މުޅި މީސްމީޑިއާގައި، ސިފައިންގެ ބޭކަލަކަށް ޝުކުރާއި ތަޢުރީފް އޮހިގެން ދިޔަ ރެއެކެވެ. އެއީ 2019 އޮގަސްޓު 8 ވަނަ ދުވަހުގެ ރެއެވެ. އެ ބޭކަލަކީ ލާންސް ކޯޕްރަލް ޢަލީ ސަލީމް އިބްރާހީމެވެ. އެކަން ޑިފެންސް މިނިސްޓަރ، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ފާހަގަ ކުރެއްވިއެވެ.
މާލޭ ހެންވޭރުގައި ހުންނަ ތެލަސީމިއާ ސެންޓަރު ކައިރިން މަޖީދީމަގުން ހިނގާފައި ދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުންޖެހި ހިނގި އެކްސިޑެންޓްގައި އެ ކުއްޖާ އޮތީ ވެއްޓިފައެވެ. ލާންސް ކޯޕްރަލް ޢަލީ ސަލީމަށް އެތަނަށް ދެވުނު އިރު އެތަނަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި އޮތެވެ. ކުއްޖާގެ ކައިރީގައި ދެ މީހުން ތިއްބަސް ފަރުވާއެއް ދޭތީއެއް ނުފެނުނެވެ. އޭރު ވެސް އެ ކުއްޖާއަށް ނޭވާ ލެވެނީ ވަރަށް އުނދަގުލުންނެވެ. ވަގުތުގެ މުހިންމުކަން ލާންސް ކޯޕްރަލް ޢަލީ ސަލީމަށް އެނގެއެވެ. ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދިއުމަށް ޓަކައި އެ ކުއްޖާ ކޮނޑުމައްޗަށް ލައިގެން ދުއްވައިގަތީ އެހެންވެއެވެ. ކައިރީގައި ހުރި އޭޑީކޭ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ ލާންސް ކޯޕްރަލް ޢަލީ ސަލީމުގެ ކޮނޑުމަތީގައެވެ. އިންސާނިއްޔަތުކަން ކުރިއަށް ނެރެ، ކޮށްފައިވާ މަތިވެރި ހުވަޔާ އެއްގޮތަށް، އާންމު ރައްޔިތެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރީއެވެ.
ޕްރެޒިޑެންޝަލް ގާޑްސްގައި މަސައްކަތް ކުރާ ލާންސް ކޯޕްރަލް ޢަލީ ސަލީމް އެރޭ އުޅުނީ އާދައިގެ މަތިން ޑިއުޓީގައެވެ. އެ ވަގުތު ދިމާވީ ލިބުނު ބްރޭކް ގަޑީގައި އަންހެނުން އޮފީހުން ސައިކަލްގައި ގެއަށް ގެންދިޔަ މަގުމަތީގައެވެ. އެއީ އެރޭ ގާތްގަނޑަކަށް 19:30 ހާއިރެވެ. ގެޔަށް ދިޔަ މަގުމަތީގައި އޭނާގެ ސަމާލުކަން ހުއްޓުނީ ތެލަސީމިޔާ ސެންޓަރު ކައިރީގައިވާ ކަފިހުރަސް މަތީގައި މީހުން ޖަމާވެފައި އޮތުމުންނެވެ. ސައިކަލު ޕާކް ކުރުމަށްފަހު، ވެގެން އުޅޭގޮތެއް ބަލައިލުމަށް ދިޔައީ އަންހެނުން ސައިކަލް މަތީގައި ބައިންދާފައެވެ. އެވަގުތު އޭނާއަށް ފެނުނީ އަންހެންކުއްޖަކު ކަފިހުރަސް މަތީގައި ވެއްޓިފައި އޮތްތަނެވެ. ޞިއްޙީ ފަރުވާއެއް ދޭން އުޅޭ މަންޒަރެއް ނުފެނުނެެވެ. ގިނަ މީހުންތަކެއް އެއްވެފައި އޮތްއިރު ގިނަ މީހުން އަވަދިނެތި އުޅެނީ ފޮޓޯ ނަގައި ވީޑިއޯ ކުރާށެވެ.
