1961 ޖުލައި 28 ވަނަ ދުވަހު ”އެންޓަރޓެއިންމަންޓްސް“ ގެ ނަމުގައި މާލޭގައި ފިލްމު ދައްކާ ސިނަމާއެއް ހުޅުވުނެވެ. މިއީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ބިނާކުރެއްވި އެ މަނިކުފާނުގެ އަމިއްލަފުޅު ސިނަމާއެކެވެ. މި ތަނުގެ ނަން ފަހުން ބަދަލުވެގެންދިޔައީ ”އޯޑިއޯން“ އަށެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދައުރު 1978 ވަނަ އަހަރު ނިމުމަށް ފަހު އެ މަނިކުފާނުގެ ނަންފުޅުގައި ހުރި ބިންތައް ސަރުކާރަށް ނެންގެވުމުގެ ތެރޭގައި އޯޑިއޯން ވެސް ވަނީ ސަރުކާރަށް ނަންގަވާފައެވެ. ސަރުކާރަށް މިތަން ނެގުމަށް ފަހު، ފިނޭންސް މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން އެ ތަނުގައި ބައިސްކޯފް ދެއްކުމުގެ ޚިދުމަތް ދީފައިވެއެވެ. ދުވަސްކޮޅަކު އެ ތަނުގައި ފިލްމު ދެއްކުމުގެ މަސައްކަތްކުރުމަށް ފަހު އެކަން ވެސް ހުއްޓުނެވެ. ދެން އޯޑިއޯން ބޭނުންކުރެވިފައިވަނީ އެސްޓީއޯގެ މުދާ ރައްކާކުރާ ގުދަނެއްގެ ގޮތުގައެވެ.

1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ސިފައިންގެ މައިމަރުކަޒުގެ އިތުރުން، އިތުރު މަރުކަޒުތައް ބިނާކޮށް، އެ ތަންތަނުގައި ސިފައިންނާއި ހަތިޔާރު ބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގެން ސިފައިން ތިބޭ އިތުރު މަރުކަޒެއްގެ ގޮތުގައި އޯޑިއޯން ހަމަޖެއްސެވިއެވެ. އޯޑިއޯނަކީ ސިފައިން ތިބޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސައި އެ ތަނުގައި ސިފައިންނަށް ތިބެވޭ ގޮތަށް މަރާމާތުކޮށް އިމާރާތަށް ބައެއް ބަދަލުތައް ގެނައެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ ހުޅަނގުއުތުރު ކަނުގައި ފާޚާނާބަރިއެއް ހެދުމާއި، ސިނަމާ ހޯލް އެތެރޭގައިވާ ހަރުފަތްތައް ތަޅާލައި ބިންގަނޑު އެއްވަރުކޮށް އަލުން ތަޅުންއެޅުމާއި، ޕްރޮޖެކްޓަރ ރޫމަކީ އިސް އެންސީއޯ (ނޮން ކަމިޝަންޑް އޮފިސަރސް) އިން ތިބޭ ބައެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އޯޑިއޯންގެ ޓިކެޓް ވިއްކި ކައުންޓަރ އޯޑިއޯނުގެ ސިފައިންގެ އޮފީހަށް ބަދަލުކޮށް، އޯޑިއޯނުގެ އިރުމަތީ ފަރާތުގައި އެއްފުރާޅަށް ހިޔާކޮށް، ބިމުން ފެށިގެން ތިންފޫޓް އުސްމިނަށް ވަށައިގެން ބިއްގަނޑެއް ހަދައި އެތެރޭގައި ތަޅުންއަޅައި ކުޅިވަރު ފެންޑާއެއް ހެދިއެވެ. އަދި ހަތިޔާރު ބެހެއްޓުމަށް ސްޓްރޯންގ ރޫމެއް ހެދިއެވެ. މި ބަދަލުތައް އޯޑިއޯން އިމާރާތަށް ގެނައުމަށްފަހު ސިފައިން އޯޑިއޯނަށް ބަދަލުވީ 1989 ސެޕްޓެންބަރު 25 ވަނަ ދުވަހުގެރޭ 00:00 ގައެވެ.

