ހަމްދަރުދީވުމުގެ އިސްވާރުކަން (އެމްޕަތެޓިކް ލީޑަރޝިޕް) އަކީ އެހެން މީހުންގެ ފިކުރުތަކާއި އިހުސާސްތަކާއި ޖަޒުބާތުތަކާއި ތަހަންމަލުކުރާ ހާލަތު ދަނެގަނެގެން އެކަންކަމަށް ރިޢާޔަތްކުރާ އިސްވާރުކަމުގެ ވައްޓަފާޅިއެކެވެ. ހަމްދަރުދީވުމުގެ އިސްވާރުކަން ގެންގުޅޭ އިސްވާރުން އޭނާގެ ޓީމުގެ މެންބަރުންގެ ދިރިއުޅުމުގެ ހާލަތާއި، އެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ މީހުންގެ ޞިއްޙަތާއި ޖަޒުބާތުތަކަށް ފަރުވާތެރިވެއެވެ. އެ މީހުންގެ ބޭރުފުށުގެ ހަރަކާތްތަކުން ނުވަތަ ފެންނަ ފެނުމުންނާއި، ދައްކާ ވާހަކަތަކުން އެ މީހުންގެ ޖަޒުބާތުތަކާއި އިހުސާސްތައް ދެނެގަނެއެވެ.
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުން އެކި ދުވަހު ތަހަންމަލުކުރާނީ އެކި ހާލަތެވެ. މި ކަންކަމާ ގުޅިފައިވާ އިހުސާސްތަކާއި ޖަޒުބާތުތަކާއެކު ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން ދަނެގެން، ކޮންމެ މީހަކަށް ވެސް އިހުތިރާމާއެކު މުއާމަލާތްކުރުމަކީ ހަމްދަރުދީވުމުގެ އިސްވާރުކަމުގައި މުހިންމުކަމެކެވެ. މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، ހާލަތަށް ރިޢާޔަތްކޮށް މުވައްޒަފުން ބޭނުންވާ ލުއިފަސޭހަތައް ފަހިކޮށްދީ، މަސައްކަތުގެ ތާވަލާއި ޗުއްޓީ ހަމަޖައްސައިދިނުމުގައި މި ފައްޓަފާޅި ގެންގުޅޭ އިސްވާރުން ފަރުވާތެރިވެއެވެ. އަދި މަސައްކަތުގެ މާހައުލަކީ ހުރިހާގޮތަކުން ރައްކާތެރި އަދި ނަފުސާނީގޮތުން ހިތްހަމަޖެހޭ އެކުވެރި އުފާވެރި މާހައުލަކަށް ހަދައެވެ.
ހަމްދަރުދީވުމުގެ އިސްވާރުކަމުގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވެ، ދަށުގައި މަސައްކަތްކުރާ މީހުންގެ އެއްބާރުލުމާއި ލޯބި ލިބިގެންދާ އުފާވެރި މަސައްކަތުގެ މާހައުލެއް އުފައްދައިދެއެވެ. އިސްވާރާ މެދު އޮންނަ އިތުބާރުގެ އިތުރުން ދޭދޭ މުވައްޒަފުންގެ މެދުގައި ވެސް އެކުވެރިކަމާއި އިތުބާރު ބޮޑުވެގެންދެއެވެ. ހަމްދަރުދީވުމުގެ އިސްވާރުކަމަކީ ދަށުގައި މަސައްކަތްކުރާ މީހުން އެދޭހާ ގޮތަކަށް ކަންތައްތައް ކުރުމެއްނޫނެވެ. އަދި މުއައްސަސާ ނުވަތަ ޓީމުގެ މަގުސަދު ގެއްލޭގޮތަށް ހަމައެކަނި މުވައްޒަފުންގެ ވެލްފެއަރއަށް ހުރިހާކަމެއް ފައްސިޔަކޮށް ދޫކޮށްލުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ ފަރުދީ ފެންވަރުގައި މުވައްޒަފަކަށް ލިބޭ ހިތާމައެއްގައި ބައިވެރިވުމާއި، އެއިން މީހަކަށް ލިބޭ ހިތާމައެއް ނުވަތަ ދެރައެއްގައި އޯގާތެރިކަމާއެކު ބައިވެރިވެ، އެހީތެރިވެ، އެއްބާރުލުން ދިނުމެވެ. އަދި އެކަމުގެ ޔަގީންކަން މުވައްޒަފުންނަށް އޮތުމެވެ.
