ކުޅަދާނަ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ސްކޫލު ދުވަސްވަރުން ފެށިގެން އަދަބީ ހަރަކާތްތަކުގައި ޝާމިލްވެ އުޅުއްވިއެވެ. މަދަރުސީ ދައުރަށްފަހު ނިންމަވައިގެން ހުންނެވީ ހެޑްމާސްޓަރެއްގެ ގޮތުގައި އުފަން ރަށަށާއި އަތޮޅަށް ޚިދުމަތް ކޮށްދެއްވާށެވެ. އެކަމަކު ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ އަސްކަރީ ޚިދުމަތާއެވެ. މިއީ ދިވެހި ސިފައިންގެ ތެރޭގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ޖެނެރަލެވެ. އާދެ! ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

ތަޢުލީމީ ހަޔާތުން ފައްޓަމާ ހިންގަވާށެވެ. ދ.އަތޮޅުގެ އާބާދީ ނުހަނު މަދު ރަށެއް ކަމުގައިވާ ރިނބުދޫއަށް އުފަންވި ކުއްޖަކަށް، 1970 ގެ އަހަރުތަކުގެ ކުރީކޮޅު މާލެ އައިސް ރަސްމީ ނިޒާމުގެ ތެރެއިން ތަޢުލީމް ހާސިލުކުރުމަށް ފުރުޞަތު ލިބިގެން ދިއުމަކީ ޙަޤީޤަތުގައި ވެސް އާދައިގެ ނަސީބެއް ނޫނެވެ. އެކަން ފަހިގެން އައުމުގައި ޤުދުރަތީ ރޭއްވެވުންތަކަކާއި ބޮޑެތި އިއްތިފާޤުތަކެއް ވެއެވެ. މިއީ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ޤަބޫލުފުޅު ކުރައްވާގޮތެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ޒަމާނީ ތަޢުލީމު ދެއްވުމަކީ ބައްޕާފުޅު، ރިނބުދޫ އިބްރާހީމް ކަލޭފާނުގެ ވަރަށް ބޮޑު ހުވަފެންފުޅެކެވެ. އެހެން ނަމަވެސް ހިތާމައަކީ އޭނާގެ ރަޙުމަތްތެރިންގެ އިޚްލާޞްތެރި މަސައްކަތާއި ދީލަތިކަމާއި ޖެނެރަލް މަންޞޫރުގެ ގަދަ ހިތްވަރާއެކު އެ ހުވަފެންފުޅު ޙަޤީޤަތަކަށް ވެގެންދިޔައިރު އެތަން ދެކެވަޑައިގެންނެވުމުގެ ފުރުޞަތު ޤުދުރަތުގެ ޤާނޫނުން ރިނބުދޫ ކަލޭފާނަށް ލިބިވަޑައި ނުގެންނެވިކަމެވެ.

ޖެނެރަލް މަންޞޫރު ފުރަތަމަ ތަޢުލީމް ހާސިލުކުރެއްވީ ދ.ރިނބުދޫގައި ހުންނަ މަކްތަބު މުބާރަކުންނެވެ. ކިޔަވައިދިނުމަށް ފުރަތަމަ މާލެ ގެންނެވީ އުމުރުފުޅުން ގާތްގަނޑަކަށް 12 އަހަރުގައެވެ. އެފަހަރު މާލޭގައި ބެހެއްޓެވީ ގ.ސިލިވަރުގޭގައެވެ. ކެރަފާ ތުއްތު މަނިކާއި ބެރުގޭ ނަޖީބާގެ އަރިހުގައެވެ. އެއީ 1972 ނުވަތަ 1973 އެވެ. 1974ވަނަ އަހަރު ”ބޮޑު ބުރާސްފަތި“ ހިނގީ ޖެނެރަލް މަންޞޫރު މާލޭގައި ހުންނަވަނިކޮށެވެ. އެފަހަރު މާލޭގައި ހުންނެވިއިރު އާލިޔާ ސްކޫލަށް ދުވަސްކޮޅަކު ވަޑައިގަތެވެ. އަދި ގެއަށް ގެނެސްދެއްވި ޓީޗަރުންގެ ފަރާތުން ކިޔަވާ ވިދާޅުވާން މަސައްކަތް ކުރެއްވިއެވެ. އެ ގޭގައި 1975ވަނަ އަހަރުގެ ނިޔަލަށް ހުންނެވުމަށްފަހު ބޭނުންފުޅުވީ ރަށަށް ވަޑައިގަންނަވާށެވެ. ބައްޕަ އެކަމަށް އެއްބަސްވެވަޑައި ނުގަންނަވާނެތީ މީހަކު މެދުވެރިކޮށް މަންމައަށް ދަންނަވައިގެން ރަށަށް ވަޑައިގަތީއެވެ. އެދުވަސްވަރަކީ ނާލު ބައްތެލީގައި ދަތުރުކުރި ޒަމާނެވެ. އެއީ ރިނބުދޫން ފުރައިގެން 14 ރޭ 14 ދުވާ ވެސް ބައެއް ފަހަރު މާލެ ދަތުރުތަކަށް ހޭދަކުރި ޒަމާނެވެ.

