އޮޕަރޭޝަން ތިއޭޓަރުން ޑޮކްޓަރު ނުކުތުމާއެކު ޝާވީން ގޮސް ޑޮކްޓަރުގެ ގައިގައި އޮޅުލައިގަތެވެ. ޝާވީން ދެލޯ ވަނީ ކަރުނުން ތެމި ފޯވެފައެވެ. ޑޮކްޓަރު ބެލީ ޝާވީން ހަމައަކަށް އަޅުވާލެވޭތޯއެވެ.

“ޝާވީން، ކޮންމެ އިންސާނަކަށް ވެސް މިދުވަސް އަންނާނެ ކެތްކުރޭ. ހިތްވަރުކުރޭ.“

ޑޮކްޓަރުގެ މި ޖުމްލައާއެކު ޝާވީންގެ އަޑުން އަޑުނަގާ ރޯން ފެށިއެވެ. ކުޑަކަކޫ މައްޗަށް ތިރިވިއެވެ. ކައިވެނިކުރިތާ 3 އަހަރު ފުރުނު ދުވަހަކީ ޝާވީންގެ ދިރިއުޅުމުގައި ބޮޑު ލައްގަނޑެއް ޖެހިގެންދިޔަ ދުވަހަކަށްވިއެވެ. ޔަދާން ދުނިޔެއާ ވަކިވެގެން ދިޔައީތީއެވެ. ޔަދާން ދުނިއެ ދޫކުރުން ވެގެންދިޔައީ ހަމައެކަނި ޝާވީންގެ ހިތާމައަކަށް ނޫނެވެ. ޒާހިދާ އާއި ހިލްމީގެ ހުރި ހަމައެކަނި ދަރިފުޅު ދުނިޔެ ދޫކުރުން ވެގެންދިޔައީ އެ ދެމަފިރިންގެ އެންމެހާ އުފާތައް ނެތިވެގެންދިޔަ ކަމަކަށްވެސް މެއެވެ.

ޝާވީންގެ ބަސްހުއްޓި މާޒީގެ ތެރެއަށް ގަންބާލިއެވެ. ވާނީވެސް އެހެންތާއެވެ. އުމުރުން 23 އަހަރުގައި ދިރިއުޅުމުގެ ހިތްދަތި ދުވަސްތައް ގުނަންޖެހުނީ ޝާވީންގެ ސަބަބުންކަން އިހުސާސް ވާން ފެށީތީއެވެ. ޔަދާންއާ ޝާވީން ކައިވެނީގެ ގޮތުން ގުޅުނީ ދެފަރާތުގެ އާއިލާއިން ވެސް ފުރިހަމަ ރުހުމާ އެކުގައެވެ. ލޯބިން އުޅޭތާ 2 އަހަރުވުމަށްފަހު ޒަވާޖީ ޙަޔާތެއް ފެށީ ނުހަނު ފޮނި އުންމީދުތަކާ އެކުގައެވެ. ޔަދާންގެ ލޯބި ފިރުމުންތަކާއި މަޑުމޮޅިކަމުން ޝާވީންގެ ދުނިޔެ ފޮޅެމުން ދިޔައިރު ޝާވީންގެ އުޅުމަށް އަންނަންފެށި ބަދަލަކީ ޔަދާންއަށް އެނގިއްޖެނަމަ ޔަދާންގެ ހިތަށް ކެއްވާވަރުގެ ކަމެއް ނޫނެވެ.

ޔަދާން ސަރުކާރުގެ ހޮސްޕިޓަލެއްގައި ނަރުހެއްގެ ޒިންމާ އަދާކުރަމުން ގެންދިޔައީ އުފަލާއެކުގައެވެ. ބަލިމީހުންގެ ހާލަތު އެންމެ ގާތުން ބަލާނެ އެއްބަޔަކީ ނަރުހުންނެވެ. ފުރާނަ އަތްމައްޗަށް ލައިގެން ނުރައްކާތެރި ބަލިތައް ޖެހިފައިވާ މީހުންނަށް އެމީހުން އެހީތެރިވަނީ ނުހަނު އޯގާތެރިކަމާ އެކުގައެވެ. ކޮންމެއަކަސް ސިއްރު ހިފެހެއްޓުމަކީ ކޮންމެ މީހެއްގެ މައްޗަށްވާ ޒިންމާއެކެވެ. ޔަދާންއަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިމީހެއް ގާތު މަސައްކަތްކުރަން ޖެހިފައިވާކަން ޝާވީންއަށް އެނގެއެވެ. އަދި އެއީ ކިހިނެއްވެފައިވާ މީހެއްތޯ ޝާވީން ކޮންމެ ދުވަހަކުހެން ޔަދާންއާ ސުވާލުކުރެއެވެ. ޔަދާންގެ ޖަވާބަކީ އެއީ ވަރަށް ބަލިވެ އުޅޭ މީހެކޭބުނެ ކުރުކޮށްލުމެވެ. އަދި މައުޟޫ ބަދަލުކޮށްލުމެވެ. މިހެންގޮސް އެތައް ދުވަހެއް ވޭތުވީފަހުން ޔަދާން ބަލިވެއިނދެއްޖެއެވެ. މިކަން ޔަދާންއަށް އެނގުނު ނަމަވެސް ޝާވީންއަކަށް ނޭންގެއެވެ. ކައިވެންޏަށް 3 އަހަރުފުރޭ އުފާވެރި ދުވަހު އެވާހަކަ ބުނުމަށް ޔަދާން މަޑުކުރީއެވެ. އާދައިގެމަތިން ކޮންމެ ޑިއުޓީއަކަށް ޔަދާން ގެންގޮސް ގެއަށް ގެނެސްދީ ހަދަނީ ޝާވީން އެވެ.

ޔަދާން ދަންވަރު ޑިއުޓީގައި ހުރި ރެއެކެވެ. ބޯކޮށް ވާރޭވެހެއެވެ. ދަންވަރު ޑިއުޓީއަށް ދިއުމަށްފަހު ޝާވީނަށް ޖެހިގެން އަންނަ ދުވަހު އޮފީހަށް ދިއުމަށް ނިދި ބޭނުންވާނެތީ ޔަދާން ޝާވީންއަށް މިވަގުތުތަކުގައި ގުޅައި އުނދަގުލެއް ނުކުރެއެވެ. ނަމަވެސް އެރޭ ކަންދިމާކުރީ މުޅިން ތަފާތު ގޮތަކަށެވެ. ޔަދާން ބަލިވެއިނުމާއެކު ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ބުރަ ރެއަކަށް ވެގެންދިޔައެވެ. ޒާތަކަށް ބޯއަނބުރާގޮތްވެފައި ހުރި ޔަދާންއަށް ހޮޑުލެވެން ފެށިއެވެ. އެހިސާބަށް ކަންތައް ދިއުމުން ޔަދާން ގެއަށްގޮސް އަރާމުކުރުމަށް ޑިއުޓީ އިންޗާޖް އެންގިއެވެ. އެވަގުތު ޔަދާން ޝާވީންއަށް ގުޅިއެވެ. އެތައްފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދިނެވެ. ޔަދާންގެ ހިތް ބުނަމުންދިޔައީ ޝާވީން ނިދާފައި އޮތުމުން ފޯނު ނުނެގުނީ ކަމުގައެވެ. އެހެންވެ ހިސާބަކަށް ވާރެ ތުނިކޮށްލުމުން ޓެކްސީއަކަށް އަރައިގެން ޔަދާން ގެއަށްދިޔައެވެ.

ގެއަށްވަނުމާއެކު އެންމެފުރަތަމަ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ޝާވީންގެ ފޯނެވެ. ޔަދާން ހިތާހިތާ ބުނެލިއެވެ. “ފޯނުވެސް ބޭރުގަ ބާއްވާފަ ނިދީ ދޯ.“ އެހެންބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތުމާއެކު ޔަދާންގެ ހިތަށް ނުތަނަވަސްކަމެއް މެދުވެރިވިއެވެ. ވަރަށް ބާރަށް ހިތް ތެޅެން ފެށިއެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެ ކަމަށް ޔަދާންގެ ހިތް ބުނަމުންދިޔައެވެ. ޔަދާން ވަރަށް ޖެހިލުންވެ ހުރެ މަޑުމޮޅި ހިނގުމެއްގައި ގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ.

