ސަގަލަ ސަންފައަކީ ކޮޅުމަޑުލު ކަނިމީދޫގައި އުޅުނު ސަންފަ ކިޔާ ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ. ވަރަށް ސަމައްތަރު ހެޔޮ ރީތި އިސްކޮޅެއްހުރި އަންހެންވަންތަ އަންހެން ކުއްޖެކެވެ. އަދި އެއީ ބަޣަލްޤީރަށް ނެށުމަށް (ބޯލްރޫމް ޑާންސަށް) ވަރަށް ކުޅަދާނަކަމާއެކު ނަށާ ކުއްޖެކެވެ. ސަގަލަ ސަންފައަކީ އޭރު އެ ރަށުގައި އުޅުނު އެންމެ މުއްސަނދި އާއިލާތަކުގެ ތެރެއިން އާއިލާއެއްގެ ކުއްޖެކެވެ. ސަގަލަ ސަންފަ މަޝްހޫރުވެފައި ވަނީ އީދުގައި ހިތް އުފާކުރުމަށް ބާއްވާ ބޮޑު ނެށުމުގެ ހަރަކާތުގެ ސަބަބުންނެވެ. އެއީ ”ސަންފަ“ ކިޔާ 39 ކުދީން ރާއްޖޭގެ އެކި ރަށްރަށުން ކަނިމީދޫއަށް ގެނެސްގެން ސަގަލަ ސަންފައާއެކު 40 ކުދީން އެކުގައި ބާއްވާ ނެށުމުގެ ބޮޑު ހަފުލާއެކެވެ. މި ހަފުލާތަކުގައި ސަގަލަ ސަންފަގެ ރަޙުމަތްތެރި ފިރިހެން ކުދީން ވެސް ބައިވެރިވެއެވެ.
ސަގަލަ ސަންފައާއެކު ނެށުމަށް ކަނިމީދޫއަށް ގެންނަ އަންހެން ކުދިންނަކީ ސަގަލަ ސަންފަގެ ބައްޕަ އޭނާގެ ދަރިފުޅުގެ ހިތް އުފާކޮށްދިނުމަށް ރާއްޖޭގެ އެކި ރަށްރަށުން ހޯދައިގެން ގެނެސްދީފައި ތިބޭ ކުދީންތަކެކެވެ. މި ކުދީން ހޯދައިގެން ގެނައުމުގެ ހުރިހާކަމެއް ކޮށްދީ އަދި މި ކުދީން ބައިތިއްބައި އެ ހުރިހާކަމަކަށް ހިނގާ ހުރިހާ ޚަރަދެއް ވެސް ކުރަނީ ސަގަލަ ސަންފަގެ ބައްޕައެވެ. އެއީ ކަނިމީދޫގެ ބޮޑު ކަތީބެވެ. އޭނާއަކީ ފުރެއްދެ އޮޑީގެ ހަތަރު އޮޑި ދުއްވާ ބޮޑު މުއްސަންޖެކެވެ. އުތުރު ކަރައަށާއި އަސޭކަރައަށާއި ސިލޯނަށް ކުރާ މޫސުމީ ދަތުރުތަކުގައި ގެންނަ މުދާ އަތޮޅަށް ވިއްކައިގެން ސަގަލަ ސަންފަގެ ބައްޕަ ވެފައިވަނީ އެރަށުގައި ހުރި އެންމެ ބޮޑު އެއް ސައުދާގަރަށެވެ.