ޖެނެރަލް ޒަކަރިއްޔާ މަންޞޫރު އެފަހަރު ރަށަށް ގޮސް ގެއަށް ވެންނެވިއިރު ބައްޕަ އޮތީ ޖެނެރަލް މަންޞޫރަށް ތަޢުލީމު ދެއްވޭތޯ އެހެން ޕްލޭނެއް ކުރައްސަވާފައެވެ. ވިދާޅުވިއެވެ. ދަރިފުޅު ހިތުން ތިޔައައީ ރަށުގައި ކުޅެ މަޖާކޮށް ހުންނަންތާއެވެ. އެކަމަކު އެކަން އޮތީ އެހެނެއްނޫނެވެ. އަވަހަށް ފުރައިގެން ދާންވީއެވެ. މާލޭގައި ހުންނާނެ އެހެން ގެއެއް މިހާރު ބައްޕަވާނީ ހަމަޖައްސާފައެވެ. އެފަހަރު މާލެ ގެންނަވައި ބެހެއްޓެވީ ގ.ކަންޒުދޮށުގޭގައި ނ.ތ އަހަންމައިދީ އަރިހުގައެވެ. އެއީ 1976 ވަނަ އަހަރުގެ ކުރީކޮޅެވެ. އެފަހަރު ވެސް މާލޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ވެންނެވޭގޮތް ނުވެގެން ވެއްދެވީ މަދަރުސަތުލް ޠައިބާ (ތޮއިބާ) އަށެވެ. ތޮއިބާ އަކީ ޢަރަބި މީޑިއަމަށް އޭރު މާލޭގައި އަމިއްލަ ބަޔަކު ކިޔަވައިދެމުންދިޔަ ސްކޫލެކެވެ. ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އެންމެ ދުވަސްވީ އެންމެ ގާތް އެއް އެކުވެރިޔާ ކަމުގައިވާ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދާ ފުރަތަމަ ދިމާވީ އެ ސްކޫލުންނެވެ. 1992 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު ސިފައިންގޭގައި ފުރަތަމަ އަައްޑަނަ ނޫސް ނެރުއްވިއިރު ޖެނެރަލް މަންޞޫރާއެކު އަނެއް އެޑިޓަރަކީ ޖެނެރަލް އަޙްމަދެވެ.

1978 ވަނަ އަހަރު ސަރުކާރުން ތޮއިބާ ސްކޫލު އުވާލައްވައި، އެ ސްކޫލުގައި ތިބި ދަރިވަރުންނަށް އިމްތިހާނެއްދެއްވައި، އެ އިމްތިހާނުން ފާސްވި ކުދިން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުކޮށްދެއްވިއެވެ. ގްރޭޑް 5 އަކަށް ބަދަލުވާ އިމްތިހާނު ހައްދަވައި ފާސްވުމުން، ރާއްޖޭގައި ހުރި އެންމެ ފަޚުރުވެރި އެއް ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް ވެންނެވުމުގެ ފުރުޞަތު ޖެނެރަލް ޒަކަރިއްޔާ މަންޞޫރަށް ލިބިވަޑައިގަތެވެ. މަޖީދިއްޔާގައި ކިޔަވާ ވިދާޅުވާން ޖެހިވަޑައިގަތީ ޖެނެރަލް މަންޞޫރަށްވުރެ އުމުރުން ހަގު ކުދިންނާއެކުގައެވެ. ތުރުކުރައްވަން ޖެހިވަޑައިގަތީ ކުރު ފަޓުލޫނެވެ. އެހެންނަމަވެސް އެ ފުރުސަތު ލިބިވަޑައިގަތުން ޖެނެރަލް މަންޞޫރު ސިފަކުރައްވަނީ ”ޤުދުރަތުގެ ބޮޑު ނަސީބެއް“ ގެ ގޮތުގައެވެ. ކުއްލިއަކަށް 1977 ވަނަ އަހަރު ބައްޕާފުޅު ނިޔާވުމާއެކު ޖެނެރަލް މަންޞޫރުގެ ހުރިހާ ޒިންމާތަކަކާ އަމިއްލަފުޅަށް ހަވާލުވެވަޑައިގެންނެވީ ނ.ތ އަހަންމައިދީއެވެ. މިކަން ވަރަށް ޝުކުރުވެރިކަމާއެކު ޖެނެރަލް މަންޞޫރު ފާހަގަ ކުރެއްވިއެވެ. އަދި ”އެ ބޭފުޅުންގެ ދީލަތިކަން އަބަދުވެސް ހަނދާނުގައި ހުންނާނެ“ ކަމުގައި ވިދާޅުވިއެވެ.

ޖެނެރަލް ޒަކަރިއްޔާ މަންޞޫރަކީ މަދުރަސީ ދައުރުގައި ވަރަށް ހަރަކާތްތެރި ދަރިވަރެކެވެ. ސްކޫލުން ބޭއްވި ބޮޑެތި ހުރިހާ ހަރަކާތްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ޚާއްޞަގޮތެއްގައި ކެޑޭޓާއި، ދިވެހި އަދަބީ ޖަމްޢިއްޔާ އެކުވެރިންގެ ގުޅުމުގައި ކުރެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ. އަދި ސްކޫލުގެ ޑެޕިއުޓީ ހެޑް ޕްރިފެކްޓްކަމާއި ކްލާސްތަކުގެ މޮނީޓަރުކަން ފަދަ ލީޑަރޝިޕް މަޤާމުތައް ފުރުއްވިއެވެ. ”މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ފައިވާނުގެ ބަދަލުގައި ބޫޓަށް އަރަންފެށީ އަޅުގަނޑު މަޖީދިއްޔާގައި ކިޔަވަމުންދިޔަ ދުވަސްވަރު“ އޭރުގެ ހަނދާންތައް ޖެނެރަލް  މަންޞޫރު އާކުރެއްވިއެވެ. އިންޓަރ ސްކޫލް ތަފާތު ބަހުސްތަކުގައި ބައިވެރިވެވަޑައިގެން މަޖީދިއްޔާއަށް ފަޚުރުވެރި ވަނަތަކެއް ކާމިޔާބު ކޮށްދެއްވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ޖީސީއީ އޯލެވެލް ހެއްދެވީ 1984 ވަނަ އަހަރުއެވެ. ހެޑްމާސްޓަރަކަށްވެ، އުފަން ރަށަށާއި އަތޮޅަށް ޚިދުމަތް ކުރެއްވުމަށް ޖެނެރަލް މަންޞޫރު މުދަރިސުން ތަމްރީނުކުރާ ކޯސް ހައްދަވަން ފެއްޓެވިއެވެ. އެ ކޯހުގައި ދެތިން މަސް ވެސް ނުވަނީސް ޖެނެރަލް މަންޞޫރު ސިފައިންގެ ޚިދުމަތަށް ގެންނެވިއެވެ.