ހަމްދަރުދީވުމުގެ އިސްވާރުންނަށް އުފެއްދުންތެރި މަސައްކަތު މާހައުލެއް އުފައްދައި އެއްބާރުލުން ލިބޭ ފަދަ މާހައުލެއް ބިނާކުރެވޭނީ މައިގަނޑު ހަތްކަމަކަށް އިސްކަންދީގެންނެވެ. ފުރަތަމަ ކަމަކީ ދަށުގައި މަސައްކަތްކުރާ މީހުންގެ އިހުސާސްތައް ދަނެގަނެގެން އިތުބާރު ހޯދުމެވެ. ދެވަނަ ކަމަކީ މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި ޞިއްޙަތަށް ފާޅުކަން ބޮޑު ގޮތެއްގައި ޙަމްދަރުދީވެގެން އަދި މުއާމަލާތް ކުރުމުމުގައި އެކަންކަމަށް ހިތްވަރުދީގެން ރަނގަޅު މަސައްކަތުގެ މާހައުލެއް އުފެއްދުމެވެ.
ތިންވަނަ ކަމަކީ މުވައްޒަފުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމުގެ ހާލަތު ދެނެގަނެ، ދޫދެވޭ މަސައްކަތުގެ ތާވަލުތަކާއި، އެ މުވައްޒަފުން އެންމެ ބޭނުންވާ ހިނދު ދީލަތިކަމާއެކު ޗުއްޓީދީގެންނާއި، އަޅާލައިގެން މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމެވެ. ހަތަރުވަނަ ކަމަކީ މުވައްޒަފުންނަށް ކުރިމަތިވާ ހިތްދަތި އަދި ހިތާމަވެރި ހާލަތްތަކުގައި އެ މީހުން ކުރިމަތިވަމުންދާ ވޭންތައް ތަޞައްވުރު ކުރެވޭކަން ޢަމަލާއި ބަހުން ދައްކައިގެން ހަމްދަރުދީވާކަން ދައްކައިދިނުމެވެ.
ފަސްވަނަ ކަމަކީ މުވައްޒަފުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމާއި ނާގާބިލުކަން އެނގިގެން އެކަންކަމަށް ސަމާލުކަންދީގެން އެ މީހުންގެ ޤާބިލުކަން އިތުރުކުރުމަށް ހިތްވަރުދީ އެހީތެރިވުމެވެ. ފަޟީލަތް ކުރުމުންނާއި ބޭޒާރުކުރުމުން ދުރުވުމެވެ. ކުޑައިމިސްކޮށް މާޔޫސްކޮށް ހިތުގައި ނުޖެއްސުމެވެ. ލޯތްބާއި އޯގާތެރިކަމާއެކު ހިތްވަރުދިނުމެވެ. ހަވަނަ ކަމަކީ މުވައްޒަފުންނަށް ލިބޭ ކުދި ބޮޑު ހުރިހާ ކާމިޔާބީއެއް ވަޒަންކުރުމެވެ. ހަތްވަނަ ކަމަކީ ނަމޫނާ ދައްކައިގެން ލީޑްކުރުމެވެ.
ހަމްދަރުދީވުމުގެ އިސްވާރަކަށް ވެވޭނީ މައިގަނޑު ހަތަރު ސިފައެއް ހުރެގެންނެވެ. އެއީ ހަމްދަރުދީއާއި، އޯގާތެރިކަމާއި، ޖަޒުބާތީ ވިސްނުމާއި، ފަހެލިކަމެވެ. ހަމްދަރުދީވުމުގެ އިސްވާރުންނަކީ ދަށުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ލިބޭ ކޮންމެ ދެރައަކާއި ހިތާމައެއްގައި ޢަމަލާއި ބަހުން ބައިވެރިވެ އަދި ލިބޭ އުފަލާއި ކާމިޔާބީގެ އަގުވަޒަންކުރާ ބައެކެވެ. އަދި މުވައްޒަފުންނަށް ހެޔޮކޮށް ހިތާ އޯގާތެރި ބައެކެވެ. އެ މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތައް އެނގޭ ބައެކެވެ. މީގެއިތުރުން ތަފާތު މާހައުލުތަކަށާއި ތަފާތު ހާލަތްތަކަށް އަވަހަށް ހޭނި އެ ހާލަތަށް ބަލައިގެން ފަސޭހަކާމާއެކު ބަދަލުވާން އެނގިގެން މަސައްކަތްކުރާބައެކެވެ.
މަޢުލޫމާތު:
- ސަންތޯޝް.(2024). ވަޓް އިޒް އެމްޕަތީ އިން ލީޑަރޝިޕް: ޓިޕްސް ޓު ބިކަމް އޭން އެމްޕަތެޓިކް ލީޑަރ. ނެގީ https://www.culturemonkey.io/employee-engagement/empathy-in-leadership/
