އިންޑިއާގެ ޕްރޮވިންސްތައް އިސްތިޢުމާރުކޮށްގެން ތިބި އިނގިރޭސިން، 1882 ވަނަ އަހަރު އުފެއްދި “ސޯލްޓް އެކްޓް” ނުވަތަ “ލޮނާ ބެހޭ ޤާނޫނު” ގެ ދަށުން، އިންޑިއާގެ ބިމުން ލޮނު ނެގުމާއި، އުފެއްދުމާއި އަދި ލޮނު ވިއްކުމަކީ އިންޑިއާގެ ރައްޔިތުންނަށް މަނާކަމެއް ކަމުގައި ހަމަޖެއްސިއެވެ. އިންޑިއާގެ އެއްވެސް ރައްޔިތަކު އިންޑިއާގެ ފަސްގަނޑުގައި ލޮނު އުފެއްދުމާއި، ވިއްކުންފަދަ އަމަލެއް ކުރުމަކީ، މަދުވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެއްގެ ގޮތުގައި އޮތީ ލިޔެވިފައެވެ.

ކަންމިހެން ހުރިއިރު، އިންޑިއާގެ ރައްޔިތުން ލޮނު ގަންނަން ޖެހެނީ އިނގިރޭސިންގެ އަތުންނެވެ. އިނގިރޭސިންނަކީ، ލޮނުގެ ވިޔަފާރީގައި އިންޑިއާގައި މޮނޮޕޮލީ ކުރާ ފަރާތެވެ. އަދި އިނގިރޭސިން އަތުން އިންޑިއާ ރައްޔިތުން ގަންނަ ލޮނަށް ވަރަށް ބޮޑު ޓެކްސްއެއް އޮތީ އިތުރުކޮށްފައެވެ. އެހެންކަމުން، އިންތިހާއަށް ފަޤީރުން ގިނަ އިންޑިއާގެ ގިނަ ރައްވެހިންނަށް، ބޮޑު ޓެކްސްއާއެކު ލޮނު ގަތުން އޮތީ ނާދިރު ހާލަތަކަށް ވެއްޓިފައެވެ. އެހެނަސް، އެ ޤާނޫނުތައް އިންޑިއާގެ ހަމަކޮންމެ ރައްޔިތެއްގެ މައްޗަށް ދިޔައީ ހިނގަމުންނެވެ.

އިނގިރޭސިން އުފެއްދި ޓެކްސް ޤާނޫނުތަކާއި ލޮނު ބޭނުންކުރުމުގައި އިންޑިއާގެ ރައްޔިތުންނަށް އެޅި ހަރުކަށި ފިޔަވަޅުތައް، ވެގެންދިޔައީ ގާންދީއާއި އިންޑިއާގެ އެތައް ރައްޔިތުންނަކަށް ބަލައިގަންނަން ދަތިވި ކަމަށެވެ. އިންސާފުގެ ތިލަފަތުން ކިރާއިރު، ނުހަނު ބޭއިންސާފާއި އަނިޔާތަކެއް ލިބިގެންދިޔަ ޤާނޫނުތަކަކަށް އެކަން އޮތީ ވެގެންގޮސްފައެވެ. އެންމެފަހުން، ގާންދީ އިސްވެހުންނަވައި އިނގިރޭސިންގެ ނާއިންސާފާ ދެކޮޅަށް ތެދުވެވަޑައިގެން، މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ފެށްޓެވިއެވެ.

“ދަ ސޯލްޓް މާޗް” ގެ ނަމުން މަޝްހޫރުވި ހިނގާލުން ކުރިއަށްގޮސްފައިވަނީ 1930، މާޗުން ފެށިގެން އޭޕްރީލްއާ ހަމައަށެވެ.