”އެ ކޯހުގައި އަޅުގަނޑާއި އަޙްމަދާއި އަދި ވެސް ވަރަށް ގިނަ ކުދިން އުޅުނު. އަދި އެ އަހަރު އަޅުގަނޑުމެންނާއެކު އެތައް ކުދިންނެއް މަޖީދިއްޔާ ވެސް ނިންމި. އޭގެތެރެއިން އަޅުގަނޑާއި އަޙްމަދާ ދެ މީހުން ސިފައިންގެ ޚިދުމަތަށް ގެންނެވީ. ހަމައެކަނި އަޅުގަނޑުމެން ދެ މީހުން ގެންނެވި ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއަކުން ދަންނަވައި އެދުނިން ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުޞަތު ދެއްވުމަށް ވެސް. އެކަމަކު އެ ފުރުޞަތެއް ނުދެއްވި. އޭރު ޤާނޫނުގައި އޮވޭ ސަރުކާރުގެ ސްކޫލުތަކުން ތަޢުލީމް ހާސިލުކޮށްގެން ސަރުކާރަށް ޚިދުމަތް ކޮށްދޭންޖެހޭނެ ކަމަށް. އެގޮތުން ސަރުކާރުން ނިންމެވީ އަޅުގަނޑުމެން ޚިދުމަތްކުރާނީ ސިފައިންގޭގައި ކަމަށް. އެއީ ސިފައިންގެއަށް ވަދެވުނު ގޮތަކީ“ ލާންސް ކޯޕްރަލް ރޭންކުގައި 1984 މާރިޗު 13 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ޖެނަރަލް މަންޞޫރު ވިދާޅުވިއެވެ.

އެއީ ސިފައިން ކުލަ ހެދުންލައި އުޅުނު ޒަމާނެއް ނޫނެވެ. އާންމުކޮށް ސިފައިން ލައި އުޅެންޖެހެނީ ގިރުވާނާއެކު ގޮއްފަތީގެ ބައެއްގައި ކަޅުފަށެއް އަޅާފައި ހުންނަ ފަށްގަމީހެވެ. ޑިއުޓީ މަރަނީ ޖަންގަލް ގްރީން ޔުނީފޯމުގައެވެ. ސިފައިންގެއަށް ވައްދާ މީހުންނަށް އޭރު ދެނީ އަސާސީ އާދައިގެ ތަމްރީނުތަކެކެވެ. މިހާރުގެ ގޮތަށް އަސާސީ ތަމްރީނު ނުދިން ނަމަވެސް އޭރުވެސް ތަމްރީނުތަކެއް ދެވެއެވެ. ”އަޅުގަނޑު ސިފައިންގޭގައި ފުރަތަމަ މަސައްކަތްކުރަން ޖެހުނީ ޑިއުޓީ ސެކްޝަންގައި. އޭރު އެ ސެކްޝަންގެ ވެރިއަކަށް ހުންނަވަނީ މޭޖަރ ކަރޯ ޢައްބާސް. އޭނާގެ ބެއްލެވުމުގެ ދަށުން ދޫނިދޫއަށް ގެންގޮސް ބަޑިޖަހަން ދަސްކޮށްދީ، ފީލްޑްކްރާފުޓް ކިޔަވައިދީ ހައްދަވާ. އޭރު އާންމުކޮށް ބޭނުންކުރާ ހުރިހާ ހަތިޔާރެއް ފަޔަރ ކުރުވާ. އެގޮތުން ފިސްތޯލައާއި، ތިރީ އޯ ތިރީއާއި، އޭކޭ 47 އަޅުގަނޑުމެން ލައްވާ ފަޔަރ ކުރުވާ.“  ޖެނެރަލް މަންޞޫރު ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، 1985 ވަނަ އަހަރު އެމެރިކާގެ ކޯސްޓްގާޑުން ތަމްރީނު ހެދުމުގެ ފުރުސަތު ޖެނަރަލް މަންޞޫރަށް ލިބިވަޑައިގެންނެވިއެވެ. ވާވެލާވެލި އައްސައި ގޮއްޖެހުންފަދަ އެންމެ އާދައިގެ މަސައްކަތުން ފެށިގެން ނެވިގޭޝަނާއި ޗާޓުގެ މަސައްކަތާއި އިންޖީނަށް ދިމާވާ މައްސަލަތަކާއެކު ކުޑަ ލޯންޗެއްގެ ކެޕްޓަނަކަށް އެނގެންޖެހޭ މިންވަރަށް އެފަހަރު ކިޔަވައިދިނެވެ. ފުރަތަމަ ނިންމެވީ ބޯސަންސްމޭޓް އޭ ސްކޫލެވެ. އެއަށްފަހު އެ ކޯސް ނިންމާލެއްވީ ކޮކްސަން ސީ ސްކޫލުންނެވެ. އެފަހަރު އެ އެޅުނު ބިންގަލުގެ މަތީގައި އުސް އެތައް ހަރުފަތްތަކެއް މެރިޓައިމްގެ ދާއިރާއިން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ގިރާކުރެއްވިއެވެ.