ޔަދާން އަށް ހަޅޭލައިގަނެވުނެވެ. ބޭއިޚްތިޔާރުގައި ޝާވީންއަށް އަޑުގެ ނެތްހާ ބާރުމިނަށް ގޮވާލެވުނެވެ. ރޮއިގަނެވުނެވެ. އެވަގުތު ޔަދާންއަށް ހީވީ ޔަދާންގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެނެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ގޭގައި އަރާމުކުރަން ދޫކޮށްލި ނާދިޔާ ގޮވައިގެން، ޔަދާންގެ ލޯބިވާ ފިރިމީހާ ނިދަން އޮތް މަންޒަރު ފެނުމުންނެވެ. މި މަންޒަރު ފެނި، ރޮމުން ގިސްލަމުން ޔަދާން އެވަގުތު ގެއިންނުކުމެ ދުއްވައިގަތީ ޔަދާން މަންމަގެ ގެއާދިމާއަށް ދިއުމަށެވެ. ހާސްކަންމަތީގައި ހުރި ޝާވީން ގޮތްހުސްވެފައި ހުރީ ދެން ކުރާނެ ކަމެއް އަދި ހަދާނެ ގޮތެއް ނެތުމުންނެވެ. ޔަދާން ބަލި ހާލަތާމެދު ވިސްނުމެއް ފިކުރެއްނެތި ދުއްވައިގަތީ ޝާވީންގެ ބޭވަފާތެރިކަމަށް އިތުރަށް އެންމެ ސިކުންތަކު ވެސް މަޑުކުރަން ބޭނުން ނުވާތީއެވެ.

ވިއްސާރައިގެ ތެރޭގައި ދުވެފައި މަގުހުރަސްކުރަމުންދިޔަ ޔަދާންގެ ދުވުމަށް ހުރަސްއެޅިގެން ދިޔައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއްގައި ޖެހި ޔަދާންއަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ކޮންމެއަކަސް ކާރުގެ ޑްރައިވަރު ވަގުތުން ޔަދާން ހޮސްޕިޓަލަށް ގެންދިޔައެވެ. ޔަދާން އޮތީ ނަރުހުންގެ ޔުނީފޯމުގައިކަމުން އަދި ކަރުގައި އަޅާފައިވާ އައިޑެންޓިޓީން ހޮސްޕިޓަލުގެ މީހުންނަށް އެއީ ކާކުކަން އެނގުނެވެ. އަދި ވަގުތުން ފަރުވާދިނުމަށް އެމަޖެންސީ ރޫމަށް ވެއްދިއެވެ. އެމަޖެންސީން ކުޑަ ވަގުތުކޮޅަކަށްފަހު ޔަދާންގެ ހާލު މާބޮޑަށް ސީރިއަސް ވުމުން އައިސީޔޫއަށް ބަދަލުކުރިއެވެ. ހޮސްޕިޓަލްތެރެ ވަނީ ހަލަބޮލިވެފައެވެ. ދަންވަރުގެ ވަގުތުގައި ޔަދާންއަށް އެހެންވީ ސަބަބެއް ބެލުމަށް ޔަދާންއާއެކު ހޮސްޕިޓަލުގައި މަސައްކަތު އުޅޭ ނަރުހުން އައިސީޔޫ ކައިރިއަށް އެއްވެފައި ތިއްބެވެ. އަދި މާ ލަސްތަކެއްނުވެ ހޮސްޕިޓަލުން ގުޅުމާއެކު ޔަދާންގެ މަންމަ އާއި ބައްޕަ އަދި ޝާވީން ހޮސްޕިޓަލަށް އައެވެ. ކުރާނެކަމެއް ނެތެވެ. ޒާހިދާ އާއި ހިލްމީގެ ހިތްވަނީ ކުދިކުދިވެފައެވެ. ދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅަށް އެހެން ކަންތައް ދިމާވި ސަބަބެއް ހޯދުމަށް ހިލްމީ އެތައް މަސައްކަތެއް ކުރިއެވެ. އަދި ހިލްމީ އެތަކެއް ސުވާލެއް ޝާވީންއާ ކުރިމަތިކުރުވިއެވެ. އެހެނަސް ޝާވީންއަށް ވާހަކައެއް ނުދެއްކެއެވެ. މުޅި މީހާ މާޔޫސްވެ ކުރެވުނު ކުށާމެދު ހިތާމަކުރެވެނީއެވެ.

ޝާވީންއަށް އެ ހިތާމަވެރި ޚަބަރު ދިނުމަށްފަހު ޑޮކްޓަރު ހިނގައިގަތެވެ. އަދި އިތުރު ތަފުސީލު ލިބޭނެކަމަށްބުނެ ޑޮކްޓަރު ދިޔައީއެވެ. މާ ގިނައިރުތަކެއް ނުވަނީސް އައިސީޔޫއިން ނުކުތް ނަރުސް ކުއްޖަކު ޝާވީންގެ އަތަށް ކަރުދާސްގަނޑެއް ދިއްކޮށްލިއެވެ. އޭގައިއޮތީ ކޯއްޗެއްތޯ ސުވާލުކުރުމުން ނަރުސްކުއްޖާ ބުނެލިއެވެ.“ތި ޔަދާން މަރުވުމުގެ ކުރިން ލިއެދިނުމަށް އެދުނު ވާހަކައެއް. ތިކަން އެނގޭނީ އަހަރެންނާއި ޝާވީންއަށް އެކަނި. އިރުކޮޅަކުން ބޮޑީ ހަވާލުކުރާނެ“ މިހެންބުނެ ނަރުސްކުއްޖާ ހިނގައިގަތެވެ. އޭގައި ވަނީ ކޯއްޗެއްތޯ ބެލުމަށް ޝާވީން އަވަސްވެގަތެވެ.

