ކިޔަވައިދިނުމުގައި ޕްރޮފެޝަނަލިޒަމް (Professionalism in Teaching) ނުވަތަ ޕްރޮފެޝަނަލްކޮށް ކިޔަވައިދިނުމަކީ މުދައްރިސުން ކިޔަވައިދޭ މާއްދާއަށް އަހުލުވެރިވެ ޢިލްމުވެރިވުމާއި، ކިޔަވައިދިނުމުގައި އުނގެނުމުގެ ހެޔޮ މާޙައުލެއް އުފެއްދުމާއި، ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ރިވެތި ނަމޫނާއަކަށް ވުމެވެ. މުދައްރިސުންގެ ޕްރޮފެޝަނަލިޒަމް މިންކުރެވެނީ ލިބިފައިވާ ސަނަދުތަކަށްވުރެ ބޮޑަށް ކިޔަވައިދިނުމުގެ ޢަމަލީ މައިދާނުގައި ޢަމަލާއި ސުލޫކު ގެންގުޅޭ ގޮތުގެ މައްޗަށެވެ.
ޕްރޮފެޝަނަލިޒަމަކީ އެ މީހަކު އަދާ ކުރާ ވަޒީފާގެ ފުރިހަމަ ހުނަރާއި ޤާބިލިއްޔަތާ އެކު އެ ކަމެއް ކުރަންޖެހޭ ފުރިހަމަ ގޮތަކަށް ކުރުމެވެ. ނުވަތަ އެ މީހަކަށް އަދާކުރަން ޖެހޭ ރޯލު އެންމެ ފުރިހަމައަށް އަދާ ކުރުމެވެ. މިގޮތުން ބަލާއިރު ކިޔަވައިދިނުމުގައި ޕްރޮފެޝަނަލް ވުމަކީ ކިޔަވައިދިނުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ހުރުމާއެކު މުދައްރިސެއްގެ ދައުރު އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ.
ޕްރޮފެޝަނަލްކަމާއެކު ކިޔަވައިދޭ މުދައްރިސުންނަކީ އެ މީހަކު ކިޔަވައިދޭ މާއްދާއާ ބެހޭ ޢިލްމަށް އަރާހުރި މީހަކަށްވާން ޖެހެއެވެ. އެ މާއްދާއާ ގުޅުންހުރި ތަފާތު މަފުހޫމުތައް ދަންނަ އަދި އެ ގޮތްގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލުކަން ހުރި މީހަކަށް ވާންޖެހެއެވެ. ޕްރޮފެޝަނަލް ކަމާއެކު ކިޔަވައިދޭން ބޭނުންނަމަ ކޮންމެ މުދައްރިސަކު ވެސް އުނގެނުމުގެ ހެޔޮ މާހައުލެއް އުފައްދަން ޖެހެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އަޅާލައި، އޯގާތެރި، އަދި އިންސާފުވެރި، އަދި ދަރިވަރުންނާ މެދު ބޮޑު އުންމީދުތަކެއް ކުރާ ބަޔަކަށް ވާންޖެހެއެވެ. ޕްރޮފެޝަނަލް މުދައްރިސަކަށް ވެވޭނީ ނަމޫނާ ޝަޚްޞިއްޔަތަކަށް ވެގެންނެވެ. އެ މުދައްރިސުންނަކީ ކެތްތެރި، ތެދުވެރި، އަދި އެއީ އަޚްލާޤާއި ސުލޫކުން ރިވެތި ނަމޫނާ ޢަމަލީގޮތުން ދައްކައިދޭ މީހުންނެވެ. ޕްރޮފެޝަނަލް މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި އެކުގައި މަސައްކަތްކުރާ އެހެން މުދައްރިސުންނާއި ސްކޫލުގެ ވެރިންނާ ހެޔޮ ރަނގަޅު ގުޅުންތަކެއް ދަމަހައްޓަން އެނގޭ އަދި އެގުޅުންތައް ދަމަހައްޓާ މީހުންނެވެ. ޕްރޮފެޝަނަލް މުދައްރިސުންނަކީ ހެދުންއެޅުމުގައި ޕްރޮފެޝަނަލް މިންގަނޑުތަކަށް ތަބާވާ މީހުންނެވެ. އަދި އެ މުދައްރިސެއްގެ ޒިންމާއާއި ވާޖިބާއި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރާ ޒިންމާދާރު މީހުންނެވެ. މުދައްރިސުން ޕްރޮފެޝަނަލް ބަޔަކަށް ވާނީ ޒަމާނަށް ހޭލުންތެރިވެގެންނެވެ. މަޢުލޫމާތުގެ ގޮތުން އަދާހަމަވެ، އާ ހޯދުންތަކާއި އާ ދިރާސާތަކަށް ހޭލުންތެރިވެގެންނެވެ.