މިގޮތުން 1989 ވަނަ އަހަރު ޗައިނާގެ ޑާލިއަން މެރިޓަމް ޔުނިވަރސިޓީން ހެއްދެވި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ކޯހާއި، 1990 ވަނަ އަހަރު އެމެރިކާއިން ހެއްދެވި އިންޓަރނޭޝަނަލް ރިވަރައިން އެންޑް ކޯސްޓަލް އޮޕަރޭޝަންސް ކޯހާއި، 1991 ވަނަ އަހަރު އިނގިރޭސިވިލާތުން ހެއްދެވި އޮއިލް ސްލިޕް އެންޑް ކްލިއަރަންސް ކޯހާއި، 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބްރިޓޭނިއަރ ރޯޔަލް ނޭވަލް ކޮލެޖުން ފުރިހަމަކުރެއްވި އިންޓަރނޭޝަނަލް މިޑްޝިޕްމަންސް ކޯސް ފާހަގަކުރެވެއެވެ. ”އެ ކޯހުގައި އޮންދަ ޖޮބް ޓްރޭނިންގ ގޮތުގައި ޔޫކޭގެ ރޯޔަލް ނޭވީގެ ފުރިގޭޓެއް ކަމުގައިވާ އެޗްއެމްއެސް ބެޓެލް އެކްސްގައި މަސައްކަތްކުރަންޖެހުނު. އެމެރިކާގައި ޝިޕް އޮއްވައި މަތިންދާ ބޯޓުގައި އަޅުގަނޑުމެން ޔޫކޭއިން ޔޫއެސްއަށް ގެންގޮސް ޝިޕަށް އެރުވީ. އެ ތަޖުރިބާގެ ދަތުރުގައި އަޅުގަނޑުމެން ދިޔައީ ކެރީބިއަންއަށް. ކެރީބިއަންގެ ސެންޓްކްރޯއީއާއި، ފްލޮރިޑާއާއި، ވާޖިން އައިލެންޑް ފަދަ ރަށްރަށް މަޑުކުރަމުން ދަތުރުކޮށް ދިޔައީ ބާމިއުޑާއަށް. އެދިޔަ ދަތުރުމަތީގައި ވަރަށް ވަރުގަދަ ތޫފަނަކާ ލައްވާލި. ދެތިން ދުވަސް ދިޔަ އަޅުގަނޑުމެންނަށް ތެދުވެ އުޅުންވެސް މަނާކޮށްފައި އޮތް. އެ ތޫފާނުގައި ޝިޕަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު. އެ ޝިޕް ޓްރޭނިންގގައި މަސައްކަތްކުރަންޖެހެނީ އެކި ޑިޕާޓްމަންޓްތަކުގައި ރޮޓޭޓްވާ އުސޫލުން. އެ ދަތުރުގައި ބާމިއުޑާއަށް ގޮސް އެޓިލާންޓިކް ކަނޑު ހުރަސްކޮށް އާޒޯސްގައި މަޑުކޮށްފައި، ފްރާންސްގެ ބްރިސްޓް ކިޔާ ބަނދަރަކަށް ވެސް ގޮސްފައި އައިސް ޓާޑްމަތުގައި ކޮލެޖުން ގްރެޖްއޭޓްވީ“ އޭރުގެ ހަނދާންތައް ޖެނެރަލް މަންޞޫރު އާކުރެއްވިއެވެ.