ވެއްޓިފައިވާ ކުއްޖާ ކައިރިއަށް ދިޔަ އިރު އެ ކުއްޖާއަށް ނޭވާލާން އުނދަގޫތަކެއްވާތީ ލާންސް ކޯޕްރަލް ޢަލީ ސަލީމް އަވަސްވެގަތީ އެ ކުއްޖާ ހޮސްޕިޓަލަށް ވީހާވެސް އަވަހަކަށް ގެންދިއުމަށެވެ. ވެހިކަލެއް ހޯދަށް އިތުރު ވަގުތު ނަގައި ނުލައި ކުއްޖާ ކޮނޑުމައްޗަށް ނަގައި އޭޑީކޭ ހޮސްޕިޓަލަށް މިސްރާބު ޖެހީ އެހެންވެއެވެ.
އަވަސް ފަރުވާދީ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ލާންސް ކޯޕްރަލް ޢަލީ ސަލީމުގެ ހިތްވަރުގަދަ މި ޢަމަލަށް މީސްމީޑިއާގައި އާންމު ރައްޔިތުންގެ ތަޢުރީފާއި ޝުކުރު އޮއްސާލީ އެހިސާބުންނެވެ. އެކަން އެނގިވަޑައިގެންނެވުމާ އެކު ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އޭނާއަށް ފޯނުން ގުޅުއްވައި ތަޢުރީފާއި ޝުކުރު އަދާކުރެއްވިއެވެ. އަދި ހަމަ ވަގުތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު އެމަނިކުފާނުގެ ރަސްމީ ޓްވީޓް އެކައުންޓް މެދުވެރިކޮށް މީސްމީޑިއާގައި ލާންސް ކޯޕްރަލް ޢަލީ ސަލީމަށް ތަޢުރީފާއި ޝުކުރު ދަންނަވައި ހިތްވަރު ދެއްވިއެވެ.
ދިފާޢީ ވަޒީރު ލާންސް ކޯޕްރަލް ޢަލީ ސަލީމަށް ފޯނުން ގުޅުއްވައި، އޭނާ ދައްކުވައިދިން ހިތްވަރުގަދަ ޢަމަލަށް ޓަކައި ތަޢުރީފު ކުރައްވައި ލާންސް ކޯޕްރަލް ޢަލީ ސަލީމުގެ އެ ހިތްވަރުގަދަ ޢަމަލަކީ އެކަމަނާއާއި މި މުއައްސަސާއަށް ނުހަނު ބޮޑު ފަޚުރެއް ގެނުވި ކަމެއްކަމަށް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އޮފް ޑިއުޓީ ގަޑީގައި ވެސް، ލާންސް ކޯޕްރަލް ޢަލީ ސަލީމް އެ ދައްކުވައިދިނީ، ސިފައިންގެ ޔުނީފޯމް އަޅާ މީހެއްގެ ކިބައިން ފެނިގެންދާންޖެހޭ ވަރުގެ އަގުހުރި ސިފައެއްކަމަށެވެ.
ޝައްކެއްނެތް ގޮތުގައި، ލާންސް ކޯޕްރަލް ޢަލީ ސަލީމް އެ ދައްކައިދީ، މުޅި މުއައްސަސާ ފަޚުރުވެރިވާ ފަދަ ހިތްވަރުގަދަ ޢަމަލެކެވެ. އޭނާގެ އިސްނެގުމަށް ތަޢުރީފާ ޝުކުރު ޙައްޤެވެ.
ނޯޓް: މި ލިޔުމަކީ ސާޖަންޓް ނަވިން ސަޢީދު ސިފައިންގެ ޚިދުމަތުގައި ހުންނެވިއިރު ލިޔުއްވާފައިވާ ލިޔުމެކެވެ. އޭނާ މިހާރު ވަނީ ސިފައިންގެ ޚިދުމަތުން ވަކިވެލައްވާފައެވެ.
