ފަތްޕިލާވެލީގެ ބޭސްވެރީން ކިޔައިއުޅޭ ހޯރދިއަމް ވަލްގެއަރ ނުވަތަ ހިމަގޮދަނަކީ ޕޯސީއީ އާއިލާއަށް ނިސްބަތްވާ ވިނައަކުން ނުކުންނަ ކުރާގަނޑެއްގައި އަޅާ ގޮވާމެކެވެ. މި ވިނަ ގާތްގަނޑަކަށް ދޮޅު ފޫޓާއި 4 ފޫޓަށް ހެދޭއިރު މިއީ ބަނަފިނި މޫސުމުގައި ގޮވާން އަޅާ ވިނައެކެވެ.

ހިމަގޮދަނުގެ އަސްލު ފެނިފައިވަނީ ދުނިޔޭގެ ކޮން ހިސާބަކުންކަން ހޯދިފައި ނުވިކަމުގައިވީ ނަމަވެސް މީލާދީ ސަނަތުގެ 7000 އަހަރު ކުރީން އީރާނުން އަދި މީލާދީ ސަނަތުން 5000 އަހަރު ކުރީން ގަދީމީ މިސުރުން އަދި ސުމޭރިއަން ލިޔުންތަކުން ވަނީ ފެނިފައެވެ. މީލާދީ ސަނަތުން 5 ވަނަ ގަރުނުގައި ގަދީމީ މިސްރުގައި އަދި މެދުޒަމާނުގައި ޔޫރަޕުގައި ހަކުރުބަލީގެ މީހުންގެ ނާސްތާގައި ހިމަގޮދަން ހިމަނައި އުޅުނެވެ. އަދި ގަދީމީ ގްރީކުގައާއި ގަދީމީ ރޯމުގައާއި ސީނުކަރައިގައި (ޗައިނާ) އެންމެ އާންމުކޮށް ކައިބޮއި އުޅުނު ގޮވާމުގެ ތެރޭގައި ވެސް މި ގޮވާން ހިމެނެއެވެ. އަދި މި ގޮވާމަކީ އިރުމަތީގެ ޤައުމުތަކުގައި (ސީރިޔާ، ފަލަސްތީނު، އިޒްރޭލް، ލެބެނާން) އެންމެ ފުރަތަމަ ބޭނުންކޮށްއުޅު ގޮވާމުގެ ބާވަތަށްވެފައި މި ސަރަޙައްދުގައި މި ގޮވާން ބޭނުންކޮށްގެން ޕާނާއި ބަނަހާއި ތަފާތު ދިޔަތަކާއި ނާސްތާތަކުގެ ގިނަ ބާވަތްތައް ތައްޔާރުކުރެއެވެ.

މިހާރަށް ބަލާއިރު އެންމެ އާންމުކޮށް ބޭނުންކޮށްއުޅޭ ހިމަގޮދަނުގެ ބާވަތްތަކަކީ ހިމަގޮދަނުގެ ބޭރު ތޮށިފިލުވާފައި ހުންނަ ހިމަގޮދަން (ހަލްޑް ބާރލީ)، ބޭރު ތޮށިގަނޑު ފިލުވުމަށްފަހު ހިމުންކޮށް މުގުރާފައިހުންނަ ހިމަގޮދަން (ސްކޮޓްޗް ބާރލީ)، ހިމަގޮދަނުގެ ބޭރު ތޮށިފިލުވައި ފިއްތާލާފައިހުންނަ ހިމަގޮދަން (ބާރލީ ގްރިޓްސް) އަދި ބޭރު ތޮށިފިލުވާފައި އާވިން ހޫނުކޮށް ސާފުކޮށްފައި ހުންނަ ހިމަގޮދަން (ޕާރލް ބާރލީ) އެވެ.

މި ބާވަތްތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑީ ބޭރު ތޮށި ފިލުވުމަށްފަހު އިތުރުގޮތެއް ނުހަދައި ހުންނަ ހިމަ ގޮދަނުގައެވެ. އެހެނީ އެހެން ހުރިހާ ބާވަތެއް ތައްޔާރު ކުރުމުގައި ހިމަ ގޮދަނުގައި ހުންނަ އެތައް މާއްދާއެއް އުނިވެގެން ދާނެއެވެ. އަދި އެންމެ އާންމުކޮށް ލިބެން ހުންނާނީ ތޮށިފިލުވައި އާވިން ހޫނުކޮށް ސާފުކޮށްފައި ހުންނަ ބާވަތުގެ ހިމަ ގޮދަނެވެ. އެހެނީ މި ބާވަތުގެ ހިމަ ގޮދަން ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ތަލްބީނާއަކީ ހިމަ ގޮދަނުން ތައްޔާރުކުރާ (ބްރޮތު) ފަންޏެކެވެ. އެއަށް ތަލްބީނާ ކިޔަނީ އެއަކީ ހުދު ކިރުފަދަ ހުދު އަދި އޮލަ ބުއިމަކަށްވާތީއެވެ.

ހެކިތައް

ތަލްބީނާއާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ޙަދީޘްތައް ވަރަށް ގިނަ ބޭކަލުންގެ ފަރާތްޕުޅުން ވަނީ ރިވާވެގެން އައިސްފައެވެ. އެގޮތުން ޢާއިޝާ ރަޟިޔަﷲއަންހާ އަރިހުން ރިވާކުރައްވާފައިވެއެވެ. ޢާއިޝާ ރަޟިޔަﷲއަންހާގެ ތިމާގެ ބޭކަލަކު ނިޔާވިއެވެ. އެ ބޭކަލެއްގެ އަހުލުން (އަންހެން ބޭކަނބަލެއް) ގެންނަވައި އެ ބޭފުޅާއަށް ތަލްބީނާ ކައްކައިގެން ގެނައުމަށް އަމުރުކުރެއްވިއެވެ. އަދި ތާރިދް (އެއްގަމު މަހާއި ޕާނުން ތައްޔާރުކުރާ ކެއުމެއް) ތައްޔާރުކުރުމަށްފަހު އޭގެ މައްޗަށް ތަލްބީނާ އެޅުއްވިއެވެ. އަދި އެ އަންހެން މީހާއަށް ވިދާޅުވިއެވެ. މިއިން ކޭންބައްލަވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ”ތަލްބީނާއަކީ ބަލި ހިތްތަކަށް ހުރި ހަމަޖެހުމެކެވެ. އަދި އެއިން ގިލަންވެރިކަން ފިލުވައިދޭނެއެވެ.“ (ބުޚާރީ 497/9، ބުކް އޮފް ފުޑް، ޗެޕްޓަރ އޮފް ތަލްބީނާ)

ޢާއިޝާ ރަޟިޔަﷲއަންހާގެ އަރިހުން އަދިވެސް ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ”ތިބާއަށް ކަމުނުދިޔަ ކަމުގައިވިޔަސް ތިބާއަށް ފައިދާހުރި އެއްޗެއް ތިބާ ބޭނުންކުރާށެވެ. އެއީ ތަލްބީނާއެވެ.“ މީގެ އިތުރުން ވެސް އެކަމަނާގެފާނު ވިދާޅުވެފައިވެއެވެ. ”ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އާއިލާގެ ބޭފުޅަކު ބަލިހާލުފުޅުގައި އޮންނަވައިފި ނަމަ ތަލްބީނާ ތެލި އަލިފާނުން ދުރުނުކުރާނެއެވެ. އެބޭފުޅަކަށް ދެގޮތުންކުރެ ގޮތެއް ވުމަށްދާންދެނެވެ.“ (އިބްނު މާޖިދު #3446). އިސްލާމީ ފުތޫޙާތުގެ ޢިލްމުވެރިޔާ އަދި ޙާކިމް އިބްނު ޤައްޔިމް ވިދާޅުވާގޮތުގައި އޭގެމާނައަކީ އެ ބޭފުޅަކު ބަލިން ފަސޭހަމުވަށް ދާންދެން ނުވަތަ މި ދުނިޔެއާ އަލްވަދާޢުކިޔުމަށް ދާންދެނެވެ.

އުއްމު ކުލްސޫމް ރަޟިޔަﷲއަންހާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ޢާއިޝާ ރަޟިޔަﷲއަންހާ ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”ތިބާއަށް ކަމުނުދިޔަ ކަމުގައިވިޔަސް ތިބާއަށް ފައިދާހުރި އެއްޗެއް ތިބާ ބޭނުންކުރާށެވެ. އެއީ ތަލްބީނާއެވެ. މިއަޅާގެ ނަފުސު އެ އިލާހެއްގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ފެނުން ތިޔަބައިމީހުންގެ މޫނުތައް ކިލާތަކުން ދޮވެވި ސާފުވެގެންދާ ފަދައިން އެއިން ތިޔަބައިމީހުންގެ ގޮހޮރުތައް ދޮވެވި ސާފުވެގެން ދާނެއެވެ.“ (ސުނަން އައްނިސާއީ އަލްކުބްރާ، #7575 އަދި މުސްތަދްރިކް އަލާ ސަހީހައިން، އަބޫ ޢަބްދުﷲ މުޙައްމަދު އިބްނި ޢަބްދުﷲ އަލް ޙާކިމް އަންނައިސަބްރި، ބުކް އޮފް ފުޑް، #7531).

ބޭނުންކުރާ ބައިތައް

ހިމަގޮދަނުގެ ބައިތަކުގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރަނީ ގޮވާމެވެ. އޭގެ ކުރާގަނޑެވެ. އެހެންނަމަވެސް ހިމަގޮދަނުގެ ފެހިފަތަކީ ވެސް ބައެއް ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ގިނަ ބަޔަކަށް އެނގޭ ކަމެއް ނޫނެވެ.

އެކުލެވިގެންވާ މާއްދާތައް

ހިމަގޮދަނުގައި އެކުލެވިގެންވާ ބައިތަކުގެ ތެރޭގައި ކާބޯހައިޑްރޭޓްސް (%55 އިންސައްތަ ސްޓާޗް، %15 އިންސައްތަ ފައިބަރ)، ޕްރޮޓިންސް (%12 އިންސައްތަ)، ލިޕިޑްސް (%3 އިންސައްތަ) އަދި މައިކްރޯނިއުޓްރިއެންޓްސް (ވިޓަމިންސް، މިނެރަލްސް، ފްލެވޮނޮއިޑްސް އަދި އެންތޮސިއެނިން). ހިމަގޮދަނުގައި ހިމެނޭ ވިޓަމިންސް އަދި މިނެރަލްސްގެ ގޮތުގައި ހިމެނެނީ B1 (ތިއަމިން)، B2 (ރިބޯފްލޭވިން)، B3 (ނިއަސިން)، B5 (ޕެންޓަތެނިކް)، B6، B9 (ފޮލޭޓް)، ސެލީނިއަމް، އަޔަން، މެގްނީޒިއަމް، ޒިންކް އަދި ފޮސްފުރަސްއެވެ. ހިމަގޮދަނުގައި ކެލްސިއަމް އާއި ޕޮޓޭސިއަމް ވެސް ހިމެނެއެވެ. ހިމަގޮދަނުގައި ހިމެނޭ މާއްދާތަކުގެ މަސައްކަތްތައް (ފަންކްޝަންސް) ތިރީގައި އެވަނީއެވެ.

  • ފައިޓޯކެމިކަލްސް – ގުދުރަތީގޮތުން ފަތްޕިލާވެލީގައި ހިނެމޭ ކެމިކަލްސް – މީގެ ސަބަބުން ހިތުގެ ބަލިތަކާއި ހަކުރުބައްޔާއި ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
  • ލެއާއެކުވެ ގިރިގެންދާ ފައިބަރ (ސޮލޫބްލް ފައިބަރ) ގެ ސަބަބުން ލޭގައި ހުންނަ ކްލޮސްޓްރޯލް (ސަރުބި) ދަށްކޮށްދީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. އަދިއެހެންމެ މިއިން ހަކުރު ދަށްކޮއްދިނުމަށް އެހީވެދީ ޓައިޕް 2 އަދި ނޮން-އިންސުލިން-ޑިޕެންޑެންޓް ޑައިބޭޓްސް މަދުކޮށްދެއެވެ.
  • ލެއާއެކުވެ ގިރިގެންނުދާ ފައިބަރ (އިންސޮލޫބްލް ފައިބަރ) ގެ ސަބަބުން ހަށިގަނޑުގެ މަސައްކަތްތައް ކުރުމަށް ފަސޭހަވެ ގޮހޮރުގެ ކެންސަރު ފަދަ ބައެއް ކެންސަރު ޖެހުމަށް ފުރުސަތު ހަނިކޮށްދެއެވެ. 
  • ސްޓަރޗް – މީގައި މަޑުކޮށްދީ އެ އެއްޗެއްގެ މުހިންމު ބައިތައް ކާނާގެ ފައިދާތައް ދަމައިގަތުމުގެ މާއްދާތައް އެކުލެވިގެންވެއެވެ.
  • އެންޓިއޮކްސިޑަންޓްސް – ޚާއްޞަކޮށް ވިޓަމިން ސީ އަދި ވިޓަމިން އީ އިން އަންސްޓޭބަލް މޮލިކިއުލްސް ނުވަތަ ފްރީ ރެޑިކްލްގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.

ބޭނުންކުރެވިދާނެ ކަންތައްތައް

ހިމަގޮދަން ބޭނުންކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ.

  • ހިތާމައެއްގައި އުޅޭނަމަ، ނޫނީ ޑިޕްރެޝަން ހުރުމުން، ނޫނީ ޞިއްޙަތު ރަނގަޅު ކުރުމަށް – ޞިއްޙީ ހާލު ރަނގަޅު ވަންދެން ތަލްބީނާ ބޭނުން ކުރެވިދާނެއެވެ.
  • ތަލްބީނާ ތައްޔާރުކުރާނެ ގޮތަކީ؛ 1-2 ސަމްސާ %100 ހިމަގޮދަނުގެ ފުށް ޖޯޑަކަށް އަޅާލާށެވެ. އަދި އެ ޖޯޑުގެ ބައިކުޅަބަޔަށް ފެން ނުވަތަ ކިރު އަޅާލާށެވެ. އަދި ރަނގަޅަށް އެއްކުރުމަށްފަހު މަޑު ގިނީގައި 5-10 ވަރަކަށް މިނިޓުވަންދެން ނޫނީ އޮލަވަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫވުމުން ބުއިމެއްގެ ގޮތުގައި ބޭނުންކޮށްލާށެވެ. އަދި ބޭނުންނަމަ ތަލްބީނާގެ ރަހަ ރަނގަޅުކުރުމުގެ ގޮތުން ރަހަދޭވަރަށް މާމުއިފޮދެއް އެޅިދާނެއެވެ.
  • ކަރުތެރެ ކުރަކިވުމަށް – ހިމަގޮދަން ފެނުން ކަރުތެރެ ދޮވެލާށެވެ.
  • ބަނޑުގައި ރިއްސުމަށް – 2-3 ބިއްލޫރިތަށީގެ ހިމަގޮދަން ފެން ބޯލާށެވެ.
  • ޑައިބެޓްސް، ޕްރީ-ޑައިބެޓްސް ނުވަތަ ކޮންސްޓިޕޭޝަން – މިފަދަ ބޭފުޅުންގެ ދުވަހީ ނާސްތާގައި ހިމަގޮދަން ހިމެނުން ވަރަށް މުހިންމެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ތަލްބީނާ ބުއިމާއި އެހެނިހެން ނާސްތާތަކުގައި ހަނޑުލުގެ ބަދަލުގައި ވެސް ހިމަގޮދަން ބޭނުންކުރެވިދާނެއެވެ. ނޫންނަމަ ހިމަގޮދަނުގެ ފުށުން ޕާން ނޫނީ ބަނަސް ފިހެގެން ބޭނުން ކުރެވިދާނެއެވެ. މި އުއްމަތުގެ ނަބިއްޔާގެ ފަރީއްކޮޅުގައި ވެސް ހިމަ ގޮދަނުގެ ޕާން ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން ހެނދުނުގެ ނާސްތާގައި ސީރިއަލް ބޭނުންކުރުމުގެ ބަދަލުގައި ހިމަގޮދަނުގެ ފްލޭކްސް ބޭނުންކުރެވިދާނެއެވެ. ނުވަތަ ހިމަގޮދަނުގެ ފުށުން މަފިން ހެދިދާނެއެވެ. ނޫނީ ހިމަގޮދަނުގެ ސެލެޑް ތައްޔާރު ކުރެވިދާނެއެވެ.
  • ޔޫރިން އިންފެކްޝަން އުފެދުމުން – ދުވާލުގަޑީގައި ގިނަގިނައިން ހިމަގޮދަން ފެން ބޯށެވެ. ހިމަގޮދަނުގެ ފެނުން ޓޮކްސިސް ދޮވެވި ސާފުވެއެވެ.
  • ކެންސަރުން ދުރުކޮށްދިނުމަށް – ދުވަހީ ނާސްތާގައި ހިމަގޮދަން ހިމަނާށެވެ. ތަލްބީނާ، ބާލީ ފެން (ބާލީ ވޯޓާރ)، ހިމަގޮދަނުގެ ޕާން، ބަނަސް ފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ. ހަމުގެ ކެންސަރާއި ބަނޑުގެ ކެންސަރާއި ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރުފަދަ ކެންސަރުތައް ސެލީނިއަމުން ދަށްކޮށްދެއެވެ. ބާރލީއަކީ ސެލީނިއަމް ގިނަ އަދަދަކަށް ލިއްބައިދޭ ގޮވާމެކެވެ. ސެލީނިއަމްގެ ސަބަބުން ހަމުގެ ދެމުން އިތުރުކޮށްދީ ސެލްތަކަށް ގެއްލުންދޭ ފްރީ ރެޑިކްލްއިން ދުރުކޮށްދެއެވެ.
  • ކޮންސްޓިޕޭޝަން އަދި އެނީމިއާއަށް – ½ ސައިސަމުސާ ފެހި ބާރލީ ޕައުޑަރ (ފައްޓާދުވަހު ½ ސައިސަމުސާ އެއަށްފަހު 2-3 ސައިސަމުސާއަށް އިތުރުކުރެވިދާނެ) ފެން ތަށްޓަކަށް ނުވަތަ ޖޫސް ތަށްޓަކަށް އެއްކުރުމަށްފަހު ބޭނުންކުރާށެވެ. (ގްރީން ބާރލީ އެކްސްޓެރެކްޓް ޕައުޑާ ވެސް އަދި ގުޅަ ބޭސް ވެސް ބޭސްތަކަށް ޚާއްޞަ ފިހާރަތަކުން ލިބެން ހުންނާނެއެވެ. މި ބޭސް ބޭނުންކުރުމުގެ ކުރިން އޭގައިވާ އިރުޝާދުތައް ފަރުވާތެރިކަމާއެކު ކިޔާލުން ވަރަށް މުހިންމެވެ.

ޚާއްޞަ ސަމާލުކަމެއްދޭންވީ ކަންތައްތައް

ހިމަގޮދަނަކީ ނުހަނު ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ އެއްޗަކަށްވީ ނަމަވެސް ހިމަގޮދަން ބޭނުންކުރުމުގައި ވެސް ޚާއްޞަ ސަމާލުކަމެއް ދޭންވީ ދެތިން ނުކުތާއެއް ވެއެވެ.

އެއްކަމަކީ ގްލަޓަން އެލާރޖީވާ ފަރާތްތަކާއި ސިލިއެކް ޑިސީސް ހުންނަ ފަރާތްތައް ހިމަގޮދަން ހިމެނޭ އެއްވެސް އެއްޗެއް ބޭނުންނުކުރުން އެދެވިގެންވެއެވެ.

ދެވަނަ ކަމަކީ ޓައިޕް 2 ޑައިބެޓިކްސް ހުންނަ ފަރާތްތައް ލޭގައި ހަކުރުހުރި މިންވަރު ދަށްކުރުމަށް ބޭސް ބޭނުންކުރަމުން ހިމަގޮދަން ބޭނުންކުރުމުގައި ފަރުވާތެރިވާން ޖެހެއެވެ. އަދި ބޭސް ބޭނުންކުރަމުންދާ ފަރާތްތައް ބޭނުންކުރާ ޚާއްޞަ ބޭސް ބޭނުންކުރާންވީ މިންވަރު (ޑޯޒޭޖް) ހަމަނުކޮށް ހިމަގޮދަން ބޭނުންކުރުން އެދެވިގެންނުވެއެވެ.

ހިމަގޮދަނުގެ ފެން (ބާރލީ ވޯޓާރ) ތައްޔާރުކުރާނެ ގޮތް

ބޭނުންވާނެތަކެތި:

  • 8 ޖޯޑު ފެން
  • 1 ޖޯޑު ހިމަގޮދަން
  • 2 ލުނބޯ (ބޭނުންނަމަ)
  • ¼ ޖޯޑު މާމުއި (ބޭނުންނަމަ)
  • ތެއްޔަކަށް ފެނާއި ހިމަ ގޮދަންކޮޅު އެޅުމަށްފަހު މަތި ޖަހައިގެން ކައްކާށެވެ.
  • ގިނި މަޑުކުރުމަށްފަހު 30 މިނިޓުވަންދެން ކައްކާށެވެ.
  • އެއަށްފަހު ފުރޭންޏަކުން ހިމަގޮދަން ފެން ފުރާނާލާށެވެ. (ފުރާނާލުމަށްފަހު ހިމަގޮދަންތައް އުކާނުލާ ހަނޑުލުގެ ބަދަލުގައި ބޭނުންކުރެވިދާނެއެވެ.)
  • ހިމަގޮދަނުގެ ފެން ހިހޫވުމުން ބުއިމެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
  • އަދި ރަހަ ރަނގަޅުކުރުމުގެ ގޮތުން (ޚާއްޞަކޮށް ކުޑަކުދިންނަށް ދޭއިރު) ލުނބޮލުގެ ހުތް އަދި މާމުއި އެއްކުރުމަށްފަހު ބޭނުންކުރެވިދާނެއެވެ.
ޝެއަރކުރެއްވުމަށް