ގާންދީއާއި “ސަތުޔަގުރަހާ”

ސައުތު އެފްރިކާގައި ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވާންދެން ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު އެނބުރި އުފަން ޤައުމަށް ގާންދީ ވަޑައިގެންނެވީ 1915 ވަނަ އަހަރުއެވެ. އޭގެފަހުން، އިނގިރޭސި ބާރާއި ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެން، އިންޑިއާގެ މިނިވަންކަމަށް ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އަދި އިނގިރޭސިންގެ “ސޯލްޓް އެކްޓް” އަށް އިންޑިއާގެ އެއްވެސް ރައްޔިތަކު ކިޔަމަން ނުވުމަށާއި، ނާއިންސާފު ޤާނޫނުތަކާ ދެކޮޅަށް ހަމަހިމޭންކަމާއެކު އަޑުއުފުލުމަށް އިންޑިއާގެ ރައްޔިތުންނަށް ގާންދީ ގޮވައިލެއްވިއެވެ. އިނގިރޭސިން ގެންގުޅުނު ލޮނާ ގުޅޭ ހަރުކަށި ސިޔާސަތުތައް ނައްތާލުމަށް “ސަތުޔަގުރަހާ” ނަމުގައި މަދަނީ ބަސްނޭހުމުގެ ހަރަކާތް ގާންދީ އިސްވެހުރެ ފެށްޓެވިއެވެ. އެ ހަރަކާތްތަކުގައި ދެއްކެވި ވާހަކަފުޅެއްގައި ގާންދީ ވިދާޅުވެފައިވެއެވެ. “ވަޔާއި ފެނަށް ފަހު، ލޮނަކީ ދިރިހުރުމުގެ އެންމެ މުހިންމު ބޭނުންތެރި އެއްޗެވެ.”

ތެދެކެވެ. ލޮނަކީ، އިންސާނާގެ ޞިއްޙީ ދޮޅަހެޔޮކަމަށް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އެއްޗެކެވެ.

ސޯލްޓް މާޗު ފެށުން

ގާންދީ އިސްވެ، އިންތިޒާމްކުރެއްވި ސޯލްޓް މާޗުގައި، އިންޑިއާގެ އަޙްމަދުއާބާދުން ފެށިގެން ގުޖުރާތުގެ ދެކުނުގައިވާ ރަށްފުށު ހިސާބެއް ކަމުގައިވާ ޑާންޑީގެ އައްސޭރި ފަށަށް ފައިމަގުގައި ހިންގަވާފައިވެއެވެ. އެހެންކަމުން، “ސޯލްޓް މާޗް” އަށް “ޑާންޑީ މާޗް” އޭ ވެސް ކިޔައެވެ. މި ހަރަކާތް ފެށުނީ 1930، މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. ގާންދީއާ އެކު މި ހިނގާލުމުގައި ފުރަތަމަ ދުވަހު ބައިވެރިވި މީހުންގެ އަދަދަކީ 78 މީހުންކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. އެމީހުން މީޑިއާގައި މަޝްހޫރުވެގެން ދިޔައީ “ފްރީޑަމް ފައިޓަރުން” ގެ ގޮތުގައެވެ. އެމީހުން އިނގިރޭސިންނާ ދެކޮޅަށް ތެދުވެ، ކުރިމަތިލީ، އިނގިރޭސިންގެ ފުށުން ކުރިމަތިވި އެތައް ދުއްތުރާތަކާއި، ދަތިއުނދަގޫ ހާލަތުގައެވެ. އެ މީހުން ތެދުވީކީ ހަމައެކަނި ނާއިންސާފު ޤާނޫނުތަކާ ދެކޮޅަކަށް ވެސް ނޫނެވެ. އެހެނަސް، އުންމީދުކުރެވެމުންދިޔަ މިނިވަންކަމުގެ އަގު ހޯދުމުގެ ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މަތިވެރި ޖޯޝް ހިތުގައި ބިންވަޅު ނަގައިގެންނެވެ.

މި މާޗުގައި 240 މޭލުގެ ދިގު ރާސްތާއެއް ފައިމަގުގައި ގާންދީއާއި، ގާންދީގެ ބައިވެރިން އަހްމަދުއާބާދުން ފެށިގެން ޑާންޑީއާ ހަމައަށް ކަނޑައްތުކުރިއެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ހަރަކާތުގައި ބައިވެރިވަމުންދިޔަ މީހުން އިތުރުވެ، އިންޑިއާގެ އެކި ހިސާބުތަކުން އެތައް ލައްކަ މީހުން ބައިވެރިވިއެވެ. އިނގިރޭސިންނާ ދެކޮޅަށް އެ ހުރިހާ އެންމެން އެއްއަޑަކުން ދިޔައީ އަޑުއުފުލަމުންނެވެ.

ގާންދީއާއި، ގާންދީގެ ބައިވެރިން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 12 މޭލުގެ ދިގު ރާސްތާއެއް ފައިމަގުގައި ކަނޑައްތުކުރަމުން ދިޔައެވެ. މި ހިނގާލުން، އަހުމަދުއާބާދުން ފަށައި، ޑާންޑީއާ ހަމައަށް ފޯރީ ތިން ހަފުތާ ވާންދެން ފައިމަގުގައި ހިނގި ދިގު ދަތުރަށް ފަހުއެވެ. ހިނގާލުމުގެ ޝިއާރެއްގެ ގޮތުގައި ގާންދީ ބޭނުންކުރީ، “ބެޓްލް އޮފް ރައިޓް އެގެންއިސްޓް މައިޓް” އެވެ. ހިނގާލުން ކުރިއަށްދާއިރު، ގާންދީގެ ފަހަތްޕުޅުގައި އޮތް އެތައް ލައްކަ މީހުންގެ ބޮޑު ކުރައުޑަށް ދޭތެރެދޭތެރެއިން ގާންދީ ގެންދެވީ މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހިތްވަރުދެއްވައި، އަޒުމު ވަރުގަދަ ކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ.

ޑާންޑީގެ އައްސޭރިފަށާ ހަމައަށް އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ވަޑައިގެންނެވުމާ އެކު، އެތަނުން ލޮނު މުށެއް ނަންގަވައި ގާންދީ ވިދާޅުވި ކަމަށްވެއެވެ. “މި ސާފު ހުދު ލޮނު މުށުން، އަހަރެމެން އިނގިރޭސި އެމްޕަޔަރުގެ ބާރުގަދަ ކިއްލާ ގުޑުގުޑު އަޅުވާލާނަމެވެ.”

އެއަށްފަހު، ލޮނު ހެދުމުގެ މަސައްކަތް އެތަނުގައި ފެށްޓުމަށް ގާންދީގެ ބައިވެރިންނަށް ގޮވާލެއްވިއެވެ. އަދި ޢަމަލީގޮތުން އެމަސައްކަތް ފަށްޓަވައިފިއެވެ. އެހެންނަމަވެސް، ފުލުހުން އެ މަސައްކަތަށް ހުރަސްއެޅީއެވެ. އިސާހިތަކު، ގާންދީގެ ފަރާތްޕުޅުން ހިތްވަރު ލިބިގެން ބޮމްބޭ (މިހާރުގެ މުމްބާއީ) ގެ އައްސޭރި ފަށުގައާއި ކަރާޗީގައި އިންޑިއަން ނޭޝަނަލިސްޓުންގެ އެތައް ހާސް ބަޔަކު އެއްވެ، ލޮނު އުފެއްދުމުގެ މަސައްކަތް އެސަރަހައްދުތަކުގައި ވެސް ފެށިއެވެ.

ގާންދީ ހައްޔަރުކުރުން

ގާންދީގެ މަދަނީ ބަސްނޭހުމުގެ ހަރަކާތް މުޅި އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރިގެންފިއެވެ. އެ ހަރަކާތްތަކުގައި އެތައް މިލިއަން މީހުން ބައިވެރިވާން ފެށިއެވެ. ކޮންމެއަކަސް، އިނގިރޭސިންނަށް މަޖުބޫރުވީ، އެހަރަކާތް ހުއްޓުވުމަށް ބާރުގެ ބޭނުންކުރާށެވެ. އިސާހިތަކު، އެހަރަކާތުގައި ބައިވެރިވި 60 ހާހަށް ވުރެ ގިނަ އިންޑިއާގެ ރައްޔިތުން ހައްޔަރުކޮށް ޖަލަށްލިއެވެ. ބައެއް ލިޔުންތަކުގައި އެ އަދަދު 80 ހާހަށް އަރާކަމަށް ބަޔާންކޮށްފައިވެއެވެ. ހައްޔަރީންގެ ތެރޭގައި ގާންދީ ވެސް ހިމެނިވަޑައިގެންނެވިއެވެ. މެއި މަހުގެ 5 ވަނަ ދުވަހު، ގާންދީ ހައްޔަރުކުރުމަށް ފަހު ވެސް، އެ ހަރަކާތްތައް އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ހުއްޓުވޭ ގޮތެއް ނުވިއެވެ. އަދި، އެ ހަރަކާތްތައް ހުއްޓުވަން އިނގިރޭސިންގެ އަމުރަށް ނިކުތް އެތައް ސަތޭކަ ފުލުހުންގެ އަނިޔާވެރި ޢަމަލުތައް ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރަން ފެށިއެވެ. އިންޑިއާގެ ރައްޔިތުންނާ ދޭތެރޭ އިނގިރޭސިން ގެންގުޅުނު އަނިޔާވެރި ހަރުކަށި ސިޔާސަތުތައް ދުނިޔެއަށް ބޭޒާރުވާން ފެށިއެވެ.

