އިންސާނާގެ ހަށިގަނޑުގައިވަނީ ހަމައެކަނި މާއްދީ ދިފާޢީ ބާރެއްނޫނެވެ. ރޫޙާނީ ދިފާޢީ ބާރު ވެސް އިންސާނާގެ ހަށިގަނޑުގައި ވަނީ ލައްވާފައެވެ. ފުރިހަމަ ޞިއްޙަތެއްގައި ދުޅަހެޔޮކަމާއެކު ނަފްސާއި ޖިސްމު ދެމެހެއްޓޭނީ ޤުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ މި ދެ ބާރު ހަރުދަނާވެގެންނެވެ. ހަމައެކަނި މާއްދިއްޔަތަށް ތަބާވާ މީހުން ޤަބޫލުކުރަނީ އިންސާނާގެ ހަށިގަނޑުގައިވާ ދިފާޢީ ބާރަކީ ހަމައެކަނި ވައިޓް ބްލަޑް ސެލްތަކުގެ މާއްދީ ބާރު ކަމަށެވެ. މިއީ ޙަޤީޤަތެއްނޫނެވެ.
ރޫޙަކީ ފުރާނަ ނުވަތަ ދިރިހުރުމުގެ ބާރެވެ. ރޫޙާނީކަމަކީ ފުރާނައިގެ ބާރުގަދަކަމެވެ. ރޫޙާނީ ކަމުގައި ހަށްޓެއް ނުހުރެއެވެ. އެއާޚިލާފަށް މާއްދީކަމަކީ ލޮލަށް ފެންނަ ނުވަތަ އަތުން ހިފޭގޮތަށް ހުންނަ ތަކެއްޗެވެ. އިންސާނާގެ ހަށިގަނޑުގެ ހަމަޖެހުންވަނީ ނުވަތަ ފުރިހަމަ ޞިއްޙަތެއް ލިބުންވަނީ މާއްދީ ބާރާއި ރޫޙާނީ ބާރަށް ބޭނުންވާ ”ކާނާ“ ލިބިދީގެންނެވެ.
އިންސާނާގެ މާއްދީ ހަށިގަނޑަށް ކެޔުމާއި ބުއިން ބޭނުންވެއެވެ. ރަނގަޅު ކާނާއާއި ފެން ބޭނުންވެއެވެ. ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ނުވަތަ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ކަސްރަތާއި ސާފުތާހިރުކަން ބޭނުންވެއެވެ. ހަމައެފަދައިން އިންސާނާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ރޫޙާނީ ބާރު ނުވަތަ އީމާންތެރިކަމުގެ ބާރު ބޭނުންވެއެވެ. އީމާންތެރިކަމަކީ ވެސް ގަދަފަދަވެ ބަލިކަށިވާ ކަމެކެވެ. އީމާންތެރިކަން ވަރުގަދަވަނީ އެކަމަށްޓަކައި މަސައްކަތްތަކެއް ކޮށްގެންނެވެ. އެ ބާރު ލިބެނީ ފުރާނައިގެ ކާނާއިންނެވެ. ފުރާނައިގެ ކާނާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ. ހިތްހަމަޖެއްސުމުގެ ނިޔަތުގައި އިންސާނާ ހިތުހުރި ކޮންމެކޮންމެ ކަމެއް ކޮށްގެން ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ބައެއް ކަންތައްތައް ކުރުމުން ހިތްހަމަޖެހޭހެން އިންސާނުންނަށް ހީވި ނަމަވެސް ޙަޤީޤީ ހިތްހަމަޖެހުން ލިބޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކޮށްގެންނެވެ. އެހެން ކަންތައްތަކުން ހިތްހަމަޖެހޭކަމުގެ ވަހުމުތައް އިންސާނާގެ ސިކުނޑިއަށް ވައްދަނީ ޝައިޠާނާއެވެ. މާއްދީ ނުވަތަ ޖިސްމާނީ އެދުންތައް ކިތަންމެ ވަރަކަށް ވެސް ފުއްދިދާނެއެވެ. ފައިސާއާ މުދަލާ އެއްކޮށް ޚަރަދުކުރެވިދާނެއެވެ. އެކަމަކު އީމާންތެރިކަމުން ނޫނީ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
މާއްދީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކަންތައްތަކެއް ކުރަންޖެހޭ ފަދައިން އިންސާނާގެ ރޫޙާނީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. ރޫޙާނީ ދިފާޢީ ބާރު ވަރުގަދަކުރުމަށް އެދޭ މީހާ ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ އެ މީހެއްގެ ނަފުސު ފާފަތަކުން ދުރުހެލިކުރުމެވެ. ކުރެވިފައިވާ ކުށްފާފަތަކަށް ތައުބާވެ، މާތްﷲ އަށް ކިޔަމަންތެރިވެ ރުޖޫޢަވުމެވެ. ބަހާއި ޢަމަލު އިޞްލާޙުކޮށް، ސީދާ މަގު ޚިޔާރުކުރުމެވެ. ނަމާދާއި އަޅުކަންތައް އަދާކޮށް ތަޤްވާވެރިވެ، މާތްﷲ އާ ގުޅުން ބަދަހިކުރުމެވެ.
ޝައިޠާނާއަކީ އިންސާނާގެ އެންމެ ބޮޑު ދުޝްމަނެވެ. ޝައިޠާނާއަކީ އިންސާނާގެ ޢަދުއްވެކެވެ. އިންސާނާ މަގުފުރެއްދުމަށްޓަކައި ޝައިޠާނާ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރެއެވެ. އޭނާއަށް އަޅުވެތިކުރުވަން ބޭނުންވެއެވެ. އެކަން ކާމިޔާބު ނުވެއްޖެނަމަ އިންސާނުންގެ އެއްބަޔަކާ އަނެއް ބަޔަކާ ދެމެދުގައި އަދާވާތްތެރިކުރުވައެެވެ. އިންސާނުންގެ މެދުގައި ފިތުނަ އުފައްދައެވެ. ޝައިޠާނާއަކީ އިންސާނާގެ މައްޗަށް ބާރުފޯރުވަން ބޭނުންވާ މަޚްލޫޤެކެވެ. ނުބައި ވަސްވާސްތަކާއި ހީތައް އިންސާނުންގެ ހިތްތަކަށް ވައްދައެވެ. ނުބައި ކަންކަމަށް ވާގިވެރިވެ އެކަންކަމަށް ޝައުޤުވެރިކަން އުފައްދައެވެ. އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ އުސޫލުން ޝައިޠާނާ އިންސާނާގެ ހަށިގަނޑުގައި ދައުރުކުރެއެވެ. މި ފުރުސަތު ޝައިޠާނާއަށް ލިބެނީ އިންސާނާގެ ޢަމަލުތައް ހުންނަގޮތުންނެވެ. އިންސާނާގެ ނަފުސުގެ މައްޗަށް ޝައިޠާނާއަށް ގަދަކަން ލިބެނީ އެ ނަފުސުގައި ހުންނަންވީ ރޫޙާނީ ބާރު ދެރަވުމުންނެވެ. އެ ބާރު ވަރުގަދަ ކުރެވޭނީ މާތްﷲ އަށް އިތުބާރުކޮށްގެންނެވެ. މާތްﷲ އަށް އިތުބާރު ކުރެވޭނީ އީމާންތެރިކަން ވަރުގަދަކޮށްގެންނެވެ. އީމާންތެރިކަން ވަރުގަދަކުރެވޭނީ އެކަލާނގެ ރަސްކަންފުޅު ގިނަގިިނައިން ހަނދުމަކޮށްގެންނެވެ. އިސްލާމީ މުޖުތަމަޢުތަކުގައި ރޫޙާނީ ދިފާޢީ ބާރު ހީނަރުވަނީ މީސްތަކުންގެ ނަފުސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ، ހިތްތައް ހަރުވެ، ޙަސަދަވެރިކަމާއި ނީހަވެރިކަން އިތުރުވެ ޢަޤީދާ ބަލިކަށިވުމުގެ ސަބަބުންނެވެ. ގޯތިގެދޮރުގައާއި ދިރިއުޅޭ މާހައުލުތަކުގައި ޤުރުއާން ކިޔެވުމާއި ޒިކުރުކުރުން މަދުވެ، ޝައިޠާނާގެ ކުޅިސަމާ ކުޅޭ ތަންތަނަށް އެތަންތަން ބަދަލުވުމުންނެވެ.
ޝައިޠާނާގެ ނުބައި ވަސްވާސްތަކުންނާއި، ޝައިޠާނާގެ އުނދަގޫތަކުންނާއި، ސިހުރުގެ ނުބައިކަމުން ދިފާޢުވުމަށްޓަކައި ކުރަންއޮތް އެންމެ ރަނގަޅު ކަމަކީ މާތްﷲގެ ޙަޟްރަތަށް އީމާންވެ، އެކަލާނގެ ރަސްކަންފުޅަށް އިތުބާރުކުރުމެވެ. ދީނުގައި ކުރުމަށް އަންގަވާފައިވާ ގޮތަށް ޢަމަލުތައް ސީދާކޮށް، ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމެވެ. ކުށްފާފަތަކަށް ތައުބާވެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށް، ކީރިތި ޤުރުއާން ކިޔަވައި، އެ މާތް ފޮތް ކިޔަވާ އަޑު އެހުމެވެ.
މަޢުލޫމާތު:
