ނަޝީދެވެ.
އަލިފާންގަނޑު މައިތިރިކުރަމުން އިމާރާތުގެ ފްލޯތަކަށް އަރައި، މީހުން ސަލާމަތް ކުރަން ޖެހުނީ ވަރަށް ނުރައްކާތެރި މާހައުލެއްގައެވެ. ބޯ، ކަޅު ދުމާއި، ގަދަ ހޫނާއި، ކަނު އަނދިރިކަމާއި ވިހަ ދުމުގެ ތެރޭގައެވެ. އެ ނުރައްކާތެރި ވަގުތުގައި އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އިންސާނިއްޔަތުކަން އިސްކޮށްގެން މަސައްކަތްކުރި ޓީމުގައި ހިމެނޭ ސާޖަންޓް އަޙްމަދު ފަޒީލާއި، ސާޖަންޓް އަޙްމަދު ސަޢީދާއި، ކޯޕްރަލް އަޙްމަދު އަނަސް ޒަކީ ވަނީ ހ.ރަދުވާނިއާގެ ދެވަނަ ފްލޯއިން ހަތަރު މީހުން ސަލާމަތްކޮށްގެން ބޭރަށް ނެރެދީފައެވެ. އޭގެފަހުން ސާޖަންޓް އަޙްމަދު ފަޒީލާއި ކޯޕްރަލް އަޙްމަދު ހިޝާމް ވަނީ އެގޭގެ ހަތަރުވަނަ ފްލޯއަށް އަރައި، އިތުރު ދެ މީހަކު ސަލާމަތްކޮށްގެން ބޭރަށް ނެރެދީފައެވެ. ޖެހިލުންކުޑަ ސިފައިންގެ ފަޔަރ ފައިޓަރުންގެ އާދަޔާ ޚިލާފު ބުރަ މަސައްކަތުން ސަލާމަތްކޮށްދިން މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
މި އޮޕަރޭޝަންގައި ސްޓާފް ސާޖަންޓް މުޙައްމަދު ވާސިފާއި، ސާޖަންޓް މަޙްފޫޒް ޢަބްދުއްރަޝީދާއި، ކޯޕްރަލް އިބްރާހީމް ނާޒިފާއި، ކޯޕްރަލް ޢަބްދުﷲ ރަޝީދާއި، ކޯޕްރަލް ޢަބްދުއްރަޝީދު މުޙައްމަދާއި، ލާންސް ކޯޕްރަލް ނަޞްރުﷲ ޢަލީ އާއި ޕްރައިވެޓް އިބްރާހީމް އިމްތިޔާޒާއި، ޕްރައިވެޓް އިސްމާޢީލް ރިޙްސާން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޢިމާރާތުގައި މީހަކު ތާށިވެ ނުނިކުމެހުރިތޯ ބެލުމަށް އަލިފާން ރޯވި ޢިމާރާތްތަކަށް ވަދެ ކުރި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މި ބޭކަލުންގެ ތެރޭގައި ދެ ފަހަރާއި އަށް ފަހަރާ ދެމެދުގެ އަދަދަކަށް އިމާރާތުގެ އެތެރެއަށްވަދެ މަސައްކަތް ކުރުމުގެ އިތުރުން، މީހުން ސަލާމަތް ކުރުމުގައި އެހީތެރިވެ ދީފައިވެއެވެ.
މީހުން ސަލާމަތްކުރުމަށް ސިފައިން ހިންގި މި ނުރައްކާތެރި އޮޕަރޭޝަނުގައި، ނެރުނު މީހުން ހޮސްޕިޓަލަށް ގެންދަމުން ދަނިކޮށް ލިބުނު ޚަބަރަކީ ހ.ރަދުވާނިއާ ގޭގެ ތިންވަނަ ފްލޯގައި އަންހެނަކު ވީ ޚަބަރެވެ. އެއީ ތ.ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާއެވެ. އޭނާ ފޯނުކޮށް ނިކުމެވޭނެ ގޮތެއްނެތި ތާށިވެފައި ހުރިކަމަށް ބުނެފައިވާ ކަމަށާއި ފަހުން ފޯނަށް ނުގުޅޭ ކަމަށް އާއިލާއިން މަޢުލޫމާތު ދިނެވެ. އެ ޚަބަރު ލިބުމަށްފަހު ހިނގަމުންދިޔަ ކޮންމެ ސިކުންތަކީ ސިފައިންނަށް ވަރަށް މުހިންމު ސިކުންތެއްކަން އެނގުނީ ސިފައިންގެ ހަރަކާތްތަކުންނެވެ. ހާސްކަމާއި ކަންބޮޑުވުން އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދިޔަ އެ ނާޒުކު ދަނޑިވަޅުގައި އިންސިޑެންޓް ކޮމާންޑަރުގެ އޯޑަރަށް ސިފައިންގެ ފަޔަރ ފައިޓަރުން އިމާރާތުގެ އެތެރެއަށް ވަންނަން ދުއްވައިގަތެވެ.
އެ ނުރައްކާތެރި ވަގުތުގައި ޝައުނާ ސަލާމަތްކުރުމަށް ޓަކައި، އަމިއްލަ ފުރާނައަށް ނުބަލައި، ފަޔަރ ފައިޓަރުން ތިބީ އިމާރާތުގެ އެތެރެއަށް ވަދެގަންނަން ކެތްމަދުވެފައެވެ. މިގޮތުން، އެކި ފަހަރުމަތިން ޝައުނާ ހުރި އިމާރާތަށް ސަރޗް އެންޑް ރެސްކިޔު ޓީމްތައް އަރައި، ޝައުނާ ފެނޭތޯ ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައެވެ. ރޯވެފައި ހުންނަ އިމާރާތްތަކުގެ ތެރެއަށް ވަނުމަށް ފަޔަރފައިޓަރުން ބޭނުންކުރާ ޝޫޓާއި އާލާތްތަކަކީ، ވެސް ވަކި ވަރަކަށް ހޫނުވުމުން ހުޅުހިފާ ތަކެއްޗެވެ. ނޭވާލުމަށް ބޭނުންކުރާ ބީއޭ (ވައިފުޅި) އަކީ ވެސް ވަކި ވަގުތަކަށް ބޭނުންކުރެވޭ އެއްޗެކެވެ. އެހެންކަމުން، ޓީމަކަށް ފަހު ޓީމެއް ފަސް ފަހަރެއްގެ މަތިން އިމާރާތުގެ ތެރެއަށް ވަދެ، ޝައުނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެހެނަސް، ރޯވެފައިހުރި އަލިފާންގަނޑުގެ ވަރުގަދަކަމުންނާއި، އަލިފާނުގެ އަސަރުކޮށްގެންނާއި އަނދައިގެން އިމާރާތުގެ އެކި ދިމަދިމާއަށް ފައިބާފައި ހުރި ބައިތަކާ ހެދި، އެ ހޫނުގަދަ އަލިފާނާއި، ބޯ ދުންގަނޑާއި ކަނު އަދިރީގެ ތެރޭގައި ޝައުނާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން، ޝައުނާގެ ފުރާނަނެތް ހަށިގަނޑު ފެނުނީ، ހަވަނަ ފަހަރަށް އެ ގޭގެ ތިންވަނަ ފުލޯއަށް އެރި ސާޖަންޓް ޢަލީ ރިޟްވީން އާއި ސާޖަންޓް ޙުސައިން އަންވަރާއި ކޯޕްރަލް ޝަހުދާން ނަސީމުގެ ޓީމަށެވެ.
މާތް ﷲ، އެ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