ސަގަލަ ސަންފަ އާއި އަނެއް އޮނަ ސާޅީސް އަންހެން ކުދީންގެ ނެށުމުގެ ހަރަކާތްތައް އޮންނަނީ ކަނިމީދޫގެ ހާމަ މައިދާނެއްގައެވެ. މި ކަމުގައި ޒުވާން ފިރިހެން ކުދީން ވެސް ބައިވެރި ކުރެއެވެ. އަންހެން ކުދީން ތިބެނީ މަތިން އެއްޗެއް ނުލައި، ތިރިން ރޫޖައްސާފައި ހުންނަ ސްކާޓެއް ލައިގެންނެވެ. ފިރިހެން ކުދީން ތިބެނީ ވެސް މަތިން އެއްޗެއް ނުލައި ތިރީން ބޮޑު ހަރުވާޅު ލާފައެވެ. ސަގަލަ ސަންފަގެ ބޮލުގައި ރަނުގެ ތާޖެއް އަޅާފައި އޮވެއެވެ. އެ ތާޖުގައި ހުންނަނީ އަގު ބޮޑެތި ޖަވާހިރު ޖަހާފައެވެ. ކަރުގައި އޮންނަނީ ރަން ހާރެކެވެ. އަރައިގެން ހުންނަނީ ރަނުން ޖަރީކޮށްފައި ހުންނަ ފައިވާނަށެވެ. ސަގަލަ ސަންފައާއެކު ނެށުމުގައި ބައިވެރިވާ ހުރިހާ އަންހެން ކުދީން ވެސް ތިބެނީ ވަރަށް ރަނގަޅަށް ޒީނަތްތެރިވެގެންނެވެ. އެކަމަކު ސަގަލަ ސަންފައާ އެއް ވަރަކަށް ނޫނެވެ.
ސަގަލަ ސަންފަ ޒުވާން ފިރިހެން ކުދީންނާއެކު ބަޣަލްޤީރަށް ނަށައެވެ. އެހެން އަންހެން ކުދީން ވެސް އެ ކުއްޖަކު ގަޔާވާ ފިރިހެން ކުއްޖަކާއެކު އެ ކުއްޖަކަށް ނެށުނު ގޮތަކަށް ނަށައެވެ. އެ ނެށުން ބަލަން ރަށުގެ ކުދި ބޮޑު އެންމެން ޖަމާވެފައި ތިބެއެވެ. ސަގަލަ ސަންފައާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ޅެމެއް ހައްދަވާފައިވެއެވެ. އެ ޅެން ފައްޓަވަމުން ލިޔުއްވާފައިވެއެވެ.
”ނަށާލާށޭ ބުނީމާ ނުކުމެ، ތެޅިގަތުމުން ނެށޭނޭހޭ،
ފަށައިލާފާ ދެރާގެއް ޝޯރުނުކުރީމާ ނިމޭނޭހޭ“
މި ޅެމުގެ އެހެން ބައިތެއްގައި ޞަލާޙުއްދީން ވިދާޅުވެފައިވެއެވެ.
”ސަގަލަ ސަންފާ ބަޣަލްޤީރަށް، ނަގިލިނަގަމުން ނަށައިލީމާ،
ޢަޤަލްޙައިރާނެ ސަރުގިރުދާން، ނުވާ ކުއްޖަކު އުޅޭނޭހޭ“
ޞަލާޙުއްދީން އެ ވާހަކައެއްގެ މައްޗަށް ޅެމެއް ވެސް ހައްދަވާފައިވާ މަޝްހޫރު ސަގަލަ ސަންފަގެ ވާހަކައަކީ ދިވެހީންގެ ޒަމާންވީ ފޯކުލޯރެކެވެ. ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއްގެ މައްޗަށް ވާހަކައިގެ ރަހަ ހެޔޮވަރުކުރުމަށް ”ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން“ ބިނާކޮށް ތުންތުންމަތީން ކިޔެމުން އަންނަ ވާހަކައެވެ. ބުނެވޭގޮތުގައި އެ ދުވަސްވަރަކީ ފެހެންދޫ އުސްމާނު ރަސްގެފާނު (އައްސުލްޠާނު ޢުޘްމާނުލް ފެހެންދުވީ ސިރީ ސުންދުރަ މަހާރަދުން) ގެ ރަސްކަމުގެ ދުވަސްވަރުއެވެ. އެހެންކަމަށް ވާނަމަ އެއީ މީލާދީން 1388 ވަނަ އަހަރުހާތަނެވެ.
ހަވާލާ:
- ޢަބްދުލްޙަކީމު ޙުސައިންމަނިކު. (2000). ސަގަލަ ސަންފަގެ ވާހަކަ. ފަތްތޫރަ 22(3)،35-38.
