ކޮންމެ ސިފައިންގެ މީހަކީ ވެސް ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް 24 ގަޑިއިރު ތައްޔާރަށް ހުންނަ މީހެކެވެ. އެކަންވަނީ ޕްރައިވެޓް އިބްރާހީމް ސިނާން ސާބިތުކޮށްދީފައެވެ. 2019 ސެޕްޓެންބަރު 7 ވަނަ ދުވަހު ޕްރައިވެޓް އިބްރާހީމް ސިނާނަށް އެފަދަ ކަމެއް ކުރިމަތިވީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ދުވަސް ނުފުރައި ވިހާފައިވާ ތުއްތު ކުއްޖަކު ނޭވާ ހުއްޓުނީއެވެ. އޭރު ސިނާން އޮތީ އެގޭގައި ނިދާފައެވެ. އޭނާއަށް ހޭލެވުނީ މީހަކު ރޯއަޑަށެވެ. ”ނޭވައެއް ނުލައޭ. ނޭވައެއް ނުލައޭ“ ކިޔާ އަޑަށެވެ. އެއީ އެ ގޭގެ 6 ވަނަ ފަންގިފިލާއެވެ. ލިފުޓްހުރީ ހަލާކުވެފައެވެ. ސިނާން  ފުންމައިގެން ތެދުވިއެވެ. ރޯން އިން މަންމަގެ އަތުން އެންމެ 15 ދުވަސްވީ ތުއްތު ކުއްޖާ އަތުލައި އުރާލައިގެން ސިޑިން ތިރިއަށް ދުއްވައިގަތެވެ. އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްވީ ޕްރައިވެޓް އިބްރާހީމް ސިނާން އެ ކުއްޖާ އުރާލައިގެން ދުވެފައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ދިނުމުންނެވެ. އެ ވަގުތު ސެނަހިޔާގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ފަސްޓް ލެފްޓިނަންޓް ޑރ. ޝިފްލާ ޢަބްދުއްލަޠީފާ ދިމާވިކަން ވެސް އެއީ ނަސީބެކެވެ. ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު ޑޮކްޓަރު ދިން އަވަސް ފަރުވާގެ ސަބަބުން ކުއްޖާ ނޭވާލާން ފެށިއެވެ. 

”އެއީ ހެނދުނު 07:00 ހާއިރު. އަޅުގަނޑު އެރޭ ހުރީ އަންހެނުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތީމާ ހޭލާ. އަންހެނުން ހޮސްޕިޓަލުން ދޫކޮށްލީމާ ގެއަށް އައިސް ވަރުބަލި ވެފައިހުރީމާ ޖައްސާލީ. ޖައްސާލި ތަނުން ނިދިއްޖެ. ކުއްލިއަކަށް ހޭލެވުނީ އަންހެނުންގެ ދައްތަ ރޯއަޑަށް. ނޭވައެއް ނުލައޭ ކިޔަނީ. އަޅުގަނޑަށް ނޭނގުނު ތެދުވެވުނު ގޮތެއް ވެސް. ބަލައިލިއިރު ނޭވައެއް ނުލާ. ބަނޑު އޮތީ ފުއްޕާފައި“ ޕްރައިވެޓް އިބްރާހީމް ސިނާން ކިޔައިދިނެވެ. ސިނާން ބޭނުންވީ ވަގުތު ނަގައިނުލައި ވީހާ ވެސް އަވަހަކަށް ފަރުވާ ދެވޭ ތަނަކަށް ތުއްތު ކުއްޖާ ގެންދާށެވެ. އޭނާގެ ސިކުނޑިއަށް ފުރަތަމަ ވެސް އައީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލެވެ.

”ވަގުތުން ތުއްތު ކުއްޖާ ގައިގައި ފޮތިގަނޑެއް އޮޅާލައިގެން ދުއްވައިގަތީ ސިޑިން ތިރިއަށް ދާން. ލިފުޓް ހުރީ ހަލާކުވެފައި. އަޅުގަނޑު ތިރިއަށް ދާން ދުއްވައިގަތްއިރު ކުއްޖާގެ ބައްޕަ އޮތީ ސިޓިންގ ރޫމު ސޯފާގައި ނިދިފައި. ކުއްޖާގެ މަންމަ ގޮވުމުން އޭނާ ވެސް އަޅުގަނޑާއެކު ދުވެފައި ތިރިއަށް އައި. ސިޑިން ފޭބިގޮތަށް، ބުރުޒުމަގުން ދުވެފައި ގޮސް ސެނަހިޔަ ހޮސްޕިޓަލަށް  ވަދެވުނު ގޮތެއް ވެސް ނޭނގުނު. ތުއްތު ކުއްޖާ އަތްދަނޑިމަތީގައި ބާއްވައިގެން ވަނުމާއެކު ކައުންޓަރުގައި އެވަގުތު ހުރި ސާޖަންޓް ނަސީމާ މުޙައްމަދު ނިކުމެ މަގުދައްކައި އެހީވި. އިމަޖެންސީ ބަޔަކަށް ގެންގޮސް ކުއްޖާ ބޭއްވިތަނުން ޑޮކްޓަރު ދުރުވި“ ސިނާން ކިޔައިދިނެވެ. އޭރު ވެސް ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވިދާނެތީ ސިނާން ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

ފަސްޓް ލެފްޓިނަންޓް ޑރ. ޝިފްލާ ޢަބްދުއްލަޠީފް ތުއްތު ކުއްޖާ ނަގައި، ބަންޑުން ބާއްވައިގެން ނޭވާ ލެއްވޭތޯ މަސައްކަތް ކުރަންފެށިއެވެ. ”ބުރަކަށީގައި މަޑުމަޑުން ޖަހާލުމަށްފަހު ފިރުމާލައި ހެދިތަނުން ކުއްލިއަކަށް ކުއްޖާގެ އަނގައިން ދަވަތަކަކާއެކު ހޮޑު ލެވިފައި ނޭވާ ލާން ފެށީ“ ސިނާން ބުނި ގޮތުގައި ހިތަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ފަސްޓް ލެފްޓިނަންޓް ޑރ. ޝިފްލާގެ ހުނަރުވެރިކަމާއި ޤާބިލުކަން ސިނާނަށް ވަރަށް ގާތުން ފެނި ތަޖުރިބާ ކުރެވުނެވެ.

”އަޅުގަނޑު އިނީ ބަލި މީހުން ބަލަން 5 ނަންބަރު ކޮޓަރީގައި. މީހަކު ބަލަން އިންދައި  ކައުންޓަރުން ގުޅާފައި ބުނީ ތުއްތު ކުއްޖަކު ނޭވާ ހުއްޓިގެން ގެނައި ވާހަކަ. އެ ވަގުތު ތެދުވެގެން ދުވެފަ ދިޔައީ. ދިޔައިރު ކުއްޖާ ނޭވައެއް ނުލައި، ކަޅި ހުރީ ހުއްޓިފަ. އަޅުގަނޑު އެހިން ކޮބާހޭ ކުއްޖާގެ މަންމަ. ކިހިނެއްހޭ މިހެންވީ.“

ޑރ. ޝިފްލާ ބުނުއްވި ގޮތުގައި، ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު، ކުއްޖާ ގައިގައި ވިންދު ހުރި ނަމަވެސް، މަޑުމަޑުން ވިންދު ދަށްވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އަދި އަވަސް ފަރުވާ ދިނުމަށް ފުރަތަމަ ކުރި މަސައްކަތް ކާމިޔާބެއް ވެސް ނުވިއެވެ. ”ފުރަތަމަ ސްޓިމިއުލޭޝަނަކުން އެއްވެސް ކަމެއް ނުވި. ދެން ވަގުތުން އެއްޗެހި ބާލުވާފައި ދެވަނަ ފަހަރަށް ތަންކޮޅެއް ވިގަރަސްކޮށް ސްޓިއުމިލޭޓްކޮށްލީ. ކޮށްލިތަނާހެން ބޭބީ ރޯން ފެށީ. ދެން އެހިސާބުން އެނގިއްޖެ ރަނގަޅުވާނެކަން.“ ޑޮކްޓަރު ބުނުއްވިއެވެ.

ތުއްތު ކުއްޖާ ނޭވާ ހުއްޓުނު ސަބަބު ތަފްސީލުކޮށްދެއްވަމުން ޑރ. ޝިފްލާ ބުނުއްވީ އެ މައްސަލަ ދިމާވީ އެ ކުއްޖާއަކީ ދުވަސް ނުފުރާ (36 ހަފުތާގައި) ވިހާފައިވާ ކުއްޖަކަށް ވާތީ ކަމަށެވެ. ”ދުވަސް ނުފުރާ ވިހާ ކުދިންނަށް މި މައްސަލައަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެއް. ބައެއް ފަހަރު ވާގޮތަކީ ނޭވާލާން އެ ކުދިން ހަނދާން ނެތެނީ. ނޫނީ ބްރީތިންގ ސްޓޮޕް  ކުރަނީ. މެޑިކަލީ އަޅުގަނޑުމެން ކިޔަނީ އެޕްނިކް އެޕިސޯޑްސް (ނޭވާ ނުލުން). އެއަށްވުރެ ގިނައިރު ވީނަމަ ހާޓްރޭޓް ހުއްޓިގެން މަޑުމަޑުން ކުއްޖާ ނޫފައިގެންފައި، އެއްކޮށް ކޮލަޕްސްވާނެ. އެހާ ކައިރީ ހުރި ގެއަކުން އެހާ ފާސްޓް ރިއެކްޝަނަކާއެކު  ޞިއްޙީ އަވަސް ފަރުވާ ދެވޭ ތަނަކަށް ގެނެވުނީމަ މާބޮޑު އުނދަގުލަކައިނުލައި ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީ“ ފަސްޓް ލެފްޓިނަންޓް ޑރ.ޝިފްލާ ކިޔައިދެއްވިއެވެ.

ﷲގެ އިރާދަފުޅާއެކު ޕްރައިވެޓް އިބްރާހީމް ސިނާންގެ ހިތްވަރާއި އޭނާގެ އަވަސް ރިއެކްޝަންގެ ސަބަބުން ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދީފިއެވެ. އެކަން ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔައެވެ. އެތައް ބަޔަކު  ހިތްވަރުގަދަ ސިނާނަށް ތަޢުރީފުތައް އޮއްސާލިއެވެ. ޢިއްޒަތްތެރި ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވެސް އެކަން ފާހަގަކުރެއްވިއެވެ. ސިނާނުގެ ހިތްވަރުގަދަކަން ފާހަގަ ކުރައްވައި ދެ ބޭފުޅުން ވެސް ވިދާޅުވީ ސިނާންގެ އެ ޚިދުމަތަށް ފަޚުރުވެރިވެވަޑައި ގަންނަވާ ކަމަށެވެ.

ޝެއަރކުރެއްވުމަށް