ބޭކާރު ކަންކަމާ ވިސްނަން ހެއްޔެވެ؟ އެފަދަ ކަންކަމުން މީހާ ސަލާމަތްވާނެ ނަމައޭ ހިތަށް އަރާ ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާނެ ކަންކަމެވެ. ތަފާތަކީ އެކި މީހުން މިކަމުން ސަލާމަތްވާން ގެންގުޅޭ އުކުޅުތަކެވެ. އަމިއްލަ ނަފުސަށް ދެވޭ މިފަދަ އަނިޔާތަކުން ދުރަށް ދިޔުމަކީ ގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި މިހެން ކަންކަން ދިމާވަމުންދާނަމަ، މީހާގެ ސިކުނޑިއަށް ކުރާ އަަސަރު ބޮޑުވެގެން ދާނެއެވެ. މީގެ ސަބަބުން ސިކުނޑީގެ ބަލިތަކާ ކުރިމަތި ލާން ޖެހިދާނެއެވެ. މި އާޓިކަލްގައި މި ބަލާލަނީ ސިކުނޑިއަށް އުނދަގޫ ކުރާ ޒާތުގެ ކަންކަމުން ދުރަށް ދިޔުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ކޮންމެ މީހަކީ ވެސް ކަންކަމާ ވިސްނަން ޖެހޭ މީހެކެވެ. އާއިލީ މައްސަލަތަކެވެ. ނުވަތަ ވަޒީފާގެ މާހައުލުގައި ކަންކަން ވަމުންދާ ގޮތާމެދު ވިސްނާ ވިސްނުމެވެ. ނުވަތަ ދިރިއުޅުމުގެ ކޮންމެވެސް ކަމަކާ ވިސްނާ ވިސްނުމެވެ. އެހެންކަމުން ވިސްނަންޖެހޭ ކަމެއް ވާނަމަވެސް މީހާ ހަލާކުވެ ދާވަރަށް އެކަމުގެ ތެރެއަށް ނުވަންނާށެވެ. އަމިއްލަ މީހާގެ ހަށިގަނޑަށް އަޅާ ވޭން ދެނެގަނެ، ވީހާވެސް ބޮޑަކަށް އެފަދަ ކަންކަމާ ސިކުނޑިއަށް އުނދަގޫ ވާވަރަށް ނުވިސްނާށެވެ.  މިހެން ކަން ކުރަން ބޭނުންނަމަ، މުޅި ދުވަސް ގެންދާނެ ގޮތް ހިތުތެރޭގައި ރާވާލާށެވެ. އަދި ހަމަޖެހިލައި އަރާމުކޮށްލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މާބޮޑަށް ކަމަކާ ވިސްނޭނަމަ، ފުން ނޭވާ އެއް ލުމަށްފަހު، ވީހާވެސް ބޮޑަށް އެކަމުން ދުރަށް ދިޔުމަށް ވިސްނާށެވެ. މި ގޮތަށް މިކަން ދެނެގަނެ، ޢަމަލުކުރަން ދަސްވެއްޖެނަމަ، ސިކުނޑިއަށް ފަސޭހަވެގެން ދާނެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އާންމު ކަމަކަށް ނުވި ނަމަވެސް ސިކުނޑިއަށް އުނދަގޫވާ ހާލަތްތައް މެދުވެރި ވުމުން، އެކަމުން ސަލާމަތް ވުމަށް ކަސްރަތު ކުރުމަކީ ވެސް ކުރެވިދާނެ ރަނގަޅު ކަމެކެވެ. މީގެ ސަބަބުން މީހާގެ ޞިއްޙަތަށް ވެސް ފައިދާ ކުރާނެއެވެ. ދުވަހުގެ ތާވަލުން، ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރުމަށް ވަގުތުކޮޅެއް ދޭށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ކަސްރަތަށް ވަގުތު ދިނުމުން، މީހާގެ ހަށިގަނޑަށް ލުއިކަމެއް ލިބޭނެއެވެ. މިސާލަކަށް ހިނގާލަން ދިޔުން ވެސް ވާނީ ރަނގަޅު ކަސްރަތަކަށެވެ. މިފަދައިން ކަންތައް ކުރަން ފަށައިފިނަމަ، މީހާގެ ހަށިގަނޑަށް އެކަން އިހުސާސްވެ، ސިކުނޑިއަށް އަރާމު ގެނުވައިދޭނެއެވެ.

ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކީ ގިނަ ބަޔަކު ކާހިތް ކެނޑި، ކެއުމާއި ދުރުވާ ދުވަސްކޮޅެކެވެ. މިއީ މީހާގެ ހަށިގަނޑަށް ގެއްލުންވާނެ ކަމެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް މިކަން މިހެން ހިނގާކަން ޤަބޫލުކުރަން އެބަޖެހެއެވެ. ކެއުމުގައި ގެންގުޅޭ އާދަތަކަކީ މީހާގެ ސިކުނޑިއަށާއި މީހާގެ ޞިއްޙަތަށް އެއިން އަސަރުކުރާނެ ކަމެކެވެ. ރަނގަޅު ކާނާ ކެއުމަކީ މީހާގެ ހަށިގަނޑު ދުޅަހެޔޮކަން މަތީ ދެމިހުރުމަށް ކުރާކަމެއް ކަމުގައި ވީނަމަވެސް މިކަން މީހާގެ ސިކުނޑިއާ ގުޅިފައި ވެއެވެ. އަހަރެމެންގެ ދަރިންނަށް ރަނގަޅު ކާނާ ދެނީ އެކުދިން ދުޅަހެޔޮ ކަންމަތީގައި ބޭތިއްބުމަށާއި ވިސްނުން ރަނގަޅުވެ، ބަލިތަކުން ސަލާމަތް ކޮށްދިނުމުގެ ބޭނުމުގައެވެ. އެހެންކަމަށް ވާނަމަ، ހަމަ އަހަރެމެންގެ ހަށިގަނޑަށް ވެސް ރަނގަޅު ކާނާ ބޭނުން ވާނެކަން ހަނދާނުގައި ބަހައްޓާށެވެ. އެއްޗެއް ހަފާނަމަ، އޭގެ ސަބަބުން މީހާގެ ސިކުނޑި މަސައްކަތް ކުރަން ފަސޭހަވާނެ ކަމުގައި ސައިކޮލޮޖިސްޓުން ހާމަކުރައްވައެވެ. އަދި ވިޓަމިން ބީ އެކުލެވޭ ކާނާއަކީ ސިކުނޑިއަށް ލުއިކަން ގެނެސްދޭނެ ކާނާ ކަމުގައި ވެސް ހާމަކުރައްވާފައިވެއެވެ. މިއީ ވެސް ސިކުނޑިއަށް ފަސޭހަކަން ގެނުވައިދޭނެ ކަންކަމެވެ.

ދެރަވާ ކަމެއް ދިމާވާ ހިނދު ނިދުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ’ބައެއް މީހުންނަށް ވާގޮތެއް‘ ކަމުގައި ބުނެވޭކަށް ނެތެވެ. ނިދުމުގެ ކުރިން މިފަދަ ކަންކަމާއި ވިސްނާ ކަމުގައި ވާނަމަ، ހިތްހަމަ ޖެހިގެން ނިދުމަކީ އެއްވެސް މީހަކަށް ވާނެ ކަމެއް ކަމުގައި ޤަބޫލުކުރަން ދައްޗެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މި ވަގުތަކީ މީހާގެ ސިކުނޑި އެންމެ ފަސޭހައިން ކަންކަމުގެ ތެރެއަށް ދާ ވަގުތެވެ. އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކޮންމެ މީހަކަށް ވެސް 7 ގަޑިއިރާއި 8 ގަޑިއިރުގެ ނިދި ބޭނުންވާނެ ކަމެވެ. ނިންޖަކީ މީހާ ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންތެރި އެއްޗެކެވެ. އަދި ނިދި ހަމައަށް ނުލިބިއްޖެނަމަ، ބޮލުގައި ރިހުންފަދަ ކަންކަމަށް މަގުފަހި ވާނެއެވެ. ދުވަހުގެ މަސައްކަތްތައް ރާވާލުމަށްފަހު 20 ނުވަތަ 30 މިނެޓްގެ ނިދި، ނިދައިފި ނަމަވެސް މީހާގެ ސިކުނޑިއަށް ލުއި ވާނެ ކަމުގައި ސައިކޮލޮޖިސްޓުން ހާމަކުރައްވައެވެ.

އެހެންކަމުން މީހާ ރަނގަޅު ޞިއްޙަތެއްގައި ދުޅަހެޔޮ ކަންމަތީ ދެމިހުރުމަށް ރަނގަޅު ކާނާ އާއި ނިދި އަދި ކަސްރަތު ބޭނުންވާ ފަދައިން މީހާގެ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްވެސް މިކަންކަމަކީ ކޮންމެހެން ސަމާލުކަން ދޭންވީ ކަންކަމެވެ.

ޝެއަރކުރެއްވުމަށް