1997 ޖުލައި 7 ވަނަ ދުވަހު ބިންގާ އެޅުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ބިނާކުރުމަށް ޓަކައި އޭރު އެ ތަނުގައި ހުރި ދެ އިމާރާތްކަމަށްވާ މޭނާ ބިލްޑިންގާއި އޭގެ އަތިރިމަތިން ހުރި ފާށަނާ ބިލްޑިންގުން ސިފައިންނަށް ލިބިފައިވާ ބައިގައި ހިނގަމުންއައި ޕޮލިސް ހެޑުކުއާޓަރުގެ ބައިތަކާއި މެޑިކަލް ސަރވިސްގެ މަސައްކަތްތައް އޯޑިއޯނަށް ބަދަލުކުރެވުނެވެ. މި ބަދަލުގެ ތެރޭގައި މީހުން ބަންދުކުރުމަށް ސެލްއެއް ހަދައި، ފުލުސް އޮފީހަށް ޙާޟިރުކުރެވޭ މީހުން ބައިތިއްބާނެ ތަނަކާއި ފުލުސް އޮފީހުގެ ސީ-ސެކްޝަން (އެކްސިޑެންޓާ ބެހޭ ސެކްޝަން) އާއި އޭ-ސެކްޝަން (ފައިސާއާ ބެހޭ ސެކްޝަން) އޯޑިއޯނަށް ބަދަލުކުރެވުނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ބިލްޑިންގ ބިނާކުރެވި 21 އެޕްރީލު 1999 ގައި ހުޅުވުމާ ގުޅިގެން އޯޑިއޯނުގައި ހިނގަމުންއައި ފުލުހުންނާ ގުޅުންހުރި އެންމެހާ މަސައްކަތްތައް 1999 މޭ 2 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ބަދަލުކުރެވުނެވެ. އޯޑިއޯނުގައި ހިނގަމުންދިޔަ ފުލުހުންގެ މަސައްކަތްތައް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ބަދަލުކުރުމުން އޯޑިއޯނުން ތަނަވަސްވި ޖާގައިގައި ސިފައިންގެ މެޑިކަލް ސަރވިސްގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވުނެވެ. މި ގޮތުން ބަލިމީހުން ބެލުމަށް އިތުރު ކޮޓަރިތައް ހަދައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ވޯޑެއް ހެދުނެވެ.  

އޯޑިއޯނުގެ އިރުން މަޖީދީމަގާއި ފަނޑިޔާރުމަގަށް ވާގޮތަށް ހުންނަނީ އޯންޓޭރިއޯގެއެވެ. އޯޑިއޯންގެ ހުޅަނގުން މަޖީދީމަގަށް ހުންނަނީ މ.ފޯލައިޓްގެއެވެ. އޯޑިއޯންގެ ހުޅަނގުން ފަނޑިޔާރުމަގަށް ހުންނަނީ މ.ސީނުކަރަންކާގެއެވެ. ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށްގެންދާ ”ވެށިފަހި މާލެ“ ޕްރޮޖެކްޓްގެ ދަށުން އޯޑިއޯން ހުރި އިމާރާތުގައި ފްލެޓް އެޅުމުގެގޮތުން 2011 ވަނަ އަހަރު އެ އިމާރާތް ވަނީ ތަޅާލެވިފައެވެ. އެ ތަނުގައި ހިނގަމުންއައި ސިފައިންގެ މެޑިކަލް ސަރވިސް ދެން ބަދަލުކުރެވުނީ ހެންވޭރުގައި ހުރި ދިވެހިރާއްޖޭގެއަޑުގެ ކުރީގެ އިމާރާތަށެވެ.

  • މަޢުލޫމާތު: ސިފައިން އުފެދުމާއި ކުރިއެރުން 1892 – 2008 (ސިފައިންގެ ތާރީޚް ކޮމެޓީ)
ޝެއަރކުރެއްވުމަށް