ޕްރޮފެޝަނަލް މުދައްރިސުންނަކީ ކިޔަވައިދިނުމަށް ސްކޫލުގައި ޢަމަލީގޮތުން މަސައްކަތްކުރާ ވަގުތުގެ އިތުރުން ބޭރުތެރޭގައި އުޅޭ އުޅުމުގައި ވެސް ނަމޫނާ ބަޔަކަށް ވާންޖެހޭ ބައެކެވެ. އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، އިޙްތިރާމް ހޯދަން ޖެހޭ ބައެކެވެ. ޕްރޮފެޝަނަލް މުދައްރިސަކަށް ވެވޭނީ އިޚްލާޞްތެރިކަމާއެކު އަޚްލާޤިއްޔާތަށް ޚާއްޞަ ސަމާލުކަމެއްދީގެންނެވެ.
މުދައްރިސުންގެ ތެރެއިން ޕްރޮފެޝަނަލް މުދައްރިސުން ވަކިކޮށް ދެނެގަނެވިދާނެއެވެ. އެ މުދައްރިސެއްގެ ރަވައްޔާ (އެޓިޓިއުޑް) އާއި، ސުލޫކު (ބިހޭވިއަރ) އާއި، މުއާސަލާތު (ކޮމިޔުނިކޭޝަން) ކުރާ ގޮތުން އެއީ ޕްރޮފެޝަނަލް މުދައްރިސެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނެއެވެ.
މުދައްރިސެއްގެ ޕްރޮފެޝަނަލިޒަމްގެ މައިގަނޑު އެންމެ ބޮޑު އެއް އަސާސަކީ އޭނާގެ ކިބައިގައި ހުންނަ މައުނަވީ ސިފަތައް ނުވަތަ ވިސްނުމާއި ފިކުރާއި ޖަޒުބާތުތައް ހުންނަގޮތެވެ. މުދައްރިސުންގެ ޕްރޮފެޝަނަލިޒަމް ބިނާވަނީ އޭނާގެ އަމިއްލަ ޒާތީކަންތައްތަކުން އަސަރު ނުކުރާނެގޮތަށް ޕްރޮފެޝަނަލް ކަމާއެކު ކިޔަވައިދިނުމުގެ މައްޗަށެވެ.
މުދައްރިސުންގެ ސުލޫކާއި ޢަމަލުތައް ހުންނަގޮތަކީ ކިޔަވައިދިނުމުގެ ބައެކެވެ. މުދައްރިސަކު ކިޔަވައިދިނުމަށް ތައްޔާރުވުމާއި، ރޭވުންތެރިކަމާއެކު ކުލާސް ކުރިއަށް ގެންދިއުމާއި، ބޭނުންކުރާ ކިޔަވައިދިނުމުގެ އުކުޅުތަކާއި، ދަރިވަރުންގެ އުނގެނުން ވަޒަންކުރާ ގޮތުން ދައްކައިދެނީ އެ މުދައްރިސެއްގެ ޕްރޮފެޝަނަލިޒަމެވެ. މި ކަންކަމަކީ ސަނަދެއް އޮތަކަސް ވާނެކަމެއް ނޫނެވެ. މިއީ ޢަމަލީ ގޮތުން ހާލަތާ ގުޅޭގޮތަށް މީހާގެ ޢިލްމާއި ތަޖުރިބާ ބޭނުންކޮށްގެން ސާބިތުކޮށްދޭންޖެހޭ ޤާބިލުކަމެކެވެ.
މުދައްރިސުން އެހެން މީހުންނާ މުވާސަލާތުކުރާ ގޮތުން އެ މީހެއްގެ ޕްރޮފެޝަނަލިޒަމް ފެނިގެންދެއެވެ. މުދައްރިސުންނަކީ ވަރަށް ގިނަ ބަޔަކާ މުއާސަލާތު ކުރަންޖެހޭ ބައެކެވެ. މިއިން ކޮންމެ ބަޔަކާ މުއާސަލާތު ކުރިކަމުގައި ވިޔަސް ޕްރޮފެޝަނަލްކަމާއެކު ރީތި ބަހުން އަދަބު އިޙްތިރާމާއެކު މުއާސަލާތުކުރުން ވަރަށް މުހިންމެވެ. މުދައްރިސެއްގެ އަބުރާއި ޢިއްޒަތާއި ކަރާމާތް ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދޭންޖެހޭނެއެވެ. މި ކަންކަމާމެދު ޝައްކާއި ވަހުދު އުފެދި، އަޚްލާޤާއި ސުލޫކާ ގުޅޭ ތުޚުމަތުތައް ޕްރޮފެޝަނަލް މުދަރިއްސުންނަކާ މެދު ނުކުރެވޭނެއެވެ. އަދި އެފަދަ ދޮގު ވާހަކައެއް ބަޔަކު ގަސްތުގައި ފެތުރިޔަސް އެކަން މުޖުތަމަޢުން ބަލައެއް ވެސް ނުގަންނާނެއެވެ.
މަޢުލޫމާތު:
