2019 އޮގަސްޓް 29 ވީ ބުރާސްފަތި ދުވަހަކީ ރާއްޖޭގެ ތާރީޚުގައި ކަޅު އަކުރުން ލިޔެވިގެންދިޔަ ހިތާމަވެރި ދުވަހެކެވެ. އެ ދުވަހު ދިހަ މީހުންނާއެކު ހދ.ނޮޅިވަރަންފަރުން ފުރައިގެން، ހދ.ހަނިމާދޫއަށް ދަތުރުކުރި ”އައި ސްޕީޑް“ ކިޔާ ލޯންޗު ވަނީ، ހަނިމާދޫއަށް ވަންނަން އުޅުމުގެ ތެރޭގައި ބަނޑުން ޖަހާލާފައެވެ. މި ހާދިސާގައި އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހުން ނިޔާވިއެވެ. މި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނުނުއިރު ތިން އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. މި ހާދިސާގައި ނިޔާވީ ހއ. ނޮޅިވަރަންފަރު އަހިމާގޭ، 3 އަހަރުގެ އީރާ ޙަސަން ޝިފާޒާއި، އޭނާގެ މަންމަ، 30 އަހަރުގެ ފާތިމަތު ޤުރައިޝާއާއި، ޤުރައިޝާގެ ބައްޕަ، 55 އަހަރުގެ ޙުސައިން ޢަބްދުﷲއާއި މަންމަ، 48 އަހަރުގެ މަރިޔަމް މައުސޫމެވެ. މީގެ އިތުރުން މި ހާދިސާގައި ނިޔާވީ، 51 އަހަރުގެ ޢައިޝަތު ޢަލީއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓުގެ ސިފައިންނެވެ. ހަނިމާދޫ ޕޯސްޓްގެ ސިފައިންނަށް މި ޚަބަރު ލިބުނީ  ބަންޑުން ޖަހާލި ލޯންޗުގެ ކެޕްޓަން، ފަތާފައި ހަނިމާދޫއަށް އަރައި ސިފައިންނަށް އެ މަޢުލޫމާތު ދިނުމުންނެވެ.  ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކޮށް، ޖާނާއި ފުރާނައިން ޤުރުބާންވުމަށް ތައްޔާރަށް ތިބި ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ.

ހާދިސާގެ މަޢުލޫމާތު ލިބުން

އެ ދުވަހަކީ، މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ އިދާރާއިން ހަނިމާދޫ ހިމެނޭ ސަރަޙައްދަށް ލެޔޯ އެލާޓް ނެރެފައިވާ ދުވަހެކެވެ. ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެގެން ފެންހިއްކުމުގެ އޮޕަރޭޝަނަކަށް ހަނިމާދޫން ސިފައިން ދިއުމަށް ހާބަރ ކްރާފްޓް ލޯންޗަށް ޕަންޕުތައް އަރުވައި، އޮތީ ތައްޔާރުކޮށްފައެވެ.

ވަގުތަކީ ހަނިމާދޫ ޕޯސްޓުގެ ސިފައިން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުންދިޔަ ވަގުތެވެ. އެ ޕޯސްޓުގެ އިންޗާޖު، ފަސްޓް ސާޖަންޓް ޢަބްދުލް ޣަފޫރު ހުރީ ފެންޑާގައެވެ.

