ސިފައިންގޭގައި ޝޫޓިންގ އެސޯސިއޭޝަން އުފެދުނީ 1993 ވަނަ އަހަރުގެ ނޮވެންބަރު 27 ވަނަ ދުވަހުއެވެ. އެ އެސޯސިއޭޝަން އުފެދުނީ ރާއްޖޭގައި ކުޅިވަރުގެ ތަފާތު ދާއިރާތަކުން އެސޯސިއޭޝަންތައް އޮލިމްޕިކް ކޮމެޓީގެ ދަށުން ހައްދަވަމުން ގެންދެވި ދުވަސްވަރު ސިފައިންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ހުރި ބޭފުޅުންކޮޅެއްގެ އިސްނެގުމުގެ މަތިންނެވެ. ޝޫޓިންގ އެސޯސިއޭޝަން އުފެދުނީ ލެފްޓިނެންޓް އިބްރާހީމް ޚަލީލާއި މޭޖަރ އަޙްމަދު ނަޢީމް މުޙައްމަދު އޮލިމްޕިކް ކޮމެޓީގެ ރައީސް އަލްފާޟިލް ޒާހިރު ނަޞީރާ ބައްދަލު ކުރައްވައި ސިފައިންގެ ތެރޭގައި ހުނަރުވެރި ޝޫޓަރުން ތިބިކަމަށާއި އޮލިމްޕިކް ކޮމެޓީގެ ދަށުން ސިފައިންގެ ތެރޭގައި ޝޫޓިންގ އެސޯސިއޭޝަނެއް އުފައްދައި ހިންގިދާނެތޯ ކުރެވުނު މަޝްވަރާތަކެއްގެ ފަހުންނެވެ. އޭގެފަހުން އެ ކުޅިވަރަކީ ރާއްޖެއަށް ރީތިނަން ހޯދައިދެވިދާނެ އަދި ދިވެހިންގެ ތެރޭގައި ޚާއްޞަކޮށް ސިފައިންގެ ތެރޭގައި ތަރައްޤީކޮށް ކުރިއެރުވޭނެ ކުޅިވަރެއް ކަމުގައި ދެކެވަޑައިގެން މި އެސޯސިއޭޝަން އުފެއްދެވުމުގެ ޢަމަލީ މަސައްކަތް އޮލިމްޕިކް ކޮމެޓީއާ ގުޅިގެން ކުރެއްވީ ކާނަލް މުޙައްމަދު ޒާހިރެވެ. އެ އެސޯސިއޭޝަންގެ ފުރަތަމަ ޗެއަރމަނަކީ ވެސް އެމަނިކުފާނެވެ. ފުރަތަމަ ވައިސް ޗެއަރމަނަކީ ކާނަލް ޝައުކަތު އިބްރާހީމެވެ. ޚަޒާންދާރަކީ މޭޖަރ އިބްރާހީމް ރަޝީދެވެ. މެންބަރެއްގެ ގޮތުން ލެފްޓިނެންޓް ކާނަލް އަޙްމަދު ނަޢީމު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. ހިންގާ ސެކްރެޓަރީއަކީ ލެފްޓިނެންޓް އިބްރާހީމް ޚަލީލެވެ. ޝޫޓިންގ އެސޯސިއޭޝަން ރަޖިސްޓްރީ ކުރެވުނީ ހަމައެކަނި ސިފައިންނަށް ބައިވެރިވެވޭ އެސޯސިއޭޝަނެއްގެ ގޮތުގައެވެ.