“ލޯބިވާ ޝާވީންއެވެ. ދާން ދުވަހަކު ވެސް ޝާވީންއަށް ޝައްކެއް ނުކުރަމެވެ. ޝާވީން ދާންއަށް އެ ފުރުޞަތެއް ނުވެސް ދެއެވެ. އެހެނަސް ދާންއަށް މިހާރު އެނގިއްޖެއެވެ. ޝާވީންގެ މުޑުދާރު ކަމުން ސަލާމަތްވުން ދާން އަށް މާ ހިތަށް ފަސޭހައެވެ. އެއީ ނާދިޔާއެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ނާދިޔާ ހޮސްޕިޓަލުން އެ ދޫކޮށްލީ 2 މަސްދުވަސްވަންދެން ފަރުވާކުރުމަށް ފަހުއެވެ. އެޗްއައިވީ އަށް ޕޮޒިޓިވް، އެ އަންހެންކުއްޖާ އާއެކު، ތިފަދަ ގޮތަކަށް އުޅުނުއިރު، ޝާވީން މިހާރު ސަލާމަތުން ހުންނާނެ ހެއްޔެވެ. ދާންއަށް ނާދިޔާ ކިޔައިދިން ގޮތުގައި އޭނާއަށް އެބަލި ޖެހުނީ ކާކު ކިބައިންކަން އެނގެއެވެ. ނަމަވެސް އެގުޅުން އަދިވެސް ކުރިއަށްދާ ކަމަށް ނާދިޔާ ބުނެފައިވެއެވެ. އަދި އޭނާ އެއީ މީހަކާ އިނދެގެން އުޅޭ މީހެއްކަމާއި އެމީހާ އިނދެގެން އުޅެނީވެސް ނަރުހަކާ ކަމަށް ކިޔައިދިނެވެ. މިއަދު ދާން އުފާކުރަންވީ ދުވަހު ހިތާމަތައް ހީނުކުރާ މީހެއްގެ ފަރާތުން ތަހަންމަލް ކުރަންޖެހުނީތީ ވަރަށް ހިތްދަތިވެއެވެ. އެ ބަދުނަސީބު ނަރުސްކުއްޖަކީ ދާން ކަން މިހާރު އެނގިއްޖެއެވެ.

އަޑުއަހާށެވެ. ދުވަހަކު ވެސް އެފަދަ ސުވާލެއް ވެސް ދާން ޝާވީންއާ ނުކުރީ އެއްވެސް ޝައްކެއް އަދި ވަހުމެއް ބާއްވަން ބޭނުން ނުވާތީއެވެ. އެހެނަސް ދެން ޝާވީންގެ ޖާދޫގައި ޖެހެން ދާން ހުންނާނެހެން ހިއެއް ނުވެއެވެ. ދާން ދުނިޔޭގައި ނެތް ނަމަވެސް ޝާވީންގެ ސަލާމަތާމެދު ވިސްނާށެވެ. ބޭކާރު އަދި ގޯސް ގުޅުންތަކާ ދުރުވާށެވެ. އަދި ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އުފާވެރި މެސެޖެކެވެ. އެހެނަސް މިއަދު ހިތާމަކުރާނެއެވެ. ދާން މިދަނީ ދާންގެ ބަނޑުގައި އޮތް ޝާވީންގެ ދަރިއަކާ ވެސް އެކުގައެވެ.“

ޝާވީންއަށް ރޮއިގަނެވުނެވެ. ކަރުދާސްގަނޑު މެޔާލާ ބޮނޑިކޮށްލެވުނެވެ. ހިތްކުދިކުދި ވިއެވެ. ނަމަވެސް މިހާރު އެވަނީ ވަގުތު ފަސްދީ ގޮސްފައެވެ. ޝާވީންގެ ސަބަބުން ޔަދާންގެ ނިމުން އެއައީ ޝާވީން ވެސް އުންމީދު ނުކުރާފަދަ ގޮތަކަށެވެ. ނަމަވެސް ވަގުތު ފާއިތުވެ ނަސީބު ފަސްދީ ހިނގައްޖެއެވެ.

-ނިމުނީ-

ޝެއަރކުރެއްވުމަށް