”ކުއްލިއަކަށް އިވުނީ މީހަކު ހަޅޭއްލަވާ އަޑު، ފެންޑާ ދޮރުގައި ތަޅާ އަޑު، އަޅުގަނޑު ވަގުތުން ނިކުތީ ފެންޑާއިން ބޭރަށް، ނިކުތްއިރު އަޅުގަނޑަށް ފެނުނީ ހުސްގަޔާ ހުރި ފިރިހެނެއް“ މި ހިތާމަވެރި ހާދިސާ، ހަފުތާ އައްޑަނައަށް ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ. އެ މީހާ ފެނުމާއެކު ވެސް ބޮޑުކަމެއް ހިނގައިފިކަމުގެ އިޙްސާސް ކުރެވުނެވެ. ”ހެޔޮނުވާނެ، އަަހަންނަށް އެހީވެދީ، ލޯންޗު ބަނޑުން ޖަހާލައިފި“ ލޯންޗުގެ ކެޕްޓަން ސިރާޖު އަދުނާނު ގޮވަމުން ދިޔައެވެ. އޭނާގެ ކައިރީ ހަމަޖެހޭށޭ ބުނުމަށްފަހު ފަސްޓް ސާޖަންޓް ޢަބްދުލް ޣަފޫރު ދުއްވައިގަތީ މެސްރޫމަށެވެ. މެސްރޫމްގައި ކެއުމަށް އިންސާފު ކުރަމުންދިޔަ ސިފައިންނަށް ޚަބަރު ދިނުމާއެކު ވަގުތުން ހުރިހާ ސިފައިން ދުއްވައިގަތީ މީހުން ސަލާމަތްކުރަން ދިއުމަށެވެ. އެއްބަޔަކު ވަގުތުން ގޮސް، އަތިރިމަތީގައި އޮތް ޑިންގީއަށް އެރިއިރު، އަނެއްބަޔަކު ލައިފް ރިންގާއި، ފިންސާއި މާސްކުތައް ހިފައިގެން އައިސް ޑިންގީއަށް އެރިއެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގައި ޖާނާއި ފުރާނައިން ޤުރުބާންވުމަށް ހުވައިކޮށްގެންތިބި ސިފައިން، ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށުން

މި ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ދިޔަ ފުރަތަމަ ޓީމު ދިޔައީ ހަނިމާދޫ ޕޯސްޓުގެ ސިފައިން ބޭނުންކުރާ ކުޑަ ޑިންގީއެއްގައެވެ. އަތިރިމަތީގައި އޮތް މި ޑިންގީގައި މީހުން ސަލާމަތް ކުރުމަށް ދިޔަ ފުރަތަމަ ޓީމުގައި ހިމެނޭ ތިން ބޭކަލުންނަކީ، ސާޖަންޓް ޢަބްދުﷲ ސުޖާޢު، ސާޖަންޓް ޢަލީ އަކްރަމް އަދި ސާޖަންޓް އިބްރާހީމް މުޙައްމަދެވެ. ސިފައިންގެ ބޭކަލުންނާއެކު، ބަންޑުންޖަހާލި ލޯންޗުގެ ކެޕްޓަން ވެސް މި ޑިންގީގައި ގެންދިޔައެވެ. މި ޑިންގީގައި ސިފައިންގެ ބޭކަލުން ނައްޓާލިއިރު ބޯކޮށް ވާރޭވެހެއެވެ. ތަނެއް ދޮރެއް ވަކި ނުވެއެވެ. އެހާމެ ވައިގަދައެވެ. ރާޅު ބޮޑެވެ. އެހެން ނަމަވެސް، އަނގަމަތި ކުޑަކުޑަ ޑިންގީގައި ސިފައިން އައުޓްބޯޑް ކުޑަކުޑަ އިންޖީނެއްގެ އެހީގައި ދަތުރަށް ފުރިއެވެ. ހާދިސާ ހިނގި ސަރަޙައްދަށް ވީހާވެސް އަވަހަކަށް ގޮސް މީހުން ސަލާމަތް ކުރުމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ޑިންގީ ފުރުވާލުމަށްފަހު، ހަނިމާދޫ ޕޯސްޓުން މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒަށް ވަނީ ދީފައެވެ. މީގެ އިތުރުން، ހަނިމާދޫ ކައުންސިލް އިދާރާއަށާއި، ޕޮލިސް ސްޓޭޝަނަށާއި ޞިއްޙީ މަރުކަޒުގެ ސަމާލުކަމަށް ވެސް މިކަން ގެނައެވެ. ހަމައެއާއެކު، ހަނިމާދޫ ޕޯސްޓުގައި ބޭނުންކުރާ ވެހިކަލްތައް ތައްޔާރީ ހާލަތަށް ގެނައެވެ. ފެންހިއްކުމުގެ މަސައްކަތަށް ނޮޅިވަރަންފަރަށް ދިއުމަށް ތައްޔާރުކޮށްފައި އޮތް ހާބަރ ކްރާފްޓް ލޯންޗު ހާދިސާ ހިނގި ސަރަޙައްދަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ހާދިސާ ހިނގި ސަރަޙައްދަށް ދިއުން

މި ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ހަނިމާދޫ ޕޯސްޓުން ޑިންގީގައި ދިޔަ ސިފައިންނަށް ބަނޑުން ޖަހާލާފައިވާ ލޯންޗު ފެނުނީ ހަނިމާދޫ ދެކުނުކޮޅުގެ ބޭރުން ގާތްގަނޑަކަށް 500 މީޓަރު ދުުރުންނެވެ. އޭރު ލޯންޗު އޮތީ ޖެހެމުންދިޔަ ބާރު ވަޔާއި އޮޔާއި ބޮޑެތި ރާޅުތަކާއެކު ހަނިމާދޫގެ ފަޅުގެ ވިލުގެ ތެރެއަށް ވަދެފައެވެ. އޭރު ބަންޑުން ޖަހާލާފައިވާ ލޯންޗުގެ މަތީގައި ތިން މީހަކު ތިބިއިރު، އިންޖީނުގައި ހިފަހައްޓައިގެން ވެސް ދެ މީހަކު ތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ، ތިން ފިރިހެނުންނާއި ދެ އަންހެނުންނެވެ. މި މީހުން ފެނުމާއެކު ލައިފް ރިންގާއެކު ސާޖަންޓް އިބްރާހިމް މުޙައްމަދު ފުންމާލިއެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި ފަތާފައި އޭނާ އެ މީހުންގެ ކައިރިއަށް ދިޔައެވެ. އޭރު ބަނޑުން ޖަހާލާފައިވާ ލޯންޗާ ގާތްގަނޑަކަށް 200 މީޓަރު ދުރުން، މީހަކު އޮޔާދާތަން ޑިންގީގައި ހުރި ސާޖަންޓް އަކްރަމަށް ފެނުނެވެ. އެވަގުތު ޑިންގީގެ މިސްރާބު ބަދަލުކުރީ އޮޔާދާ މީހާ ސަލާމަތް ކުރުމަށެވެ.

މީހުން ސަލާމަތް ކުރުން

ބަނޑުން ޖަހާލާފައިވާ ލޯންޗުގައި ހިފަހައްޓައިގެން ތިބި ފަސް މީހުންގެ ފުރާނަ ސަލާމަތްކޮށް، އެއްގަމަށް ގެންދިއުމުގައި ސާޖަންޓް އިބްރާހިމް މުޙައްމަދު ދިޔައީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. އޭނާގެ އަތުގައި އޮތް ރިންގު، މި ހަތަރު މީހުންގެ ތެރެއިން އަންހެނަކަށް ދީފައި އޭނާ މަސައްކަތް ކުރީ، ބަންޑުން ޖަހާލާފައިވާ ލޯންޗުގެ އަޑިއަށް ގޮސް ލޯންޗުގެ އަޑީގެ ތެރޭގައި މީހަކު ތާށިވެފައި ވޭތޯ ބެލުމަށެވެ. އެހެން ނަމަވެސް، ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ސަބަބުން އެކަން ކުރެވޭގޮތެއް ނުވިއެވެ. ދެން، އަވަސްވެގަތީ ފެންމަތީގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކޮށް ވީހާ ވެސް އަވަހަކަށް އެއްގަމަށް ގެންދެވޭތޯއެވެ. ރިންގުގައި ފަހަރަކު މީހަކު ނަމަވެސް އެއްގަމަށް ގެންދެވޭތޯ މަސައްކަތްކުރީ އެ މީހުން އޭރު ތިބި ހާލަތުގެ ސަބަބުންނެވެ. އެހެންނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. ހާދިސާގައި ލިބިފައިވާ ޝޮކުގެ ސަބަބުން ރިންގު އަޅުވައިގެން އޮތް މީހާ އެއްގަމަށް ގެންދިއުމަށް އިންކާރު ކުރިއެވެ. އޭނާ ބޭނުންވީ، އެންމެން އެއްކޮށް އެއްގަމަށް ދާށެވެ. އެހެން ނަމަވެސް، އެއީ އެ ހާލަތުގައި ކުރެވޭނެ ކަމެއް ނޫންކަމެއްކަން ސާޖަންޓް އިބްރާހީމް މުޙައްމަދަށް ވިސްނުނެވެ. ހަމައެއާއެކު ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި މަޑުކޮށްފިނަމަ، އާންމު ރައްޔިތެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޭނާގެ ހިތުގައި ދިޔައީ ބޮޑުވަމުންނެވެ. އެންމެފަހުން އެ ނުރައްކާތެރި ހާލަތުގައި އެ އަންހެން މީހާއާ ވާހަކަދައްކައި، އެއްބަސް ކުރުވައިގެން އޭނާއާއެކު އެއްގަމަށް ފަތައިގަތީއެވެ. އެ އަންހެން މީހާއަށް ފަހު، ދެން ތިބި ހަތަރު މީހުން ވެސް އެއްގަމަށް ގެންދިޔައީ ލައިފް ރިންގުގެ އެހީގައެވެ.

މި ހިތާމަވެރި ހާދިސާގައި މޫދުގައި ތިބި ފަސް މީހުން، ސިފައިންގެ ބުރަ މަސައްކަތުން އެއްގަމަށް އެރުވުމުގެ މަސައްކަތް ކުރަމުން ދިޔައިރު ބަންޑުން ޖަހާލާފައިވާ ލޯންޗު ދިޔައީ ގޮނޑުދޮަށަށް ލައްވަމުންނެވެ. އެވަގުތު ޖެހި ބިޔަ ރާޅަކާއެކު، ލޯންޗުގެ ތެރެއިން އަންހެނެއްގެ ހަށިގަނޑު ބޭރަށް ނިކުތެވެ. ޕެޓްރޯލް އެޅިފައި އޮތް އެ އަންހެން މީހާގެ ހަށިގަނޑު ވަގުތުން ނަގައި، އެއްގަމަށް ގެންދިޔައެވެ.

އޭރު ހަނިމާދޫ ޕޯސްޓްގެ ސިފައިން ދިޔައީ، އެއްގަަމަށް ގެންނަމުންދިޔަ މީހުންނަށް ސީޕީއާރު ދެމުން، ވެހިކަލްތަކަށް އަރުވައި، ޞިއްޙީ އަވަސް ފަރުވާއަށް، ޞިއްޙީ މަރުކަޒަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ޞިއްޙީ މަރުކަޒަށް މީހުން ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވީ، ފަސްޓް ސާޖަންޓް ޣަފޫރުގެ އިތުރުން، ސްޓާފް ސާޖަންޓް މަސްޢޫދު ހަނީފެވެ.

އޮޔާދިޔަ މީހުން ހޯދުން

އޮޔާދިޔަ މީހުން ހޯދުމުގެ މަސައްކަތުގައި ފުރަތަމަ ހަރަކާތްތެރިވީ ޑިންގީގައި ތިބި ސާޖަންޓް ޢަލީ އަކްރަމާއި ސާޖަންޓް ސުޖާޢުއެވެ.  ތިން މީހެއްގެ ހަށިގަނޑު، އެ މީހުންނަށް ފެންމަތިން ފެނުނެވެ. ފުރަތަމަ ފެނުނީ އެއްވެސް ހަރަކާތެއްނެތް ދެ މީހުންނެވެ. މި މީހުން ފެނުމާއެކު ސާޖަންޓް ސުޖާޢުއާ، ޑިންގީ ދުއްވަން ޙަވާލު ކުރުމަށްފަހު، ސާޖަންޓް އަކްރަމް އެ މީހުން ސަލާމަތް ކުރުމަށް މޫދަށް ފުންމާލިއެވެ. އެއްވެސް ހަރަކާތެއްނެތް ދެ މީހުންގެ ހަށިގަނޑުގައި ވާޖަހައި، އެ މީހުން ލޯންޗަށް އެރުވުމަށްފަހު ތިންވަނަ މީހާ ވެސް ލޯންޗަށް އެރުވިއެވެ. އެތަނުން ފިރިހެނެއްގެ ވިންދު ހުރިހެން ހީވެގެން ސާޖަންޓް ސުޖާޢު ވަނީ އޭނާއަށް ޑިންގީ ތެރޭގައި ސީޕީއާރު ދީފައެވެ. ޑިންގީއަށް މީހުން އެރުވުމުގައި ބަންޑުން ޖަހާލި ލޯންޗުގެ ކެޕްޓަން ވެސް ސިފައިންނާއެކު ހަރަކާތްތެރިވިއެވެ. މި މީހުން ޑިންގީއަށް އެރުވުމަށްފަހު، ޑިންގީ މިސްރާބު ޖެހީ އަވަހަށް އެއްގަމަށް ދިއުމަށެވެ. އެހެން ނަމަވެސް، ޑިންގީ އެއްގަމާ ކައިރި ކުރި ވަގުތު، ޖެހި ބިޔަ ރާޅެއް ޑިންގީ ތެރެއަށް ބިންދާލައި ދިޔަގަނޑު ބޮޑުކޮށްލިއެވެ. އޭރު އެއްގަމުގައި ތިބި ސިފައިން ވެސް ޑިންގީ ކައިރިއަށް އެރިގެންފިއެވެ. ތިން މީހުންގެ ހަށިގަނޑު ވަގުތުން ނަގައިގަނެގެން އެއްގަމަށް ގެންދިޔައެވެ. އޭރު އެމްބިއުލާންސް އޮތީ ތައްޔާރީ ހާލަތުގައެވެ. ވަގުތުން ތިން މީހުން ވެސް ގެންދިޔައީ ޞިއްޙީ މަރުކަޒަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާ ހިސާބަށް ދިޔައިއިރު، ބަންޑުންޖަހާލި ލޯންޗުން ދަތުރުކުރި އިތުރު ދެ މީހަކު ނުފެންނަ ކަމުގެ ޚަބަރު އޮތީ ލިބިފައެވެ. އޭރު މީހުން ހޯދައި ސަލާމަތް ކުރުމަށް ހިންގި މި ޚާއްޞަ އޮޕަރޭޝަންގައި ހާބަރ ކްރާފްޓް ލޯންޗު ވަނީ އެ ސަރަޙައްދަށް އައިސް ހަރަކާތްތެރިވާން ފަށާފައެވެ. ހާބަރ ކްރާފްޓް ލޯންޗު ފެނުމާއެކު، އިތުރު ދެ މީހަކު އަދި ނުފެންނަ ކަމުގެ ޚަބަރު އެ އުޅަނދުގައި ތިބި ސިފައިންނަށް ފަތާފައި ގޮސް ދިނީ އޭރު މީހުން ސަލާމަތް ކުރުމުގައި މޫދުގައި ހަރަކާތްތެރިވަމުން ދިޔަ ސާޖަންޓް ޢަލީ އަކްރަމެވެ.

ތުއްތު ކުއްޖާއާއި އިތުރު އަންހެނަކު ހޯދުން

މި ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރި ހާބަރ ކްރާފްޓް ލޯންޗުގެ ކެޕްޓަނަކަށް ހުރީ ސާޖަންޓް އިބްރާހީމް ޙަފީޒެެވެ. ފެންހިއްކަން ފެށި ދަތުރު ކޮމާންޑް އައުމާއެކު ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަނަކަށް ބަދަލުކުރިއެވެ. މިގޮތުން، ހާބަރ ކްރާފްޓް އުޅަނދު ފުރަތަމަ ހަރަކާތްތެރިވީ، ހަނިމާދޫގެ އެއަރޕޯޓު ޖެޓީއާ ދިމާލު ކަނޑިންމައިން ފެށިގެން، އެތެރެ ފަރާތު ފަރުމަތީގެ ސަރަޙައްދު ބެލުމުގައެވެ.

ލޯންޗު ބަންޑުންޖަހާލި ސަރަހައްދަކީ، މޫސުން ގޯސް ދުވަސްވަރެއްގައި މިފަދަ އޮޕަރޭޝަނެއް ހިންގުމަށް ދަތި އުނދަގޫ ސަރަޙައްދަކަށް ވީ ނަމަވެސް، ސިފައިން އިސްކުރީ، ޤައުމީ ވާޖިބެވެ. ސިފައިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ބަންޑުން ޖަހާލި ލޯންޗުން ކަނޑަށް ބޭރުވެފައިވާ ބައެއް ސާމާނު ހާބަރ ކްރާފުޓް ލޯންޗުގައި ތިބި ސިފައިންނަށް ކަނޑުމަތިން ފެންނަން ފެށުމުން އެ ތަކެތި އޮޔާދާ މިސްރާބަށް  ލޯންޗުގެ މިސްރާބު ބަދަލު ކުރިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް ތިރީސް މީޓަރު ދުރުން ހޯދަމުން ދިޔަ އަންހެން މީހާ ވަނީ ފެނިފައެވެ. އަދި އޭގެ ތަންކޮޅެއް ދުރުން، މި ހާދިސާގައި ނިޔާވި ތުއްތު ކުއްޖާ ވެސް ހާބަރ ކްރާފްޓް އުޅަނދުގެ ސިފައިންނަށް ވަނީ އޮޔާ ދަނިކޮށް ފެނިފައެވެ. މި ދެ މީހުން އޮޔާދާތަން ފެނުމާއެކު ސިފައިން ވަނީ ލައިފް ރިންގު ހިފައިގެން މޫދަށް ފުންމާލައި، މޫދުގައި ވެސް ސީޕީއާރު ދީފައެވެ. އެއްވެސް ހަރަކާތެއް ނުފެނުމާއެކު، ދެން މަސައްކަތް ކުރީ، ލޯންޗަށް ނެގުމަށެވެ.  ހާބަރ ކްރާފްޓް  އުޅަނދު އުސްވުމުގެ ސަބަބުންނާއި އޮއިގަދަކަމުގެ ސަބަބުން އެ ލޯންޗަށް ނެގުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އެވަގުތު އެ ސަރަޙައްދުގައި މީހުން ހޯދުމުގައި ހަރަކާތްތެރިވި ނޮޅިވަރަންފަރު ”ހެޕިނަސް“ ކިޔާ ޑިންގީ ކައިރިކޮށް ސިފައިން ވަނީ އަންހެން މީހާގެ ހަށިގަނޑާއި ތުއްތު ކުއްޖާގެ ހަށިގަނޑު އެ ޑިންގީއަށް ނަގައިފައެވެ.

ސިފައިން ދައްކައިދިން ނަމޫނާ

މި ހާދިސާގައި މީހުން ސަލާމަތް ކުރުމުގައި އެއްބަޔަކު، ކަނޑުމަތީގައި ހަރަކާތްތެރިވިއިރު، އަނެއް ބަޔަކު ދިޔައީ އެއްގަމަށް ގެނެވުނު މީހުންނަށް އަވަސް ފަރުވާދީ، ޞިއްޙީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، ބަންޑުން ޖަހާލި ލޯންޗު އެއްގަމަށް އެހެލުމުގެ މަސައްކަތުގައި ވެސް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވި ފަރާތްތަކުގެ ކަށުކަމާކެމީގެ ކަންކަމުގައި ވެސް ސިފައިން ވަނީ ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދީފައެވެ. ޚާއްޞަކޮށް މޫސުން ގޯސްވެފައިއޮތް އެ ދަނޑިވަޅުގައި މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތައް ޖަނާޒާއަށް ނޮޅިވަރަންފަރުން ހަނިމާދޫއަށް ގެނެސްދިނުމަށް ހަނިމާދޫ ޕޯސްޓުގެ ސިފައިން ކުރި މަސައްކަތް ފާހަގަކުރެވެއެވެ. 

ސިފައިންނަކީ، ޤައުމާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކާތެރި ހާދިސާއެއްގައި ހުޝިޔާރުކަމާއި ޖެހިލުންކުޑަަކަމާއެކު އަމިއްލަ ފުރާނައަށް ބެލުމެއްނެތި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި އަބަދުވެސް ހަރަކާތްތެރިވަމުން އަންނަ ބައެކެވެ. މި ހިތާމަވެރި ހާދިސާގައި ވެސް ސިފައިން ދައްކުވައިދިނީ މި ނަމޫނާއެވެ.

ޝެއަރކުރެއްވުމަށް