ކޮންމެއަކަސް، އިނގިރޭސިންނަށް އެތެރެއިންނާއި ބޭރުން އަންނަމުންދިޔަ ޕްރެޝަރާ ގުޅިގެން، 1931، ޖެނުއަރީމަހުގެ ތެރޭގައި ގާންދީ ޖަލުން މިނިވަންކުރިއެވެ. ފަހުން، އިނގިރޭސިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ވައިސްރޯއީ، ލޯޑް އިރްވިން، އިންޑިއާގެ މިނިވަންކަމުގެ ބާނީކަމުގައިވާ ގާންދީއާ ބައްދަލުކުރެއްވިއެވެ. އަދި، އިންޑިއާގެ މުސްތަޤްބަލު ބިނާކުރުމާ ބެހޭގޮތުން ބާއްވަން ނިންމާފައި އޮތް “ލަންޑަން ކޮންފަރެންސް” ގައި ބައިވެރިވެވަޑައިގެންވުމުގެ ދައުވަތު ގާންދީއަށް ދެއްވިއެވެ.

އެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، އިންޑިއަން ނޭޝަނަލް ކޮންގްރެސް ތަމްސީލުކޮށްދޭ ބޭފުޅާގެ ހައިސިއްޔަތުން ގާންދީ ލަންޑަނަށް ވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި، އިނގިރޭސިން ގާންދީ ބަލައިގަތީ އެކަނި ފަރުދެއްގެ ގޮތުގައެއް ނޫނެވެ. އެހެނަސް، އިންޑިއާގެ އެތައް މިލިއަން މީހުންގެ ބިޔަބޮޑު ލަޝްކަރެއް ފަހަތްޕުޅަށް ލައްވައިގެން ހުންނެވި ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.

ސޯލްޓް މާޗު ވެގެންދިޔައީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް އިނގިރޭސިން ގެންގުޅުނު ހަރުކަށި ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރު ކުރުވި ހަރަކާތުގެ ގޮތުގައެވެ. ގާންދީގެ ސޯލްޓް މާޗަށް ދުނިޔޭގެ ވަރަށް ގިނަ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ލިބިގެންދިޔައެވެ. އަދި، 1947 އޯގަސްޓް މަހުގައި އިނގިރޭސިންގެ ކިބައިން އިންޑިއާއަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ސޯލްޓް މާޗަކީ، އިންޑިއާގެ މިނިވަންކަމުގެ ފެށުމެވެ. ނާއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް ގާންދީއާއި ގާންދީގެ ސަޕޯޓަރުން ތެދުވެ، ދެއްކި ހިތްވަރުގަދަ ޢަމަލުގެ ސަބަބުން ބާރުގަދަ އިނގިރޭސިންގެ ފައިދަށުގައި ފޮރުވިފައި އޮތް އިންޑިއާގެ މިނިވަންކަމުގެ ބިންގާ ފެންނަން ފެށިއެވެ. ގާންދީ ދައްކުވައިދެއްވީ، އެކުވެރިކަމާއި، އެކަތިގަނޑެއްގެ ގޮތުގައި އެންމެން ގުޅިއްޖެނަމަ، ހިތްވަރާއި ފަންވަރު އަމިއްލަ ޒާތުގައި ހަށިން ނިކުންނާނެ ކަމެވެ. އެއްވެސް ބާރެއް ނެތް ކުޑަކުޑަ ލޮނު ފުކަކުން ވެސް ޚިޔާލަށް ނުގެނެވޭ ފަދަ ބޮޑު ބަދަލެއް ގެނެވިދާނެ ކަމެވެ.

މަޢުލޫމާތު: ހިސްޓްރީ ޑޮޓް ކޮމް (2019) ސޯލްޓް މާޗު.

ޝެއަރކުރެއްވުމަށް