”އެންމެ އުހަށް އެރީމަ އެއަށްވުރެ ތިރި ފެންނަނީ ވަރަށް ހިތްގައިމުކޮށް، ވިލާތައް ހުންނަނީ އަހަރެމެން ތިބި ހިސާބަށް ވުރެ ވެސް ތިރީގައި، ދުންފިނި ފައިބާއިރު މުޅި ސަރަޙައްދަށް އޮންނަނީ ރީތި ފުސްކަމެއް އަރާފަ. ބަލާފޫހި ނުވާ މަންޒަރެއް އެއީ.“
ނޭޕާލުގެ ތޮރާންގް ޕީކަށް 2018 ސެޕްޓެންބަރު 13 ވަނަ ދުވަހު އެރި ކޯޕްރަލް ޙަސަން ޢަބްދުﷲ (ސނ: 6974) އެތަނުގެ މަންޒަރު ސިފަކޮށްދެމުން ބުންޏެވެ. ކޯޕްރަލް ޙަސަން ވަނީ އޭނާގެ ޙަޔާތުގައި ކުރި އެންމެ ތަފާތު ތަޖުރިބާ ހިއްސާކޮށްފައެވެ.

”މިއީ އަދި މިކަހަލަ ކަމެއް ތަޖުރިބާކުރި ފުރަތަމަ ފަހަރު. ފުރަތަމަކޮޅު ވަރަށް އުނދަގޫވި، ޓްރޭނިންގ ސްކޫލަށް ގޮސްފައި ވެސް ފުރަތަމަ ދުވަހު ބޮލަށް ވެސް ހުޑް ލައްވައިގެން ނިދީ، ޚާއްޞަކޮށް ރޭގަނޑު ވަރަށް ގަދައަށް ފިނިވޭ، ހޫނުފެނުން ފެންވަރަނީ، އެކަމަކު ފެންވަރައިގެން އައިސް ފެން ހިއްކާލާއިރު ހުންނަނީ އަނެއްކާ ފިނިވެފައި.“
ނޭޕާލްގެ ތޮރާންގްގައި ހުންނަ އެންމެ އުސް ޕީކަށް އެރުމަށް ކޯޕްރަލް ޙަސަނަށް ފުރުޞަތު ލިބުނީ، ނޭޕާލްގެ ހަޔަރ އެލްޓިޓިއުޑް މައުންޓަން ވޯރފެއަރ ސްކޫލުގެ ފަރާތުން އެމްއެންޑީއެފަށް ދެއްވި ފުރުޞަތެއްގެ ތެރެއިންނެވެ. އެމްއެންޑީއެފް މެރިން ކޯރއަށް ލިބުނު މި ފުރުޞަތަށް ކޯޕްރަލް ޙަސަން ކުރިމަތިލައިގެން ހޮވުނީއެވެ.
ކޯޕްރަލް ޙަސަން އެރީ ނޭޕާލްގެ މުއްކިނާތުގައި ހުންނަ މަޝްހޫރު ތޮރާންގް ޕީކަށެވެ. އެއީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 20200 ފޫޓް (6156.96 މީޓަރ) އުހުގައި އޮންނަ ޕީކެކެވެ. އެއީ މަޝްހޫރު ”ތޮރާންގް ލަ ޕާސް“ ގެ ވާތުން އޮންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ޕީކެކެވެ. ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް އެ ތަނަށް ޒިޔާރަތްކޮށް، އެތަނުގެ ރީތިކަމުން އުފާ ހޯދައެވެ.

އެހެނަސް، އެ މަންޒިލަށް އެރެނީ ނޭޕާލުގެ ސަރުކާރުން ދޭ ވަކި ހުއްދައެއްގެ ދަށުން ފަރުބަދަތަކަށް އެރުމުގެ ހުނަރު ހުންނަ މީހުންނަށެވެ. އެހެންކަމުން ކޯޕްރަލް ޙަސަން އެ ސަރަޙައްދަށް އެރުމުގެ ކުރިން ފުރަތަމަ ޖެހުނީ ނޭޕާލްގެ އާމީ މައުންޓަން ވޯރފެއަރ ސްކޫލުގައި، ބުރަ އަދި އުނދަގޫ ތަމްރީނުތަކެއް ފުރިހަމަކުރާށެވެ. ކޯޕްރަލް ޙަސަނާއެކު މި ދަތުރުގައި އެކި ޤައުމުތަކުން 13 ސިފައިން ބައިވެރިވިއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބަނގްލަދޭޝް، މިޔަންމާ، ޗައިނާ، މެކްސިކޯ، އެމެރިކާ އަދި ލެބަނާންގެ ސިފައިން ހިމެނެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ފަރުބަދައަށް އެރުމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ލިބިފައިތިބި ސިފައިންނެވެ. އަދި އިންސްޓްރަކްޓަރުން ފެންވަރުގެ މީހުން ވެސް އޭގެ ތެރޭގައި ތިއްބެވެ. އެހެންކަމުން، މިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކޯޕްރަލް ޙަސަނަށް ވަރަށް ގިނަ ގޮތްގޮތުން އެމީހުންގެ ފަރާތުން އެހީތެރިކަން ލިބުނެވެ.
”ޓްރޭނިންގ ސްކޫލާ ހަމައަށް ތިން ދުވަސް ހިނގާފައި”
މި ދަތުރުގައި ބައިވެރިވުމަށް ކޯޕްރަލް ޙަސަން މާލެއިން ނޭޕާލަށް ދިޔުމަށް ފުރީ 2018 ޖުލައި 25 ވަނަ ދުވަހުއެވެ. ނޭޕާލަށް ގޮސް ފުރަތަމަ ކަތަމަންޑޫގައި މަޑުކޮށްގެން ތިބީ އެ ދަތުރުގައި ބައިވެރިވާ ފޮރިން ސްޓޫޑެންޓުން ހަމަވާންދެނެވެ. އެންމެން ހަމަވުމުން ޕަޮކަރާއަށް ގޮސް ޓްރޭނިންގ ސްކޫލަށް ދިޔުމަށް ފައިމަގުގައި ހިނގައިގަތީއެވެ.
”ފުރަތަމަ ދުވަހު އެއްކޮށް ޖެހުނީ މައްޗަށް އަރަން، އެ ދުވަހުގެ 10 ޖަހާއިރު ހިނގަން ފެށި ގޮތަށް އެރޭގެ 7 ޖަހަން އުޅެނިކޮށް ދެވުނީ ”މަގްދީ“ ސަރަޙައްދަށް، އެތަނުން ހުރީ ހޮޓެލެއް ބުކްކޮށްފަ. ފުރަތަމަރޭ ތިބީ އެތަނުގައި.“ 2018 އޮގަސްޓް 4 ވަނަ ދުވަހު، ކޯޕްރަލް ޙަސަންގެ ދަތުރު ފެށިގެން އައިގޮތް ކިޔައިދިނެވެ.

ކޯޕްރަލް ޙަސަނާއި ޓީމުގެ މެންބަރުން ދަތުރުކުރަމުން ދިޔައީ އެ ސަރަޙައްދަށް ދިޔުމަށް އޮންނަ ހަމައެކަނި ރޫޓުންނެވެ. އެއީ ވެހިކަލް ދުއްވޭ ރޫޓަކަށް ނުވާތީ އެ ސަރަޙައްދަށް ދާ ހުރިހާ މީހުން ވެސް ދަނީ ފައިމަގުގައެވެ. ފުރަތަމަރޭ ހޮޓެލްގައި މަޑުކޮށްފައި، އަނެއް ދުވަހުގެ ފަތިހު ހޭލައިގެން ސައި ބޮއިގެން ދަތުރުގެ ދެވަނަ ދުވަހަށް ފެށިއެވެ.
”ދެވަނަ ދުވަހު ހިނގީ އެއްކޮށް ތިރިއަށް، ގާތްގަނޑަކަށް ދެ ދުވަސް ވާންދެން ތިރިއަށް ހިނގީ. ދެން އެގޮތަށް ދަތުރުކުރަމުން ގޮސް ތިންވަނަ ދުވަހު ޓްރޭނިންގ ސްކޫލާ ހަމައަށް ދެވުނީ. ޓްރޭނިންގ ސްކޫލަށް ދެވުނުއިރު ފައި އެއްކޮށް އޮތީ މަސްގުޅަކައިފަ، ދެ ދުވަސްވަރު ވާންދެން މަސްގުޅަކައިފަ ހުރި. ރަނގަޅަށް ހިނގާވެސް ނުލެވޭ.“
ކޯޕްރަލް ޙަސަން ބުނިގޮތުގައި ހިނގަން ފަށާ ދުވަހުން ފެށިގެން ޓްރޭނިންގ ސްކޫލާ ހަމައަށް ގޮސް، ޓްރޭނިންގގެ ތެރެއިން ވެސް އެކްލިމަޓައިޒޭޝަން ފޭސް ކުރިއަށްދެއެވެ. މި ފޭސްގައި ކުރިއަށްދަނީ ތަނުގެ މާހައުލަށް ހޭނުމުގެ ބައެވެ. އޭގެ އިތުރުން، ޓްރޭނިންގ ސްކޫލުގައި ”ރޮކް ފޭސް“ ކުރިއަށްދެއެވެ. މިގޮތުން ގާތްގަނޑަކަށް ދެ ހަފުތާ ވާންދެން ޓްރޭނިންގ ސްކޫލުގައި މި ތަމްރީނުތައް ކުރިއަށް ގެންދެއެވެ. ކޮންމެ ދުވަހަކުވެސް ޕީޓީ އޮވެއެވެ. 10 ކިލޯގެ ބެކްޕެކާއެކު، ކޮމްބެޓް މާޗުތައް އޮވެއެވެ. އޭގެ އިތުރުން ބެކްޕެކާއެކު 8 ކިލޯ މީޓަރު މާޗުގެ ޓެސްޓަކާއި 14 ކިލޯ މީޓަރު މާޗުގެ ޓެސްޓެއް ޖަހުވައެވެ. ފަރުބަދައަށް އަރަން (މައުންޓަން ކްލައިމްބިންގ) ފެށުމުގެ ކުރިން މިގޮތަށް ތަމްރީނު ކުރުވުމަކީ މައުންޓަނިންގ ޕްރިންސިޕަލްތައް ފޮލޯކުރުމުގެ ގޮތުން ކުރާ ކަމެކެވެ. އެއީ، ދާގޮތަށް އަރަން އުޅުމުން ދިމާވާ ޞިއްޙީ މައްސަލަތައް ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ ރޫޓިން ކަމެކެވެ. މައްޗަށް އަރާ ވަރަކަށް މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެމީހާ ހޭނުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މައްޗަށް އަރާ ވަރަކަށް އޮކްސިޖަން ލެވެލް ދަށްވެ، ބްރީތިންގ މައްސަލަތައް ދިމާވެއެވެ. ބޯއެނބުރުމާއި ހޮޑުލެވުން ފަދަ މައްސަލަތަކުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ޖެހޭ ރޯގާފަދަ ޞިއްޙީ މައްސަލަތައް އަދި ހަމުގެ މައްސަލަތައް ކުރިމަތިވެއެވެ.

ޓްރޭނިންގ ސްކޫލުގައި ކުރިއަށްގެންދާ ތަމްރީނުތައް ނިންމުމަށްފަހު، އެމީހުން ދެން ދަތުރުކުރީ ތަންކޮޅެއް އުހުގައި ހުންނަ ގަނޑުފެން ހުންނަ ކައިސަންކް ކޭމްޕު ހުންނަ ސަރަޙައްދަށެވެ. އެތަނުގައި ގާތްގަނޑަކަށް 8 ވަރަކަށް ދުވަހު މަޑުކުރެއެވެ. އެތަނުގައި، އައިސް ކްލައިންބިންގ އާއި ކްރެވަރސް ކްރޮސިން އަދި، ރެސްކިޔު ޓެކްނީކްސްތައް ފަދަ ތަމްރީނުތައް ހަދުވައެވެ. އެއަށްފަހު އެނބުރި ދިޔައީ ޓްރޭނިންގ ސްކޫލަށެވެ. އެހިސާބުން ޓްރޭނިންގ ފޭސް ނިމުނީއެވެ.
ކޭމްޕަށް ދިޔުމަށް ފުރުން
ޓްރޭނިންގ ސްކޫލަށް އެނބުރި އައުމަށް ފަހު، ކޭމްޕަށް ދިޔުމަށް ދަތުރު ފެށުމުގެ ކުރިން ވަރަށް ރަނގަޅަށް މީހާ އެކަމަށް ތައްޔާރުވެއެވެ. އެހެންކަމުން، ޕްރިޕަރޭޝަން ފޭސްގައި ހޭދަކުރާ ތިން ދުވަހަކީ، ދަތުރަށް ބޭނުންވާ ސާމާނުތައް ހަމަކުރުމާއި ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގައި ހޭދަވާ ތިން ދުވަހެވެ.
”ޕްރިޕަރޭޝަން ފޭސްގައި، އޮންނާނެ އައިސްބޫޓާއި އޭގައި އަޅުވާ އައިސް ކްރެމްޕޯސް (ބޫޓުގައި އަޅުވާ ކަށިފަޅާފަ ހުންނަ އެއްޗެއް)، ހާނަސް، ކެރެބީނާ ފަދަ ސާމާނު ނެގުމާއި، ދަތުރަށް ބޭނުންވާ އެހެން ހުރިހާ ސާމާނެއް ހަމަކުރުން. އެއަށްފަހު ބަހާލީ ރޯޕް ޓީމުތަކަކަށް. ކޮންމެ ރޯޕް ޓީމެއްގައި ތިން ސްޓޫޑެންޓުންނާއި އެމީހުންގެ އިންސްޓްރަކްޓަރެއް ހުރި. ދަތުރަށް ފެށުމުގެ ކުރިން އިންސްޓްރަކްޓަރ ޗެކްކުރި ހުރިހާ އެއްޗެއް ހަމަތޯ. އަދި ނައްޓާލުމުގެ ކުރިން ހުރިހާ އާލާތްތަކެއް ބޭނުންކުރަންޖެހޭ ގޮތް ވަރަށް ރަނގަޅަށް ކިޔައިދޭ. އޭގެ ފަހުން ދަތުރަށް ފަށަނީ.“ ކޯޕްރަލް ޙަސަން ކިޔައިދިނެވެ.
ކޯޕްރަލް ޙަސަނާއި އޭނާގެ ޓީމު ފުރަތަމަ އެ ދަތުރުގައި ޓްރޭނިންގ ސްކޫލުން ނިކުމެގެން ދިޔައީ މުއްކިނާތު ނަމަކަށް ކިޔާ ވިލެޖަކަށެވެ. އެއަށްފަހު، އެތަނުގައި އެއްރޭ މަޑުކޮށް، އަނެއް ދުވަހުގެ ހެނދުނު ފުރަތަމަ ކޭމްޕަށް އެރުމަށް ދަތުރު ފެށިއެވެ.
ނަމަވެސް އެއީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. ތޮރާންގް ފަރުބަދައިގެ އެ ހިސާބަށް ދާން ކުރަން ޖެހެނީ އުނދަގޫ ދަތުރެކެވެ. ގާތަކުގެ ތެރޭގައި އެތައް ކިލޯމީޓަރަކަށް ހިނގަން ޖެހުނެވެ. މައްޗަށް އަރާ ވަރަކަށް ނޭވާލާން އުދަނގޫވުމާއި އެ ނޫން ވެސް ޖިސްމާނީ އަދި ނަފްސާނީ ބުރަތައް އުފުލަން ޖެހުނެވެ.
ފުރަތަމަ ކޭމްޕަކީ ގާތްގަނޑަކަށް ކަނޑުގެ ލޮނުގަނޑުން ފެށިގެން 16000 ފޫޓު މައްޗެވެ. އަތުގައި ގެންދަނީ ވަރަށް ބަރު ބެކްޕެކެކެވެ. ބޭނުންވާ ޓެންޓުފަދަ ތަކެތި ގެންދަނީ ހިމާރު ބޭނުންކޮށްގެންނެވެ. ހެނދުނު ފެށިގޮތަށް ގާތްގަނޑަކަށް 4 ނޫނީ 5 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ފުރަތަމަ ކޭމްޕަށް އެދުވަހު އެރުނުއިރު ހުރީ މެންދުރު ފަސްވެފައެވެ. އެރޭ އެތަނުގައި ތިބީ ޓެންޓު ޖަހައިގެންނެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ދެވަނަ ކޭމްޕް (ހައި ކޭމްޕް) އަށް އެރުމަށް ދަތުރު ފެށިއެވެ. ދެވަނަ ކޭމްޕާ ހަމައަށް ދެވުނީ 4 ގަޑިއިރުންނެވެ. އެއީ ގާތްގަނޑަކަށް ކަނޑުގެ ލޮނުގަނޑުން ފެށިގެން 17000 ފޫޓު މައްޗެވެ. މައްޗަށް އަރަމުންދާ ވަރަކަށް ނޭވާލާން އުނދަގޫވުމާއި ފިނީގެ އަސަރު ގަދަވަމުން ދިޔައެވެ.