ޝޫޓިންގ އެސޯސިއޭޝަން އުފެދުމާ ގުޅިގެން ތަފާތު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ޝޫޓަރުން ބައިވެރިވާން ފެށިއެވެ. 1995 ޑިސެންބަރު 18 އިން 27 އަށް އިންޑިޔާގެ މެޑްރާސްގައި ބޭއްވި ސައުތު އޭޝިއަން ފެޑަރޭޝަން ގޭމްސް (ސާފްގޭމްސް) ގައި ފުރަތަމަ ފަހަރަށް ޝޫޓިންގ އެސޯސިއޭޝަންގެ އަންހެން އަދި ފިރިހެން ޓީމެއް ބައިވެރިވިއެވެ. ފިރިހެން ޓީމުގައި ހިމެނުނު ޝޫޓަރުންނަކީ ލެފްޓިނެންޓް އަޙްމަދު ނަސީމް (ސނ.747)، ކޯޕްރަލް އިސްމާޢީލް މާދީ (ސނ. 1652)، އަދި ކޯޕްރަލް އަޙްމަދު މުމްތާޒު (ސނ.1275) އެވެ. އަންހެން ޓީމުގައި ހިމެނުނު ޝޫޓަރުންނަކީ ލާންސް ކޯލްރަލް އީނާސް ޙުސައިން (ސނ.1721)، ޕްރައިވެޓް މަރިޔަމް މުނާ (ސނ.2392) އަދި ޕްރައިވެޓް ޠާހިރާ ޢަލީ (ސނ.2664) އެވެ. އެ މުބާރާތުގައި ބައިވެރިވި އަންހެން ޝޫޓިންގ ޓީމުން ވަނީ އެ މުބާރާތުގެ ”ސްޕޯރޓްސް ޕިސްޓަލް“ ޓީމު އިވެންޓުން 3 ވަނަ ޙާޞިލްކޮށް ދިވެހިރާއްޖެއަށް ބްރޯންޒް މެޑެލި ހޯދައިދީފައެވެ. މިއީ ޝޫޓިންގ އެސޯސިއޭޝަން އުފެދުނުތާ މާގިނަ އަހަރުތަކެއް ނުވަނީސް އަދި މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއަށާއި ސިފައިންނަށް ލިބުނު ފުރަތަމަ މެޑެލި ކަމަށްވާތީ އެކަން ވަރަށް ކުލަގަދަކޮށް ސިފައިން ފާހަގަ ކުރިއެވެ.
1997 މާރިޗު 8 އިން 16 އަށް އިންޑިޔާގެ ނިއުދިއްލީގައި ބޭއްވި ދެވަނަ އޭޝިއަން ޝޫޓިން ޗެންޕިއަންޝިޕްގައި ބައިވެރިވެ، އެ މުބާރާތުގެ ސްޓޭންޑިންގ ޕިސްޓަލް އިވެންޓްގައި ބައިވެރިވި ފިރިހެން ޝޫޓިންގ ޓީމުން ރިހި މެޑެލި ހޯދިއެވެ. އެކަމުގެ އަގުވަޒަންކުރައްވައި ސަރުކާރުން ވަރަށް ޚާއްޞަ އިނާމެއް ދެއްވިއެވެ. އެ ޓީމުގައި ހިމެނުނީ ލެފްޓިނެންޓް އަޙްމަދު ނަސީމާއި، ކޯޕްރަލް އިސްމާޢީލް މާދީއާއި ކޯޕްރަލް އަޙްމަދު މުމްތާޒެވެ. 1999 ސެޕްޓެންބަރު 25 ވަނަ ދުވަހު، ނޭޕާލްގެ ކަތުމަންޑޫގައި އޮތް ސާފް ގޭމްސްގައި ސިފައިންގެ ޝޫޓިންގ ޓީމު ބައިވެރިވިއެވެ. މި ޓީމުގައި ހިމެނުނު ފިރިހެން 3 ޝޫޓަރުންނަކީ ލެފްޓިނެންޓް އަޙްމަދު ނަސީމާއި، ކޯޕްރަލް އިސްމާޢީލް މާދީއާއި ކޯޕްރަލް އަޙްމަދު މުމްތާޒެވެ. އަންހެން ޝޫޓަރުންނަކީ ލާންސް ކޯޕްރަލް މަރިޔަމް މުނާއާއި، ލާންސް ކޯޕްރަލް ޢައިޝަތު ޒީނާއާއި ލާންސް ކޯޕްރަލް އީނާސް ޙުސައިނެވެ. 2004 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި 9 ވަނަ ސާފް ގޭމްސްގައި ވެސް ރާއްޖޭގެ ޝޫޓަރުން ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފައި ވެއެވެ. އަދި މީގެއިތުރަށް 2006 ވަނަ އަހަރު ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި 15 ވަނަ އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭގެ ޝޫޓަރުން ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.
- މަޢުލޫމާތު: ސިފައިން އުފެދުމާއި ކުރިއެރުން 1892 – 2008 (ސިފައިންގެ ތާރީޚް ކޮމެޓީ)