1990 ވަނަ އަހަރު ދިވެހިރާއްޖެއިން އެންސީއޯ ކޭޑަރ ހެއްދެވިއެވެ. ޕާކިސްތާނުން ބޭސިކް ސްޓާފް ކޯސް 1994 ވަނަ އަހަރު ފުރިހަމަކުރެއްވި ޖެނެރަލް މަންޞޫރުވަނީ އިންޓަރނޭޝަނަލް އެއަރ ސާރޗް އެންޑް ރެސްކިޔު ކޯސް 1995 ވަނަ އަހަރު އޮސްޓްރޭލިއާއިން ފުރިހަމަކުރައްވާފައެވެ. އަދި ނޭވަލް ސްޓާފް ކޮލެޖް ފޮރ އިންޓަރނޭޝަނަލް އޮފިސަރސް 2000 ވަނަ އަހަރު ފުރިހަމަ ކުރެއްވީ އެމެރިކާގެ ކޯސްޓްގާޑުގައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ވެސް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރަކީ މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންގެ ތެރެއިން ވަރަށް ހިތްވަރުގަދަ ޚާއްޞަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އޭރުގެ ސިފައިންގެ ވެރިޔާގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހީމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ޓަކައި އަމިއްލަ އިސްނެންގެވުމާއެކު ކުރެއްވި މަސައްކަތެވެ. އިލްޔާސް އިބްރާހީމް މއ.ޝާދީވިލާގައި އޮންނެވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ދަންނަވައި، މާލެ ތެރޭގައި އެމަނިކުފާނު ހޯއްދެވުމަށް ދުޝްމަނުން ހަރަކާތްތެރިވަމުން ދަނިކޮށް، އެ ގެއިން ނެރުއްވައިގެން ކާރަކަށް ލައްވައިގެން މ.ގައްދަޑުގެއަށް ކާރެއްގައި ގެންދެވީ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ އިތުރުން ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ސިފައިން ހިންގާފައިވާ ހުރިހާ ޚާއްޞަ ބޮޑެތި އޮޕަރޭޝަންތަކެއްގައި ޢަމަލީ ގޮތުން މުހިންމު ދައުރުތަކެއް ޖެނެރަލް މަންޞޫރު އަދާކުރެއްވިއެވެ. އޭގެތެރެއިން ވެސް ސުނާމީ ކާރިސާއާގުޅިގެން ކޯސްޓްގާޑުގެ ކޮމާންޑަރެއްގެ ހައިސިއްޔަތުންނާއި އާންމުންނަށް މީޑިއާއިން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ސިފައިންގެ ޚިދުމަތުގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ކޯސްޓްގާޑުގެ އާދައިގެ ސެއިލަރެއްގެ ގޮތުގައި ފެއްޓެވި ޚިދުމަތުން ކޯސްޓްގާޑުގެ އެންމެ އިސް ވެރިކަމާ ހަމައަށް ވަޑައިގެންނެވިއެވެ. ކޯސްޓްގާޑުގެ ޑެޕިއުޓީ ޑައިރެކްޓަރުކަމާއި، ޑައިރެކްޓަރުކަމާއި، ކަޮމާންޑިންގ އޮފިސަރުކަމާއި، ކޮމަޑާންޓްކަން ވެސް ކުރެއްވިއެވެ. ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ސިފައިންގެ ޚިދުމަތުގެ އެންމެ ބޮޑު ކާމިޔާބަކީތައް ގުޅިފައިވަނީ ކޯސްޓްގާޑުގެ ޚިދުމަތް ތަރައްޤީވެ ކުރިއަރާފައިވާ މިންވަރާއެވެ. ކޯސްޓްގާޑުގެ އިސް މަޤާމުތަކުގެ އިތުރުން އެހެން ބައެއް ޔުނިޓްތަކުގެ އިސް މަޤާމުތަކާއި ސިފައިންގެ އެކިއެކި ބޯޑުތަކުގައި ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކާއި، އެސްއީކޭ ބޯޑާއި ސިފްކޯގެ މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަނެއްގެ ގޮތުންނާއި ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ އެމްޑީގެ ގޮތުން ކުރެއްވި މަސައްކަތްތަކާއި، ލަފާދޭ މަޖިލިހުގެ މެންބަރެއްގެ ގޮތުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ. މީގެއިތުރުން މިހާރުވެސް އެމްއެންޑީއެފްގެ ޗީފް ސްޕޯކްސްމަންގެ މަޤާމުގައި ހުންނެވި ޖެނެރަލް މަންޞޫރު ފާހަގަ ކުރެވެނީ، ޤައުމަށް ދިމާވާ ޚާއްޞަ ހާލަތްތަކުގައި ވެސް މީޑިއާ މެދުވެރިކޮށް ސިފައިންގެ ފަރާތުން ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ މަޢުލޫމާތު ދެއްވުމުގައި ވަރަށް ޤާބިލު ބޭފުޅެއްގެ ގޮތުގައެވެ. މުޅި ދުނިޔޭގައި ވެސް ޓެރަރިޒަމުގެ ނުރައްކާތެރިކަމުގެ އަޑުތައް ގުގުމާފައިވާއިރު މިވަގުތު ޖެނެރަލް މަންޞޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލުގެ މަޤާމުގައެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު މެދުކެނޑުމެއްނެތި ސިފައިންގެ ޚިދުމަތުގައި ހޭދަކުރައްވާފައިވާ 35 އަހަރަށްވުރެ ދިގު މުއްދަތުގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 މެޑެއްޔާއި، 11 ކުލަ ދެއްވާފައިވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާ އަޅުގަނޑު ކުރި އިންޓަރވިއު ނިންމާލުމުގެ ކުރިން ސިފައިންނަށް ދެއްވަން ބޭނުންފުޅުވާ މެސެޖަކީ ކޮބައިތޯ ދަންނަވާލީމެވެ. ”އަޅުގަނޑުމެން ދަންނަންވީ ސިފައިން އަދާކުރަމުން މިދާ ޚިދުމަތުގެ މުހިންމުކަން. އަޅުގަނޑުމެން އޮޅުންފިލުވަންވީ އަންޒަމާނުއްސުރެ ސިފައިން ޚިދުމަތް ކުރަމުން އައިގޮތުގެ ތާރީޚު.  އަޅުގަނޑުމެންނަށް އެނގެންވީ އަޅުގަނޑުމެންގެ އަތުގައި މިހާރު މިހިރަ ވަސީލަތްތަކާއި ފަސޭހަތައް ނެތް އިރުވެސް ނުރައްކާތެރި ހާލަތްތަކުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ސިފައިން ތިބި ތިބުމާއި، އެކަން މިހާރުވެސް ދެމިގެން އެބަދާކަން. ސިފައިން ވެސް ހުރިހާ ކަމެއް މިއަދު ކުރަންޖެހޭނީ ޤާނޫނީ ތަރަހައިގެ ތެރޭގައިކަން. މީގެއިތުރުން ވަކިން ޚާއްޞަކޮށް ކޮންމެ ސިފައިންގެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އުފުލުމުގައި ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. އެ މީހަކު ހުރީ ކޮން މަޤާމެއްގައިތޯއާއި ކޮން ރޭންކެއްގައިތޯ ނުބަލައި، ޒިންމާ އުފުލާ މީހަކަށްވާން އެބަޖެހޭ. އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙުކުރަން ސަމާލުކަން ދޭންވީ. މިއަދު އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ ކަމަކީ މީހުން ތަރުބިއްޔަތުކުރުން. ނަމޫނާ މިސާލު ދެއްކުން“ ޖެނެރަލް މަންޞޫރު ވިދާޅުވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ ވާހަކަފުޅު ނިންމަވާލެއްވީ އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް ތަކުރާރު ކުރައްވަމުންނެވެ. އެއީ ހެޔޮ ނަސޭހަތެކެވެ. އަމިއްލަފުޅު ތަޖުރިބާގެ ތެރެއިން ވިދާޅުވާ ވިދާޅުވުމެކެވެ. ”އެ މީހެއްގެ ފަރުދީ ޒިންމާ އުފުލައިގެން އެ މީހެއްގެ ދާއިރާގައި ރަނގަޅަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުން ދާނަމަ، އެމީހެއްގެ ތަޢުލީމާއި އެ މީހެއްގެ ޤާބިލްކަންހުރި މިންވަރަކުން އެ މީހެއްގެ ރޭންކާއި އެ މީހަކު ހުންނަންވީ އެޕޮއިންޓްމަންޓް އަރާ ހަމަކުރާނެ.“ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވިއެވެ.

ޝެއަރކުރެއްވުމަށް