ތޮރާންގް ޕީކަށް އެރުން
ކޯޕްރަލް ޙަސަން ބުނި ގޮތުގައި ހައި ކޭމްޕާ ހަމައަށް އެރުމުން ތޮރާންގް ޕީކް ލޮލަށް ފެންނަން ހުރެއެވެ. ޕީކަށް އެރުމަށް އެމީހުން މަސައްކަތް ފެށީ އެރޭ ދަންވަރު 1 ޖެހިއިރުއެވެ. ފަހަރަކު ރޯޕް ޓީމެއް، އެއް ބައެއްގެ ފަހަތުން އަނެއް ބަޔަކު ފަރުބަދައަށް އަރަން ފެށިއެވެ. އެމީހުން މައްޗަށް އަރަމުން ދިޔައީ އެތަނަށް އަރާ މީހުންނަށް ފަސޭހައަށް ޓަކައި ފިކްސް ކޮށްފައި އޮންނަ ރޯޕެއްގައި ހިފަހައްޓައިގެން، އައިސްބޫޓްގައި ހަރުކޮށްފައި ހުންނަ ގްރިޕަރތަކުން ފައި ހަރުކުރަމުންނެވެ. މިއީ ނުރައްކާތެރި، އުނދަގޫ މަރުހަލާއެކެވެ. ކައްސާލައިގެން ވެއްޓިއްޖެނަމަ އެމީހާ ފައިބައިގެން އަންނާނީ ތިރިއަށް އޮންނަ މީހާގެ ބޮލަށެވެ. އޭގެ ސަބަބުން ބޮޑު އެންޖަރީތަކެއް ކުރިމަތިވުމަކީ ވެސް ގާތްކަމެކެވެ.

އެ ހިސާބަށް އަރަމުންދާއިރު، ހެނދުނު ވަގުތު އިރުގެއަލިން ރައްކާތެރިވުމަށް ޓަކައި އަވިއައިނު އަޅަންޖެހެއެވެ. އެ ސަރަޙައްދަކީ ވަރަށް އުސް ސަރަޙައްދަކަށް ވާތީ، އިރު އަރައިގެން އަންނައިރު، އިރުގެދޯދިތައް ވަރުގަދަވުމުގެ ސަބަބުން ”ސްނޯ ބްލައިންޑްނެސް“ ކިޔާ މައްސަލައެއް އެހެންނޫނީ ދިމާވާ ކަމަށް އޭނާ ބުންޏެވެ.
”އެވާ ގޮތަކީ އިރުގެ ދޯދިތައް ސްނޯގައި ޖެހިފައި ރިފްލެކްޓްވީމަ އަނދިރިވާ ކަހަލަ ކަމެއް ދިމާވާނެ ބައެއް މީހުންނަށް.“
ދެން ކުރިމަތިވާ އަނެއް މައްސަލައަކީ، ”ހައި އެލްޓިޓިއުޑް މައުންޓަން ސިކްނެސް“ ކިޔާ ޞިއްޙީ މައްސަލައެއް ކުރިމަތިވުމެވެ. ކޯޕްރަލް ޙަސަންމެން އެރި ޕީކަކީ ކެޓަގަރީ ކުރާނަމަ ”ވެރީ ހައި“ ކެޓަގަރީ ގައި ހިމެނޭ ޕީކަކަށްވާތީ، އެހާ މައްޗަށް އަރާއިރު ހަށިގަނޑުގެ އޮކްސިޖެން ލެވެލް ވަރަށް ބޮޑަށް ދަށްކޮށްލައެވެ. އޭގެ ސަބަބުން، ބޮލުގައި ރިހުމާއި ހޮޑުލުމާއި އައްސިވުން ކަހަލަ ކަންކަން ދިމާވެއެވެ. ކޯޕްރަލް ޙަސަން ބުނިގޮތުގައި އެކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ވަރަށް ގިނައިން ދިޔައީ ފެން ބޮމުންނެވެ.
”އެރޭ 1 ޖެހިއިރު ފެށިގޮތަށް، އަނެއް ދުވަހުގެ އިރުވެސް އެރީ އެހިސާބަށް އަރަނިކޮށް. ގާތްގަނޑަކަށް އެދުވަހުގެ 7 ޖެހިފަހުން އެންމެ މައްޗަށް އެރުނީ.“ ކޯޕްރަލް ޙަސަން ބުންޏެވެ.
އެ ހިސާބުގައި ފިނި ހުރީ މައިނަސް ސެލްސިއަސްގައެވެ. ގަދަ ފިނީގައި ކެތްކުރީ އެތެރެއިން ހަތަރު ވަރަކަށް ފިނި ހެދުން ލައިގެންނެވެ. އަދި އޭގެ މަތިން ޕަފީ ޖެކެޓް ލައިގެންނެވެ. ކަނޑައެޅި އަޒުމު ހާސިލުކޮށް އެންމެ މައްޗަށް އެރުމާއެކު، ފުރަތަމަ ވެސް ލެވުނީ ފުން ނޭވާއެކެވެ. އެ ސަރަޙައްދު ވަށައިގެން ބަލާލުމުން ފެންނަމުން ދިޔައީ ބަލާ ފޫހިނުވާ މަންޒަރެއް ކަމަށް ކޯޕްރަލް ޙަސަން ބުންޏެވެ.
މިއީ ދިވެއްސަކަށް ރެކޯޑެއް!
މީގެ ކުރިންވެސް ދިވެހިން ވަނީ އެކިފަހަރު މަތިން ނޭޕާލްގެ އެކި ޕީކްތަކަށް އަރާފައެވެ. އޭގެ ތެރޭގައި ނޭޕާލްގެ ހިމާލިޔާ ފަރުބަދައިގެ އުސް އެކި ހިސާބުތަކަށް އެރި ގިނަ ދިވެހިން އެބަ ތިއްބެވެ. އެހެންނަމަވެސް، ކޯޕްރަލް ޙަސަނާ އެއްވަރަށް އުސް ހިސާބަކަށް އެރި ދިވެއްސަކު ހުރިކަމެއް އެނގޭކަށް ނެތެވެ. މީގެ ކުރިން ތިން ދިވެއްސަކު ނޭޕާލުގައި ހުންނަ ހިމާލިޔާ ފަރުބަދައިގެ ބޭސް ކޭމްޕާ ހަމައަށް އަރާފައިވާ ކަމުގެ ރިކޯޑު ފެންނަން އެބައޮތެވެ. އެހެނަސް އެއީ، ކަނޑުގެ ލޮނުގަނޑުން ފެށިގެން 17598 ފޫޓު މައްޗެވެ. ކޯޕްރަލް ޙަސަން އެރި ޕީކަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 20200 ފޫޓް މައްޗެވެ. އެހެންކަމުން، ފަރުބަދައެއްގެ އެންމެ އުހަށް ކްލައިމްބްކޮށްގެން އެރި ދިވެހި މީހާގެ ރިކޯޑު، މިއޮތީ ކޯޕްރަލް ޙަސަންގެ އަތުގައެއް ނޫންތޯއެވެ؟
މީގެ ކުރިން މިފަދަ ކަމަކަށް އެއްވެސް ތަޖުރިބާއެއް ކޮށްފައިނެތް ކޯޕްރަލް ޙަސަން ފުރިހަމަކުރި މި ދަތުރަކީ ދިވެހިންނަށާއި މުޅި ސިފައިން ފަޚުރުވެރިވާނެ ކަމެކެވެ. ގާތްގަނޑަކަށް 40 ދުވަހުގެ އެ ދިގު ދަތުރަކަށްފަހު އެހިސާބަށް އަރައި، އޭނާ ވަނީ ދިވެހި ދިދަ އެތަނުގައި ވިހުރުވާލާފައެވެ.
ސިފައިންގެ ޚިދުމަތަށް ކަޅިއެއް
2011 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅުނު ކޯޕްރަލް ޙަސަން ޢަބްދުﷲ އަކީ ފެށުނީންސުރެ މިއަދާ ހަމައަށް އެމްޑީޔޫ 2 ގައި މަސައްކަތް ކުރަމުން އަންނަ ސޯލްޖަރެކެވެ. ސިފައިންގެ ޚިދުމަތުގައި ހޭދަކުރި ދުވަސްތަކުގައި މެރިން ކޯރ ބޭސިކް ކޯހާއި، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯސް ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯހުގެ މެރިޓުން އެއްވަނަ ވަނީ ހޯދާފައެވެ.

ކޯޕްރަލް ޙަސަން އަކީ މިނިވަން ފަންސާހާ ގުޅިގެން ޤައުމީ ސްޓޭޑިއަމްގައި އޮތް ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ދިވެހިން ހައިރާންކޮށްލި ޑްރިލް ހުށަހަޅައިދިން ޓީމުގައި ވެސް ހިމެނޭ، އެ ސްކޮޑްގެ އެއް މެންބަރެވެ. އެމްއެންޑީއެފް ޑްރިލް ސްކޮޑާއެކު އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ސީކްއެންސްތައް ހުށަހަޅައިދީފައެވެ. އަދި، ޑްރިލް ސްކޮޑްގެ ތެރެއިން އުފެދުނު ސޯލޯއިސްޓުން (ބަޑި އަނބުރާ މީހުން) ގެ ޓީމުގައި ވެސް ހިމެނި، ޑްރިލް ސްކޮޑާއެކު ދެ އަހަރު ވާންދެން ގިނަ ހަރަކާތްތަކެއް އޭނާ ވަނީ ހުށަހަޅައިދީފައެވެ.
މީގެ އިތުރުން ކޯޕްރަލް ޙަސަނަކީ ކުރެހުމުގެ ފަންނުގައި ވެސް ތަފާތު ދައްކަމުންދާ މޮޅު ކުރެހުންތެރިއެކެވެ. ޔުނިޓު ލެވެލްގައި ކުރިއަށްގެންދާ ބައެއް ފަންކްޝަންތަކުގެ ޑެކަރޭޝަން މަސައްކަތްތައް ކުރުމުގެ އިތުރުން، ބައެއް އިވެންޓްތަކުގެ ބެކް ޑްރޮޕްފަދަ ތަކެތި ހެދުމުގައި ކޯޕްރަލް ޙަސަންގެ ކުރެހުމުގެ ހުނަރު ދަނީ ދައްކަމުންނެވެ. ކުޑައިރުއްސުރެ ޝައުޤުވެރިކަން ހުރި ކުރެހުމުގެ ފަންނަކީ ހޮބީއެއްގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމުގައި ކޯޕްރަލް ޙަސަން ބުންޏެވެ.
ކޯޕްރަލް ޙަސަން ބުނި ގޮތުގައި، ޙަޔާތުގައި ކުރެވުނު އެންމެ ތަފާތު ތަޖުރިބާގައި އޭނާއަށް ވަރަށްގިނަ ކަންކަން ވަނީ ދަސްވެގެން ގޮސްފައެވެ. އަދި އެހާ މައްޗަށް އެރުމުން ވަރަށް އުފާވާ ކަމަށާއި، މީހުންގެ ފަރާތުން ހިތްވަރާއި ސާބަސްތައް ލިބުނުކަމަށް އޭނާ ބުންޏެވެ. ކޯޕްރަލް ޙަސަން ތޮރާންގް ޕީކަށް އަރައި، ނަގާފައި ހުރި ފޮޓޯތައް ފޭސްބުކްގައި ޕޯސްޓް ކުރުމުން އެ ޕޯސްޓު 200 އަށް ވުރެ ގިނަ މީހުން ޝެއަރކޮށްފައިވެއެވެ.
”އަސްލު ވަރަށް އުފާވި އެހާ މައްޗަށް އެރުނީމަ، ބުރަ ކަމެއް ނަމަވެސް ސިފައިން ތަޖުރިބާކޮށްލަން ދާން މިއީ ވަރަށް ރަނގަޅު ކަމެއް“ ކޯޕްރަލް ޙަސަން ބުންޏެވެ.
